ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްއާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުންނަށް ހެދޭ ނެހެދޭއެއް ނޭނގޭ ކަމަށާއި، ޕޯޑިޔަމްތަކަށް އަރާ ތިބެ މޮޔަ ގޮވަމުންދާ ކަމަށް ޕީއެންސީގެ ރައީސް އަދި އިދިކޮޅު ކޯލިޝަނާއި ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިންނަށް ރޭ އައްޑޫ ސިޓީ ހުޅުދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަދުރޭ ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްއާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ގޭތެރޭގައިވެސް ޒުވާބުކޮށް ދެމަފިރިން މައްސަލަޖެހި، ހެދޭ ނެހެދޭއެއް ނޭނގޭ ކަމަށެވެ.
އަދުރޭ ވިދާޅުވީ ފެނިގެން މިދަނީ، ބަޔަކު ބަލިވެގެން ހަދާނެގޮތް ނެތިގެން އުޅޭ މަންޒަރު ކަމަށާއި، ކުރާނެ ހަމަ އެއްވެސް ކަމެއް ނެތިގެން ދެން ހެދޭ ނުހެދޭއެއް ނޭގި ދެކެވޭ ނުދެކެވޭ ވާހަކައެއް ނޭނގި މޮޔަގޮވަމުންދާ މަންޒަރު ކަމަށެވެ.
ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒަށް ތާއީދުކުރައްވާ ބޭފުޅުން ވަޒީފާއިން ވަކިކޮށް މުއިއްޒާއި ދެކޮޅަށް ރައީސް ޞާލިހުގެ ސަޕޯޓަރުން ތަފާތު އެކި ވާހަކަތައް ދައްކަމުންދާކަން އަދުރޭ ފާހަގަކުރެއްވިއެވެ. އައްޑޫސިޓީގެ ތަރައްޤީއަށްޓަކައި މުއިއްޒު ބޭއްވި ގާބުރިއެއްވެސް އައްޑޫ ސިޓީގެ ރައްޔިތުންނަށް ނުފެންނާނެ ކަމަށް އެމްޑީޕީން ރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގެ ތެރޭގައި ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ޑރ.މުއިއްޒު ފަހަތުން ނެއްޓެން ނޭގިގެން ނޫޅުއްވާށޭ."
އަދުރޭ ވިދާޅުވިއެވެ.
އިތުރަށް އަދުރޭ ވިދާޅުވީ އައްޑޫ ސިޓީ ރައްޔިތުން ބޭނުންވަނީ މުއިއްޒު ބޭއްވި ގާބުރިއެއް ނޫން ކަމަށާއި އެބޭފުޅުން ބޭނުންވަނީ އައްޑޫ ސިޓީއަށް ތަރައްޤީ ގެނައުމަށް ކަމަށާއި، އަދި މުއިއްޒު އާއި އަޅައިގަނެގެން ނޫޅުމަށް ގޮވާލާކަމަށެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އައްޑޫ ސިޓީއަށް ތަރައްޤީ ގެނެސްދީފައިވާކަން ފާހަގަކުރައްވަމުން އަދުރޭ ވިދާޅުވީ އެތަރައްޤީގެ ފަހަތުގައި މޭސްތިރިއަކަށް ހުންނެވީ ޑރ. މުއިއްޒު ކަމަށާއި އައްޑޫ ރައްޔިތުން ބޭނުންވާ ތަރައްޤީ މުއިއްޒު ގެނެސްދެއްވާނެ ކަމަށެވެ.