މަދު ފައިސާކޮޅަކަށް، މިނިވަންކަން ވިއްކާލާ "ޗީޕް" ބަޔަކަށް ވެގެން ނުވާނެ: މުޢިއްޒު

މިއަދު ލިބޭ މަދު ފައިސާކޮޅަކަށް، ލިބޭ ޕްރޮޖެކްޓަކަށް ލިބޭ މަޤާމަކަށް އަޅުގަނޑުމެންގެ މިނިވަންކަން ވިއްކާލާ ފަދަ "ޗީޕް" ބަޔަކަށް އަޅުގަނޑުމެން ވެގެން ނުވާނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ގިރާވަރު ކޮމިއުނިޓީ އާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިއަދު ލިބޭ މަދު ފައިސާކޮޅަކަށް ލިބޭ ޕްރޮޖެކްޓަކަށް ލިބޭ މަޤާމަކަށް އަޅުގަނޑުމެންގެ މިނިވަންކަން ވިއްކާލާ ފަދަ "ޗީޕް" ބަޔަކަށް އަޅުގަނޑުމެން ވެގެން ނުވާނެ ކަމަށެވެ.

"މިއަދު ލިބޭ މަދު ފައިސާކޮޅަކަށް ލިބޭ ޕްރޮޖެކްޓަކަށް ލިބޭ މަޤާމަކަށް އަޅުގަނޑުމެންގެ މިނިވަންކަން ވިއްކާލާ ފަދަ "ޗީޕް" ބަޔަކަށް އަޅުގަނޑުމެން ވެގެން ނުވާނެ."

މުޢިއްޒު ވިދާޅުވިއެވެ.

ޤައުމީ ދިފާޢީބާރުން ވިދާޅުވިއަސް އުތުރުތިލަފަޅަކީ މިހާރު ސިފައިންގެ ބާރު ހިނގާ ތަނެއްނޫން ކަމަށާއި، ސިފައިންނަށް ވެސް އެތަނަށް ދެވެނީ ބަޔެއްގެ ހުއްދަ ހޯދައިގެން ކަމަށެވެ.

"އަޅުގަނޑުމެންގެ ލޯ މަރާލެވިގެން ނުވާނެ ކަންކަން އަޅުގަނޑުމެންގެ ކުރިމަތީގައި އެބަ ހިނގާ. އަޅުގަނޑުމެންގެ މިނިވަންކަން ބީވެގެންދާ ދޫކޮށްލެވިގެންނުވާނެ. މިއަދު އަޅުގަނޑުމެންނަށް އެ މަންޒަރު އެބަފެނޭ."

މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ، ދިވެހިންނަށް މިހާ އަމާންކޮށް ސުލްޙަވެރިކޮށް މިތިބެވެނީ އެތައް ސަތޭކަ އަހަރެއްކުރިން ދިވެހީންގެ ރާއްޖެ ދިވެހީންގެ އަތުން ގެއްލިގެންދިޔަ ކޮންމެ ފަހަރަކު ދިވެހި ޤައުމީ އަބްޠާލުން ދިވެހީންގެ ރާއްޖެ ދިވެހިންނަށް ހޯދައިދެއްވިކަމުންނެވެ.

ވޯޓުލުމަށް މިލިބޭ ފުރުޞަތަކީ އަޅުގަނޑުމެންގެ މުސްތަގްބަލް ބައްޓަންކުރުމަށް ލިބޭ ފުރުޞަތެއް ކަމަށް އިޝާރަތްކުރައްވަމުން، އެއީ ދަރިންނާއި ދަރިންގެ މުސްތަޤްބަލާއި ގުޅިފައިވާ ކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައިވަނީ ވަރަށް ބަނަކޮށް."

މުޢިއްޒު ވިދާޅުވިއެވެ.

ޤައުމަށް އޮތް ލޯބި ވޯޓުން ދައްކައިފިނަމަ 1 އޮކްޓޯބަރުގައި އަލިވިލޭނީ މިނިވަން ޖައްވަކަށް ދިވެހީންގެ ރާއްޖެ އަށް ކުރާ ދަތުރު ފަށާ ފަތިހަކަށް ކަމަށް ވިދާޅުވެ، ފުރުޞަތު ދެއްވައިފިނަމަ މި ޤައުމުގެ މިނިވަންކަން އަޅުގަނޑު ޔަގީންކޮށްދެއްވާނެ ކަމަށް މުޢިއްޒު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މި ތިބީ ސީރިއަސްކަމާއި އެކު ޤައުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް. އަޅުގަނޑާއި އެކު ތިއްބެވީ ތަޢުލީމީ ޤާބިލް ބޭފުޅުން."

މުޢިއްޒު ވިދާޅުވިއެވެ.

މިހާރު އެއަޅާ ބްރިޖަކީ އެދާގޮތަށް ދާން ދޫކޮށްލާނެ ބްރިޖެއް ނޫން ކަމަށާއި، އެ ބްރިޖުގެ އެއްބަސްވުން ބަލައި ހުރި މައްސަލައެއް ޙައްލުކޮށްގެން އެ ބްރިޖުވެސް ނިންމައިދެއްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"ގުޅީ ފަޅުގައި ބަނދަރަކަށް ބޭނުންވާ ޖާގައެއް ބާއްވާފައި އެއްކޮށް ހިއްކާ ގިރާވަރު ފަޅާއި ފުށިދިއްގަރު ފަޅު އެއްކޮށް ހިއްކައިގެން ފުރަތަމަ އަހަރުގައި މާލޭގެ ރައްވެހީންނާއި މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ހަމަޖައްސާނަން."

މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ، ގިރާވަރު ރައްޔިތުންނަކީ މިހާތަނަށް ބާކީ ކުރެވި އެކަހެރި ކުރެވިފައިވާ ބަޔަކަށް ވާތީ އެ ބޭފުޅުންނަށް ޙައްޤު ހޯދައިދެއްވާނެ ކަމަށާއި، ދިވެހި އެންމެހާ ރައްޔިތުންނަށް ލިބޭ ހަމަހަމަ ޙައްޤުތައް އެ ރައްޔިތުންނަށް ވެސް ހޯދައިދެއްވާނެ ކަމަށާއި، އުފަންވާ ރަށަކުން، ތަނަކުން ނުވަތަ ނިސްބަތްވާ ސިޔާސީ ޕާޓީއެއްގެ ސަބަބުން ޚިދުމަތް ދިނުމުގައި އެއްވެސް ތަފާތެއް ނުކުރައްވާނެ ކަމަށެވެ. އަދި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ގޮދޮރުވެރިކަން ޔަގީންކުރުމަށް ހުށައަޅާ ސިޔާސަތުގެ ތެރެއިން އެކަން ކަށަވަރުކޮށްދެއްވާނެ ކަމުގައި ޔަޤީންކަން ގިރާވަރުގެ ރައްޔިތުންނަށް މުޢިއްޒު ދެއްވިއެވެ.

އިގްތިޞާދު ނަގައިކޮޅަށްޖަހައިގެން އާމްދަނީ ހޯދައިދިނުމާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ހުށައަޅާ ސިޔާސަތުގެ ތެރެއިން ގިރާވަރުގެ ރައްޔިތުންނަށް އެކަން ވެސް ޔަގީންކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު