Saturday, 15 June 2024

ކައުންސިލްތަކަށް މިހާރު ހުރީ ޕާޓް ޓައިމް ވަޒީރެއް، ފުލްޓައިމް ވަޒީރެއް ހަމަޖައްސާނަން: މުޢިއްޒު

ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމެއްގައި ހުންނާނީ ކައުންސިލްތައް ބާރުވެރިކުރުވަންއެލްޖީއޭ ހިންގުމަށް ޤާނޫނީގޮތުން ހުންނަ ފުލްޓައިމް ވަޒީރެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ޑރ. މުޢިއްޒު މިފަދައިން ވިދާޅުވީ ސަންގުޓީވީ އާއި ޗެނަލް-13 ގުޅިގެން ކުރިއަށް ގެންދިޔަ "އާސްކް މުޢިއްޒު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މައުމޫން ވެރިކަމުގަ އުފެއްދި އެޓޯލް މިނިސްޓްރީ އުވާލާފައި އޮއްވާ ކައުންސިލްތަކަށް ޚާއްސަ މިނިސްޓްރީއެއް އުފައްދަވަން ޑރ. މުޢިއްޒު އުޅުއްވާ ކަމަށާއި އެކަން އޮތްގޮތަކީ ކޮބައިތޯ ޕްރޮގްރާމްގައި ބައިވެރިވި އާންމު ފަރާތަކުން ކުރި ސުވާލެއްގެ ޖަވާބުގައި މުޢިއްޒު ވިދާޅުވީ އެއްގޮތަކަށްވެސް އެޓޯލްސް މިނިސްޓްރީއެއް އުފެއްދުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާ ކަމަށާއި، އެއީ ތަންކޮޅެއް ކުރީގެ ނިޒާމެއްކަމަށެވެ. އަދި ޑރ. މުޢިއްޒުއަކީ ލާމަރުކަޒީ ނިޒާމުގެ ދެފަރާތުގަ މަސައްކަތް ކުރެވުނު ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ.އެގޮތުން ކެބިނެޓްގައި އަދި މިހާރު ހުންނެވީ ސީދާ ލާމަރުކަޒީ ނިޒާމުގެ ތެރެއިން އިންތިޚާބުކުރި މަޤާމެއްގައި ކަމަށާއި، މޭޔަރުކަމުގެ މަޤާމުގައި ހުންނަވާއިރު ސަރުކާރާއި ކައުންސިލްތަކާ އޮންނަ ގުޅުން ހީނަރުކަމުން ނުވެފަ ހުންނަކަންކަމާއި، ލަސްވާ ކަންކަމުގެ އިތުރުން ރައްޔިތުންނަށް އުނދަގޫވާ ކަންކަން ފެނިވަޑައިގަންނަވާ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"އެއްގޮތަކަށްވެސް އެޓޯލްސް މިނިސްޓްރީއެއް އުފެއްދުމުގެ ވިސްނުމެއްނެތް. އެއީ ތަންކޮޅެއް ކުރީގެ ނިޒާމެއް.އަޅުގަނޑު މިދަންނަވަނީ ވަރަށް ހެޔޮ ނިޔަތެއްގަ ޙަޤީޤަތުގަވެސް އަޅުގަނޑަށް ލާމަރުކަޒީ ނިޒާމުގެ ދެފަރާތުގަ މަސައްކަތް ކުރެވުނު.ކެބިނެޓްގަ އަދި މިހާރު މިހުރީ ސީދާ ލާމަރުކަޒީ ނިޒާމުގެ ތެރެއިން އިންތިޚާބުކުރި މަޤާމެއްގަ.މިމަޤާމުގައި ހުންނައިރު އެބަފެނޭ ސަރުކާރާއި ކައުންސިލްތަކާ އޮންނަ ގުޅުން ހީނަރުކަމުން ނުވެފަ ހުންނަކަންކަން،ލަސްވާ ކަންކަން،ރައްޔިތުންނަށް އުނދަގޫވާ ކަންކަން" މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުޢިއްޒު ވިދާޅުވީ މިހާރު އެލްޖީއޭއަށް ދޭންވާ ސަޕޯޓް ސަރުކާރަށް ނުދެވޭ ކަމަށާއި، އެލްޖީއޭ ހިންގަން ޤާނޫނީ ގޮތުން ހުންނަނީ ވަޒީރެއް ކަމަށްވާއިރު ވަޒީރުގެ ވަރަށް ފުޅާ މެންޑޭޓެއްއޮންނަ ކަމަށެވެ. އެހެންކަމުން ވަޒީރުގެ މެންޑޭޓްގަ ހުންނަ ކަންކަންކުރަމުން އެލްޖީއޭ ހިންގަންޖެހުމުން ހުރިހާ ކައުންސިލްތަކަށް ދޭންޖެހޭ ސަމާލުކަން ނުދެވޭކަން މުޢިއްޒު ފާހަގަކުރެއްވިއެވެ.

މިސަބަބުތަކަށްޓަކައި ޑރ. މުޢިއްޒުގެ ވެރިކަމެއްގައި އެލްޖީއޭގެ ހިންގެވުމަށް ފުލްޓައިމްކޮށް ހުންނަ ވަޒީރަކު ހުންނަން ބޭނުންވާކަމަށް ވިދާޅުވިއެވެ.

ޑރ.މުޢިއްޒު އެލްޖީއޭ ހިންގުން ހަރުދަނާ ކުރެއްވުމަށް ޚާއްޞަ ވަޒީރަކު އައްޔަން ކުރައްވާނެ ކަމަށް ވިދާޅުވުމުން ބައެއް ފަރާތްތަކުން ދަނީ މިވާހަކަ އޮޅުވާލާ ޑރ. މުޢިއްޒުގެ ސަރުކާރެއްގައި އެޓޯލްސް މިނިސްޓްރީ އުފައްދަން އުޅޭ ކަމަށްބުނެ އަޑު ފަތުރަމުންނެވެ. އެހެންނަމަވެސް މުޢިއްޒު ވަނީ އެއީ އެޓޯލްސް މިނިސްޓްރީގެ ކޮންސެޕްޓާއި އެއްވެސް ވަރަކަށް ގާތްކުރާ ކަމެއްނޫންކަން ފާހަގަކުރެއްވާފައެވެ.

މުޢިއްޒު ވިދާޅުވީ އެލްޖީއޭ ރަނގަޅަށް ހިންގުމަށާއި، ލާމަރުކަޒީ ނިޒާމް ވަރުގަދަ ކުރުމަށް ވަކި ޚާއްޞަ ވަޒީރަކު ބެހެއްޓުމުން ވަރަށް ފަސޭހަވެގެންދާނެ ކަމަށެވެ.

"އެޓޯލްސް މިނިސްޓްރީގެ ކޮންސެޕްޓާއި ގާތްވެސް ނުކުރާނެ. އެލްޖީއޭއަށް ދުވަހުން ދުވަހަށް ސަރުކާރުގެ ސަޕޯޓުބޭނުންވާ ބައިވަރު ކަންކަން ހުރޭ. އެހެންވީމަ އެލްޖީއޭ ރަނގަޅަށް ހިންގުމަށް ލާމަރުކަޒީ ނިޒާމް ވަރުގަދަ ކުރުމަށް ވަކި ޚާއްޞަ ވަޒީރަކު ބެހެއްޓީމަ ވަރަށް ފަސޭހަވާނެ. އޭރުން އެވަޒީރު ކުރާނީ ލާމަރުކަޒީ މަސައްކަތް އެކަނި. އެލްޖީއޭ ހިންގަދޭނީ" މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު އިތުރަށް ވިދާޅުވީ ލާމަރުކަޒީ ނިޒާމް ޗެމްޕިއަން ކުރަންޏާ އެ ނިޒާމަށް ޚާއްޞަ ވަޒީރެއް ހުރީމަ ރައްޔިތުންނަށް އެދެވެނީ ވަރަށް އިންސާފުވެރި ހައްލެއްކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު