Saturday, 12 October 2024

ބޭރު ޤައުމުތަކުން ނަގާ ލޯނުތަކުގެ ތަފްސީލު ފެންނަން ހުންނާނެ: އަމީރު

ބޭރު ޤައުމުތަކުން ނަގާ ލޯނުތަކުގެ ތަފްސީލުތައް ފެންނަން ހުންނާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިފަދައިން ވިދާޅުވީ އިންޑިއާއިން ތިން ބިލިއަން ރުފިޔާގެ ލޯނެއް ހަމަޖައްސައިދިނުމަށް ދިވެހި ސަރުކާރުން އިންޑިއާގައި އެދުނުކަމަށް ބުނާ ހަބަރުތަކަށް ރައްދުދެެއްވައެވެ.

ފިނޭންސް މިނިސްޓަރ އަމީރާއި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ބައްދަލުކުރައްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން ހަރަދުކުރުމަށް އިންޑިއާއިން ދަރަންޏަށް ތިން ބިލިއަން ރުފިޔާ ނެގުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރައްވާފައިވާ ޚަބަރެއް މީިޑިޔާގައި ފެތުރެމުންދެއެވެ. މި ފައިސާ ނެގުމަށް ސަރުކާރުން ހުށަހަޅާފައިވަނީ ޓްރެޝަރީ ބޮންޑު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ވިއްކައިގެންކަމަށް އެ ޚަބަރުގައި ބުނެފައިވެއެވެ.

މި ވާހަކަތައް ދޮގުކުރައްވާ ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، ބޭރު ޤައުމުތަކުން ނަގާ އެއްވެސް ލޯނެއްގެ މައުލޫމާތު ސިއްރު ނުކުރާކަމަށާއި ގާނޫނުގައިވާ ގޮތުގެ މަތިން މިހާރުވެސް މަޖިލިހާއި، އެމްއެމްއޭއާ މިމައުލޫމާތު ހިއްސާކުރާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މިނިސްޓްރީ ވެބްސައިޓުން ފެންނާނެ ކަމަށެވެ.

އިންޑިއާ މެދުވެރިކޮށް ތިން ބިލިއަން ރުފިޔާ ދަރަންޏެއް ނެގުމަށް ސަރުކާރުން ހުށަހަޅާފައިވާކަމަށް ފެތުރޭ ހަބަރުތައް އަމީރު ދޮގުކޮށްފައިވީނަމަވެސް ބަޖެޓް ސަޕޯޓުގެ ގޮތުގައި މިދިޔަ އަހަރު ނޮވެމްބަރު މަހު އިންޑިއާއިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނުގެ އިންޓްރެސްޓް ރޭޓާއި ދައްކަން ޖެހޭ މުއްދަތު ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. އަދި އެހެން ވެސް ބައެއް ލޯނުތަކުގެ މައުލޫމާތުތައް ހާމަކޮށްފައެއް ނުވެއެވެ.

މިހާރުވެސް ރާއްޖެއިން އެންމެ ބޮޑު އަދަދަކަށް ދަރާފައިވަނީ އިންޑިއާއަށެވެ. މިހެންމިކަން އޮއްވައި ސަރުކާރުން މިއަހަރަށް އެކުލަވާލި ބަޖެޓުގައި ހަރަދުކުރުމަށް ކަނޑައެޅި ފައިސާ ހުސްވާން ކައިރިވެ އަންނަ އޮކްޓޯބަރު މަހު ފަސް ބިލިއަން ރުފިޔާއާއި ހަ ބިލިއަން ރުފިޔާއާ ދެމެދުގެ ސަޕްލިމަންޓަރީ ބަޖެޓެއް މަޖިލީހަށް ހުށައެޅުމަށް މަސައްކަތްކުރަމުން އަންނަކަމަށްވެސް ބައެއް މީޑިއާތަކުން ބުނެފައިވެއެވެ.

ސަރުކާރުން ނަގާ ލޯނުތަކުގެ ތަފްސީލު ހާމަނުކުރާތީ އެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުން ދަރަނީގެ މައްޗަށް ދަރަނި ނަގަމުންދާއިރު ސޮއިކޮށްފައި ހުންނަ ލޯން އެގްރިމަންޓްތަކުގެ އިންޓްރެސްޓް ރޭޓްް ވެސް ހާމަކޮށްލަން ނުކެރޭކަމަށެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު