16 ފެބުރުވަރީ 2025

ޤައުމީ ޒުވާނުން މަޢުލޫމާތު ފޯރުކޮށްދޭން މަސައްކަތެއް ކޮށްގެން ކުށްވެރިވީތޯ؟، އިރުތިޝާމްގެ ސުވާލެއް

އުތުރުތިލަފަޅުގެ ކަންކަން ބެލުމަށް އެ ސަރަޙައްދަށް ދިޔަ ނޫސްވެރިންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެމްއެންޑީއެފުން ހާމަކުރައްވާފައިވާތީ، ޤައުމީ ޒުވާނުން މަޢުލޫމާތު ފޯރުކޮށްދޭން މަސައްކަތެއް ކޮށްގެން ކުށްވެރިވީތޯ ވިދާޅުވެ، ކުރީގެ ޔޫތު މިނިސްޓަރ ޑރ. އިރުތިޝާމް އާދަމްގެ ސުވާލެއް ސަރުކާރަށް އަމާޒުކުރައްވައި، ނުރުހުން ފާޅުކުރައްވައިފިއެވެ.

އެކަމަނާ ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ދިފާޢީ އަދި އަސްކަރީ ބާރުތަކަކީ ދިވެހި ރައްޔިތުންގެ ހިމާޔަތުގައި ތިބޭ ބައެއްކަމަށާއި، މި ސަރުކާރުން އެއްކޮޅުން ޒުވާނުން ބާރުވެރި ކުރައްވާނެ ކަމަށާއި މީޑިޔާގެ ފްރީޑޮމްއަށް މަގުފަހިކުރައްވާނެ ކަމަށް ވިދާޅުވާ ކަމަށެވެ.

"ރާއްޖެޓީވީއަށް އަރުއްވާ ސަރުކާރު ތަމްސީލުކުރައްވާ ޖެނަރަލް ވިދާޅުވޭ އެންމެންވެސް ޔޫޓީއެފް ބަލަންވީއޭ، އެތާނގަ ބޭރު ސިފައިންގެ އަސްކަރީ ސިފައިންގެ އަސްކަރީ މަސައްކަތެއް ނުހިނގާނެ ކަމަށް."

އިރުތިޝާމް މިފަދައިން ވިދާޅުވެ، "ދެން އެ ޤައުމީ ޒުވާނުން ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދޭން މަސައްކަތެއް ކޮށްގެން ކުށްވެރިވީތޯ"، މި ސުވާލު އުފެއްދެވިއެވެ.

އެކަމަނާ މިހެން ވިދާޅުވެފައިވާއިރު، އަދި އުތުރު ތިލަފަޅުގައި އެމްއެންޑީއެފްގެ ބޭނުންތަކަށް ތަރައްޤީ ކުރަމުން އަންނަ ސަރަަޙައްދު ފިޔަވާ އެފަޅުގެ ބާކީ ސަރަހައްދުތައް ރެސިޑެންޝަލް އޭރިޔާގެ ގޮތުގައި ކަނޑައަޅުއްވާފައިވާކަމަށް ސަރުކާރުން  ހާމަކުރައްވާފައިވަނިކޮށް، ދިޔަރެސް ނޫހުގެ ނޫސްވެރިން ލޯންޗެއްގައި އެތަނަށް ގޮސް ހުއްދަނެތި ސިފައިންގެ ބަނދަރުތެރެއަށް ވަދެ، ވީޑިއޯކޮށް، ހުއްދަނެތި އެރަށަށް އެރުމަށް މަސައްކަތް ކޮށްފައިވާކަމަށް ވިދާޅުވެ، އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެމްއެންޑީއެފުން ވަނީ ހާމަކުރައްވާފައެވެ.

އެކަމާގުޅިގެން އެމްއެންޑީއެފްއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، އުތުރު ތިލަފަޅުގައި އެމްއެންޑީއެފްއިން ތަރައްޤީ ކުރަމުން އަންނަ ބަނދަރުގެ މަސައްކަތް ދައްކާލުމަށް ވަރަށްފަހުންވެސް އެކަމަށް އެދުނު މީޑިއާތަކަށް ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ. އަދި ހުއްދަ ހޯދުމެއް ނެތި އެރަށަށް އަރަން އުޅުމަކީ ޤާނޫނާއި ޤަވާއިދާ ޚިލާފު، ސިފައިންގެ ވާޖިބުތަކާ މަސްއޫލިއްޔަތުތަކަށް ހުރަސްއެޅުމަށް ހިންގާފައިވާ ދަށުދަރަޖައިގެ އަމަލެއްކަން ފާހަގަކޮށް އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމުގައި އެމްއެންޑީއެފްގެ ބަޔާނުގައިވެއެވެ.

އުތުރުތިލަފަޅަށް ވަން ކަމަށް ބުނާ ނޫސްވެރިން

ހަމައެހެންމެ ސިފައިންގެ ބަނދަަރު ތަރައްޤީ ކުރަމުން އަންނަ ސަރަހައްދަށް ހުއްދަނެތި އެރުމަށް މަސައްކަތް ކުރުމުން އެކަން ހުއްޓުވުމަށް އެރަށުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ބޭފުޅުން މަސައްކަތް ކޮށްފައިވަނީވެސް މި އުސޫލުން ކަމުގައެވެ.

"ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް އަސްކަރިއްޔާގެ މަރުކަޒުތަކަށް ހުއްދަނެތި އެއްވެސް ފަރާތަކުން ވަނުމަށް މަސައްކަތް ކޮށްފިނަމަ އެކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ، އެފަދަ މަރުކަޒަކަށް ހުއްދަނެތި ބަޔަކު ވަންނަން މަސައްކަތް ކުރާނަމަ އެކަން ހުއްޓުވުމަށް ހަތިޔާރުގެ ބޭނުން ކުރުންވެސް ހުއްދަ ކުރެވިފައިވާކަން ފާހަގަ ކުރަމެވެ."

އެމްއެންޑީއެފްގެ ބަޔާނުގައިވެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވެފައިވަނީ މިމައްސަލާގައި ޤާނޫނާއި ޤަވާއިދުގެ ތެރެއިން ފިޔަވަޅު އަޅުއްވައިދެއްވުމަށް ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅުއްވާނެ ކަމުގައެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެއްވެސް ފަރާތަކުން ޤާނޫނާއި ޤަވާޢިދާ ޚިލާފު އަދި ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބުތަކަށް ހުރަސް އެޅޭފަދަ ޒިންމާދާރުކަންކުޑަ އަމަލުތައް ނުކުރުމަށާއި، ސިފައިންނާ ގުޅޭގޮތުން ހަގީގަތާއި ޚިލާފް ދޮގު ވާހަކަތައް ނުފެތުރުމަށް އެދިވަޑައިގަންވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު