ޖަލުތައް ބަލަހައްޓާ މުއައްސަސާކަމުގައިވާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ސިވިލް މުވައްޒަފުންނަށް ލިބެންޖެހޭ ހައުސިން އެލަވަންސް ނުލިބޭތީ، އެ މުއައްސަސާގެ މުވައްޒަފުން ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
ކަރެކްޝަންސްގެ ސިވިލް މުވައްޒަފުން ހުށަހެޅި ޕެޓިޝަނުގައި ވަނީ، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕޭރޯލް ޤާނޫނުގެ ދަށުން އެ މުވައްޒަފުންނަށް ލިބެންޖެހޭ ހައުސިން އެލަވަންސް އެފަރާތްތަކަށް ނުލިބޭ ކަމަށެވެ.
އެ އެލަވަންސަކީ ސިވިލް މުވައްޒަފުން އިސްތިސްނާކޮށް ހަމައެކަނި އެމްސީއެސްގައި މަސައްކަތްކުރާ ހުރިހާ އޮފިސަރުންނަށް ދެވޭ އެލަވެންސަކަށްވާއިރު، ޕެޓިޝަނުގައި ވަނީ މުއައްސަސާއިން އެކޮމޮޑޭޝަން ހަމަޖައްސާފައި ތިބި މުވައްޒަފުންނަށާއި އެކޮމޮޑޭޝަން ހަމަނުޖެހޭ މުވައްޒަފުންނަށްވެސް އެ އެލަވަންސް ދެމުންދާ ކަމަށެވެ. އެހެންވެ، މިއީ ޤަވައިދާ ޚިލާފަށް އެމްސީއެސްއިން ކުރަމުން އަންނަ ކަމެއް ކަމުން މިކަން ހުއްޓުވުމަށް މަސައްކަތް ކޮށްފައިވާކަމަށް މުވައްޒަފުން ހާމަކުރައްވައެވެ.
މިތަފާތުކުރުން ހުރުމާއި އެލަވަންސް ލިބެމުން ނުދާތީ، އެ މުވައްޒަފުން ވެރިންނާ ބައްދަލުކުުރުމުން ވެރިން ތަފާތު ބަހަނާތައް ދައްކާފައިވާ ކަމަށްވެސް ޕެޓިޝަނުގައި ވެއެވެ.
ޤަވައިދާ އެއްގޮތަށް އަމަލު ކުރާނަމަ އެކޮމޮޑޭޝަން ހަމަޖެހިފައިވާ އޮފިސަރުންނަށް އެ އެލަވަންސް ނުލިބޭނެ ކަމަށާއި އެހެން ހަދައިފިނަމަ އެހެން އޮފިސަރުން ހިތްހަމަ ނުޖެހިދާނެތީ އެކަން އެގޮތަށް ކުރެވެން ނެތް ކަމަށް ވެރިން ވިދާޅުވަމުންދާ ކަމަށް ޕެޓިޝަންގައި ވެއެވެ.
މުވައްޒަފުންނަށް ދިނުމަށް ކަނޑައަޅާފައިވާ ހައުސިން އެލަވަންސަކީ ވަކި މަޤްސަދެއްގައި ދެވޭ އެލަވަނންސަކަށްވާއިރު ސިވިލް މުވައްޒަފުންނަށް މި އެލަވަންސް ނުދިނުމަކީ އިންސާފެއް ނޫން ކަމަށާއި މިއީ މަސައްކަތްކުރާ އެންމެހާ މުވައްޒަފުންގެ އަގުވަޒަން ކުރުމާއި ހިތްވަރު ދިނުމަށް ކުރެވޭ ކަމެއްކަމަށްވެސް އެ ޕެޓިޝަންގައިވެއެވެ.
އެ ޕެޓިޝަންގައި ފާހަގަކޮށްފައިވާ ގޮތުގައި، މިވީ މުއްދަތުގައި މިކަން ހަމަޖެހި ޤަވައިދު ކުރިޔަށް ގެންދަމުންދަނީ ހަމައެކަނި ޕްރިޒަން އޮފިސަރުންނަށް ކަމަށާއި، އޭގެ ސަބަބުން ގިނަ މުވައްޒަފުން އެކަމާ ހިތްހަމަނުޖެހި ވަޒީފާ ދޫކުރަމުންދާ ކަމުގައެވެ.
ހަމަެހެންމެ ޕްރިޒަން އޮފިސަރުންނާއި ސިވިލް މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު ދެފަރާތާއިމެދު ތަފާތުކުރުން ގެންގުޅޭކަމަށާއި، ވަކިން ހާއްސަކޮށް އަންހެން މުވައްޒަފުންނަށް ޖިންސީގޮތުންވެސް ތަފާތުކުރާ ކަމަށް ވެސް އެ ޕެޓިޝަނުގައިވެއެވެ.
އެހެންވެ، އެމްސީއެސްގައި މަސައްކަތްކުރާ ސިވިލް މުވައްޒަފުން އެދެނީ، އެމުުއައްސަސާގައި ހިންގަމުންދާ ޤަވައިދާ ޚިލާފު އަމަލުތައް ހުއްޓުވައިދީ އެ މުވައްޒަފުންނަށް އިންސާފު ހޯދައިދީ އެ އެލަވަންސް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށެވެ.