ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލާ މަރުކަޒުތަކުގައި ހުރި ބޫތު ތަކާ ހިލާފަށް، ދެވަނަ ބުރުގައި ހުންނަ ބޫތު ތަކުގެ ޑިޒައިން ބަދަލުކޮށް ހުންނާނީ ބޮޑަށް ނިވާވާ ގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ވޯޓުގެ ފާހަގަ ޖަހާ ބޫތަށް ބަދަލުތަކެއް ގެނެސް، އިންތިހާބުތަކާ ހިލާފަށް މި މަހުގެ 9 ވަނަ ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބޫތު ބަހައްޓާފައި ވަނީ ވޯޓުލާ މީހާގެ ހަރަކާތްތައް އޮބްޒާވަރުންނާއި މޮނީޓަރުންނަށް ފެންނަ ގޮތަށެވެ. ފުރަތަމަ ބުރުގައި ގެނެވުނު ބަދަލުގެ ސަބަބުން، މީހުން ވޯޓްލާ ގޮތް ފެންނާތީ އާންމުންގެ ފާޑު ކިޔުން އިލެކްޝަން ކޮމިޝަނަށް އަމާޒުވެ ވޯޓުގެ ސިއްރުު ކަމާ މެދު މީހުން ސުވާލު އުފެއްދި އެވެ.
އެހެންވެ މި އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ބޫތު ބަހައްޓާ ގޮތަށް ބަދަލުތަކެެއް ގެންނާނެ ކަމަށް އީސީން ވަނީ ވިދާޅުވެފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި ވޯޓްގެ ސިއްރުކަން ހިފެހެއްޓޭ ގޮތަށް ވޯޓިން ބޫތުގެ ޑަޒައިނަށް މިހާރު ވަނީ ބަދަލު ގެނެސްފައެވެ. މި އަންނަ އިންތިހާބުގައި ބޫތަށް އަންނާނެ ބަދަލުތަކުގެ ތެރޭގައި، ބޫތު ތަކުގެ އެންމެ ތިރިން ބައެއް ކަނޑާލައި ދެ އަަރިމަތިން ބޮޑަށް ނިވާ ވާ ގޮތަށް ހުުރުުމާއި، ފާހަގަ ޖެހުމަށް ފަސޭހަ ކުރުމަށް ފާހަގަ ޖަހާ މޭޒުމަތީގައި ބްރިސްޓަލް ބޯޑު ބޭނުން ކުރުމާއި، ފާހަގަ ޖަހާ ގަލަން ބަދަލު ހިމެނެއެވެ.
ވޯޓުގެ ބޫތަށް ގެނެވޭ ބަދަލުގެ ސަބަބުން ބޫތުގެ ތެރެއަށް ވޯޓުލާ މީހާއަށް ވަނުމުގެ ފުރުސަތު ލިބޭނެއެވެ. އެކަމަކު ބޫތުތައް އަދިވެސް ހުންނާނީ ވޯޓުލާ މީހާގެ ހަރަކާތްތައް އޮބްޒާވަރުންނާއި މޮނީޓަރުންނަށް ފެންނަ ގޮތަށް އިންތިހާބުގެ ފުރަތަމަ ބުރުގައި ހުރި ގޮތަށެވެ.
އިންތިޚާބުގެ ދެވަނަ ބުރުގައި ބޫތުތައް ހުންނާނެ ގޮތުގެ މިސާލެއް އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާރު އާންމު ކޮށްފައެވެ. އަދި ބޫތުގައި ހުންނަ އިރު ވޯޓުގެ ސިއްރުކަަން ހިފެހެއްޓުމަށް އީސީން ވަނީ އިލްތިމާސްކުރައްވާފައެވެ.