ރައީސް ނަޝީދު، ރައީސް ޞާލިޙްއާ ދެެމެދު އުފެދުނު ދެބަސްވުންތަކާ ގުޅިގެން އުފެއްދި ޑިމޮކްރެޓްސް އެއްވުމުން ޕީޕީއެމްއަށް ވުރެ ވޯޓު ގިނަ ކަމަށާއި އިންތިޚާބުގެ ދެވަނަ ބުރުގައި އެ ޕާޓީގެ މެންބަރުންގެ ތާއީދު ލިބުމަކީ އިންތިހާބު ކާމިޔާބު ކުރުމަށް ލިބޭ ބޮޑު ޔަޤީންކަމެއް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ގދ. ތިނަދޫގައި ހަރަކާތްތެރިވާ "ދަ ޑިމޮކްރެޓްސް"ގެ މެންބަރުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދުކުރަން ނިންމުމާ ގުޅިގެން ތިނަދޫގައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ.
ރޭ ތިނަދޫގައި ބޭއްވި ޖަލްސާގައި ޑިމޮކްރެޓްސްގެ މެމްބަރުން ކޮޅެއް ބައިވެރިވެފައިވެއެވެ.
"އުފާވެރި ތިނަދޫ"ގެ ނަމުގައި އެ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީ އާއި ޑިމޮކްރެޓުންގެ ވޯޓު އެއްކޮށްލުމުން މެޖޯރިޓީ ނުހޯދޭ ރަށެއް ވަރަށް މަދު ކަމަށާއި، ދެ ޕާޓީ އެއްވީމަ އިންތިހާބު ބޮޑު ތަނުން ކާމިޔާބު ކުރެވޭނެ ކަމަށް، ފުރަތަމަ ބުރުގައި ދެވަަނ ލިބިވަޑައިގެން ދެވަނަ ބުރަށް ގޮސްފައިވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނާ އެކު ތިބި ބަޔަކު ފުރަތަމަ ބުރުގައި ކުޑަކޮށް ދުރަށް ޖެހިލުމުން އަޅުގަނޑުމެންނަށް ދަތިތައް ކުރިމަތިވި. ރާއްޖޭގެ ވަކި ވޯޓުތަކަށް ބަލާއިރު މުޅި ވޯޓަށް ބަލާއިރު ވެސް އެމްޑީޕީ އާއި ޑިމޮކްރެޓްސް އެއްވީމަ ޕީޕީއެމްއަށް ވުރެ ވޯޓު ގިނަ،"
ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޑިމޮކްރެޓިކްގެ މެންބަރުންގެ ތާއިދު ލިބުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށާއި އެއީ އެމްޑީޕީއާ އެއް ފިކުރެއް ކަމާއި އެއް ބައެއްކަން ކަމަށެވެ.
"އެ ބޭފުޅުންގެ ތާއިދާ އެކު އަތުވާދެނާ ކަމުގެ ބިރު އޮތް ބިރުވެރިކަމާއި އަނިޔާވެރިކަމުން މި ގައުމު ސަލާމަތް ކުރުމުގެ އުއްމީދު ބޮޑުވެއްޖެ. އަޅުގަނޑަށް ޔަގީން، ބޮޑު ތަފާތެއް މި ތިނަދޫ ސިޓީން ފެނިގެންދާނެ،"
ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ 30 ސެޕްޓެމްބަރުގައި އިންތިހާބު ކާމިޔާބު ކުރެވޭނެކަން ޔަގީން ކުރެވޭ އެންމެ ބޮޑު ސަބަބަކީ ޑިމޮކްރެޓުންގެ ތާއިދު ލިބެމުންދިޔުން ކަމަށެވެ. މިރޭ ރައީސް ތިނަދޫ އަށް ވަޑައިގެންނެވިއިރު މަރުހަބާ ދެންނެވުމަށް ޑިމޮކްރެޓްސްގެ މެންބަރުން ތިއްބެވެ.
ރައީސް ޞާލިޙްއާ އެކު ކޯލިޝަންގައި މިހާރު އޮތް ހަމައެކަނި ޕާޓީ، އަދި ރައްޔިތުންގެ މެދުން އެއްވެސް މިންވަރަކަށް ތާޢީދެއް ނުފެންނަ އަދާލަތު ޕާޓީގެ ރައީސް އިމްރާން ހިސާބު ޖައްސަވާ ގޮތުގައި ޑިމޮކްރެޓުންގެ 80 ޕަސެންޓް މީހުންގެ ތާއީދު ލިބޭނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށެވެ.



