ރައީސް ޞާލިޙްގެ ވަޢުދު: އުތުރުތިލަފަޅުން ވެސް ގޯއްޗާއި ފްލެޓު ދޭނަން

މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ބޯ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުވާލާ ސްކީމުގެ ދަށުން ބިން ދޫކުރާ ސަރަހައްދުތަކުގެ ތެރޭގައި އުތުރު ތިލަފަޅު ވެސް ހިމެނޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުން ރޭ ސޯސަން ޖަގަހައިގައި ބޭއްވި ޖަގަހަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިޙް ވަނީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ބޯހިޔާވަހިކަން ދޭން ނިންމާފައިވާ ސަރަހައްދުތަކުގެ ތެރޭގައި އުތުރު ތިލަފަޅު ހިމެނޭކަމަށް ވިދާޅުވެ އެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

"ދެން އޮތީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ބޯހިޔާވހަިކަން ދިނުމަށްޓަކާ ބިން މިލްކު ކުރުމަށް ހުޅުވާލެވޭ ސްކީމް. އިރާދަ ކުރެއްވިއްޔާ މިރޭ، ކުޑަ އިރުކޮޅެއް ފަހުން އެ ސްކީމު ހުޅުވިގެން ދާނެ،"

ރައީސް ޞާލިޙް ވިދާޅުވިއެވެ.

އެ ސްކީމުގައި މާލޭގައި ދިރިއުޅޭތާ 20 އަހަރު ވެފައިވާ މީހުންނާއި ދަފްތަރުގައި ރެޖިސްޓްރީވެ، 20 އަހަރުވެފައިވާ މީހުންނަށް ތަފާތު ކުރުމެއް ނެތި ބައިވެރިވެވޭނެ ކަމުގެ ވަޢުދު ރޭވެސް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

"އެކަމަށް އަޅުގަނޑުމެން ނިންމާފައި އޮތް އެއް ފަޅަކީ އެ ވިދާޅުވާ އުތުރު ތިލަފަޅު. އެތަނުގައި ދިވެހިން ދިރިއުޅޭނީ. ބޭރު މީހުންނެއް ނޫން ދިރިއުޅޭނީކީ. މާލޭން  ވިލިމާލެއަށް، ގުޅީފަޅަށް، ގުޅީ ފަޅުން ތިލަފުއްޓަށް. ތިލަފުށިން ގިރާވަރުފަޅަށް. ގިރާވަރު ފަޅުން އުތުރު ތިލަފަޅަށް ބުރިޖުން އެތަން ގުޅިގެންދާނެ،"

ރައީސް ޞާލިޙް ވިދާޅުވިއެވެ.

މާލެ ސަރަހައްދުން ދޫކުރާ އިތުރު ގޯއްޗާއި ފްލެޓަށް މިއަދު އިއުލާނު ކުރާނެ ކަމަށާއި، އޭގެ ތެރޭގައި4،000އަށް ވުުރެ ގިނަ ގޯއްޗާއި 6،000 ފްލެޓު ހިމެނޭ ކަމަށް އެ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީން އިއްޔެ ވިދާޅުވެފައިވެއެވެ. އޭނާ މިހެން ވިދާޅުވިއިރު، މާލޭގައި ދިރިއުޅޭތާ 20 އަހަރު ވެފައިވާ އެހެން ރަށްރަށުގެ މީހުންނަށާއި މާލޭގެ ދަފްތަރުގައި ޖެހިފައިވާ މީހުންނަށް ގޯއްޗާއި ފްލެޓް ދޭ ސްކީމު ފަށައި ފޯމު ހުށަހެޅުމުގެ ފުރުސަތު މި ރިޔާސީ ދައުރުގައި ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީން މިދިޔަ ހަފްތާގައި ވިދާޅުވެފައިވެއެވެ. ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕޭނަށް ގަލޮޅުގައި މިދިޔަ ހަފްތާގައި، ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވަނީ، ދަފްތަރުގައި ޖެހިފައިވާ 20 އަހަރަށް ވުރެ ގިނަ ދުވަސްވީ މީހުންނާއި އަދި މާލޭގައި 20 އަހަރަށް ވުރެ ގިނަ ދުވަހު އުޅޭކަން ކަށަވަރުކޮށްދޭ ހުރިހާ އެންމެންނަށް ގޯއްޗާއި ފްލެޓު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެ ސްކީމްގެ ދަށުން ފްލެޓާއި ގޯތި ދޫކުރާނީ އިތުރު ފަޅުތަކެއް ހިއްކައިގެން ކަމެއް ނުވަތަ މި ސަރުކާރުން މިހާރު ހިއްކަމުން އަންނަ ބިންތަކުން ކަމެއް ހާމަކުރައްވާފައެއް ނުވެއެވެ.

މިގޮތަށް ވިދާޅުވެފައިވާއިރު، މާލެއަށް އުފަން މީހުންނަށް ގޯތި ދިނުމަށް މި ސަރުކާރުން ހިންގާ 'ބިންވެރިޔާ' ސްކީމުގެ ދަޅުން ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރު ފަޅުން ގޯތި ދިނުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ. މި ސްކީމްގެ ދަށުން 6،500 އަށް ވުރެ ގިނަ ގޯތި ދިނުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.

އުތުރު ތިލަފަޅަކީ ސިފައިންގެ މަސައްކަތަށް ހާއްސަކޮށްފައިވާ، އެތަން ތަރައްގީ ކުރަން އިންޑިއާ ކުންފުންޏަކާ ހަވާލުކޮށްފައިވާ ތަނެކެވެ. އެތަނުގައި އިންޑިއާ ސިފައިން ގާއިމްވެ ތިބޭނެ ކަމަށް އިދިކޮޅުން ތުހުމަތު ކުރަމުންދާއިރު، ރައީސް ޞާލިޙް ވިދާޅުވަނީ، މިއީ އުފާވެރި އަމާން ރާއްޖެ އެއް ހޯދައި ދިނުމަށް ކުރާ މަސައްކަތް ކަމަށާއި، ހަމަހަމަ ކަން މަތީ ކޮންމެ ރައްޔިތަކަށް ލިބެންޖެހޭ ފުރުސަތުތައް ހޯދައިދެއްވާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ