25 ޖަނަވަރީ 2025

"މިލެވެލްއަށް ޢަދާލަތު ވެއްޓެން ޖެހޭބާ؟"

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެމްޕެއިން "ސްލޯގަން" މިއަދުގެ ހުކުރު ޚުޠުބާގެ މައުޟޫޢަކަަށް ބޭނުންކުރައްވާތީ، މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް ޒަމްޒަމް ފާރިސްގެ ހޫނު ސުވާލެއް އަދާލަތު ޕާޓީއަށް ކުރިމަތި ކުރައްވައިފިއެވެ.

ސޯޝަލް މީޑިޔާގައި ޝެއިޚް ޒަމްޒަމް ޙިއްސާ ކުރައްވާފައިވާ ޕޯސްޓެއްގައި، އަދާލަތު ޕާޓީގެ އެ ޢަމަލުތަކާމެދު ނުރުހުން ފާޅުކުރައްވާފައިވެއެވެ. އެގޮތުން މިއަދަކީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ނިންމާލާ ދުވަސްކަމަށްވެފައި، ރައީސް އިބްރާހީމް ޞާލިޙަށް ވާގިވެރިވާ އަދާލަތު ޕާޓީއަށް ނިސްބަތްވާ އިސްލާމިކް މިނިސްޓަރަކު ހުންނަވައިގެން ސިޔާސީ ގޮތުން މިދަނޑިވަޅުގައި، އެމްޑީޕީގެ ސްލޯގަން ޕްރޮމޯޓްވާފަދަ މަޢުޟޫޢެއް މިއަދުގެ ހުކުރު ޚުޠުބާގައި އޮތުމުން އެކަމަށް ހޫނު ސުވާލެއް، ޝެއިޚް ކުރައްވަމުން ވިދާޅުވީ، "ރ. އިބޫއަށް ކެންޕޭނު ކޮށްދޭން މިލެވެލްއަށް ޢަދާލަތު ވެއްޓެން ޖެހޭބާ؟" މިފަދައިންނެވެ.

"މިއީ ދެން ތަންކޮޅެއް ބޮޑުވަރު ނޫންތޯ. ހުކުރު ޚުޠުބާ ވެސް ތިމާމެންގެ އަމިއްލަ ކެންޕޭން ޓޮޕިކަށް ފިޓްކޮށްލީ. ރ. އިބޫއަށް ކެންޕޭނު ކޮށްދޭން މިލެވެލްއަށް ޢަދާލަތު ވެއްޓެން ޖެހޭބާ؟"

ޝެއިޚް ޒަމްޒަމް މި ސުވާލު އަދާލަތު ޕާޓީއަށް އަމާޒުކުރެއްވިއެވެ.

https://x.com/ZamzamFarish/status/1707466753918566579?s=20

ޒަމްޒަމް ފާރިޝް ފާހަގަކުރެވިފައިވަނީ، މި ސަރުކާރުން ހިންގާ އިދިކީލި ކަންކަމަށް ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ޝެއިޚް ޒަމްޒަމްއަކީ މީގެ ކުރިން އަދާލަތު ޕާޓީގެ މެންބަރަކަށްވި ނަމަވެސް އަދާލަތު ޕާޓީގެ ސިޔާސަތުތަކަށް ގެންދަވަނީ ފާޅުގައި ފާޑު ވިދާޅުވަމުންނެވެ.

އަދާލަތު ޕާޓީއަކީ މި ނިމިގެންދާ ދައުރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކޯލިޝަން ޕާޓްނަރެކެވެ. އަދި އަންނަ ދައުރަށް ރައީސް ޞާލިޙް ކުރިމަތި ލައްވާފައިވާއިރު، އަދާލަތު ޕާޓީއަކީ މިވަގުތު އެމްޑީޕީއާއެކު އޮތް ހަަމައެކަނި ކޯލިޝަން ޕާޓްނަރުވެސް މެއެވެ. ދާދީފަހުން ވަނީ، މީދޫ ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މުޙައްމަދުގެ ލީޑަރޝިޕްގެ ދަށުން ހިންގާ އެމްޑީއޭ ވެސް އެމްޑީޕީއާއެކު ހަދާފައި އޮތް ކޯލިޝަނާ ފެއަށް ޖެހިފައެވެ. އަދި އެމްޑީއޭއިން މިހާރު ވަނީ ޑރ. މުޢިއްޒަށް ތާޢީދުކުރައްވައި ޢަަމަލީ ގޮތުން ޑރ. މުޙައްމަދު މުޢިއްޒުގެ ކެމްޕެއިންއާ ގުޅިވަޑައިގެންފައެވެ.

އަދާލަތު ޕާޓީން އެމްޑީޕީއާ ކޯލިޝަން ހައްދަވާފައިވާއިރު، ޑރ. އިޔާޒުމެން ފަދަ ދީނީ ޢިލްމުވެރިން ގެންދަވަނީ ރައީސް ޞާލިޙަށް، އެކްޓިވިސްޓް ލެވެލްގައި ކެމްޕެއިން ކުރައްވަމުންނެވެ. އަދި އަދާލަތު ޕާޓީގެ ލީޑަރ ޝެއިޚް އިމްރާން ޢަބްދުﷲ ވެސް މިހާރަކަށް އައިސް ދީނީ ދައުވަތު ފެތުރުމުގެ މަސައްކަތަށްވުރެ އިސްކަން ދެއްވަނީ ސިޔާސީ ގޮތުން، ޖަދަލުކުރުމާއި ރީތިހެން ހީވާ ވާހަކަތައް ކިޔައިދެއްވައިގެން، ސިޔާސި ބާރުވެރިކަން ހޯއްދެވުމަށެވެ.

އިމްރާން ދާދި ފަހުންވެސް ޔަޤީންކަން ދެއްވާފައިވަނީ، އަދާލަތު ޕާޓީން ނުކުމެ ތިބީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ އެކުގައި ކަމަށެވެ.

އޭނާ އެހެން ވިދާޅުވީ، ރިޔާސީ އިންތިހާބަށް ރައީސާ އެކު ކޯލިޝަން ހެދި ދެ ޕާޓީގެ ތެރެއިން އެމްޑީއޭ އިން އެ ކޯލިޝަނުން ވަކިވާން ނިންމައި، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދުކުރަން ނިންމުމާ ގުޅިގެންނެވެ.

މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަޙްމަދު ޠާރިޤް (ޓޮމް) ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުން އިމްރާން ވިދާޅުވީ، އެ ބޭފުޅުން ނުކުމެ ތިއްބެވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާ އެކު މި ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ކަމަށެވެ.

މި އިންތިހާބުގައި އިދިކޮޅު ކޯލިޝަން ފެންނަނީ ޤައުމާއި ރައްޔިތުންނަށް ހުރި ބިރުވެރި ނުރައްކަލެއްގެ ގޮތުގައި ކަމަށް ވިދާޅުވެ، އިމްރާން ވަނީ އެ އިންތިހާބު އެމްޑީޕީ އަދި އަދާލަތު ކޯލިޝަނުން ކާމިޔާބުކުރާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު