Thursday, 18 April 2024

އަނިޔާވެރިންގެ އަނިޔާ އަންނާނެކަން އެނގިވަޑައިގެން، ވަކާލާތުކުރެއްވި ޤައުމުގެ މިނިވަންކަމަށް: ފާޠިމަތު

އަނިޔާވެރިންގެ އަނިޔާ އަންނާނެކަން އެނގިވަޑައިގެން، ރައީސް ޔާމީން ޚިޔާރުކުރެއްވީ ޤައުމުގެ މިނިވަންކަމަށް ޤުރުބާންވެވަޑައިގަތުމަށް ކަމަށް ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެ 'މިނިވަން ކުރުމަށް' ވަކާލާތުކޮށް، އެ މަސައްކަތް ނުކުރެއްވި ނަމަ ކުރީގެ ރައީސް ޔާމީން، ގޭގައި އާއިލާއާ އެކުގައި ހުންނެވުމުގެ ފުރުސަތު ބޮޑުކަމަށް

ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ޕީޕީއެމްގެ ސަޕޯޓަރުންނަށް މިރޭ ޗެނަލް-13 މެދުވެރިކޮށް ދެއްވި ޚާއްޞަ މެސެޖުގައި، ވިދާޅުވި ގޮތުގައި ސިޔާސީ ދައުވާކޮށް، ބޭ އިންސާފުން ގައިދުކޮށް ހައްޔަރުކުރުމުގެ ކުރިން ފިރިކަލުން ކުރެއްވި މަސައްކަތަކީ ރާއްޖެ މިނިވަންކުރަން ވަކާލާތު ކުރެއްވުމެވެ.

"އެ މަސައްކަތް ނުކުރި ނަމަ މިއަދު ވެސް ގޭގައި އަޅުގަނޑާ އެކުގައި އާއިލާއާ އެކު [ޔާމީން] ހުންނެވުމުގެ ފުރުސަތު ބޮޑު،"

ފާތިމަތު ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ އާއިލާއަށް ވުރެ ބޮޑަށް ޔާމީނަށް މުހިއްމުވީ ދިވެހިންގެ އިސްލާމީ ދިރިއުޅުމާއި ގައުމުގެ މިނިވަންކަން ކަމަށެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ފާޠިމަތު އިބްރާހީމް ވިދާޅުވީ، އަނިޔާވެރިންގެ އަނިޔާ އަންނާނެކަން އެނގިވަޑައިގެން، ރައީސް ޔާމީން ހިޔާރުކުރެއްވީ ގައުމުގެ މިނިވަންކަމަށް ގުރުބާންވެވަޑައިގަތުމަށް ކަމަށެވެ.

އެހެންކަމުން ފާތުމަތު ވިދާޅުވީ ޔާމީންގެ މި މަސައްކަތުގައި ބައިވެރިވުމަށް މި ވަގުތު ކޮށްދެވޭނެ އެންމެ މުހިއްމު ކަމަކީ މުއިއްޒަށް ވޯޓު ދިނުން ކަމަށެވެ.

"މި ވޯޓުގެ ނަތީޖާއަކީ ދިވެހިންގެ ރާއްޖެ ދިވެހިންނަށް ލިބުން. ޔާމީން ފެއްޓެވި ޤައުމީ ތަރައްޤީ އިއާދަވުން. ދިވެހިންނަށް ލާޒިމު ބޯހިޔާވަހިކަން މުޅި ރާއްޖޭގައި ގާއިމުވުން،"

ފާތުމަތު ވިދާޅުވިއެވެ.

ޔާމީންގެ މިނިވަންކަމާ މި ވޯޓާ ގުޅިފައިވާ ކަމަށް ފާހަގަކުރައްވަމުން، މުއިއްޒަށް ދޭ ވޯޓަކީ ޔާމީނަށް އިންސާފުވެރި، އަވަސް ޝަރީއަތެއް ލިބިވަޑައިގަންނަވާނެ ކަމެއް ކަމަށް ފާޠިމަތު އިބްރާހީމް ވިދާޅުވިއެވެ.

ރައީސް ޔާމީން ބައްދަލުވެވަޑައިގަންނަވާ ކޮންމެ ފަހަރަކު ވެސް ޤައުމުގެ މިނިވަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާ ކަމަށާއި، އެގޮތުން ދިވެހިންގެ އަމިއްލަވަންތަކަމާއި މިނިވަންކަން މިއަދު އެހެން ބައެއްގެ އަތްމަތީގައި އޮތްކަމާއި ދިވެހިން، އެ މީހުންގެ އަމިއްލަ ބިމުގައި ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވަމުން އަންނަ ކަމަށް ރައީސް ޔާމީން ވިދާޅުވާކަން އެމަނިކުފާނުގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ.

ރިޝްވަތުގެ ކުށުގައި ކ. މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، ޔާމީނަށް މި އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލުނީ އެ ހުކުމާ ގުޅިގެންނެވެ. އެކަމަކު، ފަހުން އެމަނިކުފާނު ވަނީ، ޕީޕީއެމް-ޕީއެންސީން ދެން ނެރުނު ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒަށް ތާއީދު އޮތް ކަން ހާމަކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *