ދެވަނަ ބުރުގައި ވޯޓު ލުމަށް ރީ ރަޖިސްޓްރޭޝަނަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން 11 ހާހަށްވުރެ ގިނަ ފޯމު ސައްހަ ނޫންކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އެ ކޮމިޝަނުން މިހެން ބުނެފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެގޮތުން އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ 11284 ފޯމު ސައްހަ ނުވެ ރިޖެކްޓް ކުރެވިފައިވާކަމަށާއި، ރިޖެކްޓް ކުރަން ޖެހުނު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ އޮންލައިންކޮށް ފޯމު ހުށަހެޅި އިރު ލައިވް ފޮޓޯގެ މައްސަލައާއި އައިޑީ ކާޑުގެ އެއް ފަރާތް ހުށަހަޅާފައިވުމާއި މުއްދަތު ހަމަވެފައިވާ ލިޔެކިޔުން ހުށަހެޅުމާއި މިފަދަ ކަންކަމުގެ ސަބަބުން ކަމަށެވެ.
އިލެކްޝަނުން ހާމަކޮށްފައިވާގޮތުގައި ދެވަނަ ބުރުގައި ރީ ރަޖިސްޓަރ ކުރުމަށް 50047 ފޯމު ހުށަހަޅާފައިވެއެވެ. އޭގެތެރެއިން 11282 ރިޖެކްޓް ކުރުމުން 38763 ވަނީ ރީ ރަޖިސްޓަރ ކޮށްފައެވެ. އަދި މިހާރު ޝަކުވާއަށް ހުޅުވާލާފައިވާއިރު އެ މުއްދަތު މިރޭ 09:00 އަށް ހަމަވާއިރު ފަރުދީ ޒިންމާ އަދާކުރައްވާ ތިމާ ވޯޓުލާ ފޮށި ބަލާ ކަށަވަރު ކުރުމަށް އިލެކްޝަންސް އިން އެދިފައިވެއެވެ.
1414 އަށް ގުޅައިގެން ނުވަތަ VR ހުސްތަންކޮޅެއް ދޫކުރުމަށްފަހު އައިޑީކާޑު ނަންބަރު ޖެއްސެވުމަށްފަހު 1414 އަށް މެސެޖްކޮށްގެންވެސް މި މައުލޫމާތު ލިބޭނެ އީސީން ވިދާޅުވެއެވެެ.
ވޯޓުލުމުގެ ކަންކަން އަވަސްކަމާއެކު ކުރިއަށްގެންދިއުމަށް 500 އަށްވުރެ ގިނަ މީހުން ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ ފޮށިތަކުގައި 2 ސެޓަޕަށް ވޯޓުލުމުގެ ކަންކަން މިފަހަރު ކުރިއަށްދާނެކަމަށް ހަބީބް ވިދާޅުވިއެވެ. އެގޮތުން ވޯޓުލާ 99 މަރުކަޒެއް މިގޮތަށް ބަދަލުގެނެސްފައިވާކަމަށް ހަބީބް ވިދާޅުވިއެވެ.
ރީ-ރަޖިސްޓްރޭޝަނަށް ފަހު 2 ވަނަ ބުރުގައި ވޯޓުފޮށީގެ އަދަދަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. ފުރަތަމަ ބުރުގައި ބަހައްޓާފައިވަނީ 574 ވޯޓުފޮއްޓެކެވެ. ނަމަވެސް މިހާރު މިއަދަދު 586 އަށް ވަނީ އިތުރުވެފައެވެ. މިއީ 12 ފޮށީގެ އިތުރުވުމެކެވެ. އިތުރަށް ވޯޓުފޮށި ބަހައްޓަނީ މާލޭގައި 4 ފޮށި، ހުޅުމާލެ ފޭސް 1 ގައި 2 ފޮށި، ހުޅުމާލެ ފޭސް 2 ގައި 4 ފޮށި، ވިލިމާލޭގައި 1 ފޮށި އަދި އިންޑިއާގެ ޓްރިވެންޑްރަމްގައި 1 ފޮށްޓެވެ.
ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގައި ވޯޓުލާއިރު ކުދި ޖާގަތަކުގައި ހުރި 43 ފޮއްޓެއް ޖާގަ ތަނަވަސް އެހެން ތަންތަނަށް ބަދަލުކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގެ ވޯޓުލުން އޮންނަނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެއީ މިމަހުގެ 30 ވަނަ ދުވަހެވެ.