އެމްއާރްއެމްގެ އެކްސްކޯރ މެންބަރުން މިއަދު މުޢިއްޒުއަށް ތާޢީދުކުރެއްވުން

ކަނޑުއަޑިން ދީފައިހުރި ގޯތިތައް ޙަޤީޤަތަކަށް ހަދައިދޭނީ އަޅުގަނޑުމެން: މުޢިއްޒު

ރާއްޖޭގެ ރަށްރަށުގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަން ފާހަގަކުރައްވަމުން، ކަނޑުއަޑިންނާއި އެކި ގޮތްގޮތުން ދީފައިހުރި ގޯތިތައް ޙަޤީގަތަކަށް ހައްދަވައިދެއްވާނެ ކަމުގައި .ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ގަލޮޅު ކަންމަތީ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށާއި، ކަނޑުއަޑިންނާއި އެކި ގޮތްގޮތުން ދީފައިހުރި ގޯތިތައް ޙަޤީގަތަކަށް ހައްދަވައިދެއްވާނެ ކަމުގައެވެ.

"ކަނޑުއަޑިންނާއި އެކި ގޮތްގޮތުން ދީފައިހުރި ގޯތިތައް ޙަޤީގަތަކަށް ހަދައިދޭނީ އަޅުގަނޑުމެން."

މުޢިއްޒު ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑު ވިއްކާލައި، އެކި ސަރަޙައްދުތައް ވާނުވާ ނޭނގޭގޮތަށް ދީ،  ވާނުވާ ނޭނގޭގޮތަށް އިންތިހާއަށް ދަރަނިތައް ނަގައި ނިންމައިފިކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"ކަނޑު ވިއްކާލައިފި. އެކި ސަރަޙައްދުތައް ވާނުވާ ނޭނގޭގޮތަށް ދީފި. ދަރަނިތައް އިންތިހާއަށް ވާނުވާ ނޭނގޭގޮތަށް ނަގައި ނިންމައިފި."

މުއިއްޒު ވިދާޅުވިއެވެ.

ރައްޔިތުންގެ ބޮލުގައި 114 ބިލިއަން ރުފިޔާގެ ދަރަނި އަޅުވާފައި އޮތްއިރު އޭގެ 50 އިންސައްތައަކީ އަވައްޓެރި ޤައުމަކުން ނެގި ދަރަނި ކަމަށް ފާހަގަކުރައްވަމުން، އޭގެ ތަފްޞީލު ހާމަކޮށްދޭން ބުނީމާ އެކަން ހާމަކޮށްފިނަމަ ޤައުމީ ސަލާމަތަށް ނުރައްކާވެއޭ ބުނަމުންދާކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވެރިކަމެއްގައި ޖުޑިޝަރީ ވާނީ ޙަޤީޤީ މާނާގައި މިނިވަން ޖުޑިޝަރީއަކަށް. ޝަރީޢަތުގެ ތެރެއަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނުފޯރުވާނަން. އަދި ފޯރުވުމުގެ ފުރުޞަތެއްވެސް ނުދޭނަން. އަދި އެފަދައިން ޢަމަލުކޮށްފިކަން އެނގޭ މީހުން ވަޒީފާއިން ވަކިކުރާނަން. އޭރުން ރައީސް ޔާމީނުވެސް މިނިވަންވެ ވަޑައިގަންނަވާނެ. އަދި ރައީސް ނަޝީދަށްވެސް އިންސާފު ލިބިވަޑައިގަންނަވާނެ."

މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ، ބޮޑެއް ކުޑައެއް ބެލުމެއްނެތި، މޮޅުމީހެއް ދެރަމީހެއް ބެލުމެއްނެތި، ޢަދުލުވެރިކަމާއިއެކު އިންސާފު ލިބިގެންދާނެ ކަމަށާއި، އިންޞާފު ޤާއިމް ކޮށްދެއްވުމަށް ތިއްބެވި ފަނޑިޔާރުންނަށް މިނިވަން މާޙައުލެއް ހޯދައިދެއްވާނެ ކަމަށެވެ.

މުޢިއްޒު އިތުރަށް ވިދާޅުވީ، މުސްތަޤިއްލު މުއައްސަސާތަކަކީ ހަމައެކަނި ޤާނޫނުން މިނިވަން ޖަހާލައިފައި އޮތް އޮތުމުގެ ބަދަލުގައި ޢަމަލީ ގޮތުން މިނިވަން މުސްތަޤިއްލު ތަންތަނަށް ހަައްދަވާނެ ކަމަށާއި، އެތަންތަނަށް ނަންފޮނުވާ މީހުންނަކީ ކަމަށް ޤާބިލް މީހުން ކަމުގައި ވާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި ރައްޔިތުންނަށް މަޢުލޫމާތު ހޯދާކަށް ދައްޗެއް ނުވާނެ. ދެފުށް ފެންނާނެ. އާދެ، ދެފުން ނުފެންނަގޮތަށް މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު އަޅުގަނޑު ނުބަހައްޓާނަން."

މުޢިއްޒު ވިދާޅުވިއެވެ.

ޤައުމުގައި މިއޮތް ޅަފަތުގެ ޑިމޮކްރަސީ ފައްކާ ކުރެވޭނީ ޗެކް އެންޑެ ބެލެންސް އަދި ދެފުށް ފެންނަ ނިޒާމެއް ޤާއިމް ކޮށްގެން ކަމަށް ވިދާޅުވެ، މިޤައުމަށް ހެވެއް ނޭދި އަންނަ ކޮންމެ މީހަކީ އަމިއްލައެދުމުގައި ވެރިކަމަށް އަންނަ މީހެއް ކަމަށާއި، ވެރިކަމަށް މި އަންނަނީ ޤައުމަށްޓަކައި މިނިވަންކަން ދިފާޢުކުރުމަށްޓަކައި ކަމުގައި މުޢިއްޒު ވިދާޅުވިއެވެ.

ޒުވާނުންނަކީ ފުއްދުންތެރި އަބުރުވެރި ފަޚުރުވެރި ދިރިއުޅުމެއް އުޅޭ ބަޔަކަށް ވެގެން ދާން ބޭނުންފުޅުވާ ކަމަށާއި،  ކަނބަލުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެތިބި، އަމިއްލަ މަސައްކަތައިގެން ކުރިޔަށްދާ އަދި އެކަނބަލުން ބޭނުން ދާއިރާއަކުން ބޭނުންވާ ހިސާބަކަށް ކުރިޔަށްދާނެ ބަޔަކަށް ވާން ބޭނުންފުޅުވާ ކަމަށާއި، އަދި  އިސް ރައްވެހިންނަކީ އެބޭފުޅުން މިޤައުމަށް ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަން ކުރެވޭބަޔަކަށް ވެގެން ދާނެ ކަމަށާާއި، ތުއްތު ކުދިންނަކީ ބޮޑެތި މީހުންނަށް އިޙްތިރާމް ކުރާ ބަޔަކަށް ވެގެންދާނެ ކަމުގައި މުޢިއްޒު ވިދާޅުވިއެވެ.

"މާލޭގެ ހުރިހާ ރައްޔިތުންނަށް އަދި މާލޭގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް އޮންނަ އުޞޫލުން ބޯހިޔާވަހިކަން ފޯރުކޮށްދޭނަން."

މުޢިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، އެމަނިކުފާނަށް ދެއްވާ ތަރުޙީބަށް ފައްފަށުން ޝުކުރު ދަންނަވާ ކަމަށާއި، އަދި ހުރިހާ ބޭފުޅުން ދެވަނަ ބުރުގައި ވަރަށް ފޯރިއާއިއެކު ނުކުންނަވާ އިތުރަށް ވޯޓު ހޯއްދަވައިގެން މިކަން ކާމިޔާބުކުރައްވަން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުވުމުގައިވަނީ، އެމްއާރްއެމްގެ އެކްސްކޯރގެ ގިނަ މެންބަރުންގެ ތާޢީދު، ޑރ. މުޢިއްޒުއަށް އޮތްކަން ހާމަކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ބަލަދިނީމެއްނުން5އަހަރުކުރިން ފުށިދިއްގަރުފަޅުން ލިޔުނއބައޮތ 1 ހާސ އަކަފޫޓުގ ގޯއްޗެއ އަދިވެސ ކަނޑުެަޑީގަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު