އެއްވެސް މީހެއްގެ ހައްގަކަށް އަރައިގަނެ، އަނިޔާވެރި ވެފައި ނުވާނެ ކަމަށާއި ޒާތީގޮތުން ދިމާކުރަނީ ފެއިލުވުމުން ކަމަށް، އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި ފުވައްމުލައް ސިޓީ އަށް ވަޑައިގެން އެ ރަށުގައި މިރޭ ބޭއްވެވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތައް ރައްޔިތުން ބަލައިނުގަތީމަ، ދެން ދައްކާނެ ވާހަކައެއް ނެތިގެން އޭނާގެ ވާދަވެރިން ޒާތީ ގޮތުން ދިމާ ކުރަން ފަށާފައިވާ ކަމަށާއި، އެކަމުގައި އެއްވެސް ފަރުވާލެއް ނެތް ކަމަށާއި ރަނގަޅީ ވެސް އެކަންކަން އެގޮތަށް ކުރިއަށް ގެންދެވީމަ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
އޭގެ ސަބަބުން ރައްޔިތުންނަށް ފަޟީހަތް ވާނީ އެ ވާހަކަ ދައްކާ މީހުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑަކީ ގާނޫނާއި ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ކުރި މީހެއް ނޫން. ނުވެސް ކުރާނަން. ދުވަހަކު ވެސް ނުކުރާނަން. އެއްވެސް މީހެއްގެ ހައްގަކަށް ދުވަހަކު ވެސް އަރައިގެން މީހެއް ނޫން. އަދި ނުވެސް އަރައިގަންނަނާން. އަޅުގަނޑު އަބަދުވެސް ދަންނަވަމުން މި ގެންދަނީ އަޅުގަނޑު ގަބޫލުކުރާ ހަމައަކީ އަދި ކަން ކުރާ ހަމައަކީ ކޮންމެ ދުވަހަކު ގެއަށް ގޮސް އަރާމުގައި އަޅުގަނޑަށް ނިދާލެވެން ޖެހޭނެއޭ، ހިތަށް ހިތްހަމަޖެހުން ލިބެން ޖެހޭނެއޭ އެއްވެސް މީހެއްގެ ހައްގަކަށް އަރައިނުގަންނަ ކަމުގެ ޔަގީންކަމާ އެކުގައި،"
މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އޭނާއާ ދެކޮޅަށް އެއްވެސް މައްސަލައެއް އޮތް ނަމަ ރަސްމީ އިދާރާތަކުން ބައްލަވަންވީ ކަމަށާއި، އެކަމަކު، އޭނާއާ ދެކޮޅަށް ރަސްމީ އިދާރާއަކަށް ހުށަހެޅޭނެ މައްސަލައެއް ނޯންނާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވަނީ ރަސްމީ އިދާރާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ވެސް ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެ، އިންސާފުވެރިކަމާއި އަދުލުވެރިކަމާއި މިނިވަންކޮށް މައްސަލަތައް ބެއްލެވުމަށް އެދިވަޑައިގަންވާ ކަމަށާއި، އޭރުން ހަދާ ހުރިހާ ދޮގުތަކެއް ރީތިކޮށް ފަޟީހަތް ވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ވާދަވެރިން މިހާރު ކުރަމުން އަންނަނީ ކެމްޕެއިނެއް ނޫން ކަމަށް ފާހަގަކުރައްވަމުން، އެމަނިކުފާނު ރައްޔިތުން ގާތަށް ވަޑައިގަންނަވަނީ ސިޔާސަތުތަކެއް ހިފައިގެން ކަމަށާއި ބޭނުން ވަނީ ގައުމަށް ހަމަޖެހުން އަންނަން ކަމަށާއި ގައުމަށް ހަމަޖެހުން އަންނާނީ އަނިޔާވެރިކަން ނިމި، އިންސާފުވެރިކަން ގާއިމުވެގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވަނީ އަދުލުވެރިކަމާ އެކީގައި ކަންކަން ކުރައްވާނެ ކަމުގެ ޔަގީން ކަން ދެއްވައި ބަދަލު ހިފުމުގެ ރޫހް ނުގެންގުޅުއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.