16 ފެބުރުވަރީ 2025

ނެދަލޭންޑްސްގައި ޤުރުއާނަށް ފުރައްސާރަކޮށް ހިންގި ނުބައި ޢަމަލު ކުށްވެރިކޮށްފި

ނެދަލޭންޑްސްގައި ހުރި އިސްލާމީ ބައެއް ޤައުމުތަކުގެ އެމްބަސީ ކުރިމަތީގައި ކީރިތި ޤުރުއާނަށް ފުރައްސާރަކޮށް ހިންގި ޢަމަލުތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަން ކުށްވެރިކޮށްފައިވަނީ، މުސްލިމުންނާ ދެކޮޅު ޕީއީޖީއައިޑީއޭ ނަމަކަށް ކިޔާ ގްރޫޕެއްގެ ލީޑަރެެއް އިސްވެހުރެ، ނެދަލޭންޑްސްގައި ކީރިތި ޤުރުއާނަށް އިހާނެތިކޮށް ހިތުމުގެ އަމަލުތައް ހިންގަމުން ދާ ދަނޑިވަޅެއްގައެވެ. މިދިޔަ ހޮނިހިރު ދުވަހު ތުރުކީއާއި ޕާކިސްތާނާއި ޑެންމާކް އެމްބަސީގެ ކުރިމަތީގައި ޤުރުއާނަށް އިހާނެތިކޮށް ހިތުމުގެ ނުބައި ޢަމަލު އޭނާ އިސްވެހުރެ ހިންގާފައިވެއެވެ.

މި ނުބައި އިސްލާމީދީނާ ދެކޮޅު ޢަމަލު ކުށްވެރިކޮށް ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ދަ ހޭގްގައި ހުރި އިސްލާމީ އެތައް އެމްބަސީއެއްގެ ކުރިމަތީގައި ޤުރުއާނުގެ ހުރުމަތްކަނޑާ، ކޮޕީތައް ވީދި ވީދުން ދިވެހި ސަރުކާރުން ހަރުކަށިކޮށް ކުށްވެރިކުރާކަމަށާއި، އާއްމު ތަންތަނުގައި ތަކުރާރުކޮށް ކީރިތި ޤުރުއާނަށް އިހާނެތިކޮށް ކަންތައްކުރި ކުރުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަމަށް ބުނެ އޮޅުވާލައިގެން ހިންގާ ޢަމަލުތަކެއްކަމަށާއި، މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ.

މި ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ ދުނިޔޭގެ އެކި ތަންތަނުގައި މުސްލިމުންނާމެދު ރުޅިވެރިކަމާއި ނަފުރަތު އުފައްދައި ހަމަޖެހުން ނަގާލުން އިތުރުވަމުން ދިއުމަކީ ދިވެހި ސަރުކާރުން އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށެވެ. ހަމައެހެންމެ ދީނީ ގޮތުން ރުޅިވެރިކަން އުފެއްދުމަށް ގޮވައިލުމާއި ބޭއިންސާފާއި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރުން ހުއްޓުވަން ގާނޫނުތައް ހަދައި ސިޔާސަތުތައް ކަނޑައަޅައި ގާނޫނު ތަންފީޒުކުރާނެ އުސޫލުތައް އެކުލަވައިލަން ޖެހޭކަމަށްވެސް އެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު