Thursday, 25 July 2024

ޚަލާސްވެއްޖޭ ޙަޔާތް – އެޕިސޯޑް 11

ދަންވެއްޖެއެވެ. ރޭގަނޑުގެ ކަޅުފޮއެކަމާއި ހަމަހިމޭންކަން އިންތިހާއެވެ. ގޭގައި ހުރި ކުޑަދޮރުތަކުގެ ތޭރިތަކުން ވަދެގެން އަންނަމުންދިޔަ ފިނިފިނި ވައިރޯޅިތައް ފަރީދާގެ މޫނުގައި ފިރުމަމުންދިޔައެވެ. ފަރީދާ އުނދޯލީގައި އޮށޯވެލައި އޮވެގެން ދެކޮޅު ދެކޮޅަށް ފުރޮޅި ފުރޮޅިފައި މަސައްކަތްކުރަމުން ދިޔައީ ނިދޭތޯއެވެ. ދެލޯމަރައި ތަގުޅިކޮށްގެން އޮވެ އޭނާ ނިދުމަށްޓަކައި ކުރަމުންދިޔަ މަސައްކަތުގައި އޭނާއަށް ކާމިޔާބީ ލިބޭގޮތެއް ނުވިއެވެ. މިރޭ އަހަރެން ނިދަން މަސައްކަތްކުރުމަކީވެސް ފޫނެއް ފަޔަށް ފެންފުރުމެކޭ އެއްފަދަކަމެކޭ ފަރީދާ ހިތާއިހިތުން ބުނަމުންދިޔައެވެ.

އުނދޯލީގައި އޮށޯވެއޮތް ފަރީދާ އުނދޯލިން ތެދުވެލާފައި އާފުރިލަމުން އޭނާގެ ދިގު އިސްތަށިގަނޑު ދެއަތަށް މަހާލާފައި ހުޅިއެއް ޖަހަމުން ހިނގައިގަތެވެ. ކަރުހިއްކާ ވަރުންނެވެ. އަރުތެރެވަނީ އެކަށް ހިކިފައެވެ. އެހެންވެގެން ކަރުތެއްމާލުމުގެ ނިޔަތުގައި ފަރީދާގޮސް މެދުގޭތެރޭގައި ބަހައްޓާފައިހުރި ފެން ރުބަނލުގެ މަތީގައި ބާއްވާފައިއޮތް ފިޔަން ނަގާފައި ކައިރީގައި ބަހައްޓާފައިހުރި ލޯވަށި، ފެން ރުބާތެރެއަށް ވައްދާލިއެވެ. ހިތްއަވަސް ވެފައިހުރި ވަރުން ހެދުނު ނުހެދުނު އެއްޗެއް ނޭނގުނެވެ. ފެން ރުނބަލުގައި އަތުން ޖެހުނު ގޮތަކުން ފެން ރުބާ ބިންމައްޗަށް ވެއްޓި ފަޅިފަޅިވެއްޖެއެވެ. އެ އަޑުފަށްގަނޑުން މުޅި ގޭތެރެ އެއްއަޑު ކޮށްލައިފިއެވެ. މިފަހަރުވާ ރަނގަޅުބައިގައި ކަރުހިއްކުން ފިލުވައިލެވިއްޖެތާއެވެ. ހައުދަހައި ދެރަ ވަޑާމެކެވެ. މިއޮތްފަދަ ދަންވަރު ވަގުތުގައި މަށަށް މި ލިބުނީ ކިހާ ބޮޑު ބޮނޑިއެއް ހެއްޔެވެ. ލިބުނު ލަނޑަކުން ފަރީދާގެ މޫނު ކުނިވެ ހިތުތެރޭގައި އަމިއްލަ ނަފްސާއި ދިމާލަށް ކުދިކިޔެން ފެށުމުން ފަރީދާ އޭނާގެ ނިތްކުރީގައި އަތްތިލަ ވިއްދާލާފައި ބޮލުމެދުގައި ފުއްޓަތްކެއް ޖެހިއެވެ.

ފެން ރުނބާ ވެއްޓުނު އަޑަށް ދުވެގަޑަގަޑަ އަޅާފައި އެތެރިގޭތެރެއިން ނިކުތީ ޖައުފަރާއި ހަބީބާއެވެ. ދެމީހުންވެސް ތިބީ އާދައިގެ މަތިން ފިޔޮއްސެއް ހިފައިގެންނެވެ. ފަރީދާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އެ މަންޒަރެވެ. މިއީ ކިހިނެއްވެފައި ތިބި ބައެއްބާއެވެ؟ ރުކަކުން ގޮބޮޅިއެއް ވެއްޓުނަސް، ފުރާޅު މައްޗަށް ކާށްޓެއް ވެއްޓޭ އަޑު އިވުނަސް، ބާރަށް ބުޅަލެއް ގޮވާލިޔަސް، މިދެމީހުން އެއީ ނުރައްކަލެއް ކަމުގައި ބަލައި، ސަލާމަތީ ހަތިޔާރެއްގެ ގޮތުގައި ފިޔޮއްސެއް އަތަށް ހެޔޮވަރުކޮށްލައިގެން ތައްޔާރުގައި މިތިބެނީ އަޅެފަހެ ކީއްވެގެންބާއެވެ؟ މައިންބަފައިންގެ އަމަލުތައް ހުންނަގޮތް ފެނި ފަރީދާ ބޯހޫރާލަމުން ދެލޮލުގެ ކަޅި މައްޗަށް އަރުވައިލިއެވެ. އަދި ފުންނޭވާއެއް ބޭރުކޮށްލިއެވެ.

"މާފްކުރޭ.. އަހަރެން ކަރުހިއްކައިގަނެގެން ފެން ފޮދެއް ބޯންވެގެން ފެން ރުނބަޔަށް ލޯވަށި ވައްދާލިތަނުން އަހަރެންގެ އަތުން ޖެހިފައި ރުނބާ ވެއްޓިފައި ދެފަޅިވީ.. އެއްވެސް ހާލަތެއްގައި މިގެއަށް ވަގަކު ވަދެފައި ނޫނީ ބޭރިއެއް ވަދެފައި އެ ފެން ރުނބާ ވައްޓާލައި ތަޅާލާފައި ދިޔައީކީއެއްނޫން… ތިޔަ ޝައްކާއި ވަހުމާއި ހިތްނުތަވަސްކަން ދޫކޮށްލާފައި އެހެން އިންސާނުންނެކޭވެސް އެއްފަދައިން މަންމައާއި ބައްޕަވެސް އުޅެން ދަސްކުރާކަށް ނުވޭތަ؟ އަހަރެންނަށް އިނގޭ އަހަރެން ކިތޭ ވަރަކަށް މިގޮތަށް މަންމަމެން ދެމީހުން ކައިރީގައި ސުވާލުކުރިއަށް އަހަރެން މިކުރާ އެއްވެސް ސުވާލަކަށް މަންމަމެން ތެދު ހަޤީޤަތަށް ޖަވާބެއް ނުދޭނެކަން.. އެހެންވީމަ އަހަރެން ދެން އިތުރަށް ސުވާލުކުރާކަށް ޝައުޤެއްވެސް ނެތް.." ފަރީދާ ތުން އަނބުރާލަމުން ބުނެލިއެވެ.

ޖައުފަރުގެ މޫނުމައްޗަށް ބަލާލާފައި ހީވަނީ އޭނާ ފަރީދާ ކުރި ސުވާލަށް ޖަވާބުދޭން ބޭނުންވެފައި ހުރިހެންނެވެ. އެހެންނަމަވެސް އޭނާގެ ދުލުން ބަހެއް ބޭރުނުކުރެވިފައި އެހުރީ ކީއްވެގެންކަމެއް ފަރީދާއަކަށް ނުވިސްނުނެވެ.

ހަބީބާ ފަރީދާއާއި ދިމާލަށް ބަލަން ހުރުމަށްފަހު ފަރީދާ ކައިރިއަށް ދިޔައެވެ. އަދި ފަރީދާގެ އަތުގައި ހިފާފައި ހަބީބާ އޭނާގެ އަތުގައި އޮތް ފިޔޮހި ފަރީދާގެ އަތަށް ލާން އުޅުމުން ފަރީދާ އޭނާގެ އަތަށް އެ ފިޔޮހި ލުމުގެ ކުރިން އަތް ދަމައިގަތެވެ. އަދި މުށްކަވާލިއެވެ. ހަބީބާ އެއްވެސް އެއްޗެކޭ ނުބުނެ ފަރީދާއާއި ދިމާލަށް ބަލަހައްޓައިގެން އިރުގަނޑަކު ހުރެފައި ހިނގައިގަތެވެ. އަދި ގޮސް އެތެރިގެއަށް ވަނެވެ.

ގޭތެރޭގެ ހާލަތާއި މެދުގައި ފަރީދާއަށް ވިސްނަން ފެށުނީ ދެނެވެ. ހަބީބާގެ މަޑުމޮޅިކަމުގެ ފަހަތުގައި ފަރުދާވެ ސިއްރުވެފައިވާ އެއްވެސް ހަޤީޤަތެއްވޭބާއެވެ. ކަންތައްތައް މިވަރުވެގެން ދިޔައިރު އަހަރެންނަށް ކުޑަވެސް ހިލަމެއް ނުވީތީ އަހަރެންނަށް މިއަދު އެކަމާއިމެދު ހައުދަހައި ބޮޑަކަށް އެބަ ވިސްނެއެވެ. ވިސްނި ވަރަކަށް އަންނާނީ ގޯސް ޙިޔާލުތައްތާއެވެ. އެހެނަސް ނުވިސްނާ ހުންނާނީވެސް ފަހެ ކިހިނަކުން ހެއްޔެވެ؟ މިއީ އަހަރެންގެ ކެއްތެރިކަމުގެ އިމްތިޙާނެއްބާއެވެ. ފަރީދާ ހިތާއިހިތުން ބުނެލިއެވެ. ޖަވާބެއް ލިބުން ނެތް ސުވާލުތަކެއް ހިތުތެރޭގައި އުފައްދައިގެން އިތުރަށް ސިކުނޑި ސުމަކަށް ދުއްވާކަށް އަހަރެންނެއް ނެތީމެވެ. ފަރީދާ އަނެއްކާވެސް ފުން ނޭވާއެއް ބޭރުކޮށްލިއެވެ.

*  *    *    *

ނޫރުބީނާ މުޅި ދުވަހުގެ ބުރަ މަސައްކަތުން، ހެޔޮވަރު ވަރެއްގެ ތެއްޔެއް ފުރައި އޭގައި ރިހާކުރު ކައްކާ ނިންމާލިއެވެ. ހިންދެމިލާނެ އަވައްޖެއްވެސް މިއަދު މިވީ އަދިކިރިޔާއެވެ. އަދި ލައްކަ މަސައްކަތް ބާކީ އެބައޮތެވެ. އެކަމަކު މިއަދު ދެން އިތުރު މަސައްކަތެއް ކުރާނޭހާ ހަކަތައެއް ތިމަންނަ ހައްޓަކު ނެތެވެ. ނޫރުބީނާ އޭނާގެ އުނަގަނޑުގައި އަތްއަޅާލާއި ސަފިއްޔާއަށް ގޮވާލިއެވެ. "މަންޖޭ… މަގޭ އެކަށް އަވަދިކޮތްޕޭ.. އައިސްބަލަ މަށާ އެކީގައި މި ރިހާކުރުތެލި ގޭތެރެއަށް ވައްދައިދޭން މީގެ އެއްކޮޅުގައި ހިފަން."

ނޫރުބީނާ ގޮވާލިލެއް ބާރުކަމުން އޭނާ ދެކެ ގަންނާކުރެއްވި ބިރަކުން، މެދުގޭތެރޭގައި ބޮލުގައި ފުނާ އަޅަން އެއް އަތުން ކުޑަވަރެއްގެ ލޯގަނޑެއް ހިފައިގެންހުރި ސަފިއްޔާ، އަވަސް ފިޔަވަޅުތަކެއް އަޅަމުންގޮސް ބިއްދޮށު ފަރާތަށް ނިކުތެވެ. އެއީ އެންމެ ސިކުންތެއްވެސް ލަސްވެއްޖެނަމަ އޭގަ ހަސްކާ ސަފިއްޔާއަށް އުފުލަން ޖެހޭނޭކަން އޭނައަށް ވިސްނުނީތީއެވެ.

ސަފިއްޔާ އައި މަންޒަރު ފެނުމާއެކު ނޫރުބީނާ، އެތަނުގައި އޮތް ހިމަދިގު ލަކުޑިގަނޑެއް، ރިހާކުރު ކެއްކި ދޮލަނގުގެ އެއް އަތްގަނޑުން ވައްދާފައި އަނެއް އަތްގަނޑުން ނެރުނެވެ. އަދި އޭގެ އެއްކޮޅުގައި ނޫރުބީނާ ހިފުމަށްފަހު ދެން އޮތް ކޮޅުގައި ސަފިއްޔާ ހިފުމަށް އެދުނެވެ.

ތެލި ބަރިއްޔަކީ ބަރުކަމަށްނޫނެވެ. ތިމަންނަ ހައްޓަކު މީގައި ހިފައިގެންގޮސް ގެއަށް ވެއްދޭނެހާ ވަރެއް ނެތެވެ. ސަފިއްޔާގެ ދެއަތް ރޫރޫއަޅަން ފަށައިފިއެވެ. ހީވަނީ ދެއަތް ބިންދައިން ހިނގައިދާނެހެނެވެ. އަތަށް ވަމުންދިޔަ ވަރުން ސަފިއްޔާއަށް އެ ފިލާގަނޑުގައި ހިފަހައްޓައިގެން ގޭތެރެއަށް ވަދެވެންދެން ހުރުން ކުޅަދާނަ ކަމަކަށް ނުވިއެވެ. އޭނާ އަތުން އެ ފިލާގަނޑު ދޫވެ، ރިހާކުރު ތެލި ބިންމައްޗަށް ބަނޑުން ވެއްޖެއެވެ.

ސަހަރޯއެވެ. މުޅި ދުވަހު ލޯބޯކޮށައިގެން ކުރި މަސައްކަތް އެދިޔައީ ވެއްޔާއި މޮޑެވިގެންނެވެ. ރިހާކުރުތެލި އޮތީ ބިންމައްޗަށް އެކީއެކަށް ބަންޑުންވެފައެވެ. ސަފިއްޔާ ބިރުންގޮސް އޭނާ ގައިން ދިޔައީ ތުރުތުރުއަޅަމުންނެވެ. ނޫރުބީނާ އައިސްފައި ހުރި ރުޅިން އޭނާ ހުރީ ދުލުން ބޭރުކުރާނެ ބަހެއްވެސް ނޭނގިފައެވެ. އޭނާގެ އެތެރެ ހަށީގައި ރޯވި އަލިފާންގަނޑުގެ ހުޅުގަނޑު ދިޔައީ ބޮޑުވަމުންނެވެ. މާލަސްތަކެއްނުވެ ނޫރުބީނާގެ ރުޅިގަނޑު ފަޅައިގެންދިޔައެވެ.

ނޫރުބީނާ ބަލާކަށް ނުހުރެ ދުވެފައިގޮސް އެތަނުގައި ބާއްވާފައިއޮތް ހޫނު ދޭފަތް ނެގިއެވެ. އައިސްފައިހުރި ރުޅިން ނޫރުބީނާ ގޮސް އެ ދޭފަތުން ސަފިއްޔާ ގައިގައި ބާރުބާރަށް ތަޅަމުންދިޔައިރު ގުޑުވާލަންވެސް ނުކެރިފައި ސަފިއްޔާ ރޯލައިރޯލައި ހުއްޓެވެ. ހޫނު ދޭފަތެކެވެ. ގައިގައި އެއިން ތެޅިވަރަކަށް އެ ތެޅި ކޮންމެ ތަނެއް ކޮންމެވެސް ވަރަކަށް ފިހުމުގެ ސަބަބުން ސަފިއްޔާގެ މުޅިގައިން ދިޔައީ ދިލަނަގަމުންނެވެ. ގައިން ނަގަމުން ދިޔަ ދިލަޔަށާއި ގައިގައި ނޫރުބީނާ ތެޅިތަންތަނުގައި އަޅަމުންދިޔަ ވޭނަށް ކެއްނުކުރެވިގެން ސަފިއްޔާގެ ދެފައިކޮޅުން ވަރުގޮސް އޭނާ ހުރިތަނަށް ވެއްޓުނެވެ.

ނޫރުބީނާ ހިތްފުރޭ ވަރަށް ސަފިއްޔާއަށް އަނިޔާކޮށްލުމަށްފަހުގައި ނޫރުބީނާ ގޮސް ގެއަށް ވަނުމަށްފަހުގައި ބަޑިއަކަށް ދޮރުޖެހުމަށްފަހު އެންމެ ފުރަތަމަ ލޮލުގައި އަޅައިގަން އެތިކަމުގައިވާ ބަނޑިޔާ އަތުކޮޅަށް ނަގައި ހޫރުވާލިއެވެ. ނިދާފައިއޮތް ހަސަނަށް އެ އަޑުފަށްގަނޑަށް ހޭލެވުމާއެކު، ﷲ އަކްބަރްއޭ ކިޔާފައި ފުންމާފައި ތެދުވިއެވެ.

ނޫރުބީނާ އެ އުޅެނީ ކޮންމެވެސް ކަމަކާއި ވަރަށް ނުރުހުންވެގެންކަން ހަސަނަށް ނިދިން ހޭލެވުމުގެ ކުރިންވެސް ފަޙުމްވިފަދައެވެ. ހަސަނު ދުވެފައިގޮސް ނޫރުބީނާ އަރައިގަނެގެން އުޅުނު ރުޅިގަނޑު މަތަކުރެވޭތޯ މަސައްކަތްކުރިއެވެ. އެހެނަސް ނޫރުބީނާ އެވަގުތު އަރައިގަނެފައިހުރި ހިތްވަރަކުން އޭނާ ހަސަނަށްވުރެ މާ ވަރުގަދައެވެ. ހަސަނު އައިސް ނޫރުބީނާގެ އަތުގައި ހިފެހެއްޓުމާއެކު އައްފޮޅުވާލާފައި، ހަސަނު ކޮށްޕާލާފައިގޮސް ނޫރުބީނާ މެދުގޭތެރޭގައިހުރި އަށިމަތީގައި އިށީނެވެ. އެވަގުތު އޭނާ ދިޔައީ މައިނޭވާ ލަމުންނެވެ. ނޫރުބީނާހުރީ ރުޅިއައިސް އޭގެ އިމުން ބޭރުވެ، ހައްދުފަހަނައަޅައިފައެވެ. އޭނާއަކީ އާންމު ގޮތެއްގައިވެސް ރުޅިއައިސްފީޔާއީ އަތުންފައިން ގޯސްތައް ހެދޭ މީހެކެވެ.

"ޙަބަރުދާރު. ޙަނދާންކުރާތި. އެ ސަފިއްޔާ މިރޭ މިގެއަށް ވައްދައިފި މީހެއްގެ އަތްފައި ބިންދާލާނަން. ކޮށާލާނަން." ސަފިއްޔާދެކެ އައިސްފައިހުރި އޭނާ މިރޭ ގެއަށް ވައްދާކަށްވެސް ނޫރުބީނާ ބޭނުމެއް ނުވިއެވެ. ނޫރުބީނާ ބޭނުންވީ ސަފިއްޔާ ކުރި ކުށަށްޓަކައި އޭނާއަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއްދޭށެވެ. ދުވަހަކުވެސް ހަނދާނުން ފޮހެނުލެވޭނޭ ވަރުގެ ސަޒާއެއްދޭށެވެ. ދެވަނަ ފަހަރަށް އެވަރުގެ ކުށެއް ތަކުރާރު ނުކުރާވަރު ކޮށްލާށެވެ.

ސަފިއްޔާއަށް އަތުންފައިން މަސައްކަތެއް ކުރަން ނޭނގޭތީ އެކަމާއި ނޫރުބީނާ އަބަދުވެސް ހިތްދަތިވެއެވެ. ސަފިއްޔާ ލަށްވާ ކަންކަން ކުރުވަން އުޅެނީވެސް އޭނާގެ ފުށުން ފައިދާއެއްވާނެ ދުވަހެއްގެ އިންތިޒާރުގައެވެ. އެހެނަސް ސަފިއްޔާގެ ފަރާތުން ނޫރުބީނާއަށްވާ ހަމަ އެއްވެސް ފައިދާއެއް ނެތްފަދައެވެ. ކަމަކާއި ގާތްކުރިއަސް އެކަމަކުން ނިކުންނާނީ އިތުރު ގެއްލުންތަކެކެވެ. އިތުރު ތަކްލީފުތަކެކެވެ.

ސަފިއްޔާއަށް ލިބުނު އަނިޔާތަކުން އޭނާގެ ގައިގައި އަޅަމުންދިޔަ ވޭނަށް ކެތްނުކުރެވިގެން ސަފިއްޔާ ބިންމަތީގައި ފެތުރިފެތުރިފައި ރޮއެހޭރެމުން ދިޔައިރު އެ އަޑު ގޭތެރެއަށް ވަރަށް ބާރަށް އިވެމުންދިޔައެވެ. ހަސަނަށް އެ އަޑުއަހަން ދަތިވިއެވެ. އެހެނަސް ނޫރުބީނާ އައިސްފައިހުރި ރުޅިގަނޑު ހަމައަކަށް ނޭޅެނީސް ސަފިއްޔާ ގެއަށް ވަންދަން މަސައްކަތްކޮށްފިނަމަ އޭގެ ހަސްކާ ހަސަނަށް އަންނާނެތީ އެކަމާ ބިރުން ހަސަނަށް ސަފިއްޔާގެ ދިފާއުގައި އެންމެ ފިޔަވަޅެއްވެސް ކީއްކުރަން ހެއްޔެވެ؟ އެންމެ ލަފްޒެއްވެސް ބުނާކަށް ނުކެރުނެވެ. ވުމާއެކު، މަންމަނެއްހެން، ގޮތްހުސްވެފައި، ފާރުގައި އަތްވިއްދާލައިގެން ހުރެވުނީއެވެ.

*  *    *    *

ނަފީސާ ހޭއަރުވަން ކުރި މަސައްކަތުން އުސްމާނަށް ލިބުނީ އިތުރު ހިތްދަތިކަމެކެވެ. ވީގޮތެއް ފަޙުމްނުވި ތަނުގައި ހިތުގައި އުތުރިއަރަމުން ދިޔަ ސުވާލުތައް އިންތިހާއެވެ. އެ ސުވާލުތަކަށް ޖަވާބުދާރީވެވޭނޭ މީހަކީ ނަފީސާއެވެ. އެހެނަސް ނަފީސާގެ ހައްޓަކު ހެއެއްނެތެވެ. އުސްމާނުގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ.

އުސްމާނު ނަފީސާ ނެގުމަށްފަހު އަތްދަނޑިމައްޗަށް ލައިގެން، މެދުގޭތެރޭގައި ބަހައްޓާފައިހުރި ފަތްޖެހިއެނދާއި ދިމާލަށް މިސްރާބުޖެހި ހިނދު ހަލީމަ އައިސް ގެއަށް ވަނެވެ. ހަލީމައަށް އެ މަންޒަރު ފެނުމާއެކު ދެލޯބޮޑުވެފައިހުރެ ގޭތެރެއަށް ވެރިވެފައިއޮތް ހާލަތަށް ނަޒަރު ހިންގަމުންދިޔައެވެ. އުސްމާނު ގޮސް ނަފީސާ ފަތްޖެހިއެނދުމަތީގައި ބޭއްވިއެވެ.

ދަރިފުޅާއޭ ކިޔައި ރޮއެގަނެފައި ހަލީމަ ދުއްވާފައިގޮސް ނަފީސާ ކައިރީގައި އިށީނެވެ. އަދި ނަފީސާގެ މޫނުމަތީގައި އަތްކާއްތަން ފެށިއެވެ. ނަފީސާ އޮތް ހާލަތު ފެނިފައި ހަލީމައަށް އެވަގުތު ހީވީ ނަފީސާ އޮތީ މަރުވަފެއި ކަމަށެވެ. އަމިއްލަ އުފަންދަރިއެއްގެ ފުރާނަނެތް މަސްގަނޑު ދެކެން މައިލަގޮނޑިއަކަށް ކެތެއްނުވާނެއެވެ. ހަލީމަ އަޑުން އަޑު ނަގާފައި ރޯންފެށި އިރުވެސް އުސްމާނު ގަބުކައިފައި ބޮލުގައި އަތް އަޅާލައިގެން ބަސްހުއްޓިފައި އިނެވެ. އުސްމާނުގެ ލޮލުން ފޫދެމުން ދިޔަ ކަރުނަތަކުން އޭނާގެ މުޅި ކޯތާފަތް ތެތްމާލާފައި ހުރިއިރު ދެލޮލުގެ ނާރުތައް ރަތްވެފައި ފާޅުވާން ހުއްޓެވެ.

"ނަފީސާ.. ދަރިފުޅާ ހޭއަރާބަލަ. ލޯ ހުޅުވަބަލަ.." ހަލީމަ ރޮއެރޮއެފައި ނަފީސާ ހޭއަރާތީ މަސައްކަތްކުރަމުން ދިޔައެވެ. ނަމަވެސް ހަލީމަ އޭނާ ކުރަމުންދިޔަ މަސައްކަތް ހުއްޓާލަން ޖެހުނީ އެކަމުގައި އޭނާ ނާކާމިޔާބުވީ ކަމުގައި ޤަބޫލުކުރެވުނީމައެވެ.

ހަލީމަ ގިސްޖަހަޖަހާފައި ރޮމުންދިޔަ މަންޒަރު ފެނުމުން އުސްމާނު އިށީންދެއިން ތަނުން ތެދުވެގެން އައިސް ހަލީމަ ކައިރީގައި އިށީންދެލިއެވެ. އަދި ހަލީމަގެ ބޮލުގައި ހިފާފައިގެނެސް އޭނާގެ ކޮނޑުމަތީގައި ބާއްވާލިއެވެ. އެއީ ހުއްޓުމެއްނެތި ހަލީމަގެ ލޮލުން ފައިބަމުންދިޔަ ކަރުނައިގެ ޤަދަރު އުސްމާނަށް ވިސްނޭތީއެވެ. އެވަރުގެ ބިރުވެރިކަން ބޮޑު ހިތްދަތި ދުވަހެއް ތަހައްމަލްކުރަން ޖެހޭނެކަމަށް އުސްމާނު ދުވަހަކުވެސް އުންމީދެއް ނުކުރެއެވެ. ނޭނގިހުއްޓައި ޙަޔާތަށް ހަޤީޤަތުގައިވެސް ވެރިވެގެން މިދިޔައީ ކޮންފަދަ ބޮޑު ޒަލްޒަލާއެއް ހެއްޔެވެ. އުސްމާނު ހިތާހިތުން ބުނެލިއެވެ.

*  *    *    *

ސައްތާރަށް ހޭވެރިކަމެއްވީއިރު އޭނާގެ އަތްފައި އޮތީ ބަނދެފައެވެ. އައްސާފައިހުރީވެސް ވަރަށް ބާރަށެވެ. ކަންވާރުން ގަތައިގެން ބައިވަރު ފަށަލަތަކެއް އެކުލަވައިލައިގެން އުފައްދާފައިއޮތް އެ ވާ މުހާވެސް ނުލެވޭ ވަރަށް، ކޮޅަކަށް ގުޑިވެސް ނުލެވޭ ވަރަށް ބާރުކޮށް އައްސާފައި އޮތުމުން ސައްތާރުގެ މުޅި ހަށިގަނޑުގައިވެސް ވޭންއަޅަމުން ދިޔައެވެ. ސަލާމަތްވާން ތެޅިފޮޅެމުންދިޔަ ސައްތާރުގެ ގައިގެ އެތަން މިތަނުން މަށައިގެންގޮސް މުޅި ގައިގައި ދިޔައީ ދިލަނަގަމުންނެވެ. އެ ވޭން އިތުރުކުރަމުންދިޔައީ އޭނާގެ މެޔަށް އަރާފައިވާ ތަދުންނެވެ. ހަމްދީ ސައްތާރުގެ މޫނުމަތީގައި ތެޅުމުން މޫނުމަތި ފަޅައިގެން ދިޔުމުން އައި ލޭތަށް އޭނާގެ މޫނުމަތީގައި ހިކިފައި ހުއްޓެވެ. އަދި ފާޅުކަން ބޮޑު ގޮތެއްގައި ބޮޑެތި ކޫރުންތަކެއް ފެންނަން ހުއްޓެވެ.

ސައްތާރު ހަމްދީގެ ނުބައި ވަކިތަކުން ސަލާމަތްވާން މަސައްކަތްކޮށްކޮށް އޭނާގެ ހަށިގަނޑު އެކަށް ލޮޑުކޮށްލައިފިއެވެ. ކަރުތެރެވެސް ވަނީ އެކީއެކަށް ހިކިފައެވެ.

"ފެންފޮދެއް… ފެންފޮދެއް.." ކުރެހިފައިވާ އަޑަކުން ވޭނާއި ކެކުޅުމުގައި އޮވެ ސައްތާރު ޙަމްދީ ކައިރީގައި އާދޭސްކުރަންފެށީ އޭނާ ބޯނެ ފެންފޮދެއް ދިނުމަށް އެދިއެވެ.

ސައްތާރު ވާހަކަދައްކައިގަން އަޑަށް ޙަމްދީ ފުރަގަހަށް އެނބުރި ސައްތާރާއި ދިމާލަށް ބަލާލިއެވެ. ސައްތާރުގެ ލޮލުގައި ދައުރުވަމުންދިޔަ ރިހުންގަނޑުގެ ސަބަބުން އޭނާގެ ދެލޯވެސް އެއްކޮން ހުޅުވޭގޮތެއް ނުވިއެވެ. އެހެންވެގެން، ދެލޯ ތަގުޅިކޮށްގެން އޮއްވާ ޙަމްދީއައިސް ސައްތާރުގެ ލޮލަށް އޮބައިގަތެވެ. ވީތަދުން ސައްތާރަށް ބޭއިޙްތިޔާރުގައި ހަޅޭއްލަވައިގަންނަން އަނގަ ހުޅުވާލެވުނެވެ. އެހެނަސް އޭނާގެ ދުލަކުން އަދިވެސް އަޑު ނިކުންނަ ގޮތެއް ނުވެއެވެ. ބަހެއް ބުނަން ދުލުގެ ހަރަކާތްކޮށްލިޔަސް ދުލުގެ ހަރަކާތާއި ބަސްބުނުމުގެ ބާރު، ސައްތާރުގެ އެއްވެސް އިޙްތިޔާރަކާއިނުލާ ގައިދުކޮށްލާފައިވަނީ ޙަމްދީގެ ނުބައި ރޫހާނީ ބާރުތަކުންނެވެ. ސައްތާރުގެ ނަފްސުގެ މައްޗަށް އެވަގުތުވެސް ބާރުފޯރުވަމުންދިޔައީ ޙަމްދީގެ ނުބައި އުކުޅުތަކުން އުތުރިއަރަމުންދިޔަ ނުބައިވެގެންވާ ޝައިތާނުންނެވެ.

"ކަލޭ ހީކުރީ މަށާއި ދެކޮޅަށް ކަލޭ ނިކުތަސް ކަލެއަށް ކާމިޔާބު ލިބޭނެ ކަމަށްތަ އޭން؟ ލަދުގަނޭތަ ލަދު؟ ނިކަމެތި އިންސާނާ.. ކަލޭ މަށާ ދެކޮޅަށް ކަލޭ ޢުމުރުހުސްވަންދެން މަސައްކަތްކޮށް މަގޭ ބަލިކޮށްލަން ތާއަބަދު ރޭވުންތައް ރޭވިޔަސް ކަލެއަށް ދުވަހަކުވެސް ކުރިލިބުނަކަ ނުދޭނަން. މިހާރު ކަލެއަށް އޭގެ އަޖަލު ފެނިއްޖެއެއްނު.." ޙަމްދީ ސައްތާރު ކައިރިއަށް ގުދުވެލާފައި ސައްތާރުގެ ނިއްގަނޑުގައި ހިފާފައި ނަގަމުން ބުންޏެވެ.

ސައްތާރު ތަޙައްމަލްކުރަމުންދިޔަ ވޭނަށް ކެތްނުކުރެވިގެން އޭނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ނީރަމުންދިޔައެވެ. ޙަމްދީގެ އަނިޔާވެރިކަން އިންތިހާއެވެ. ސައްތާރުގެ ނިއްގަނޑުގައި ހިފައި މައްޗަށް ނަގައިގެންހުރި ޙަމްދީ ދަމުން ސައްތާރުގެ ނިއްގަނޑުން ދޫކޮށްލި ހިނދު ސައްތާރުގެ ބޯ ބިންމަތީގައި ޖެހުނުހިނދު ސައްތާރު ހޭބަލިވާވަރުވިއެވެ.

*  *    *    *

ބަކުރު ދުވެ ގަޑަގަޑައަޅާފައިގޮސް ގޯތިތެރެއަށް ވަނެވެ. ބަކުރުހުރީ ބިރުން ފިއްކަޑައިގެންގޮހެވެ. ބަކުރުހުރީ ރާޝިދުގެ މަރުގެ ޒިންމާ އޭނާގެ ބޮލުގައި އަޅައިގެންނެވެ. ގަނެފައިހުރި ބިރުން އޭނާގެ ހިތްވެސް ޑަންޑަންލާފައި ތެޅެމުންދިޔައިރު މީހާގެ މޭގަޑު އަތަށް އަންނަންއުޅޭހެންވެސް ހީވާންފަށައިފިއެވެ.

ބަކުރު ދުވެފައިއައިސް ފެންޑާތެރެއަށް ވަދުނުއިރު ބިންމަތީގައި ވެއްޓިފައިއޮތް ސަފިއްޔާ ރޮއެރޮއެފައި ކުކުރަމުންދިޔަ އަޑު އިވުމުން ބަކުރު އެއްލިގަނެގެންގޮސް ބިންމައްޗަށް ނަޒަރުހިންގާލިހިނދު ބަކުރުގެ ލޮލުގައި ސަފިއްޔާ އަޅައިގަތެވެ. ބަކުރު ބަލާކަށްނުހުރެގޮސް ސަފިއްޔާ ނެގިއެވެ. ވެގެންއުޅޭގޮތެއް ބަކުރަކަށް ނުވިސްނުނެވެ. ގޭތެރޭގައި ކޮންމެވެސް ބޮޑު ކަންތައްގަނޑެއް ހިނގައިފިކަމުގެ އިހްސާސްކުރެވެން ފެށުމުން ބަކުރު ބޭނުންވީ ވެގެންއުޅޭގޮތެއް ސަފިއްޔާ ގާތުގައި އަހައިގެން އޮޅުންފިލުވާށެވެ.

"ދައްތާ؟ ކިހިނެއްވެފައި ތިޔައޮތީ؟؟" ބަކުރު ސަފިއްޔާގެ އަތުގައި ފިހިފައިހުރި ތަންތަނުގައި އަތްބީއްސާލަމުން ސުވާލުކޮށްލިއެވެ. ސަފިއްޔާގެ މުޅިގައިއޮތީ ރިހާކުރުން ތަތްތެޅިފައެވެ.

ބަކުރު ކުރި ސުވާލަށް ޖަވާބުދޭން އަނގަހުޅުވާލައިވެސް ސަފިއްޔާއަށް އޭނާގެ ދުލުން ބަހެއް ބޭރުކުރެވޭގޮތެއް ނުވިއެވެ. ގައިގައި ނަގަމުންދިޔަ ދިލައިން ލޮލުގައި ކަރުނަތައް ފުނިޖެހި ފައިބަންފެށިއެވެ. އެހެނަސް ހިތްވަރުކޮށްފައި ސަފިއްޔާ ވެގެންއުޅޭގޮތް ބަކުރަށް ތަފްސީލުކޮށްދިނެވެ.

"މަށަކަށް ނޭނގެ ކީއްވެގެންކަމެއް ކޮން ސަބަބަކާއި ލައިގެންކަމެއް.. މަންމަ މިރޭ ރުޅިއައިސްހުރީ އަމަށަކު ވަރަކަށް ނޫން.. އަހަރެން މުޅި ދުވަހު މަންމައަށް އެހީވާން އުޅެފައި ރޭވީމައި ބޭރަށް ނިކުމެލީ.. ބޯހަމަޖައްސާލަންވެގެން.. އަހަރެން ގެއަށް އައިކަމެއް ނޭނގެ. ޒުވާބުކުރަން ފަށައިފި… ދެން އަހަރެން ކައިރީގައި ބުނީ އެހީވެބަލާށޭ ރިހާކުރު ތާސް ގޭތެރެއަށް ވައްދަން. އެހެންވެ އަހަރެން ރިހާކުރުތާސް ގެއަށް ވައްދައިދޭން އެހީތެރިވުމުގެ ތެރޭގައި އަހަރެންގެ ސަބަބުން އެ ރިހާކުރުތާސް ބިންމައްޗަށް ބަންޑުންވީ.. އެކަމާ އައިރުޅިން، ރިހާކުރު ކައްކަން ގެންގުޅުނު ދޭފަތުން އަހަރެން ގައިގައި ތެޅީ.. މަގޭ މުޅިގައިން އެބަ ދިލަނަގާ… މިއީވާ ވޭނެއް. މަށަކަށް މިވޭނަކަށް ކެތެއްނުކުރެވޭނެ.." ސަފިއްޔާ ރޮއެގަތެވެ.

ބަކުރު ސަފިއްޔާގެ ބޮލުގައި ފިރުމާލާފައިގޮސް ގޭދޮރުގައި ޓަކިތަޅަންފެށިއެވެ. ނޫރުބީނާގެ ކަންފަތުގައި ބަކުރުގެ އަޑުޖެހުމާއެކު ލަސްތަކެއްނުވެ ނޫރުބީނާއައިސް ދޮރުހުޅުވިއެވެ. އަދި ރުޅިވެރި ނަޒަރަކުން ބަކުރާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.

ސަފިއްޔާއަށް ފުރަގަސްދީގެންހުރި ބަކުރު ލައިގެންހުރި ގަންޖުފަރާހުގެ އެކި ދިމަދިމައިގައި ލޭގެ ނިޝާންތަކެއް ފެންނަން ހުއްޓެވެ. މިއީ އަނެއްކާ ކޮންކަމެއްބާއެވެ. ބަކުރު އެއައީ ކީއްކޮށްފައިބާއެވެ. ބަކުރުގެ ގަންޖުފަރާހުގައި ލޭކޭތިފައި ހުންނަންވީ ސަބަބެއް ސަފިއްޔާއަކަށް ވިސްނާ ވިސްނާވެސް ފަހުމެއްނުވިއެވެ. އެކަން ފާހަގަކުރެވުނީ ހަމައެކަނި ސަފިއްޔާއަކަށް ނޫނެވެ. ނޫރުބީނާއަށްވެސްމެއެވެ.

ބަކުރުގެ ނިއްކުރިމަތީގައިވެސް މަށައިގެންގޮސްފައިހުރި މަންޒަރު ނޫރުބީނާއަށް ފެނުނެވެ. ތުންފަތްމަތިވެސް ހުރީ ދުޅަވެފައެވެ. ބަކުރުގެ ހާލަތު ފެނިފައި ނޫރުބީނާގެ ހިތްނުތަވަސްވިއެވެ. ކޮންމެވެސް ކަމެއް ގޯސްކޮށް ހިނގައިފިކަމުގެ ހިލަމެއް ނޫރުބީނާއަށްވީ އެވަގުތެވެ. ބަކުރުގެ ލޮލަށް ކަޅިއަޅައިނުލާ ބަލަންހުރި ނޫރުބީނާއާއި ދިމާލަށް ބަކުރުވެސް ކަޅިއަޅާނުލައި ބަސްހުއްޓިފައި ބަލަން ހުރުމަށްފަހުގައި ބަކުރު މަޑުމަޑުން ގޭތެރެއަށް ވަދެގެންދިޔައެވެ. ބަކުރު ގޭތެރެއަށް ވަދެގެން ހިނގާފައި ދިޔައިރު ބަކުރަށް ވެފައިހުރިވަރު ފެނިފައި ނޫރުބީނާ ދެލޯބޮޑުވެފައި ބަކުރާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. ބަކުރު ހިނގަމުންދިޔައިރުވެސް ކުރިޔާއި އަޅާބަލާއިރު ކޮންމެވެސް ތަފާތެއް ފެންނަން ހުއްޓެވެ. ބަކުރު ކޮރާޖަހަމުން ހިނގާފައި ދިޔުމުން ބަކުރަށް ކޮންމެވެސް މީހެއްގެ ފުށުން އަނިޔާއެއް ލިބިފައިވާކަން ނޫރުބީނާއަށް ވިސްނުނެވެ.

އޭގެ ކުޑައިރުކޮޅެއް ކުރިން ރުޅިއައިސްރަތްވެފައިހުރި ނޫރުބީނާގެ ރުޅިގަނޑުވެސް މައިތިރިވެއްޖެއެވެ. ސަފިއްޔާ ރޮމުންރޮމުން އައިސް ގޭތެރެއަށް ވަދެގެންދިޔައިރުވެސް ނޫރުބީނާގެ އެއްވެސް ސަމާލުކަމެއް އެކަމަކަށްނެތެވެ. ދެންމެގައި ވީކަންތައް ނޫރުބީނާގެ ސިކުންޑިން އެކީއެކަށް ފޮހެވިގެންގޮސްފައިވާފަދައެވެ. ނޫރުބީނާގެ ހުރިހާ ހިއްސުތަކެއްވެސް ބަކުރުގެ ހާލަތާއިމެދު ވިސްނުމަށް އޭނާއަށް މަޖުބޫރުކުރުވައިފިއެވެ. ނޫރުބީނާގެ ހުރިހާ ސަމާލުކަމެއް ހުސްވެފައިހުރީ ބަކުރަށެވެ.

"އަހަރެންނަށް މާފުކުރޭ މަންމާ.. މީގެ ފަހުން ދެން ދުވަހަކުވެސް އަހަރެންގެ ފުށުން ދެންމެގައި ކުރެވުނުފަދަ ކުށެއް ތަކުރާރެއްނުވާނެ. އަހަރެން އެކަމުގެ ޔަޤީންކަންދެން. އެއްފަހަރެއް ކަމަށް ބަލާފައި އަހަރެންނަށް މާފުކޮށްދީ.. އަހަރެން ހަޤީޤަތުގައިވެސް މިރޭ މިވީ ކަންތަކާއިހެދި ވަރަށް ލަދުގަނެއްޖެ. ދެރަވެސްވެއްޖެ. އެއީ އަހަރެން ގަސްދުގައި ކުރިކަމެއްނޫން. އަހަރެންވެސް މިއީ އިންސާނެއް. އިންސާނުންނަށް ކުށްވެސް ކުރެވޭނެ" ސަފިއްޔާ އޭނާގެ ދެލޮލުން ފައިބަމުންދިޔަ ކަރުތައް ފޮހެމުން ފޮހެމުން ނޫރުބީނާގެ ކުރިމަތީގައި ހުއްޓިހުރެ އޭނާއަށް ކުރެވުނު ކުށަށް މަޢާފްކޮށްދިނުން އެދި ނޫރުބީނާ ގާތުގައި އާދޭސްކުރަމުންދިޔައެވެ. ނަމަވެސް ނޫރުބީނާ އެވަގުތު ހުރީ މީހަކު ދައްކާ ވާހަކައެއް އަޑުއެހޭވަރުގެ ހާލަތަކުނޫނެވެ.

ނޫރުބީނާ ސަފިއްޔާގެ ކޮނޑުގައި ހިފާފައި އޭނާ ދުރުކޮށްލުމަށްފަހުގައި ބަކުރު ފަހަތުން ހިނގައިގަތެވެ. ބަކުރުގޮސް ބޮޑުގިފިލިތެރެއަށް ނިކުތެވެ. ނޫރުބީނާވެސް ބޮޑުގިފިލިތެރެއަށް ނިކުތުމަށްފަހު ދޮރުގައި ބޭރުން ތަންޑުއެޅުވިއެވެ. ނޫރުބީނާ ބޭނުންވީ ބަކުރާއި ވާހަކަދައްކާށެވެ. އެދެމީހުންގެ ދެމެދުގައި ވާހަކަދެކެވޭއިރު އެދެމެދަށް އެހެން މީހަކު ވަންނާކަށް ނޫރުބީނާ ބޭނުމެއްނުވެއެވެ. އޭނާ ދޮރުގައި ބޭރުން ތަންޑުއެޅުވީ އެސަބަބަށްޓައިއެވެ.

*  *    *    *

"ހަލީމާ.. އަހަރެމެންގެ ދަރިފުޅު ނަފީސާ މަރެއްނުވެޔޭ.. ނަފީސާގެ ފުރާނަ އަދިވެސް އެބަހުރި.. ބަލާބަލަ… އެއޮތީ ރާޝިދު. އޭނާގެ ހައްޓަކު ފުރާނައެއް ނެތް." މަރުވެފައި ބިންމަތީގައި ވެއްޓިފައިއޮތް ރާޝިދަށް އިނގިލިން އިޝާރާތްކޮށްލަމުން އުސްމާނު ހަލީމަ ކައިރީގައި ބުނެލިއެވެ.

ހަލީމަ ކުއްލިއަކަށް ރޮއުން ހުއްޓާލާފައި އުސްމާނު އިނގިލިން އިޝާރާތްކުރަމުން ދިޔަ ދިމާލަށް ނަޒަރު ހިންގާލިއެވެ. އަދި ތެދެވެގެންގޮސް ރާޝިދު ކައިރީގައި އިށީނެވެ.

"އަހަރެންނަށް ބޮޑަށް ބެލެވެނީ ނަފީސާ ރާޝިދު މަރާލީހެން.."

ކަންތައްވީގޮތުގެ ތަފްސީލު އުސްމާނަށް ހީވާހީވުމުގެ މައްޗަށް ބިނާކޮށްފައި އޭނާ ހަލީމައަށް ތަފްސީލުކޮށްދޭންފެށިއެވެ.

"އެހެންވީމަ ދަލޭކަ މިރޭ އެދެއްކި ވާހަކަތަކަކީ ހުސްވެސް ހަޤީޤަތްތާދޯ…" ހަލީމަ ދެލޯބޮޑުކޮށްގެން އިނދެ ރާޝިދުގެ މަރުވެފައިއޮތް މަސްގަނޑާއި ދިމާލަށް ބަލަންއިނދެފައި ބުނެލިއެވެ. ހަލީމައިނީ ފާޑަކަށް ގަބުކައިފައެވެ.

"ދަލޭކަ ކީކޭ ކީކޭ؟" ހަލީމައަށް ދަލޭކަގެ ފަރާތުން އިވުނު ވާހަކައަކީ ކޮބައިކަން އަޑުއަހަން ބޭނުންވެފައިހުރިލެއް ބޮޑުކަމުން އުސްމާނު ހަލީމަ ކައިރީގައި ސުވާލުކޮށްލިއެވެ.

"ދަލޭކަ ބުނީ، ނަފީސާ އޭނަ ކައިރީގައި ބުންޏޯ، ރާޝިދަކީ ވަރަށް އަނިޔާވެރި ފިރިއެކޭ.. ރާޝިދު ނަފީސާއަށް ވަރަށް ގިނައިން ހާނީއްކަކޮށް ގެވެށި އަނިޔާކުރާކަމުގެ ޝަކުވާވެސް ނަފީސާ ދަލޭކަ ކައިރީގައި ވަރަށް ގިނައިން ކުރާކަމަށްވަނީ.. އަހަރެމެން އެމީހުންނާއި އެކީގައި އެއް ހިޔާވަހިކަމެއްގެ ދަށުގައި މިގޭގައި ދިރިއުޅުނެއްކަމަކު އަހަރެމެންގެ ލޮލަށް ދުވަހަކުވެސް ފެނުނު މަންޒަރެއް ނޫންވީމަ އަހަރެން ހީކުރީ އެއީ ނަފީސާ ހަދަހަދައިގެން ދަލޭކަ ކައިރީގައި ދެއްކި ވާހަކަތަކެއް ކަމަށް.." ހަލީމަ ރޮއެރޮއެފައި އުސްމާނަށް އެވާހަކަ ކިޔައިދިނެވެ.

"އެކަމަކު ތިޔައީ ހާދަ ޤަބޫލުކުރަން ދަތި ވާހަކައެކޭ… އަހަރެންނަށް ދުވަހަކުވެސް ފެނުނު މަންޒަރެއްނޫންވީޔަ… ރާޝިދުގެ ކިބައިން މިއޮތްހާ ދުވަސްވީއިރުވެސް އެކަހަލަ އެއްވެސް ކަމެއް މަށަކަށް ފާހަގަކުރެވިފަކާއެއްނެތް.. ގައިމު އެހާގިނައިން މިގޭތެރޭގައި އެގޮތަށް އެ އަނިޔާ ތަކުރާރުވާނަމަ އަހަރެމެންނަށްވެސް ކޮންމެވެސް ވަރަކަށް އެކަން އެނގުނީހެއްނު. ކިތޭ ސިއްރުންކުރިޔަސް، އެކަމުގެ ކޮންމެވެސް ހިލަމެއްވީހެއްނު… ކޮންމެވެސް ނިޝާނެއް ފެނުނީހެއްނު…" ހަލީމަ ދެއްކި ވާހަކަ ޤަބޫލުކުރަން އުސްމާނަށް ވަރަށް ދަތިވިއެވެ. އޭނާގެ ހިތް އެކަންތައް ޤަބޫލުކުރާކަށް އެއްބަހެއްނުވިއެވެ.

"އެކަމަކު އުސްމާނާ.. ފަރުދާގެ ފުރަގަހުގައި ހިނގާ ކަންތައްތައް ފަހަރެއްގައި ހަމަ އޮވެދާނެއެއްނު އަހަރެމެންނަށް ވަންހަނާވެފައިވެސް. ކެޔޮކައިފައިހުރިވަރެއް އެނގޭނީ ބިތުފަންގި ނެގީމައެއްނު… ފަހަރެއްގައި ރާޝިދު އަހަރެމެން ދެމީހުންގެ ކުރިމަތީގައި އުޅެދާނެއެއްނު އޭނާގެ އަސްލު ސޫރަ ފޮރުވައިގެންވެސް.. ރާޝިދުގެ ހަޤީޤީ ކުލަވަރު އަހަރެމެންގެ ކުރިމަތީގައި ކަޝްފުނުކުރަނީ ކަމަށްވެސް ވެދާނެއެއްނު… ގިނަފަހަރަށް އެކަހަލަ މީހުންނަކީ ވަރަށް މަކަރުވެރި ހީލަތްތެރިބައެއް. ކުރިމަތިން ފެންނަ މަންޒަރާއި ފަރުދާގެ ފުރަގަހުގައި އެމީހުންގެ އުޅުން ހުންނަ ގޮތާއި ހާސްބައިވެސް ތަފާތުވެދާނެ".. ހަލީމައިނީ ހަމަ ރީއްޗަށްވެސް އަމިއްލަ ދަރި ދޮންފުތުވެފައެވެ. ރާޝިދާއި ބެހޭގޮތުން އެއްވެސް އޮއްޓަރެއްނެތި އެ ބީދައިން ހަލީމަ ވާހަކަދައްކަމުން ދިޔައީ އެސަބަބަށްޓަކައެވެ. ރާޝިދުގެ ބޮލުގައި ދޮގުވެރި އިލްޒާމްތަކެއް އަޅުވަމުންދިޔައީ، ނަފީސާގެހުރި ދޮގުވެރިކަމާއި ހީލަތްތެރިކަން ހަލީމައަށް އަދި ނޭނގޭތީއެވެ.

"ނޫނޭވާ އަމިއްލަ ދަރި ދޮންފުތުވިޔަސް ތިޔައީދެން ފުކެއް ބޮޑުވަރު.. އަބަދު އެއްކޮންއުޅޭ މީހެއްގެ ހަޤީޤީ ކުލަވަރު ފާޅުވާނީ އިއްޔެއަކު މިއަދަކު ނޫން… ކިތޭ ވަރަށް ފޮރުވަން މަސައްކަތްކުރިއަސް، އެމީހެއްގެ މިޒާޖުގައި ހުންނަ އުނި ސިފަތައް ފޮރިވައިގެން އުޅުމަކީ ވަރަށް މުސްތަހީލުކަމެއް… ނާދިރުކަމެއް… އަހަރެންނަކަށް ތިޔަ ދައްކާ ވާހަކަ ޤަބޫލެއްނުކުރެވޭނެ… ޤަބޫލުކުރާކަށް ބޭނުމެއްވެސް ނޫން…" އުސްމާނު މޫނުމަތީގައި އަތްއަޅާލަމުން ފުންނޭވާއެއް ބޭރުކޮށްލުމަށްފަހުގައި ބުންޏެވެ.

އުސްމާނު ބުނިބުނުމުން ހަލީމަގެ ހިތަށް ތަދުވިއެވެ. އަމިއްލަ އުފަން ދަރީގެ ދިފާޢުގައި ވާހަކަދައްކަންވީ ދަނޑިވަޅެއްގައި އޭނާއާއި ދެކޮޅަށް އުސްމާނު ވަކާލާތުކުރާފަދަ އިހުސާސެއް ހަލީމައަށް ކުރެވުނެވެ.

"ކަލޭ ތިޔައީ ކޮންފަދަ ބަފައެއްތަ އޭން؟ ކަލޭ ލަދެއްނުގަނޭތަ ތިޔަކަހަލަ ވާހަކަ ދައްކާކަށް.. އުސްމާނަށް ހަމަ ރަނގަޅަށް އެނގޭނެ ރާޝިދަކީ ބޮޑު ވައްކަމެއްގައި ބެދިގެން މިރަށަށް އަރުވާލާފައިހުރި މީހެއްކަން.. އެންމެ ފުރަތަމަ އެކަހަލަ ވިޔާނުދާ އަމަލުތައް ކޮށްފައިހުރި މީހަކާއި ނަފީސާ ދެވާފައި ނަފީސާގެ ދިރިއުޅުން އެފުއްމިފުށަށް ޖައްސާފައި ދެން އެވަރުން ނުފުދިގެން މިހާރު ނަފީސާގެ ބޮލުގައި ތިޔަ އަޅުވަނީ މި ރާޝިދުގެ މަރުގެ އިލްޒާމް.. ކަލޭ އަމިއްލަ ނަފްސުދެކެ ލަދުގަންނަންޖެހޭނެ އުސްމާން… ކަލޭ ކަހަލަ ބަފައެއް ނެތްނަމަ މިއަދު މިދުވަސް ދެކޭކަށް ނުޖެހުނީސްކަންނޭނގެ…" ހަލީމަ ރުޅިއައިސް އޭނާގެ ދުލުން ބޭރުކޮށްލި ބަސްތަކުން އުސްމާނުގެ ހިތުގައި ނުހަނު ފުން ކޫރުމެއްއެޅުނެވެ.

ހަލީމަ އުސްމާނާއި ދިމާލަށް އިތުރުއެއްޗެކޭ ނުކިޔަނީސް އުސްމާނު އަވަހަށްގޮސް ބޮޑުގިފިއްޔަށް ނިކުތެވެ. ހަލީމަ ތަޅުންގަނޑުމައްޗަށް ވެއްޓިގަނެފައި މޫނުމަތީގައި އަތްއަޅާލުމަށްފަހު ގިސްލަގިސްލާފައި ރޮމުންދިޔައެވެ. ވާނީވެސް އެހެންތާއެވެ. ދިރިއުޅުމަށް އެޅިގެންމިދިޔައީ ކޮންފަދަ ބަނަ ވިލާގަނޑެއްބާއެވެ. އެ ވިލާގަނޑުގެ ވާރޭގެ ކޯރުގައި ޤަރަޤުވެ ނިމިދިޔުންވެސް، ވޭނާއި ކެކުޅުމުގައި ދުނިޔޭގެ ދުވަސްތައް ހޭދަކުރުމަށްވުރެ މާ ފަސޭހަވާނެތާއެވެ. ހަލީމައަށް ހިތާހިތުން ބުނެލެވުނެވެ.

— ނުނިމޭ —

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު