ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ފުޓްސަލް ފިއެސްޓާ ފަށައިފިއެވެ.
އެމް.ޓީ.ސީ.ސީ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2023 ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.
މި ރަސްމިއްޔާތު ބޭއްވީ ސެޕްޓެންބަރު 21 ވީ ބުރާސްފަތި ދުވަހުގެރޭ 08:30 ގައި ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސްގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފް، ހަޔަރ އެޑިއުކޭޝަން މިނިސްޓަރ އިބްރާހީމް ޙަސަން އަދި މުބާރާތުގެ ސްޕޮންސަރުންގެ ފަރާތުންނާއި ބައިވެރިވި ކޮލެޖު/ޔުނިވަރސިޓީތަކުގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.
މި މުބާރާތް ކުރިއަށްދާނީ އަންނަ މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެމް.އެން.ޔޫ.އެސް.ޔޫ އިން ހާމަކުރައްވައެވެ.
މި މުބާރާތަކީ އެމްއެންޔޫއެސްޔޫ އިން އިސްނަގައިގެން ރާއްޖޭގެ ކޮލެޖު/ޔުނިވާސިޓީތަކަށް ޚާއްސަކޮށްގެން ބާއްވަމުން އަންނަ މުބާރާތެެއް ކަމަށާއި ދެ ޑިވިޝަނަކަށް ބަހާލައިގެން ކުރިޔަށްދާ މި މުބާރާތުގައި މިއަހަރު ޖުމްލަ 31 ޓީމު ވާދަކުރާއިރު އެއީ ފިރިހެން ޑިވިޝަންގެ 18 ޓީމާއި، އަންހެން ޑިވިޝަންގެ 13 ޓީމު ކަމަށް އެ ޔުނިއަންއިން ހާމަކުރައްވައެވެ.
އެގޮތުން މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތަކަށްފަހު ކުއާޓާ ފައިނަލްގެ މެޗުތައް ފެށުމަށް ހަމަޖެހިފައި ވަނީ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހު ކަމަށާއި އެއަށްފަހު ދެ ޑިވިޝަންގެ ވެސް ސެމީ ފައިނަލް މެޗުތައް އޮކްޓޫބަރު މަހުގެ ހަތަރު ވަނަ ދުވަހު ކުޅުމަށްފަހު ފައިނަލް މެޗުތައް ކުރިއަށްދާނީ އޮކްޓޫބަރު މަހުގެ ހަވަނަ ދުވަހު ކަމަށްވެސް ވިދާޅުވެއެވެ.
މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލެއްވީ، ކޮންމެ ކުއްޖަކީވެސް ކާމިިޔާބު ކުއްޖަކަށް ވުމަށް މަސައްކަތްކޮށް، ޤައުމަށް ފައިދާހުރި މަސައްކަތްތަކެއް ކުރުމަށެވެ.
އެމްއެންޔޫއެސްޔޫ އިން މި މުބާރާތް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2013 ގައެވެ. ފިރިހެން ޑިވިޝަނަށް އަމާޒުކޮށް މި މުބާރާތް ފުރަތަމަ ބޭއްވި ނަމަވެސް 2018 ވަނަ އަހަރު ވަނީ އަންހެން ޑިވިޝަން ބައިވެރިކުރަން ފަށާފައެވެ. އޭގެފަހުން ކާމިޔާބު މުބާރާތްތަކެއް ބޭއްވުމަށްފަހު ކޮވިޑުގެ ހާލަތާއި ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށްފަހު މުބާރާތް ދެން ބޭއްވީ 2022 ގައެވެ.
އެމްއެންޔޫއެސްޔޫ އިން އިންތިޒާމްކުރަމުން އަންނަ މުބާރާތުގެ އެންމެފަހުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަން ޓީމަކީ މެޕްސް ކޮލެޖެވެ. އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެމްއެންޔޫ ބިޒްނަސް ސްކޫލެވެ.
މް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ މަތީ ތަޢުލީމު ދާއިރާގައި ބޭއްވިގެންދާ އެންމެ ބޮޑު ކުޅިވަރު މުބާރާތެވެ. އަދި އެމް.އެން.ޔޫ.އެސް.ޔޫގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ހަރަކާތްވެސްމެއެވެ.