Thursday, 25 July 2024

އެއްވެސް ކެންޑިޑޭޓަކަށް ތާޢީދުނުކުރަން ޢުމަރު ނިންމަވައިފި

މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވަން، މިއަހަރުގެ ރިޔާސީ އިންތިޚާބަށް އަމިއްލަ ގޮތުން ކުރިމަތިލެއްވި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވަމުން އުމަރު ރޭ ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އައިސްފައި ވަނީ ކުރިންވެސް ވެރިިކަން ކޮށްފައި ތިބި ޕާޓީތައް ކަަމަށާއި، ތަޖުރިބާ ކުރެވިފައި، ޓެސްޓު ކުރެވިފައި ހުރި ޕާޓީތައް ކަމަށެވެ. ޢުމަރު މިހެން ވިދާޅުވިއިރު، 2013 ވަނަ އަހަރު އުފެދުނު ޕީޕީއެމްގެ ސަރުކާރުގެ ހޯމް މިނިސްޓަރުކަން އޭނާ ހަތަރެއްހާ ދުވަހު ކުރައްވާފައިވެއެވެ.

"ކޮންމެ ބައެއްގެ އަތުގައި އެބަ އޮތް އެ މީހުން ވެރިކަން ކުރިގޮތުގެ ރިޕޯޓް ފެންނަން، އަޅުގަނޑުމެން ހަނދާން އެބަ ހުރި އިއްޔެ ވެރިކަން ކުރި މީހުންނާއި މިއަދު ވެރިކަން ކުރާ މީހުންނާއި، މި ދެބައިގެ އަމަލުތައްވެސް. ހުރިހާ ޕާޓީތަކުގެ ވެރިކަމުގައިވެސް ރާއްޖޭގެ ދަރަނިވީ އިތުރު. ލޯނުތައް ނަގާ، ބޭކާރު ޕްރޮޖެކްޓްތައް ހިންގީ ހުރިހާ ޕާޓީތަކުގެ ވެރިކަމުގެ."،

އަދި ދެ ޕާޓީގެ ވެރިކަމުގައިވެސް މަގުތައް ނާމާންވެ މީހުން މެރުމާއި، މަސްތުވާތަކެތި ވިއްކުން އިތުރުވި ކަމަށާއި އަދި އެތައް ބަޔަކު މަސްތުވާތަކެތީގެ ތެރެއަށް ވަދެގެން ދިޔަ ކަމަށާއި، ކޮރަޕްޝަން އިންތިހާއަށް މައްޗަށް ދިޔަ ކަަމަށްވެސް ޢުމަރު ވިދާޅުވިއެވެ.

" އަޅުގަނޑުމެން އިތުރަށް މި ޕާޓީތައް ވަރުގަދަކޮށްދޭކަށް ނެތިން، އަޅުގަނޑުމެން މި ތިބީ ރާއްޖެ އިތުރަށް ދަރަނިވެރި ކުރުވާއިރުގައި އެ މަސައްކަތުގައި ބައިވެރިވާކަށް ނޫން. ދިވެހި ރާއްޖޭގެ މަގުތައް ނާމާންވާއިރުގައި އެ މަސައްކަތުގައި ބައިވެރިވާކަަށް ނޫން.".

ޢުމަރު ވިދާޅުވީ އޭނާ އާއި ޓީމްގެ މިސްރާބަކީ ތަފާތު މިސްރާބެއް ކަމަށާއި، އޭނާ ރައްޖޭގައި ސިޔާސީ އާ ފިކުރެއް އުފައްދާފައިވާ ކަމަށެވެ.

އޭނާގެ ސިޔާސީ މަސައްކަތް ހުއްޓާނުލާނެ ކަމަށާއި، މަސައްކަތް ކުރިއަށް ގެންދާނެ ކަަމަށް ވިދާޅުވެ، މިކަން ހުއްޓާލާނީ މި ގައުމު މުޅިން އާ މިސްރާބަކަށް ގެންގޮސް، މުޅި ގައުމު މުޅިން ޑައިވާސިފައި ކޮށްފައިކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުން ކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ ސަރުކާރަށް ވަދެ ހަނުހުރުމުގެ ބަދަލުގައި ސަރުކާރާ ނުގުޅި އެ މައްސަލާގައި އަޑުއުފުލަން އިދިކޮޅުގައި ހުންނެވުން ހިޔާރު ކުރައްވާކަމަށެވެ. އެއްވެސް ފަރާތަކަށް ވަކީން ތާއީދު ނުކުރެއްވިކަމުގައި ވިޔަސް އެބޭފުޅާއާ ފިކުރީގޮތުން ދިމާވާ ބައެއް ޕާޓީ އެބަހުރިކަމަށާއި، އެއް ބްލަޑްގްރޫޕެއްގެ މީހުން އެބަތިބި ކަމަށް ހާމަކުރައްވަމުން އުމަރު ވިދާޅުވީ، ބްލަޑް ގްރޫޕް އެއްގޮތް ވުމަކީ ދެބެންނަށް ވާން ޖެހޭ ސަބަބެއް ނޫންކަމުގައެވެ. އުމަރުގެ ވާހަކަ ފެށްޓެވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ސަޕޯޓަރުންނާ ބައްދަލު ކޮށްލާ ފުރަތަމަ ރޭ ކަމުން މަސައްކަތް ކޮށްދެއްވި ވޯޓު ދެއްވި ހުރިހާ ފަރާތްތަކަށްޝުކުރު ދަންނަވަމުންނެވެ.

އުމަރު ވިދާޅުވީ އޭނާގެ ސަޕޯޓަރުންނާއި ވޯޓަސް ތާއީދު ކުރައްވާ ފަރާތްތަކުން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި، ހާއްސަކޮށް ސޯޝާލްމީޑީޔާގައި ނުވެސް ދަންނަ ފަރާތްތަކުން ކޮށްދެއްވި އަމިއްލަ މަސައްކަތްތައް ފާހަގަކުރައްވައި، ޓިކްޓޮކް، ފޭސްބުކް ޕޯސްޓުތަކާއި ވީޑިޔޯތައް މެދުވެރިކޮށް ސަޕޯޓުދެއްވި ހުރިހާ ފަރާތްތަކަށްވެސް ހާއްސަ ޝުކުރެއް ދަންނަވާފައެވެ. އުމަރު ވިދާޅުވީ އެ މަސައްކަތްތަކުގެ އާހިރު ނަތީޖާއަކީ އާދަޔާހިލާފު ކާމިޔާބީ ކަމަށެވެ. ދިމާވާ މީހުން ދައްކާ ވާހަކަތަކުންނާއި އަންނަ މެސެޖުތަކުން މޮޅުވީހެންވެސް ހީވާކަމަށެވެ. މިކާމިޔާބީގެ ސަބަބުން، އެކުގައި މަސައްކަތް ކުރާ ބޭފުޅުން ގާތު “އިންތިހާބެއްގައި ބަލިވެފަ އެކަމަކު ކާމިޔާބުވިކަމުގެ އިހުސާސްވާބައެއް އަޅުގަނޑުމެން ނޫނީ ނުތިބޭނެ،” ކަމަށް ވިދާޅުވާ ކަމަށެވެ.

މިފަހަރުގެ އިންތިހާބަކީ އާދަޔާހިލާފު އިންތިހާބެއްކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ މި އިންތިހާބުގައި އުމަރާއި އުމަރުގެ ޓީމުން ކުރި މަސައްކަތަށް ދިވެހި ރާއްޖޭގެ އެކި ހިސާބުތަކުން ދިން ތަރުހީބަށް ބަލާއިރު، އެތައް އެތައް ލައްކައަކުން ހަރަދުކުރި ފަރާތްތަކަށްވުރެ އުމަރަށް ލިބިވަޑައިގެންނެވި ވޯޓު ގިނަކަމާއި ރައްޔިތުންގެ ހިތްތަކުން ލިބުނު ޖާގައާއި ލޯބި ބޮޑުކަމަށެވެ. ބޮޑެތި ޖަގަހަތައް ހުޅުވައިގެން ކެރަމްކުޅެ، ލަވަޖަހައި ހެދިޔަކަސް އަދި ސިޔާސީ މަސައްކަތްތަކެއް ނުކުރެއްވޭނެކަމަށް ވެސް އުމަރު ވިދާޅުވިއެވެ. އެހެނެއްކަމަކު، ސިޔާސީ މެސެޖެއްހިފައިގެން އަޒުމާއި ހިތްވަރާއެކުގައި ބަޔަކު މަސައްކަތް ކޮށްފިއްޔާ އެކަމެއް ކާމިޔާބުވާނެކަމުގެ ފުރިހަމަ މިސާލެއް މިއިންތިހާބުން ފެނިގެން ދިޔަކަމަން ފާހަގަކުރައްވައި ވިދާޅުވީ އޭނާއަށް ލިބިވަޑައިގެންނެވި ކާމިޔާބީން އެކަން ހާމަވާކަމަށެވެ.

ސެޕްޓެމްބަރު 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި އުމަރު ނަސީރު ދިޔައީ ހަތަރު ވަނައަށެވެ. އުމަރު ނަސީރު، 6،343 ވޯޓާއެކު، ހަތަރު ވަނަ ހޯއްދެވުމަކީ ގިނަ ބަޔަކަށް ވަރަށް ބޮޑު ހައިރާން ކަމެއް ލިބުނު ކަމެކެވެ. އޭނާ އެ މަގާމު ހޯއްދެވީ، ޚަަރަދެއްކޮށްގެން ކެމްޕެއިން ކުރިއަށް ގެންދެވި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ޤާސިމް އިބްރާހިމް ބޮޑުތަނުން ފަހަތަށް ޖައްސާލުމަށް ފަހުއެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމް ފަސް ވަނަ އަށް ދިޔައީ 5،460 ވޯޓާ އެކީގައެވެ.

އެންމެ ގިނަ ވޯޓާ އެކު، މި މަހުގެ ފަހުކޮޅު ބާއްވާ ދެ ވަނަ ބުރުގެ ވޯޓުގައި ވާދަކުރައްވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހެވެ. ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒެވެ. އޭނާ އަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. ރައީސް ސޯލިހަށް 86،161 ވޯޓެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު