ނަމާދުގައި ޚުޝޫޢަތްތެރިވުމަކީ ނަމާދުގައި اللهُ تَعَالَىٰއަށް މަޑުމޮޅިވުމެވެ. އަދި ނަމާދުގައި اللهُ تَعَالَىٰއަށް ބިރުވެތިވެ ނިކަމެތިވުމެވެ. އަދި ދުނިޔަވީ އެހެން ހުރިހާ ޚިޔާލުތަކަކުން އެއްކިބާވެ اللهُ تَعَالَىٰއަށް ކުއްތަންވުމެވެ.
اللهُ تَعَالَىٰ ވަޙީ ކުރައްވާފައިވެއެވެ:
﴿وَقُومُواْ لِلَّهِ قَٰنِتِينَ﴾ [سورة البقرة: 238] މާނައީ: އަދި ތިޔަބައިމީހުން ﷲ އަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) ޤާއިމުވެ ތިބޭށެވެ!
އަދިވެސް އެކަލާނގެ ޤުރުއާނުގައި މުއުމިނުންގެ ސިފަ ބަޔާން ކުރައްވަމުން ވަޙީ ކުރައްވާފައިވެއެވެ:
﴿قَدْ أَفْلَحَ الْمُؤْمِنُونَ ﴿١﴾ الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ ﴿٢﴾ [سورة المؤمنون 1-2]
މާނައީ: މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެ ތިބޭ މީހުންނެވެ.
ޚުޝޫޢަތްތެރިކަމަކީ ނަމާދުގެ ރޫޙެވެ. ފަހެ ޚުޝޫޢަތްތެރިކަމެއް ނެތި ކުރާ ނަމާދަކީ އެއްވެސް ދިރުމެއް ނުވާ ޙަރަކާތްތަކެއް އެކަނިކަމުގައި ނޫނީ ނުވެއެވެ. އެހެންކަމުން ނަމާދުގައި ޚުޝޫޢަތްތެރިވެވޭނީ ކިހިނެއްތޯ ބަލައިލަމާ ހިނގާށެވެ!
ފުރަތަމައީ: ނަމާދު ކުރެވޭ ފަރާތް ދެނެގަތުން
އޭގެ މާނައަކީ اللهُ تَعَالَىٰގެ މަތިވެރިކަމާއި އެކަލާނގެ ހައިބަވަންތަކަން ދެނެގަތުމެވެ. ނަމާދަށް ހުއްޓި ހުންނަ މީހާ އެ ހުންނަނީ اللهُ تَعَالَىٰއަށް ކުރިމަތިލައިގެން އެކަލާނގެ ޙަޟްރަތަށް ކުއްތަންވެގެންނެވެ. ފަހެ އެކަލާނގެ ހައިބަވަންތަކަން އެނގޭ މީހާ ބިރުވެތިވެ މަޑުމޮޅިވާނެއެވެ. އެއީ ނަމާދުގައި އެކަންޏެއް ނޫނެވެ. ކުރާ ކޮންމެ ޢަމަލެއްގައިވެސް އެފަދަ މީހާ އިޚްލާޞްތެރިވާނެއެވެ.
اللهُ تَعَالَىٰ ދެނެގަތުމުގެ ތެރެއިންވާ އެންމެ މަތިވެރި ދަރަޖައަކީ އިޙްސާންތެރިކަމެވެ. އިޙްސާންތެރިކަމާ ބެހޭގޮތުން ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘް ކުރައްވާފައިވެއެވެ:
"الإِحْسَانُ أَنْ تَعْبُدَ اللهَ كَأَنَّكَ تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ." [رواه مسلم] މާނައީ: [އެއީ ތިބާއަށް اللهُ ފެނިހުރެ އަޅުކަން ކުރާ ފަދައިން އަޅުކަންކުރުމެވެ. ފަހެ ތިބާއަށް އެކަލާނގެ ނުފެނުނެއްކަމަކު، ހަމަކަށަވަރުން އެކަލާނގެ ތިބާއަށް ބައްލަވާވޮޑިގެންވެއެވެ.]
ދެވަނައީ: ނަމާދުގެ އަހަންމިއްޔަތު ދެނެގަތުން
އިސްލާމްދީނުގައި ނަމާދުގެ މަތިވެރިކަން އިނގޭ މީހާ ނަމާދުތަކަށް ރައްކާތެރިވެ ނަމާދުގައި ޚުޝޫޢަތްތެރި ވާނެއެވެ. ނަމާދަކީ ޝަހާދަތުގެ ދެ ކަލިމައަށްފަހު އަޅާގެ މައްޗަށްވާ އެންމެ ބޮޑު ވާޖިބެވެ. އެއީ އިސްލާމްދީނުގެ ތަނބެވެ!
އަޅާގެ ދުނިޔަވީ އަދި އުޚުރަވީ ޙަޔާތުގެ ބާއްޖަވެރިކަން ބިނާވެގެންވަނީ ނަމާދުގެ މައްޗަށެވެ. ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީވެސް ނަމާދު އަދާކުރި ގޮތާ މެދުގައެވެ. ނަމާދުތަކަށް ރައްކާތެރިވެ ފުރިހަމައަށް އަދާކޮށްފި މީހާ ކާމިޔާބުވެއްޖެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްފުޅު ކުރައްވާފައިވެއެވެ:
"إِنَّ أَوَّلَ مَا يُحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ مِنْ عَمَلِهِ صَلَاتُهُ فَإِنْ صَلُحَتْ فَقَدْ أَفْلَحَ وَأَنْجَحَ وَإِنْ فَسَدَتْ فَقَدْ خَابَ وَخَسِرَ" [رواه أبو داود والترمذي والنسائي وصححه الألباني] މާނައީ: [ހަމަކަށަވަރުން އަޅާގެ ޢަމަލުތަކުގެ ތެރެއިން، ޤިޔާމާތް ދުވަހު އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ އެމީހެއްގެ ނަމާދާ ބެހޭގޮތުންނެވެ. ފަހެ ނަމާދު ރަނގަޅުވެއްޖެނަމަ، ނަޖާވެ ކާމިޔާބުވެއްޖެއެވެ. ނަމާދު ފަސާދަވެއްޖެނަމަ ގެއްލި ހަލާކުވެއްޖެއެވެ.]
ތިންވަނައީ: ނަމާދުގައި ކިޔާ ޛިކުރުތަކުގެ މާނަ ދެނެގަތުން
ނަމާދުގައި ކިޔާ ޛިކުރުތަކުގެ މާނަ ދެނެގަތުމުގެ ސަބަބުން ނަމާދު ކުރާއިރު އެހެނިހެން ޚިޔާލުތަކުން ދުރުވުމަށް ފަސޭހަވެގެންދާނެއެވެ. ނަމާދުގެ ޛިކުރުތަކުގެ އިތުރުން އިމާމުން ޢާންމުކޮށް ކިޔަވާ ކުދި ސޫރަތްތަކުގެ މާނަ އުނގެނި ދަސްކުރާށެވެ. އިމާމު މީހާ ކިޔަވަމުން ދާއިރު މާނައާމެދު ފިކުރު ކުރުމުން، އެހެނިހެން ޚިޔާލުތަކާއި ވަސްވާސްތަކުން މީހާއަށް ދުރުވެވޭނެއެވެ.
ހަތަރުވަނައީ: ނަމާދުގައި މަރު މަތިން ހަނދުމަކުރުން
ދުނިޔޭގައި ލިބިފައިވާ ވަގުތުކޮޅަކީ މަދު ވަގުތުކޮޅެކެވެ. މަރު އައިސް ބައްދަލު ކުރާނީ ކޮންއިރަކުކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ. ވުމާއެކު ކުރާ ކޮންމެ ނަމާދަކީވެސް ތިބާގެ އެންމެ ފަހު ނަމާދަށް ވެދާނެކަމަށް ހީކޮށް ނަމާދުކުރާށެވެ.
ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘް ކުރައްވާފައިވެއެވެ:
"وَاذْكُرِ الْمَوْتَ فِي صَلَاتِكَ فَإِنَّ الرَّجُلَ إِذَا ذَكَرَ المَوْت فِي صَلَاتِهِ لَحَرِيٌّ أَنْ يُحْسِنَ صَلَاتَهُ" [أخرجه البيهقي في كتاب الزهد الكبير وحسنه الشيخ الألباني] މާނައީ: [ތިބާ ނަމާދު ކުރާއިރު މަރު ހަނދުމަކުރާށެވެ. ފަހެ ހަމަކަށަވަރުން އަޅާ، އޭނާގެ ނަމާދުގައި މަރު ހަނދުމަކުރާނަމަ، އޭނާގެ ނަމާދު ފުރިހަމަކުރުމަށް އަހަންމިއްޔަތުކަން ދޭނެއެވެ.]
ޚުޝޫޢަތްތެރިކަމަކީ اللهُ تَعَالَىٰ ދެއްވާ ނިޢުމަތެކެވެ. އެކަލާނގެ އެކަމުގެ ތައުފީޤު ދެއްވާ އަޅަކަށް މެނުވީ ނުލިބޭނެއެވެ. ވުމާއެކު ޚުޝޫޢަތްތެރިވުމަށް އަޅުގަނޑުމެން އެންމެން މަސައްކަތް ކުރާ ޙާލު، އެކަމަށް އެދި اللهُ تَعَالَىٰގެ ޙަޟްރަތުގައި ދުޢާވެސް ކުރަންވާނެއެވެ.
•••✧•✧•✧•✧•✧•✧•✧•✧•••
އެޑިޓަރުގެ ނޯޓް:
މި ލިޔުމަކީ، މަދިީނާ ޔުނިވަރސިޓީގެ ދިވެހި ދަރިވަރުންކޮޅެއް، ހިންގާ ޓެލެގްރާމް ޗެނަލެެއް ކަމަށްވާ pathwaymv ގައި ޝާއިޢުކޮށްފައިވާ ލިޔުމެކެވެ. މިލިޔުން "ފިޔަ އޮންލައިން" ގައި ޝާއިޢުކޮށްފައި މިވަނީ އެ ޗެނަލްގެ ހުއްދައާއެކުގައެވެ. އެ ޗެނަލްއަކީ ދީނީ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި، ތަފާތު ޕްރޮގްރާމްތަކެއް ހިންގުމަށް ހެދިފައިވާ ޗެނަލްއެކެވެ. pathwaymv ގެ ލިޔުންތައް ވިދާޅުވާން ބޭނުންފުުޅުވާނަމަ، ތިރީގައިވާ ލިންކުން ފެނިވަޑައިގަންނަވާނެއެވެ.
https://t.me/pathway_mv