2023 ވަނަ އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 23.9 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެންމެ ފަހުން ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ވީކްލީ ފިސްކަލް ރިޕޯޓުގައިވާގޮތުން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާއްމަދަނީގެގޮތުގައި 23.9 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި 20.9 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
އާމްދަނީގެ ގޮތުގައި ލިބިފައިވަނީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވާ 17.8 ބިލިއަން ރުފިޔާއާއި، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ 5.6 ބިލިއަން ރުފިޔާއާއި، އެހީގެ ގޮތުގައި ލިބުނު 351 މިލިއަން ރުފިޔާ ކަމަށް އެ ރިޕޯޓުގައިވެއެވެ.
އެ ރިޕޯޓަށް ބަލާއިރު، ޓެކްސް ޢާމްދަނީގެ ތެރޭގައި ހިމެނެނީ މައިގަނޑު ގޮތެއްގައި އިމްޕޯޓު ޑިއުޓީއާއި، ބިޒްނަސް އެންޑު ޕްރޮޕަރޓީ ޓެކްސް، ބީޕީޓީ އާއި، ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.
އާމްދަނީގެ ގޮތުގައި، އިމްޕޯޓް ޑިއުޓީން 2.2 ބިލިޔަން ރުފިޔާއާއި، ބީޕީޓީގެ ގޮތުގައި 4.8 ބިލިއަން ރުފިޔާއާއި ޖީއެސްޓީގެ ގޮތުގައި 9.2 ބިލިއަން ރުފިޔާ އާއި، ގްރީން ޓެކްސްގެ ގޮތުގައި 709 މިލިއަން ރުފިޔާ އާއި، އަދި އެއަރޕޯޓް ސަރވިސް ޗާޖް އަދި ޑިޕާޗަރ ޓެކްސްގެ 703 މިލިއަން ރުފިޔާ ލިބިފައިވާ ފައިސާ ހިމެނެއެވެ.
މިހިނގާ ސެޕްޓެމްބަރ 21 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު، ޖުމްލަ ޚަރަދު އުޅެނީ 32.1 ބިލިއަން ރުފިޔާގައެވެ. އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދަށް ހިނގި 21.7 ބިލިއަން ރުފިޔާއާއި، ކެޕިޓަލް ޚަރަދަށް ހިނގި 10.3ބިލިއަން ރުފިޔާއެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިމެނޭ 21.7 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ މުސާރައާއި އިނާޔަތަށް ޚަރަދުކޮށްފައިވާ 7.9 ބިލިއަން ރުފިޔާއާއި، އިދާރީ ހިންގުމަށް ހިނގާފައިވާ 13.4 ބިލިއަން ރުފިޔާއެވެ.
އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ކެޕިޓަލް ޚަރަދުގެ ތެރޭގައި ހިމެނޭ 10.3 ބިލިއަން ރުފިޔާއަކީ މައިގަނޑު ގޮތެއްގައި ތަރައްޤީގެ މަސައްކަތްތަކަށް ހިނގާފައިވާ ޚަރަދެވެ.