ހުޅުމާލެގައި "އާބަން ގްލައިޑް" ގެ ނަމުގައި އީސްކޫޓަރ ހައުސިންގ ޑިވެލޮޕްމަންޓް، އެޗްޑީސީން ތައާރަފްކޮށްފިއެވެ. ކޮޅަށް ހުރެގެން ދުއްވާ ބެޓެރި ސައިކަލު ދުއްވޭނެ އިންތިޒާމުތައް ހަމަޖައްސައި އަންނަ މާދަމާއިން ފެށިގެން އާންމުނަށް ހުޅުވާލާނެކަމަށް އެޗްޑީސީން ހުޅުވާލާނެއެވެ.
ތިމާވެއްޓާ ރައްޓެހި މާހައުލެއް ބިނާކޮށް މީހުން ޝައުގުވެރި ކުރުވަނިވި ކަމެއް ކުރުމުގެ ބޭނުމުގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަދާފައިވާ އާބަން ގްލައިޑް ސެންޓަރުގައި، އީ ސްކޫޓަރ ލިބޭނެ އިންތިޒާމު ހަމަޖައްސައި އެތަނުގައި ވަނީ ހަތަރު އީސްކޫޓަރ ބަހައްޓާފައެވެ. މިސްކޫޓަރތައް ދުއްވަން ބޭނުންނާ ކޮންމެ މީހަކަށް ދުއްވޭނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ
"އާބަން ގްލައިޑް" އެޕްލިކޭޝަން އަޅައި ރަޖިސްޓްރީވެގެން އީ ސްކޫޓަރ ދުއްވޭނެއެވެ.
އެޗްޑީސީއިން ވިދާޅުވީ، އެކަމަށް ތަރުހީބު ލިބޭވަރަކުން އިތުރު ޑޮކިންއެއް ބަހައްޓާ ސްކޫޓަރ އިތުރު ކުރާނެކަމަށެވެ. މިހާރު ފެށިގެން މިދަނީ ޕައިލެޓް ޕްރޮޖެކްޓެއްކަމުން މި ޕްރޮޖެކްޓް ފުޅާކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ދެނެގަނެ އެކަންކަން ކުރައްވާނެކަމަށް ވިދާޅުވިއެވެ.
އީ-ސްކޫޓަތައް ޤާއިމްކޮށްފައިވަނީ އެކަމަށް ޚާއްސަކޮށްހަދާފައިވާ ޑޮކިން ސްޓޭޝަންތަކެއްގައެވެ. ބެޓެރިން ދުއްވާ މި އީ ސްކޫޓަރުތައް ޗާޖުކުރާނީވެސް މި ޑޮކިން ސްޓޭޝަންތަކުންނެވެ. އެ ސްކޫޓަރުތައް ދުއްވުމަށް ވަކި ސަރަހައްދުތަކެއް މަގުތަކުގައި ވަނީ ކަނޑައަޅާފައެވެ. އެގޮތުން އީ ސްކޫޓަރު ދުއްވާނެ ސަރަހައްދު އެނގޭނެހެން މަގުތަކުގައި ނޫކުލައިގެ ރޮގަކުން ފާހަގަކޮށްފައިވެއެވެ. އަދި އެ ސަރަހައްދުން ބޭރަށް ނިކުމެއްޖެނަމަ އެލާމް އަޅައި، ހުއްޓޭނެއެވެ. މި ސްކޫޓަރ ދުއްވަމުންދާއިރު އެޗްޑީސީން މިކަމަށް ހާއްސަ ސެންޓަރަށް މި ސްކޫޓަރުތަކުގެ މޫވްމެންޓް ފެންނާނެކަމަށް އެޗްޑީސީން ބުންޏެވެ.
ސްމާޓް ސިޓީއަކަށް ހުޅުމާލެ ހެދުމަށް ކުރާ މަސައްކަތުގެ ދަށުން އެޗްޑީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހުޅުމާލެ ސެންޓްރަލް ޕާކުގައި ސްމާޓް ބެންޗާ ސްމާޓް ޕޯލްތައް ވަނީ ބަހައްޓާފައެވެ. އިށީނުމަށް ހަދާފައިވާ ސްމާޓް ބެންޗްތަކުން ވަޔަލެސްކޮށް ފޯނުޗާޖުކުރެވޭނެއެވެ.