23 އެޕްރީލް 2025

2024ގައި އިންތިޚާބުކުރާ ގޮނޑީގެ ޢަދަދަކީ 93، އެދެވޭ މަސައްކަތެއް ނުފެންނަތާ އަނެއްކާވެސް ދައުލަތަށް ބޮޑު ބުރައެއް

ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓް އިލެކްޝަންސް ކޮމިޝަނުން (އީސީ) ޢާންމުކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކުރެއްވި ވަގުތީ ރިޕޯޓްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރު އިންތިޚާބު ކުރަންޖެހޭ ގޮނޑީގެ ޢަދަދަކީ 93 އެކެއް ކަމަށެވެ.

މި ރިޕޯޓް އީސީން އެކުލަވާލާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 72 ވަނަ މާއްދާގައިވާ ގޮތުންގެމަތީންނާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތަައް ކަނޑައެޅުމާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާއާއި 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލާއި އެއްގޮތްވާގޮތުގެ މަތިންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

އެގޮތުން މެންބަރުންގެ ޢަދަދު އެކޮމިޝަނުން ކަނޑައަޅުއްވާފައިވަނީ މައިގަނޑު 2 އުޞޫލަކަށް ބަލައިގެންނެވެ.

ފުރަތަމަ ބަލާފައިވަނީ ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކުރެވިފައިވާ އާބާދީގެ ފުރަތަމަ 5000 މީހަކަށް ނުވަތަ 5000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުންގެ ގޮތުގައެވެ. އަދި ރަޖިސްޓްރީ ކުރެވިފައިވާ އާބާދީ 5000 އަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ 5000 މީހުންނަށްވުރެ އިތުރުވާ ކޮންމެ 5000 މީހަކަށް މެންބަރެއްގެ އުޞޫލުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވަނީ، މިކަންކަމަށް ރިޢާޔަތްކޮށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި އިންތިޚާބުކުރަންޖެހޭ ގޮނޑީގެ ޢަދަދަކީ ޖުމްލަ 93 ކަމަށެވެ. އެހެންކަމުން މިއީ މަޖިލީހުގައި މިހާރު ތިއްބެވި 87 މެންބަރުގެ ޢަދަދަށް 6 ގޮނޑީގެ އިތުރުވުމެއް ކަން ފާހަގަކުރެވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާ ގޮތުގައި އިންތިޚާބީ ދާއިރާތަކުގެ ނަންތައް ކަނޑައަޅާފައިވަނީ 31 މެއި 2023 ގެ ނިޔަލަށް ކޮންމެ ރަށެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީއަށް ބަލާ، ކޮންމެ އިންތިޚާބީ ދާއިރާއެއްގައި ހިމެނޭ ރަށްތަކުގެ ތެރެއިން އާބާދީ އެންމެ ބޮޑު ރަށެއްގެ ނަން އެދާއިރާއަކަށް ނިސްބަތްވާގޮތަށް ނަން ކިޔައިގެންނެވެ. އަދި އެއްރަށެއްގައި އެއް އިންތިޚާބީ ދާއިރާއަށްވުރެ ގިނަ ދާއިރާ ހިމެނޭނަމަ އެރަށެއްގައި ހިމެނޭ ދާއިރާތަކަކަށް ނަން ކިޔާފައިވަނީ ސަމުގާ މިސްރާބަށް ބަލައިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް އިތުރުވާ ގޮނޑިތައް:

• މާލޭ ސިޓީ އަށް 2 ގޮނޑި: ހުޅުމާލެ މެދު ދާއިރާ، ހުޅުމާލެ އުތުރު ދާއިރާ
• އައްޑޫ ސިޓީ އަށް 1 ގޮނޑި: ފޭދޫ އުތުރު ދާއިރާ (ފޭދޫ، މަރަދޫފޭދޫ)
• މާޅޮސްމަޑުލު ދެކުނުބުރިއަށް (ބ. އަތޮޅު) 1 ގޮނޑި: ހިތާދޫ ދާއިރާ (ހިތާދޫ، މާޅޮސް، ދަރަވަންދޫ)
• މާލެ އަތޮޅަށް 1 ގޮނޑި: ހުރާ ދާއިރާ (ހުރާ، ހިންމަފުށި، ގުޅީ)
• ހުވަދުއަތޮޅު އުތުރުބުރިއަށް (ގއ. އަތޮޅު) 1 ގޮނޑި: ކޮލަމާފުށި ދާއިރާ (ކޮލަމާފުށި، ދެއްވަދޫ)

މި ބަދަލާއެކު، އޭދަފުށި، ވިލިނގިލި އަދި މީދޫ ދާއިރާގައި އޮންނާނީ އެ ދާއިރާއަށް ނިސްބަތްވާ ރަށް އެކަނިކަމަށާއި، ބައެއް އިންތިޚާބީ ދާއިރާތަކުގެ ނަމަށްވެސް ބަދަލު އައިސްފައިވާކަންވެސް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ހަބީބް ވިދާޅުވިއެވެ.

އެގޮތުން ބަދާއިރު، ހުޅުމާލެ ދާއިރާގެ ނަން، ހުޅުމާލެ ދެކުނުދާއިރާއަށް، ގުރައިދޫ ދާއިރާގެ ނަން މާފުށި ދާއިރާއަށް، ތ. ގުރައިދޫ ދާއިރާގެ ނަން ގުރައިދޫ ދާއިރާ އަދި ފޭދޫ ދާއިރާގެ ނަން ފޭދޫ ދެކުނު ދާއިރާގެ ނަމަށް ބަދަލުވުން ހިމެނެއެވެ.

އެދެވޭ މަސައްކަތެއް ކުރަމުން ނުގެންދާ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ދާއިރާތަކުގެ އާބާދީ ކަނޑައެޅިފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 2023 އޮކްޓޫބަރު 19 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ނިޔަލަށް އިކެލްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.

އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ 2023 ސެޕްޓެންބަރު 28 އިން 2023 އޮކްޓޫބަރު 19 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށް ޝަކުވާ ހުށަހަޅޭނެއެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ޝަކުވާ ހުށަހެޅޭނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު