އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާޢީދު ކުރެއްވުމުގެ ވިސްނުމެއް ނެތްކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ދަ ޑިމޮކްރެޓްސްގެ ބާނީ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ނަޝީދު ވިދާޅުވީ ވެސް ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާޢީދު ކުރެއްވުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
ދެ ވަނަ ބުރުގައި އޮތީ ދެ ނަން ކަން ފާހަގަ ކުރައްވައި އޭގެ ތެރެއިން އެއްވެސް ބޭފުޅަކަށް ތާއީދު ކުރައްވަފާނަންތޯ ނޫސްވެރިން ސުވާލު ކުރެއްވުމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ތާއީދު ކުރެއްވީ އިލްޔާސަށް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ތާއީދު ކުރައްވާނީ އިލްޔާސަށް ކަމަށެވެ.
"އެހެންވީމަ، އެ ޕާޓީން ނިންމާފައިވާ ގޮތަށް މީހަކަށް ތާއީދު ކުރަން ގަސްދެއް ނުކުރަން،"
ނަޝީދު ވިދާޅުވިއެވެ.
ދޑ ޑިމޮކްރެޓްސްއިން ވަކި ގޮތެއް ނިންމާފައިވާތީ، މި ރިޔާސީ އިންތިހާބުގައި އިލްޔާސް ފިޔަވައި އިތުރު ބޭފުޅަކަށް ތާއީދު ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޕާޓީ ވަނީ ގޮތެއް ނިންމާފައި. އަޅުގަނޑު ތާއީދު ކުރީ އިލްޔާސް ލަބީބަށް. އަދިވެސް އަޅުގަނޑު ތާއީދު ކުރަނީ އިލްޔާސް ލަބީބަށް. ދެވަނަ ބުރުގައި އިލްޔާސް ލަބީބްގެ ނަން ކޮންމެވެސް ސަބަބަކާ ހުރެ އޮތް ނަމަ އަނެއްކާ ވެސް އަޅުގަނޑު އިލްޔާސް ލަބީބަށް ވޯޓު ދޭނަން،"
ނަޝީދު ވިދާޅުވިއެވެ.
ޤާނޫނު އަސާސީގެ 111 މާއްދާއިން އެމަނިކުފާނު ދައްކަވާ ވާހަކަ ސާފުވާނެ ކަމަށް ވިދާޅުވަމުން، ޤާނޫނީ ހުއްޖަތެއް ނެތް ވާހަކައެއް ނުދަންނަވާނެ ކަމަށާއި އެމަނިކުފާނު ތާޢީދުކުރައްވާނީ އިލްޔާސް ލަބީބަށް ކަމަށާއި، އަދި އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެމްޑީޕީއަށްވެސް ރާއްޖެއަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެމަނިކުފާނު މި ކަމުގައި ހިފަހައްޓައިގެން ގޮތުގައި ހުންނެވުމަށްކަމަށް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވީނަމަވެސް، ޤާނޫނުއަސާސީގެ 11 ވަނަ މާއްދާގެ (ށ) ގައި ބުނަނީ ދެ ވަނަ ބުރުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެއް ކެންޑިޑޭޓަކު އެއްވެސް ސަބަބަކާ ހުރެ އިންތިހާބުން ވަކިވެވަޑައިގެންފި ނަމަ، އިންތިހާބުގެ ފުރަތަމަ ބުރުގައި ތިން ވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ކެންޑިޑޭޓަށް ދެ ވަނަ ބުރުގައި ވާދަކުރެއްވޭނެ ކަމަށެވެ.