އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މެދުގައި މަޝްވަރާކޮށްފައި އޮތީ އަންނަ އޮކްޓޫބަރު މަހުގެ 29 ގައި ނިޒާމާ ގުޅޭ ވޯޓު ނަގަން ކަމަށާއި ބަޖެޓު ލިބުމާއެކު ވޯޓާ ގުޅުން ހުރި މަސައްކަތްތައް ފެށޭނެ ކަމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، އީސީން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ފުއާދު ވިދާޅުވީ އެ ވޯޓަށް ބޭނުންވާ ބަޖެޓު ލިބިއްޖެ ނަމަ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި ހޭލުންތެރި ކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފެށޭނެ ކަމަށެވެ.
"އިއްޔެގަވެސް އަޅުގަނޑުމެން މަސައްކަތް ކުރީ ނިޒާމީ ވޯޓެއް ނަގާ ކަމަށްވަންޏާ އެ ފޮލޯ ކުރަން ތަބާވާން ޖެހޭ ގާނޫނެއް ނެތީމަ ގަވާއިދެއް ހަދާ އެއާ ބެހޭ ގޮތުން މަޝްވަރާކުރުމުގައި،" ފުއާދު ވިދާޅުވިއެވެ.
ފުއާދު އިތުރަށް ވިދާޅުވީ މަޖިލީހުން ނުވަތަ ރައީސް އަންގަވައިފިއްޔާ ޤާނޫނުގައިވާ ގޮތުގެ މަތިން ނިޒާމީ ވޯޓު ނަގާނެ ކަމަށާއި، އެހެންނަމަވެސް މިކަމަށް އެކަށީގެންވާ ވަގުތު އެބައޮތްތޯ ވިދާޅުވެ ސުވާލު އުފައްދަމުންދާކަމަށް ފުއާދު ވިދާޅުވިއެވެ.
ނިޒާމީ ވޯޓު މި މުއްދަތުގައި ނަގަން މަސައްކަތް ކުރި ނަމަވެސް، އީސީން މަޖިލީހުގައި އެދިފައިވާ މައުލޫމާތާއި ވޯޓުލާ މީހުން ރެޖިސްޓް އެކުލަވާލުމަށާއި ހޭލުންތެރި ކުރުވުމަށް އެކަށީގެންވާ މުއްދަތެއް ލިބެން ޖެހޭ ކަމަށް އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވިއެވެ.
"ބަޖެޓު ނުލިބިއްޖެއްޔާ އަޅުގަނޑުމެންނަކަށް މިކަމެއް ނުކުރެވޭނެ،"
ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ، މަޖިލީހުން ސާފުކޮށްދޭން އެދިފައިވާ ކަންތައްތަކުގެ ތެރޭގައި ނިޒާމީ ވޯޓެއް ނަގާއިރު، ވޯޓުން އަހާ ސުވާލަކީ ކޮބައިކަން އަންގައިދޭން އެދިފައިވާ ކަމަށެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަޖިލީހަށް ގަރާރު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. މިދިޔަ ބުދަ ދުވަހު އެ ގަރާރު ފާސްކުރީ މަޖިލީހުގެ 35 މެމްބަރުންގެ ތާއިދާއެކުގައެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ވަކާލާތު ކުރައްވަނީ، އެމްޑީޕީއިން ވަކިވެވަޑައިގެންފައިވާ ދަ ޑިމޮކްރެޓްސްގެ ބާނީ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.