ދަންވާން ކައިރިވެފައި ވުމާއެކު ހަލީމަ ބެލީ އަވަހަށް ގެއަށް ދެވޭތޯއެވެ. އުދޯލީގައި ނިދާފައިއޮތް އާމިރު އުރާލައިގެން ހަލީމަ އެގެއިން ބޭރަށް ނިކުންނަން ހިނގައިގަންތަނާ އާދަނު ހަލީމަ ފަހަތުން އައެވެ. "މިރޭވީ ކަންތަކުގެ ވާހަކަ އެއްވެސް މީހެއްގެ ކައިރީގަ ނުދައްކާތި އިނގޭ. އެ ވާހަކަ އަހަރެމެން ތެރޭގައި ސިއްރެއްގެ ގޮތުގައި ބާއްވާނީ.." އާދަނު ހުރީ އޭނައަށް ކަންތައްކުރެވުނު ގޮތުން އެކަމާ ލަދުން ބޯހަލާކުވެފައެވެ. ބިރުގަތަސް ތިމަންނައަށް އެހެން ނޫޅެވުނު ނަމައޭ އާދަނު ހިތާހިތުން ބުނަމުންދިޔައެވެ
ވީކަމެއް ވީތާއެވެ. ވެފައިއޮތް ކަމެއް ބަދަލެއް ނުކުރެވޭނެތާއެވެ. ކުރިއަށް އޮތްތާނގައި ރަނގަޅުކޮށްލީމަ އޮންނާނީ ވެފައެވެ. އެހެން ހިތަށް އަރުވާލާފައި އާދަނު ހިތްހަމަޖައްސާލިއެވެ
* * * *
ހަލީމަ ގެއަށްދިޔަ މަގުމަތީގައި ވަރަށް ގަދަޔަށް ވިދާލާފައި ގުގުރާލި ހިނދު މުޅި ޖައްވު އަލިކޮށްލިއެވެ. އެކަމުން ލިބުނު ކުއްލި ސިހުމާއެކު ހަލީމަ ހުއްޓުން އަރާފައި ކުރިއަށް ހިނގައިގަންނަން ނުކެރިފައި ކުޑައިރުކޮޅަކު މަޑުކޮށްލައިގެން ހުއްޓެވެ. ހޮނުވެސް އަޅާފާނެއެވެ. ސަހަރޯއެވެ. ހަލީމަ ހިތްބިރުގަންނަން ފަށައިފިއެވެ.
އުޑުމައްޗަށް ބަލާލާފައި ހީވަނީ މާ ލަސްތަކެއްނުވެ ވިއްސާރަވެހެން ފަށާފާނެ ހެންނެވެ. އެހެންކަމުން، ހަލީމަ އަނެއްކާވެސް ގެއާއި ދިމާލަށް ދިއުމަށް ހިނގައިގަތެވެ. އަދި ފަހަރަކަށްވުރެ ފަހަރަކު ހިނގަމުންދިޔަ ދުވެލި ބާރުކުރެވޭތޯ މަސައްކަތްކުރިއެވެ.
* * * *
އެތެރިގޭގައި އުޅުނު ހަމްދީ އެތެރިގެއިން ނިކުމެގެން އަންނަ މަންޒަރު ފެނިފައި، އޭނައަށް ފާރަލާން ދޮރުދާރަ ކައިރީގައި ފިލައިންހުރި ސައްތާރު ދުވެފައި އައިސް ދޮރުކުރިމަތީގައި ހުއްޓުނެވެ. ހަމްދީ އައިސް ގޭދޮރު ހުޅުވަންވީ އިރަށް ސައްތާރަށް އެހާމަލަށް ދެވުނީ ހަމަ ކިރިޔާފަށުންނެވެ.
ސައްތާރަށް ފެނުނު މަންޒަރުތަކުގެ ސަބަބުން އޭނާގެ މޫނުމަތީގެ ކުލަވަރު ކޮންމެވެސް ވަރަކަށް ބަދަލުވެފައިހުރި ނަމަވެސް ސައްރާރު މަސައްކަތްކުރީ އޭނާއަށް އަދިވެސް އެއްވެސްކަމެއް ނޭނގޭކަމަށް ހަމްދީގެ ކުރިމަތީގައި ދައްކާށެވެ.
މިހާރު ކަރުހިއްކުން ފިލައިފިހެއްޔޭ ކިޔާފައި ސައްތާރު ކައިރީގައި ހަމްދީ ވަރަށް ޒާތަކަށް ސުވާލުކޮށްލިއެވެ. ހީވަނީ ނުސީދާ ގޮތަކަށް ސައްތާރާއި ދިމާލަށް އެއްލައިލި ބަހެއް ހެންނެވެ. ހަމްދީ އެހެން އެބުނި ސަބަބެއް ސައްތާރަކަށް ނުވިސްނުނެވެ. ފަހަރެއްގައި ސައްތާރު ހަމްދީއަށް ފާރަލީކަން ހަމްދީއަށް ކޮންމެވެސް ގޮތަކަށް އެނގުނީކަމަށްވެސް ވެދާނެއެވެ. އެހެނަސް އެ މަންޒަރު ހަމްދީގެ ލޮލަށް ނުފެންނަނީސް ހަމްދީއަށް އެކަން ފަޅާއަރާނީ ކިހިނަކުންހެއްޔެވެ؟ މީހުން ބުނެއުޅޭ އަޑު އަހަމެވެ. ސިހުރު ހަދައިއުޅޭ މީހުންނަށް އެމީހުންނާއި ދެކޮޅަށް ރާވާ ރޭވުންތައް ކިޔައިދޭން ޖިންނިން ތިބެއެވެ. އެހެނަސް އެކަމުގައި އެކުލެވިގެންވަނީ ކިހާވަރެއްގެ ހަޤީޤަތެއްބާއެވެ.
ހަމްދީ އެބުނި އެއްޗަކުން ސައްތާރުގެ ހިތުގެ ހިނގުން އަވަސްކޮށްލިއެވެ. "ތިޔަބުނި ބަހުގެ މާނައެއް ނުވިސްނުން. ފެންނުބޮއެ އުޅެނިކޮށް ކަރުހިއްކުން ފިލާނެތަ. އަހަރެން މި ހުންނަނީ ހަމްދީ އެނބުރި އަންނަންދެން ހަމްދީގެ އިންތިޒާރުގަ. މިގެއަށް ވަދެވިގެނެންނު އަދި ފެންފޮދެއް ބޮވެންވެސް އޮތީ.." ސައްތާރު މެނުވާކަމަށް ހަދާފައި ހަމްދީ ކުރި ސުވާލަށް ރައްދުދިނެވެ.
ސައްތާރު ނަޒަރު ތިރިކޮށްލީ ހަމްދީ ހިފައިންހުރި ދޮލަނގަށް ބަލާލުމަށެވެ. އެ ދެލޮނގުގައި އެވަނީ ކޮން ފެނެއްބާއެވެ. އެ ފެން އެ ދޮލަނގުގައި ހުރުމުގެ ބޭނުމަކީ ކޮބައިބާއެވެ. ސައްތާރުގެ ސިކުންޑި ސުމަކަށްދިޔައެވެ. މިއީ އަނެއްކާ ކޮން ބޭނުމެއްގައި ހަމްދީ ހިފައިގެންހުރި ދޮލަނގެއްބާއެވެ. ނަމަވެސް އެ ސުވާލު ހަމްދީ ގާތުގައި ކުރަންވީބާއޭ ނޫނީ ނުކޮށް އަނގަމަޑުން ލައިގެން ހުންނަންވީބާއޭ ހިތަށްއަރާފައި ސައްތާރު ހަނުހުއްޓެވެ. ހަމްދީގެ ތުންފަތްމައްޗަށް ވެރިވެފައިހުރި ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވަނީ ނުބައި ރޭވުމެއްބާއެވެ. ރަނގަޅު ނިޔަތެއް ހަމަގައިމުސް ނޯންނާނެތާއެވެ.
ޙަމްދީ އޭނާ ހިފައިގެންހުރި ފެން ދޮލަނގު ބިންމަތީގައި ބަހައްޓައިފިއެވެ. "ކީއްވެ ހާދަ ހާސްވެފައި މާ ފާޑަކަށް ތިޔަ ބަލަނީ؟.." ސައްތާރުގެ ނުތަނަވަސްވެފައިހުރި މޫނަށް ބަލާލާފައި ހަމްދީ މަޑުމަޑުން ބުނެލިއެވެ. "މި ފެންދޮލަނގު މިއީ ކީއްކުރާ އެއްޗެއް؟.." ސައްތާރަށް މާގިނައިރު އަނގަމަޑުން ލައިގެން ހުރެވޭގޮތެއް ނުވިއެވެ. "މިއީ ސައްތާރު މިގޯތި އޮޅިގަނޑުން އެތެރެއަށް ގިރާކުރާ ފުރަތަމަ ފަހަރެއްނު.. އެހެންވީމަ، ސައްތާރުގެ ފައިންޕުޅު މި ދޮލަނގުގައި ހުރި ފެނުން ދޮވެގެންތާ މިގެއަށް ވަންނަންވާނީ.. ސައްތާރުވެސް ތިއީ އަހަރެންގެ މެހެމާނެއްނު.. މެހެމާނުންނަށް ފުރިހަމައަށް މެހުމާންދާރީ އަދާކުރަންޖެހޭނެންނު ދޯ؟.." ޙަމްދީ ވާހަކަ ދެއްކި ރާގުން ސައްތާރުގެ ހިތް އިތުރަށް ނުތަނަވަސްކޮށްލިއެވެ.
އެފެންދޮލަނގުގައިވާ ފެނަށް ސައްތާރުގެ ދެފައި ވައްދައިފިނަމަ އެކަމުން ސައްތާރުގެ ފުރާނައަށްވެސް ގެއްލުމެއް ކުރިމަތިވެދާނެއެވެ. ހަމްދީ ފަދަ ނުބައި ނުލަފާ ހީލަތްތެރިއެއްގެ އެފަދަ އެދުމަކަށް އިޖާބަދޭންވާނީ ވަރަށް ގިނަ ގޮތްގޮތުން ވިސްނާފަތާއެވެ. ސައްތާރު ހިތާހިތުން ބުނެލިއެވެ.
އެ ފެންދޮލަނގަށް ސައްތާރުގެ ފައި ނުލައިފިނަމަ ސައްތާރު ހަމްދީއާއި މެދު ޝައްކުކޮށްފާނެހެން ސައްތާރަށް އިހުސާސްކުރެވުނެވެ. އެހެންކަމުން، ދެވަނަ ވިސްނުމަކަށް ނުގޮސް ސައްތާރު ހިތާއި ދެކޮޅަށް އެ ފެންދޮލަނގު ތެރެއަށް ދެފައި ލިއެވެ.
* * * *
ފުޅިބައްތީގައި އަލިފާންރޯކުރެވުމާއެކު ފާރުގައި އެލުވާފައިހުރި ފުޅިބައްތި ނެގުމަށްފަހު ފަރީދާ ހިނގައިގަތެވެ. އަދި ބިންމައްޗަށް އަލިވާގޮތަށް ފުޅިބައްތި ހިފައިގެންހުރެ ތިރިވެލިއެވެ. މެދުގޭތެރޭ ބިންމަތީގައި ލާފައިއޮތް ދޮންވެލިގަނޑުގެ ކުލަ އޮތީ މުޅިން ބަދަލުވެފައެވެ. ފަރީދާ އަތްގޮށި ފުރޭވަރަށް ވެލިފުންޏެއް ނެގުމަށްފަހުގައި އެ ވެލީގެ ކުލަ ބަދަލުވެފައިވަނީ ކީއްވެގެން ކަމާއިމެދު ވިސްނާލިއެވެ.
ފަރީދާ އެ ވެލިތަކުގައި އިނގިލިތައް ހިންގާލުމާއެކު ފަރީދާގެ އިނގިލިތަކުގައިވެސް ރަތްކުލައިގެ ދިޔައެއް އުނގުޅުނެވެ. ފަރީދާ ބަލާކަށްނުހުރެ އަތުގައި ކޭތިފައިވާ ރަތްކުލައިގެ ދިޔައިގެ ވަސްބަލާލިއެވެ. އޭގެން ދުވަނީ ލޭވަހެވެ. އަނެއްކާ އެއީ ލޭބާއެވެ. އިންސާނެއްގެ ލޭބާއެވެ. ނުވަތަ މަހުލޭބާއެވެ. މަހުލެއަށް ވާކަމުގައި ވަނީނަމަ އެ ގޭގެ މެދުގޭތެރޭގައި ހުންނަންވީ ސަބަބެއް ފަރީދާއަކަށް ނުވިސްނުނެވެ.
ފަރީދާ ގެއަށް އައިހެން ހީވުމުން ފަރީދާގެ ބައްޕަ ޖައުފަރު މެދުގޭތެރެއަށް ނިކުތެވެ. ފަރީދާއަށް މީހެއްގެ ހިލަމެއް ވެގެން ފަހަތް ބަލައިލިހިނދު ޖައުފަރު ފެނުމާއެކު ފަރީދާ ދިޔައީ އެއްލިގަނެގެންނެވެ.
* * * *
ބަކުރު ގައިގައި ހުރި ހުރިހާ ހަކަތައެއްހެން ހުސްކޮށްލަން ޖެހުނީ ނަފީސާ މަތަކުރުމަށެވެ. އިރުގަނޑެއްގެ މަސައްކަތުން ބަކުރަށް ނަފީސާ ހަމައަކަށް އެޅުވޭވަރު ކުރެވުނެވެ. ނަފީސާއަށް ހަމަހެއަށް އާދެވުމާއެކު އޭނާ ބަކުރު ކައިރީގައި އެގެއިން އަވަހަށް ދިއުމަށް އެދި އާދޭސްކުރަންފެށިއެވެ. "ބަކުރާ… ހެޔޮނުވާނެ.. އަހަރެންނަށްޓަކައި އަވަހަށް މިގެއިން ދޭ.. މިތާނގައި ބަކުރު ހުއްޓާ މީހަކަށް ފެނިއްޖެނަމަ އަހަރެމެން ދެމީހުންގެ ޒަމާންދާނެ. އަހަރެމެންނަށް އެންމެން ޝައްކުކުރަން ފަށާނެ. މުޅި ރަށުތެރޭގައި ފެތުރޭނެ އަހަރެމެންނޭ ކިޔައިގެން އެކި ގޮތްގޮތަށް އެކި ވާހަކަތައް. އަހަރެން ބޭނުމެއްނޫން އެގޮތަށް ކަންތައް ވެގެންދާތަން ދެކޭކަށް… ބަކުރު އަވަހަށް މިތަނުން ދޭ.. މިހާރު މަންމައާއި ބައްޕަވެސް ގެއަށް އަންނަން އުޅޭނެ. މާލަސްތަކެއްނުވެ އެދެމީހުންވެސް ގެއަށް އަންނާނެ…" ނަފީސާއަށް ރުއިން ހުއްޓޭ ގޮތެއްވެސް ނުވިއެވެ. ގަނެފައިހުރި ބިރުން ނަފީސާގެ ސިކުނޑި ތެރޭގައި ކުރެހެމުންދިޔަ ބިރުވެރި ތަސްވީރުތަކުން ނަފީސާގެ މުޅި ޙަޔާތް ބިރުވެޅި ހޮހޮޅައެއް ތެރޭގައި ތާށިކޮށްލުވައިފިއެވެ.
ނަފީސާ ކިތޭ އާދޭހެއް ކުރިއަސް ނަފީސާ އެކަނިމައި އެކަނި ދޫކޮށްލާފައި ދާކަށް ބަކުރުގެ ހިތުން އެއްބަހެއް ނުވިއެވެ. ބަކުރުގެ ބުއްދި އޭރުވެސް އޭނަ ކައިރީގައި އަވަހަށް އެގެއިން ދުވެ ފިލަން ބުނަމުން ދިޔަކަމުގައި ވީނަމަވެސް ބަކުރުގެ ހިތުން އެކަމަށް އެއްބަސްވެވޭގޮތެއް ނުވިއެވެ. އޭނާގެ ހިތުގެ އެދުމަށް އޭނާގެ ބުއްދި ދިޔައީ އިންކާރުކުރަމުންނެވެ. "ނޫން ނަފީސާ.. ތިޔަހެން ނުބުނޭ… މަށަކަށް ހަމަހިލާ ނުކެރޭނެ މިފަދަ ދަނޑިވަޅެއްގައި ނަފީސާ އެކަނިހާލަށް ދޫކޮށްލާފަ ދާކަށެއް. އަހަރެން އެގޮތަށް ކަންތައް ކޮށްފީޔާ މިކަމުގެ ހުރިހާ އިލްޒާމެއް އަންނާނީ ނަފީސާއަށް.. މިކަމުގެ ހުރިހާ ސަޒާގެ ޝިކާރައަކަށް ވާނީ ނަފީސާ.. ހުރިހާ ވޭނެއް ތަހައްމަލް ކުރަން ޖެހޭނީ ނަފީސާއަށް… އެހެންވީމަ އަހަރެން މިބުނަނީ.. މިކަމުގައި އަހަރެން ބެދުނަސް އަހަރެންގެ އެއްވެސް ފަރުވާލެއް ނެތް.. އަހަރެންނާއި ދިމާލަށް ކޮންމެ މީހަކު ކޮންމެ ފަދަ އެއްޗެކޭ ކިޔަސްވެސް ވަރިހަމަ. އަހަރެން ނަފީސާ ދޫކޮށްލާފައެއް ނުދާނަން. އަހަރެންނަށް ހެޔޮ ކޮންމެ މީހަކު ކޮންމެ އަދަބެއް ދިނަސް. އަހަރެން މިހުރީ މި ލޯބީގައި ކޮންމެ ފަދަ ޤުރުބާނީއެއް ވާންޖެހުނަސް ތައްޔާރީގަ." ބަކުރު ނަފީސާގެ ދެލޮލަށް ގެއްލިފައިހުރެ ދައްކަމުންދިޔަ ވާހަކަ އަޑުއަހަން ހުރިއިރުވެސް ނަފީސާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުންދިޔަ އިރު ބަކުރު ދިޔައީ ނަފީސާގެ ލޮލުން ފައިބަމުންދިޔަ ކޮންމެ ކަރުނަތިއްކެއްވެސް ނަފީސާގެ ކޯތާފަތްމައްޗަށް ފޭބުމުގެ ކުރިން ފޮހެދެމުންނެވެ. ނަފީސާ ގައިން އޭރުވެސް ރޫރޫއަޅަމުންދިޔަ އިރު އޭނާގެ ދެފައިކޮޅުން ވަރުދާން އުޅޭފަދަ އިހުސާސެއްވެސް ނަފީސާއަށް ކުރެވެން ފެށުނެވެ. ބަކުރު އަނެއްކާވެސް ނަފީސާ ގައިގައި އޮޅުލައިގަނެފައި ބައްދާލިއެވެ.
* * * *
ސައްތާރު ގެއަށް ވަނުމާއެކު ހަމްދީ އަތްތިލަބަޑި ތަޅަންފެށި ގޮތުން ކޮންމެވެސް ކަމެއް ވަރަށް ގޯސްވެއްޖެކަމުގެ މެހެސޫސް ސައްތާރަށް ކުރެވުނެވެ. "ހަމްދީ ކިހިނެއްވީ ތިޔަ އަތްތިލަބަޑި ތަޅަނީ… އަނެއްކާ އަހަރެންނަށް ދޭން މާ އުފާވެރި ޙަބަރެއް އޮތީތަ.." ޙަމްދީ އަތްތިލަބަޑި ޖަހާ މަންޒަރުފެނި ސައްތާރު ހައިރާންވިއެވެ. އަދި އޭނާގެ ސިކުންޑީގައި އުތުރިއަރަމުންދިޔަ ސުވާލުތަކަށް އިތުރު ސުވާލުތަކެއް އައިސް ފުނިޖެހުނެވެ. އެވަގުތު، ތަފާތު ގިނަގުނަ ނަޒަރިއްޔާތަކުން ޙަމްދީގެ ރޭވުމާއި ބެހޭގޮތުން ވިސްނުމަށް ސައްތާރަށް މަޖުބޫރުކުރުވިއެވެ.
ސައްތާރު ހަމްދީ އުޅެމުންދިޔަ ގޭ ދޮރުން ވަދެގެން އަންނަމުންދިޔަ ވަރަކަށް ޙަމްދީގެ އަތްތިލަބަޑީގެ އަޑު ދިޔައީ ގަދަވަމުންނެވެ. "މަރުޙަބާ ސައްތާރޫ.. ވަރަށް ބޮޑަށް މަރުޙަބާ.. އަހަރެންގެ ދަރުބާރަށް އާދެވިފައި ތިޔަހުރީ.. ތިޔައީ ވަރަށް މަދުމީހަކަށް ނޫނީ އާދެވިފައިހުރި ހިސާބެއްނޫން.. ކަލެއަށް ތިޔަ ލިބުނީ މަދުމީހަކަށް ނޫނީ ނުލިބޭނެފަދަ ލަޤަބެއް…" ޙަމްދީ ދައްކަމުންދިޔަ ވާހަކަ އަޑުއިވިފައި ސައްތާރުގެ ޙަޔާތަށް ބޮޑުވެގެންވާ ޒަލްޒަލާއެއް އަތުވެއްޖެކަން ސައްތާރަށް ޔަޤީންވިއެވެ.
ސައްތާރު ވާހަކަދައްކަން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ ދުލުގެ ހަރަކާތްވަނީ އެކަށް ހުއްޓިފައެވެ. ސައްތާރު އޭނާގެ ދުލުން ބަހެއް ބޭރުކުރެވޭތޯ ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް އޭނާގެ ދޫ އޭނާއާއި ދެކޮޅަށް މަސައްކަތްކުރަމުން ދިޔަފަދައެވެ.
ޙަމްދީ އޭނާގެ އަތުގައިހުރި ފެންތައްޓެއް ސައްތާރާއި ދިމާލަށް ދިއްކޮށްލިއެވެ. ސައްތާރު އެ ފެންތަށީގައި ނުހިފަން ހުއްޓައި ސައްތާރަށް ފެނުނީ އޭނާގެ އަތް އޭނާގެ އެއްވެސް އިޙުތިޔާރަކާއި ނުލާ އެ ފެންތަށީގައި ހިފަން ހަރަކާތްކޮށްލި މަންޒަރެވެ. ސަހަރޯއެވެ. މިފަދައިން ކަންތައް ވެދާނެ ކަމަކަށް އަހަރެން ދުވަހަކުވެސް އުންމީދެއްނުކުރަމެވެ. ކަންތައްތައް މިދަނީ ގޯހުންގޯހަށެވެ. އަހަރެންގެ އެއްވެސް އިޙުތިޔާރަކާއި ނުލާ އަހަރެންގެ ގުނަވަންތައް ޙަމްދީގެ އެދުންތައް ފުއްދުމައިގެން އިޖާޒަތު އެދެނީ ފަހެ ކީއްވެގެންހެއްޔެވެ؟ ޙަމްދީ އޭނާގެ ސިހުރުވެރިކަން ބޭނުންކޮށްގެން ސައްތާރުގެ ގުނަވަންތަކުގެ ހަރަކާތް ސައްތާރުގެ ހިތާއި ނަފްސުގެ އެދުންތަކާއި ދެކޮޅަށް މަސައްކަތްކުރުވަމުންދިޔަ އިރު ހަދާނޭގޮތް ހުސްވެ މާޔޫސްވެފައި ސައްތާރަށް ހުރެވުނީ އެޅުނު ޅައެއްޗެއްގެ މޮޔަކަން ހިތައް އަރުވާލައި އަރުވާލައެވެ.
ބޭއިޚްތިޔާރުގައި ސައްތާރަށް ޙަމްދީ ދިން ފެންތަށި ބޮވުނެވެ. ސަހަރޯއެވެ. އެ ފެންތަށި ބޯލުމާއެކު ސައްތާރުގެ އެތެރެހަށިން ތަންގަނޑެއް އުނިވިފަދައެވެ. މުޅި އެތެރެހަށި ވިރިގެންދިޔަ ފަދަ އިހުސާސެއްވެސް ކުރެވެން ފަށައިފިއެވެ. ހަތަރު އުދަރެސް ފެނުޖެހުނީބާއެވެ. ޔާﷲ އެވެ. މިއަޅާ ޙަމްދީގެ ނުބައި ރޭވުންތަކުން މިންޖުކުރަށްވާށިއެވެ. ސައްތާރަށް ﷲގެ ހަޒްރަތުގައި ދުޢާކުރުންނޫން އިތުރުގޮތެއް ނެތްކަން ޔަޤީންވިއެވެ.
ކުއްލިއަކަށް ސައްތާރުގެ ފައިކޮޅުން ވާގިނެތި އޭނާ ހުރިތަނަށް ޙަބަރުހުސްވެގެން ވެއްޓުނެވެ. އެވަގުތު ސައްތާރުގެ ލޮލުގެ ފެނުން ފަނޑުވަމުންގޮސް ޙަމްދީ ހުރިނެތްތަނެއްވެސް ނޭގޭވަރަށް ސައްތާރުގެ ހާލަތު ސަކަރާތްވިއެވެ. ސައްތާރުވެސް ޙަމްދީގެ ޝިކާރައަކަށްވީއެވެ. ޙަމްދީއާއި ދެކޮޅަށް ތެދުވާ ކޮންމެ މީހެއްގެ ރޭވުންވެސް ހަމްދީގެ ކުރިމަތީގައި ކަޝްފުވެ އެމީހެއްގެ މުޅި ދިރިއުޅުން ގެއްލުމާއި ހަލާކުގެ ތެރެއަށް ވެއްޓިދެއެވެ. ޙަމްދީއާއި ދެކޮޅަށް އެފަދައިން މާޒީގައި ކުރިމަތިލީ އެންމެންވެސް އެމީހުންގެ ފަހުނޭވާ މި ދުނިޔެއަށް ދޫކޮށްލަންޖެހުނީ ޒަމާންތަކަކަށް ދިގުދެމިގެންދިޔަ ޙަމްދީގެ އަނިޔާތަކަށް ކެތްނުކުރެވިގެންނެވެ.
ޙަމްދީގޮސް ބިންމަތީގައި ވެއްޓިފައިއޮތް ސައްތާރު ކައިރިއަށް ގުދުވެލިއެވެ. އަދި ސައްތާރުގެ މޫނުމަތީގައި ޖެހުނު އެންމެ ބާރަކަށް ފައިން ޖަހާފައި ސައްތާރުގެ އަނގަމަތި ފަޅާލިއެވެ. "ކަލޭ ހީކުރީ ކަލޭ މަށާ ދެކޮޅަށް ނިކުމެގެން މަގޭ މައްޗަށް ކުރިހޯދޭނެ ކަމަށްތަ.. ކަލޭ ހާދަ ގަމާރޭ ދޯ.. ކަލޭގެ ވިސްނުމަށްވުރެ އަހަރެންގެ ވިސްނުން ދެގުނަ ފުރިހަމަވާނެ.. ކަލެއަށް ހީވިއަސް ކަލޭ މަށާ ދެކޮޅަށް ރާވާ އެއްވެސް ރޭވުމެއް މަށަކަށް ވަންހަނާއެއް ނުކުރެވޭނެ.. އަހަރެންގެ އައުވާނު ޖިންނިތައް އެއަށްވުރެ ކަންކަން ހޯދާބަލަން މާ ޤާބިލުވާނެ…" ޙަމްދީ ނުހަނު ރުޅިވެރިކަމާއެކު ސައްތާރުގެ ކަންފަތްބުޑުގައި ކިޔަމުން ދިޔައެވެ. އެހެންނަމަވެސް، ސައްތާރުގެ ހައްޓަކު ހެއެއްނެތެވެ. ޙަމްދީ ދެއްކި އެއްވެސް ވާހަކައެއް ސައްތާރަކަށް އަޑެއް ނީވެއެވެ.
ޙަމްދީގެ ހިއްސުތައް ދުވަހަކުވެސް އަބަދުވެސް އޭނައަށް ވަރަށް ވަފާތެރިއެވެ. މީހަކު އޭނާގެ ނުބައި ރޭވުންތައް ނެތިކޮށްލަން އުޅޭކަމުގެ އިހުސާސް އޭނައަށް ކުރެވެންފެށިތާ ދުވަސްކޮޅެއްވަނީ ވެފައެވެ. މީހުންގެ ބުއްދީގައި ފޮރުވި ވަންހަނާވެފައިވާ ކަންކަން ދެނެގަތުގެ ބާރު ޖިންނީންގެ އެހީގައި ޙަމްދީ ހޯދަމުންދާކަމަށް އޭނަ އަބަދުވެސް ދައުވާކުރެއެވެ. ސައްތާރު މާ ކުއްލިއަކަށް ހަމްދީއާއި މާ ގާތްގުޅުމެއް ބާއްވަންފެށި ހިސާބުންވެސް ހަމްދީއަށް ސައްތާރާއި މެދުގައި ޝައްކުކުރެވެން ފެށުނެވެ. ނަމަވެސް އޭނާ އިންތިޒާރުކުރަމުން ދިޔައީ އެ ޝައްކުގެ މައްޗަށް ޔަޤީންކަމެއް ލިބެންދެނެވެ. އެނާ ބޭނުންވީ ޔަޤީންކަން ސައްތާރުގެ ދުލުން ބޭރުވަމުންދިޔަ ބަސްތަކުންނާއި ހަށިގަނޑުން ތިލަކޮށްދެމުންދިޔަ މަންޒަރުތަކުން ޙަމްދީއަށް ލިއްބައިދިނެވެ. އެހެންކަމުން، ޙަމްދީގެ އަނިޔާވެރި ތޭރިތަކުގެ ފަހަތަށް އިތުރު ލަސްތަކެއްނުކޮށް ސައްތާރު ގެންނަން، ޙަމްދީގެ ނުބައިވެގެންވާ ނަފްސް އެއްވެސް ހުއްޓުމެއްނެތި އާދޭސްކުރަމުންދިޔައެވެ.
އެ އާދޭހުގެ އަޑުއަހަން އޭނާއަށް މަޖުބޫރުކުރުވީ އޭނާގެ ނުބައި ނިޔަތްތައް ހާސިލްކުރަން އޭނާ ފެންބޮވައިގަނެފައި ހުރިވަރުންނެވެ.
* * * *
ބަކުރު ހުރީ ކަންތައް ވެނިމިދިޔަގޮތުން އެކަމާ ބޯގޮވާފައެވެ. އެ ހިނދުކޮޅު އަލުން އަނބުރާ ހޯދޭނަމައޭ، އޭރަށް ކިހާ ރަނގަޅުވީސްހެއްޔޭ ހިތަށް އަރުވާލާފައި ބަކުރު ހިންދިރުވާލިއެވެ. "މިހުރިހާ ކަމެއް މިގޮތަށް ވާން މި މެދުވެރިވީ އަހަރެންގެ ނުބައި ނުލަފާ ކަމުން.. އަހަރެން ރާޝިދުގެ ފަޔަށް ދަމައިނުގަންނަމަ އޭނަ އަދިވެސް ދިރިހުރީސް ކަންނޭންގެ.. އޭނަ އަތުން އަހަރެމެން މަރުވެދިޔަނަމަވެސް މާ ރަނގަޅުވީސް ކަންނޭނގެ.. އޭރަކަށް ހަމަ ގައިމުވެސް ނުޖެހުނީސްތާ މި އުދާހުގައި ކަށްވަޅަށްދާންދެން އުޅޭކަށެއް.. އަހަރެންނަށް އަހަރެންގެ އަމިއްލަ ނަފުސަށް ދުވަހަކުވެސް މައާފެއް ނުކުރެވޭނެ.. އަހަރެން ރާޝިދުގެ މަރުގެ ޒިންމާ ނަގާނަން. އަހަރެން މިހުރީ އެ ޒިންމާ އަހަރެންގެ ބޮލުމަތީގައި އަޅުވަން ތައްޔާރަށް.. އެހެޔޮ އަހަރެންނަށް ކޮންމެ މީހަކު ކޮންމެފަދަ އަނިޔާއެއް ދިނަސް. އަހަރެން އެކަމަކަށް ކެއްކުރެވޭތޯ މަސައްކަތްކުރާނަން.." ބަކުރުގެ ބަސްތަކުން ނަފީސާގެ ހިތުގައިވެސް އިތުރު ޒަޙަމްތަކެއް އުފެދުނެވެ. ބަކުރު އެކަމުގެ ޒިންމާ އޭނަ ބޮލުގައި އަޅުވާކަށް ނަފީސާ ނޭދެއެވެ. ބަކުރު އޭނާގެ ލޮލުކުރިމަތިން ގެއްލިދިއުންވެސް ނަފީސާގެ ލަނގޮޑިއަށް ކެތްވާވަރު ކަމަކަށް ނުވާނެއެވެ. "ނޫން ބަކުރާ.. ކޮންކަހަލަ ވާހަކައެއް ތިޔަ ދައްކަނީ.. ތިޔަކަހަލަ ވާހަކަ ނުދައްކަބަލަ ހެޔޮނުވާނެ.." ނަފީސާ ބަކުރުގެ މޫނުމަތީގައި ފިރުމާލާފައި ބަކުރަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް ބަކުރު ހުރީ ނަފީސާ ދައްކަމުންދިޔަ ވާހަކަ އަޑުއެހޭ ކަހަލަ ހާލަތަކަށްވުރެ ނާޒުކު ފައްތަރެއްގައެވެ.
ބަކުރު ބޯހާސްވެގެން ގޭތެރޭގައި ވަށައިގެން ދުވަންފެށިއެވެ. އަދި ބާރުބާރަށް ފާރުގައި އަތުން ތަޅަމުންދިޔައެވެ. އެ މަންޒަރު ބަލަން ހުންނަން ނަފީސާގެ ދެލޮލަށް ކެތްވާވަރު ކަމަކަށް ނުވިއެވެ. ނަފީސާވެސް ހުރީ ބަކުރެކޭ އެއްވަރަށް ގޮތްހުސްވެފައެވެ. ނަމަވެސް އޭނާ ބެލީ އޭނާގެ ހިތުގެ އުދާސްތައް ބަންޑުންކުރުމުގެ ބަދަލުގައި ހާލަތު ބަދަލުކޮށް، ބަކުރު އެގެއިން އަވަހަށް ފޮނުވާލުމަށެވެ. އުސްމާނާއި ހަލީމަވެސް މިހާރު ވާނީ ގެއަށް އަންނަން މިސްރާބުޖަހާފައެވެ. އެދެމީހުންގެ މަންޒިލަށް ވާސިލްވުމުގެ ކުރިން ބަކުރު އެގެއިން ފޮނުވާލުމަކީ ނަފީސާގެ އެންމެ ބޮޑު މަސްއޫލިއްޔަތަށް ވަނީ ވެފައެވެ.
ނަފީސާ ދުވެފައިގޮސް މަރުވެފައި އޮތް ރާޝިދުގެ މެއަށް ވަދެފައި އޮތް ކަތިވަޅި ލުހެލިއެވެ. "ބަކުރާ… ބަކުރު އަހަރެންގެ ފުރާނަހުރި މަސްގަނޑު މީގެ ފަހުން ދެކެން ބޭނުންވަންޏާ ހަމަ މިހާރު މިތަނުން ނިކުމެގެން ދޭ.. އަވަސްކުރޭ.. ހަމަ މިހާރު މިތަނުން ނިކުމެގެން ދޭ… އެހެންނޫނީ އަހަރެން އަތުގައި މިއޮތް ކަތިވަޅިން އަހަރެން އަމިއްލައަށް ހަށިގަނޑު ޒަޙަމްކޮށްލާ އަމިއްލަ އަތުން މަރުވާނަން… ބަކުރު އެ މަންޒަރު ބަލަން ބޭނުންވޭތަ. ނުވެއެއްނު. އެހެންވީމަ އަވަހަށް ދޭ…" ނަފީސާ ކަތިވަޅި ހިފައިގެންހުރެ ބަކުރަށް ބިރުދައްކަމުން ދިޔައެވެ. ނަފީސާގެ އަމިއްލަ ނަފްސު އޭނާގެ އަމިއްލަ އަތުން މަރާލާނެ ކަމަށްބުނެ ބަކުރަށް އިންޒާރުދޭން ފެށުމުން ބަކުރު މަޑުމަޑުން ބޭރަށް ނިކުންނަން ފަހަތަށް ފިޔަވަޅު އަޅަމުންދިޔައެވެ. "ކީއްވެތަ އަދިވެސް ތިޔަ ހުންނަނީ.. އަހަރެން މިބުނީ އެންނު ހަމަ މިހާރު މިގެއިން ނިކުމެގެން ދާށޭ.. މިހާ ހިސާބަށް އައިއްސަވެސް ބަކުރު ބޭނުންވަނީ ކުރި ހުރިހާ މަސައްކަތެއް ފަނުފުލުންދާންތަ؟" ނަފީސާގެ އަޑު ފަހަރަކަށްވުރެ ފަހަރެއް ގަދަވަމުން ދިޔައެވެ.
ނަފީސާ އޭނާގެ އަމިއްލަ ނަފްސަށް އެއްވެސް ގެއްލުމެއްދޭކަށް ބަކުރު ބޭނުމެއްނުވެއެވެ. އެހެންކަމުން، ނަފީސާ ދިން އިންޒާރުތަކުން ބަކުރު އެވަގުތު އެގެއިން ނިކުމެގެންދާން މަޖުބޫރުކުރުވިއެވެ.
ބަކުރު ދުވެފައިގޮސް ގެއިން ބޭރަށް ނުކުތްތަން ފެނިފައި ނަފީސާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އަދި އޭނާ ހިފައިގެންހުރި ކަތިވަޅި ހިފައިގެންގޮސް މަރުވެފައިއޮތް ރާޝިދުގެ މަސްގަނޑު ކައިރީގައި އުޑަފައިން އިށީނެވެ.
* * * *
ފަރީދާ ފުޅިބައްތި ހިފައިގެން މެދުގޭތެރޭގައި ލާފައި އޮތް ދޮންވެލިގަނޑުން ދޮންވެލި މުށެއް ނަގައިގެން އިން މަންޒަރު ފެނުމުން، އެ ވެލިގަނޑަށް ފޭދިފައިވާ ރަތްކުލައާއި ބެހޭގޮތުން ފަރީދާ ސުވާލު އުފައްދާނެކަން ޖައުފަރަށް މާ ކުރިންވެސް އެނގެއެވެ. އެހެންކަމުން އޭނާ ހުރީ ފަރީދާ ކޮންމެ ސުވާލެއް ކުރިކަމުގައިވިޔަސް އެ ސުވާލަކަށް ޖަވާބުދޭން ތައްޔާރުގައެވެ.
"ހައުދަހައި ހައިރާންވެފައި ބައްޕައާއި ދިމާލަށް ތިޔަ ބަލަނީ… ބައްޕައަށް އެނގޭ ފަރީދާ ތިޔަ އިނީ ބައްޕަ ކައިރީގައި ސުވާލެއް ކުރަން ބޭނުންވެފައިކަން.." އަތުގައިހުރި ދުފާފޮށިން ފޯއްކިބައެއް ނަގާލަމުން ޖައުފަރު ބުންޏެވެ.
"މި ވެލިގަނޑު އެކަށް ރަތްވެފައި މިހުރީ ކީއްވެ؟" ފަރީދާ އޭނާގެ އަތުގައި އޮތް ވެލިމުށް ބިންމައްޗަށް ވަރާލަމުން ޖައުފަރު ގާތުގައި ސުވާލުކޮށްލިއެވެ.
"ދަރިފުޅު ތިޔަހީކުރާ ކަހަލަ ކަމެއް ނޫނޭ ތިޔައީ.. ވީ ގޮތަކީ.. މިރޭ މިގެއަށް ފާޑެއްގެ ބުޅަލެއް ވަންނަނީ.. ހަމަ ފައްސާލާހާ ވަނީ.. އިރުކޮޅެއްނުވެ ބަލައިލާއިރު އިންނަނީ އަނެއްކާ ގޭތެރެއަށް ވަދެ.. މަންމަ ބިރުން ހަޅޭއްފަޅޭޖަހާ.. އެ ވަންނަ ކޮންމެ ފަހަރަކު.. އެހެންވެ އެ ބުޅާ މަރާލަން މަޖުބޫރުވީ.." ދުފާ ރަތްކޮށްގެންހުރެ ޖައުފަރު ފަރީދާގެ ސުވާލަށް ޖަވާބުދީ ނިންމާލިއެވެ.
"އެކަމަކު ބައްޕާ… އެހާ ރަހުމުކުޑަކޮށް މަރާލާކަށް ނުވާނެ އެންނު.. މިތަނުގައި މިއޮތީ ކިހާ ލެޔެއް… މީގެންވެސް ދަލީލުކޮށްދެނީ އެ ބުޅާ މަރާލެވުނީ ވަރަށް އަނިޔާވެރި މަރަކުންކަން.. އެތަކެއްޗަކީވެސް ހަމަ މާތް ﷲ ހަލްޤުކުރައްވާފައިވާ މަޙްލޫޤުންނެންނު.. ދެން ފަހަރަކުން އެހެން ނުހަދައްޗޭ.. މަރާލަންޏާވެސް އެއްފަހަރުން.. ވޭން ނާޅާފަދަ ގޮތަކަށް ކަރުކަނޑާލީމަ ރަނގަޅުވާނެ ކަންނޭގެ.." އެ ބުޅަލާއިމެދު ފަރީދާގެ ހިތުގައި ޙަމްދަރުދީ އުފެދުނީ އަމަށަކު ވަރަކަށްނޫނެވެ. ބައްޕަ ކަންތައް އެކުރީ ބައްޕައަށް އެވަގުތު އެންމެ ރަނގަޅުކަމަށް ބެލެވުނު ގޮތަށެވެ.
ދަންވެފައި ހުރުމުން ޖައުފަރު ހުރީ ވަރަށް ނިދިއައިސްފައެވެ. އެހެންކަމުން މާގިނަ ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި، ފަރީދާ ގާތުގައި ގޭތެރެ ސާފުކުރުމަށް ބުނުމަށްފަހު ޖައުފަރު ގޮސް ވަނީ އެތެރިގެއަށެވެ.
ފަރީދާއަށް ގޭތެރެއިން ލޭފެނުމުން އޭނާގެ ހިތްނުތަނަވަސްވީއެވެ. ނަމަވެސް ކަންތައްވީ ފަރީދާގެ ހިތުތެރޭގައި ތަސްވީރުކުރެވެމުން ދިޔަފަދަ ނުބައި ގޮތަކަށް ނޫނެވެ. ޖައުފަރުގެ ޢަމަލުތައް ހުންނަ ގޮތުން ފަރީދާވެސް ވަނީ ޝައްކުބަލީގެ ޝިކާރައަކަށްވެފައެވެ. އަނދިރި މަގަކުން އެކަނި ހިނގާފައި ދިޔަޔަސް ފަހަތުން މީހަކު ފާރަލަމުން އަންނަހެން ހީވެއެވެ. މީހަކާއި އެކީގައި ބޭރަށް ދާނަމަ އެމީހެއްގެ ފަރާތުން ގެއްލުމެއް ފޯރަފާނެތީ އެކަމާ ޖެހިލުންވެއެވެ.
ފަރީދާ ތެދުވެފައި އޭނާގެ އަތުގައި އޮތް ފިޔޮއްސަށް ނަޒަރު ހިންގާލިއެވެ. ބައްޕަ މި ފިޔޮހި ހިފައިގެން އަހަރެން އަބަދު ހުންނަން މަޖުބޫރުކުރުވަނީ ކީއްވެގެންބާއެވެ. މީހެއްގެ ނުވަތަ ބައެއްގެ ފަރާތުން އަހަރެމެންނަށް ކޮންމެވެސް ކަހަލަ ނުރައްކަލެއް އޮތީމަބާއެވެ. ފަރީދާ ޖަވާބެއް ހޯދަން އެންމެ ބޭނުންވެފައިހުރި ސުވާލަށް އޭނާއަށް ދުވަހަކުސް ޖައުފަރުގެ ފަރާތުން ޖަވާބެއް ލިބޭނެހެނެއް ފަރީދާގެ ހިތެއް ނުބުނެއެވެ.
އެކަމާއި ވިސްނަން ހުރެފައި ފަރީދާ ގެއިން ބޭރަށް ނިކުމެ ހިނގައިގަތީ ގިފިއްޔާއި ދިމާލަށެވެ. އެއީ ގޭތެރެ ސާފުކުރުމަށް ބޭނުންވާ ތަކެތި އެގޭގައި ބަހައްޓާފައި ހުންނަނީ އެތަނުގައި ކަމަށްވާތީއެވެ.
* * * *
ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ނަޒަރު ހިންގަމުން، ދަލޭކަ ދެކޮޅު ދެކޮޅަށް ހިނގަމުން ދިޔައެވެ. ސިނކުޑީގައި ހަރުލާފައިވަނީ އެންމެ ޙިޔާލެކެވެ. ހިތުގައި އުފެދިފައިވަނީ އެންމެ ސުވާލެކެވެ. ސައްތާރު އަދިވެސް ގެއަށްނައިސް ކީއްކުރަނީބާއެވެ. ވީ ކޮންތަނަކު ކާކާއިއެކީބާއެވެ.
"ދަރިފުޅާ! މިހާރު ގަޑިން އެހެރަ މެންދަމުން އަލިވެ 2 ޖަހަނީ! އަދިވެސް ނިދަން އޮށޯންނާކަށް ނުވޭތަ." މެދުގޭގައި އެލުވާފައި ހުރި އުނދޯލި ހެއްލާލަ ހެއްލާލައިން އާދަނު އިނީ ދަލޭކަގެ ހަރަކާތްތަކަށް ސަމާލުވެއެވެ.
"ބައްޕާ! އަހަރެން އެބަ އަންނަން ޙަމްދީ އުޅޭތޯ އެގެއަށް ގޮސްލާފައި.." ދަލޭކަ ބުނި އެއްޗަކުން އާދަނު ފުންމާފައި އުންދޯލިން ތެދުވިއެވެ. "ޙަމްދީ އޭ! ޙަމްދީއާއި އެކީގަތަ ސައްތާރު މަހަށް ދިޔައީ. އަހަރެން މިހާރު އެތަކެއް ފަހަރު މަތިން ބުނެފިން ޙަމްދީއާއި އެކު ތަންތަނަށް ނުދާށޭ! އޭނަ އެއީ މީހުން ގުޅިގެން އުޅެން ހެޔޮވާވަރުގެ މީހެއް ނޫނެއްނު".
ޖަވާބުގައި ދަލޭކަ ބުންޏެވެ. "އާން ބައްޕާ. އަހަރެންވެސް ވިސްނާދޭން ވަރަށް މަސައްކަތް ކޮށްފިން. އެކަމަކުވެސް އަޑުއަހާ ގޮތެއް ނުހުރޭ. ކޮންމެ ފަހަރަކުވެސް ވިސްނާދިނީމަ ބުނޭ އާންއެކޭ. ދެނެއް ނުދާނަމޭ. އެކަމަކު އަމަލުތައް ހުންނަނީ މުޅިން އިދިކޮޅަށް. އަހަރެން އަބަދު އަބަދު މިކިޔަނީ، ޙަމްދީއާއި އެކީ މާގިނައިން އުޅެންޏާ، ޙަމްދީއޭ ކިޔައިގެން ރަށުތެރޭގައި ދައްކާ ވާހަކަތަކުގައި ސައްތާރުވެސް ބައިވެރިކުރަން ފަށާނޭ! ކަނބުރު ގެއަކަށް ވަނިއްޔާ އިޅިބުރާ ބީދައިން. އެކަހަލަ ވާހަކަތައް ސައްތާރޭ ކިޔައިގެން ދައްކަން ފަށައިފީޔާ އަހަރެމެން އެންމެން މުޅި ރަށަށް ފަލީޙަތްވެ ބަދުނާމުވާނީ. ސައްތާރުވެސް ވާނީ ބާކީ! އަހަރެމެންނާއި ގުޅިގެން އުޅޭނެ މީހަކުވެސް ނުވާނެ!
"އާން. ކަން އޮންނާނީ ތިޔަހެން. މިރަށުގައި ފިރިހެނުން ނެތީޔަކީ ނޫން ވީޔަ. ހުރޭ! ދެނެއް މީގެ ފަހުން ސައްތާރަކަށް ނުކެރޭނެ ޙަމްދީއާއި އެކީ އުޅޭކަށެއް. އަހަރެން އިތުރަށް ވިސްނައިދޭން މަސައްކަތް ކުރާނަން. އަހަރެން ހިތަށް އަރާ. އަހަރެން ބުނާ އެހެން ކަންކަމުގައި ސައްތާރުގެ ކުރިމަތީގައި އަހަރެންގެ ބަސް ވަރަށް ވިކޭ. މިކަމުގައި ނުވިކެނީ ކީއްވެކަމެއް ނޭންގޭ!
އާދަނު ބުނި ބުނުމުން ދަލޭކަގެ އަތްފައި ފިނިވާންފެށިއެވެ. އެއާއިއެކު، ބޭއިޙްތިޔާރުގައި ދަލޭކައަށް ބުނެވުނެވެ. "ބައްޕާ! އަނެއްކާ ސައްތާރަށް ޝައްކު ކުރަނީތަ. އަހަރެންނަށް އިތުބާރުކުރޭ. އަހަރެން ޔަގީންކަން ދެން. ސައްތާރު އެކަހަލަ ކަމެއް ނުކުރާނެ. އަހަރެންނަށް އެކަން ޔަގީންވާތީވެގެން މި ބުނީ."
ރައްދުގައި އާދަނު ބުންޏެވެ. "ނޫނޭ ދަރިފުޅާ. ބައްޕަ އެއް ގޮތަކަށްވެސް އެހެންނެއް ނޫން މިބުނީ. ދަރިފުޅަށް ފަހުމްވީގޮތް ނުބައީ!"
އެއަށްފަހުގައި ދަލޭކަ ހުއްޓުން އަރާފައި ހުއްޓެވެ. އޭނާގެ މޫނަށް ވެރިވެފައިވާ މާޔުސްކަމާއި ނުތަނަވަސްކަން އިތުރަށް ބޮޑުވަމުން ދިޔައެވެ. އާދަނާއި ދަލޭކަ، ދެމީހުން ދެމީހުންގެ މޫނަށް ބަލަން، ހުއްޓުން އަރާފައި ތިބުމަށްފަހު، ގެއިން ބޭރަށް ދާން އެންމެ އަވަހަށް ނިކުތީ ދަލޭކައެވެ. ދަލޭކަ ފަހަތުން އާދަނުވެސް ނިކުތެވެ. މުންޑު އަރުވާ ޖަހަމުން ބާރު ހިނގުމެއްގައި އާދަނު ދަލޭކަ ފަހަތުން ހިނގަމުން ދިޔައެވެ. ދަލޭކަ މުޅި ހަށިގަނޑު ދާހިތްލާ ފޯވެއްޖެއެވެ. މުޅި މޫނުމަތިވެސް ދިޔައީ ދާހިތްލާ ފޯވަމުންނެވެ. އަތްފައި ފިނިވެ މެއަށް ބާރު ކުރަމުން ދިޔައެވެ. ބާރު ހިނގުމެއްގައި ހިނގަމުން ދިޔައިރު ދަލޭކައަށް މައިނޭވާ ލެވެމުން ދިޔައެވެ. ރެއަކީ ކަޅުފޮއެ ރެއެކެވެ. ވަށައިގެން ވަނީ އަދިރި ކަމެވެ. މަގުމަތިން އެއްވެސް މީހެއްގެ ހިލަމެއް ނެއްތާ ދިރޭ ސޫފާ ސޫއްޕެއްގެ ނިޝާނެއްވެސް ފެންނާކަށް ނެތެވެ.
ރަށަކީ ވަރަށް ބޮޑު ރަށެކެވެ. ދަލޭކައާއި އާދަނު ގެއިން ނުކުއިތްތާ މިހާރު ވިއްސަކަށް މިނެޓު ވެއްޖެއެވެ. އަދިވެސް އެމީހުންގެ މަންޒިލް ކަމުގައިވާ ޙަމްދީގެ ގެއާ ހަމާލަށް އެމީހުން ފޯރާނީ އެންމެ މަދުވެގެން ވިއްސަކަށް މިނެޓު އިތުރަށް ހިނގައިގެންނެވެ.
މަޑުމަޑުން އުޑުމަތީގެ ކުލަވަރު ބަދަލުވާން ފަށައިފިއެވެ. ބަނަވިލާތަކުން އުޑުމަތި ވަށާލައިފިއެވެ. ގަސްތައް ވަޔާ ހެލެމުންދިޔަ އަޑު ގަދަވެ، މުޅި ޖައްވު ފިނިވާން ފަށައިފިއެވެ. މާލަސްތަކެއް ނުވެ، ބޯކޮން ވާރޭވެހެން ފަށައިފިއެވެ. ވެހެމުންދިޔަ ވާރެ ދިޔައީ ފަހަރަކަށް ވުރެ ފަހަރެއް ބޯކުރަމުންނެވެ. އުޑުމަތީގައިވާ ހުރިހާ ވާރޭ ވިލާތަކެއް އެއްފަހަރާ އެދިމާލަށް ޖަމާވެފައިވާ ފަދައެވެ.
ދަލޭކައާއި އާދަނު ވާރެޔާއި ތެމި ފޯވެއްޖެއެވެ. ޙަމްދީގެ ގޯއްޗާއި ހަމާލަށް ދެވުނުއިރު، ދަލޭކަހުރީ ތުރުތުރު އަޅައެވެ. ވެހެމުންދިޔަ ވާރޭފެނުން ހަށިގަނޑަށް ލިބެމުން ދިޔަ ފިންޏަށް ކެއްކުރަން ދަތިވެގެންނެވެ.
ޙަމްދީ އުޅެމުން ދިޔައީ އޭނަގެ މައިންބަފައިންގެ ގޭގައެވެ. އެހެންނަމަވެސް އޭނާގެ މައިންބަފައިންވަނީ ހަމްދީގެ ވަރަށް ހަގު އުމުރެއްގައި ނިޔާވެފައެވެ. އެއަށްފަހު، އެގޭގައި ދިރިއުޅެމުން ދިޔައީ ޙަމްދީ އެކަންޏެވެ. ޙަމްދީއަކީ އައިންބަކު، ދަރިއަކު ހުރި މީހެއް ނޫނެވެ. އޭނައާއި ބެހޭގޮތުން ރަށުތެރޭގައި ތުންތުން މަތިން ދެކެވެމުންދާ ވާހަކަތަކުގެ ސަބަބުން، ޙަމްދީއާއި ގުޅިގެން އުޅޭ މީހުން، ފަސްއިނގިލިން ގުނާލެވޭހާ މަދެވެ. ވުމާއެކު، އޭނާ އުޅެމުންދިޔަ ގެއާއި ގާތަށް ދާންވެސް މުޅި ރަށުގެ ކުދި ބޮޑު އެންމެން ފަސްޖެހެއެވެ.
ދަލޭކައާއި އާދަނުވެސް އެގޯތި ބޭރުގައި މަޑުކޮށްގެން ތިބީ އެ ސަބަބަށްޓަކައެވެ. އެހެންނަމެސް، ބިރު ކަނޑާލާފައި އެ ގޯތި ތެރެއަށް އެންމެ ފުރަތަމަ ފިޔަވަޅު އެޅީ ދަލޭކައެވެ. އެއާއެކު، އާދަނުވެސް ދަލޭކަ ފަހަތުން އެގޯތި ތެރެއަށް ވަދުނެވެ. ބާރު ހިނގުމެއްގައި ގޮސް ދަލޭކަ އެގޯތި ދޮރުގައި ޓަކި ޖެހިއެވެ. އަދި ޙަމްދީގެ ނަމުން ގޮވަމުން ދިޔައެވެ. އެހެންނަމަވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ.
ދަލޭކައާއި އާދަނު ބޭރުގައި ތިބިގެން ޙަމްދީއަށް ގޮވަމުންދިޔަކަން ޙަމްދީއަށް ހަމަ ރަނގަޅަށް އަޑުއިވޭނެއެވެ. އެދެމީހުން ސައްތާރު ނުފެނިގެން ސައްތާރު ހޯދަން އެގެއަށް އަންނާނެކަން ޙަމްދީއަށް މާކުރިންވެސް އެނގެއެވެ. އެހެންކަމުން އޭނާހުރީ އެކަމަށް އަމިއްލަ ނަފްސު ތައްޔާރުކޮށްލައިގެންނެވެ.
އަހަރެން ދޮރެއް ނުހުޅުވާނަމެވެ. އެދެމީހުން މިއަދު އަލިވިލެންދެން މިގޭދޮށުގައި ދޮރުގައި ތަޅާލައި ތަޅާލައި ތިއްބަސް ތިމަންނާ ހަމަހިލާ ދޮރެއް ނުހުޅުވާނަމެވެ. މި އަޒުމެއް ނުގުޑާނެއެވެ. ޙަމްދީ ހިތާހިތުން ބުނަމުން ދިޔައެވެ.
ދަލޭކަ އެހާވަރަށް ދޮރުގައި ތަޅަމުންދިޔަ އިރުވެސް ޙަމްދީގެ އެއްވެސް އިޝާރާތެއްނުވުމުން އާދަނަށް ޤަބޫލުކުރެވުނީ ޙަމްދީ އެވަގުތު ހަމަ ހަޤީޤަތުގައިވެސް ގޭގައި ނޫޅޭކަމަށެވެ. "ބައްޕައަށް ހީވަނީ އެދެމީހުން މިރޭ ހަމަ ހަޤީޤަތުގައިވެސް އެހެން ރަށެއްގައި މަޑުކުރީހެން. އެހެން ނޫންނަމަ ޙަމްދީވެސް މިވަގުތު ގޭގައި އުޅޭނެއްނު!" ހާސްވެ ކަންބޮޑުވެފައިވާ ދަލޭކަގެ މޫނަށް ބަލާލަމުން އާދަނު ބުންޏެވެ.
"އާން ބައްޕާ! ދެން ހިނގާ ދާން. މިއޮތް ވެހޭ ވާރޭގައި އަހަރެމެންނަށް މި ހިނގުނީ ބޭކާރު ހިނގުމެއް. މާދަމާ ފަތިސްވާންވާއިރަށް އެދެމީހުން ރަށަށް ނައިސްފިއްޔާ ވާނެ ކަތީބަށް އަންގަން." ދަލޭކަ ލަފާދިނެވެ. އެކަމަށް އިޖާބަދިނުމަށްފަހު، ދެމީހުން އަނބުރާ ގެއަށް ދިޔައެވެ. އެވަގުތުވެސް ވަރަށް ބޯކޮން ވާރޭ ވެހެމުން ދިޔައެވެ. އެހެންނަމަވެސް، ގެއާއި ހަމައަށް ފޯރިއިރު ވާރެ ތުނިކޮށްލައިފިއެވެ. ޖެހުމުންދިޔަ ވައިވެސް ވަނީ މަޑުވެފައެވެ.
* * * *
ނަފީސާ ރާޝިދު ކައިރީގައި އިށީންދެ އިނދެ އޭނާގެ އަމިއްލަ ނަފްސަށް އަނިޔާދެމުންދިޔައެވެ. ނަފީސާ އޭނާގެ ދިގުކޮށްފައިހުރި ނިޔަފަތިތަކުން އަމިއްލަ މޫނުމަތީގައި ވަކިއަޅަމުން ދިޔައީ ނުބައި ރޭވުމެއްގެ ތެރެއިންނެވެ. އެއީ ނަފީސާ އޭނާގެ އަމިއްލަ ނަފްސު ދުނިޔޭގެ ކުރިމަތީގައި ދިފާއުކުރުމަށް ބޭނުންކުރަން އެވަގުތު އޭނާގެ ސިކުންޑިއަށް ކުރެވުނު އެންމެ މޮޅު ބުއްދިއެވެ.
ނަފީސާ އޭނާގެ ހިތްފުރޭ ވަރަށް އަމިއްލަ އަތުން އޭނާގެ އަމިއްލަ ނަފްސަށް އަނިޔާ ދިނުމަށްފަހު ބަދިގެއަށްގޮސް އެތަނުގައި ބާއްވާފައި އޮތް ވަޅިއެއް ނަގައި އޭނާގެ ދިގުވެފައިވާ ނިޔަފަތިތަށް ކަނޑާލިއެވެ. އަދި އެ ވަޅި ކުރިންވެސް އޮތްތަނުގައި ބޭއްވުމަށްފަހު އަނެއްކާވެސް ގޮސް ރާޝިދު ކައިރީގައި އިށީނެވެ.
އުސްމާނު އައިސް ގޯތިތެރެއަށް ވަދުނުއިރު ބިންމަތީގައި ވަރަށް ގިނަ ފިޔަވަޅުތަކެއް ހުއްޓެވެ. ފެންޑާތެރޭގައި ލާފައިއޮތް އަކިރިގަނޑުގައިވެސް ހީވަނީ ބަޔަކު ލަބަރިތަޅާފައި އޮތްހެނެވެ. މީހަކު ވަރަށް ބާރަށް ދުވެފައިގޮސް ހުރިކަން އެތަނުގައި އުފެދިފައިހުރި ވަޅުގަނޑުތަކުން އިނގެއެވެ. އަނެއްކާ ކުދިބަޔަކުއައިސް މިތަނުގައި ކާއްބައެއްގަތީބާއެވެ. އުސްމާނު ހިތަށް އެރިއެވެ. ނަމަވެސް އޭނާ އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.
ހަލީމަ ގޭގައި އުޅޭކަމަށް ހިތައި ހަލީމައަށް ގޮވަމުން އުސްމާނު ގެއަށް ވަނެވެ. "ހަލީމާ.. އެ ނަފީސާ ގެއަށް އައިސްފިތަ…؟"
އުސްމާނު ގޭގެ އޮޅިގަނޑުން އެތެރެއަށް ގިރާކުރި ހިނދު އޭނައަށް ނަފީސާ ބިންމަތީގައި އިށީންދެއިން މަންޒަރު ފެނުނެވެ. ކައިރީގައި ރާޝިދުއޮތެވެ. ރާޝިދުގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ޒަޙަމްވެފައެވެ. ނަފީސާ އަތުގައި ކަތިވަޅިއެއް އޮތެވެ. ލިބުނު ސިހުމެއްގެ ބޮޑުކަމުން އުސްމާނުގެ މޭގަނޑު އަތަށް އައިފަދައެވެ. ފަރީދާ މިރޭ ދެއްކި ވާހަކައާއި މިކަމާއި އެއްވެސް ގުޅުމެއް ވޭބާއެވެ. އަހަރެންގެ ޙަޔާތަށް މިވަރުގެ ބޮޑު ޒަލްޒަލާއެއް އަންނަން އުޅޭކަމުގެ ހިލަމެއް ފަރީދާއަށް ވީބާއެވެ. މިއީ އަހަރެން ހޭލައި ހުއްޓައި އަހަރެންނަށް ފެންނަމުންދާ ހުވަފެނެއްބާއެވެ. ބިލާހެއްބާއެވެ. އަހަރެންގެ ލޮލުކުރިމަތީގައި ފެންނަމުން މިދަނީ އަހަރެން ދުވަހަކު ކޮޅުންވެސް ދުށުން އެދޭފަދަ މަންޒަރެއްނޫނެވެ.
އުސްމާނަށް ބޭއިޙްތިޔާރުގައި ހަޅޭއްލަވައިގަނެވުނެވެ. އަދި ﷲ އަކްބަރޭ ކިޔާފައި ނަފީސާއާއި ދިމާލަށް ދުއްވައިގަތެވެ. ނަފީސާ އިނީ ފާޑަކަށް ގަބުވެފައިކަމަށް ހެދިގެންނެވެ.
"ދަރިފުޅާ.. މިއީ ކޮންކަމެއް… ރާޝިދަށް އެއޮތީ ކިހިނެއްވެފަ؟؟ ދަރިފުޅު ރާޝިދު މަރާލީތަ؟ ކިހިނެތްތަ ވެފައި މިއޮތީ.." އުސްމާނަށް ލިބިފައިވާ ސިހުމެއްގެ ބޮޑުކަމުން އޭނާގެ ދުލުން ބަހެއް ބޭރުކުރެވުނީވެސް ވަރަށް ހާލުންނެވެ. އޭނާ ވާހަކަދައްކަމުންއިރު އަޑުވެސް ބޭރުވަމުންދިޔައީ ކިރިޔަކިރިޔާއެވެ.
އުސްމާނު ހުއްޓައިނުލައި ރޮއެރޮއެފައި ނަފީސާ ގާތުގައި ސުވާލުކުރަމުންދިޔައިރު ނަފީސާ މެނުވާ ކަމަށް ހަދާފައި އޭނާގެ މަކަރުވެރި ރޭވުން ކުރިއަށް ގެންދިޔައެވެ. ބަސްހުއްޓި ގަބުކައިފައި އިނދެފައި ނަފީސާ ކުއްލިއަކަށް ހޭނެތިގެން ކަމަށް ހެދިފައި ގައިން ވާގިދޫކޮށްލާފައި ވެއްޓިގަތެވެ.
އުސްމާނު ކުރަމުންދިޔަ އެއްވެސް ސުވާލަކަށް ނަފީސާ ޖަވާބެއް ނުދިނެވެ. އުސްމާނު ހީކުރީ ނަފީސާއަށް ލިބުނު ބިރުވެރިކަމެއްގެ ސަބަބުން އޭނާ ޙަބަރުހުސްވެގެން ވެއްޓުނީ ކަމަށެވެ. ނަފީސާ ހޭނެތުނީކަމަށް ހެދިގެން އުސްމާނަށް އޮޅުވާލީކަމެއް އުސްމާނަކަށް ކުޑަކޮންވެސް ނޭނގެއެވެ.
— ނުނިމޭ –