އުސްމާނު ބާރުބާރަށްގޮސް ބޮޑުގިފިއްޔަށް ނިކުތުމަށްފަހު އެތަނުގައިހުރި ޖޯލީގައި އިށީނެވެ. ފިކުރުބޮޑުވެގެން އޭނާގެ ސިކުނޑިވަނީ ސުމަކަށްގޮސްފައެވެ. ވިސްނެނީއެވެ. ނަފީސާއާއި ރާޝިދާއި ދެމެދުގައި ކަންތައްތައް ވެގެން ދިޔަގޮތް އޭނާގެ ލޮލުކުރިމަތީގައި މަންޒަރުން މަންޒަރަށް ސިފަވެގެންދާނެ ނަމައޭ ހިތައްއަރައައެވެ.
ކުއްލިއަކަށް އުސްމާނުގެ މޭގައިވެސް ރިއްސަންފަށައިފިއެވެ. އެ ރިހުންގަނޑުގެ ވޭންވަރު ގަދަވެގެން ދިޔުމާއެކު އުސްމާނު އޭނާގެ މޭމަތީގައި އަތްކާއްތަންފެށިއެވެ. އަދި ފުންނޭވާތަކެއް ބޭރުކުރަމުން ދިޔައެވެ.
އެވަގުތު އޭނާގެ ހިތުތެރޭގައި އަނދަމުންދިޔަ ގިލަނުގެ ދިލަގަނޑު ދިޔައީ، އޭގެ އިމުންބޭރުވެ ހައްދުފަހަނައަޅަމުންނެވެ. އުސްމާނުގެ ހިތުގައި އުފެދިފައިވާ ކޫރުން އިތުރަށް ފުންކުރުވަމުންދިޔައީ ގޭތެރޭގައި އޮވެގެން ހަލީމަ އަޑުންއަޑުނަގައި ރޮމުންދިޔަ އަޑު އޭނާގެ ކަންފަތުގައި ޖެހުމާއިއެކުވެ.
މިފަދަ ދުވަހެއް މާތްﷲ އިތުރު އެއްވެސް އިންސާނަކަށް ނުދައްކަވާށިއެވެ. އުސްމާނު ހިތާއިހިތުން ބުނަމުންދިޔައެވެ.
* * * *
ގޭތެރެ ސާފުކޮށް ނިމުނުއިރު ފަރީދާހުރީ ވަރަށް ވަރުބަލިވެފައެވެ. ގައިންވެސް ޠާހިރުވާންޖެހިފައެވެ. ފަރީދާ އޭނާގެ ނިތުގައި އަތްއަޅާލުމަށްފަހު ނިތުގައި ޖަމާވެފައިހުރި ދާތަށް ފޮހެލުމަށްފަހު ބޭރަށް ނިކުންނަން ހިނގައިގަތެވެ. ކުއްލިއަކަށް މީހަކުއައިސް ވަރަށް ބާރަށް ދޮރުގައި ޓަކިތަޅައިގަން އަޑަށް ފަރީދާދިޔައީ ސިހިގެންނެވެ. މެންދަންވެފައި ހުއްޓައި ނުނިދައި އެހާ ލަސްވަންދެން އެއުޅެނީ ކާކުބާއެވެ. ކީއްކުރަންބާއެވެ. މިގެއަށް އަންނަންވީ ކޮންކަމަކާއިބާއެވެ. ފަރީދާގެ ސިކުނޑީގައި ސުވާލުތަކެއްއައިސް ފުނިޖެހުނެވެ. ދޮރުހުޅުވަންވީބާއޭ ނޫނީ ނުހުޅުވާ އެހަށް މަޑުކޮށްލަންވީބާއޭ ހިތަށްއަރާފައި ފަރީދާ ދޮރުކައިރިއަށްގޮސް މަޑުކޮށްލައިގެން ހުއްޓެވެ.
ދޮރުގައި ޓަކިތަޅަމުންއެދިޔަ މީހަކު ހުއްޓުމެއްނެތި ދޮރުގައި ޓަކިތަޅަމުންދިޔައެވެ. އެ އަޑުގެ ސަބަބުން ނިދަންވަދެތިބި ޖައުފަރާއި ހަބީބާއަށްވެސް ނިދޭގޮތެއް ނުވިއެވެ. އެދެމީހުންވެސް އެއީ ކާކުތޯބަލަން ބޭރަށް ނިކުތެވެ.
ފަރީދާއަށް އެދެމީހުން ނިކުތްހެން ހީވެގެން ފަސްއެނބުރި ބަލައިލިއިރު ޖައުފަރާއި ހަބީބާ އޭނާގެ ފަހަތުގައި ތިއްބެވެ. ދެމީހުންވެސް ތިބީ އާދައިގެމަތިން އަތަށް ފިޔޮހި ހެޔޮވަރުކޮށްލައިގެނެވެ. ހުން އަންނާނެކަމަށް ރަޖާލައިގެން މީހުންތިބޭ އުސޫލުން، އެދެމީހުން އަބަދުވެސް ތިބެނީ ކުރިމަތިވެދާނެ ނުރައްކަލަކަށް ބަލަބަލައި ރައްކާތެރިވެގެންނެވެ. ފަރީދާއަށް އޭނާގެ މައިންބަފައިންގެ ކިބައިން ފާޅުވަމުންދިޔަ ވައްޓަފާޅި ކަމަކުނުދެއެވެ. ލާ ކޮންމެ ނޭވަޔާއެކު ޝައްކާއި ވަހުމުގެ މަތީގައި ދެމިތިބޭތިބުން ފަރީދާގެ ބުއްދި ޤަބޫލުކުރާ ޤަބޫލުކުރުންތަކާއި މުޅިން ޙިލާފެވެ. އެވަގުތު އެ މަންޒަރު ފެނުމާއިއެކުވެސް ފަރީދާ އޭނާގެ ލޮލުގެ ކަޅި އަނބުރާލުމަށްފަހު ހިންދިރުވައިލިއެވެ. އެއީ ފަރީދާ ކޮންމެ އެއްޗެކޭ ބުނިކަމުގައިވިޔަސް، އޭނާގެ ބުނާ ބަހަކީ އޭނާގެ މައިންބަފައިންގެ ކުރިމަތީގައި އެއްވެސް އޮށްޓަރެއްހުރި އެއްޗަކަށް ނުވާނެތީއެވެ.
ޖައުފަރު އޭނާގެ އަތުގައި އޮތް ފިޔޮހިން ފަރީދާއަށް އިޝާރާތްކޮށްލުމުން އޭނާ އެބުނީ ދޮރުހުޅުވާށޭކަން ފަރީދާއަށް ފަހުމްވިއެވެ. ފަރީދާ ބޯހޫރާލުމަށްފަހުގައިގޮސް މަޑުމަޑުން ދޮރުހުޅުވައިލިއެވެ.
* * * *
ސައްތާރު ގެއަށް ނައިސްގެން އެކަމާއި ކަންބޮޑުވެގެން އުޅުނު ދަލޭކަ ހަމައަކަށް އަޅުވަން ގިނަ ވަގުތުތަކެއް ހޭދަކުރުމަށްފަހު އާދަނާއި ފާތުމަ އެތެރިގެއަށް ވަނެވެ. އެތެރިގޭގައިހުރި އަށިމަތީގައި އިށީނދެލަމުން އާދަނު އާފުރިލި މަންޒަރު ފެނިފައި ނިދިއައިސް ދެލޯކުނާކޮށްގެންއިން ފާތުމަ އިތުރަށް ނިދިއައިސްފިއެވެ.
ކުއްލިއަކަށް އާދަނު ފާތުމަގެ އަތަށް ދަމައިގަތުމަށްފަހު އޭނާގެ އިނގިލިތައް ބިންދަންފެށިއެވެ.
"އެކެއް. ދޭއް. ތިނެއް. ހަތަރެއް. ފަހެއް." އާދަނު ފާތުމަގެ އިނގިލިތައް ބިންދަބިންދާފައި ގުނަމުންދިޔައިރު ފާތުމަހުރީ ވާނުވާނޭނގިފައެވެ. އާދަނު އެކަންކުރަމުން ދިޔައިރު އޭނާގެ ޝައުގުވެރިކަންހުރި މިންވަރު ފެނިފައި ފާތުމަ އަޖައިބުވެސްވެއްޖެއެވެ.
"އާދަނާ.. ތިޔައީ ދެންކޮންފަދަ ކަމެއް؟ އަހަރެން ނިދިޔަ ދީބަލަ.. މިހާރު އަހަރެން މިހުރީ ނިންޖައް ބަލިވެފައޭ. ކޮން ސަކަރާތެއްތަ ތިޔަޖަހަނީ؟ ނިދަންވަދެފަ ދެން ނިދާބަލަ. މާދަމާ ހެނދުނު ހެނދުނާ ހޭލަންވެސް ޖެހެއެއްނު.." ފާތުމަ އޭނާގެ ބޮލުގައި ދައުރުވަމުންދިޔަ ސުވާލު އާދަނަށް އަމާޒުކޮށްލުމުން އާދަނު އޭނާ ކުރަމުންދިޔަ މަސައްކަތް ހުއްޓާލުމަށްފަހު ފާތުމައާއި ހަތަރުކަޅި ހަމަކޮށްލިއެވެ.
"އަހަރެން މިވިސްނަނީ މިއަދު އަލިވިލޭއިރަށް ކަތީބު އަރިހަށްދާން.. ކޮންމެވެސް ބޮޑުކަމެއް ވެގެން ނޫނީ ސައްތާރު އެހާ ލަސްވަންދެން ގެއަށް ނައިހެއް ނުހުންނާނެ.. އަހަރެންގެ ހިތް އެބަބުނޭ.. ކޮންމެވެސް ގޯހެއް އެބައުޅޭ.." އާދަނު ހިތްއަވަސްވެފައިހުރި މިންވަރު އޭނާގެ ދެލޮލަށް ފީނާލުމުން ފާތުމައަށް ވިސްނުނެވެ. ފާތުމަ ބަދަލުގައި އިތުރަށް ވާހަކަ ނުދައްކައި، އާދަނާއި މުހާތަބު ކުރުމަށް ބޯޖަހާލާފައި އޮށޯތެވެ.
ކަމަކާއިމެދު މާފުންކޮށް ވިސްނާކަމުގައި ވަނީނަމަ އާދަނަށް ހަމަނިދިލިބުމަކީ ނުހަނު ނާދިރިކަމެކެވެ. އެހެނަސް އާދަނުވެސް ނުނިދާ ގިނައިރުވުމުންހުރީ ފާޑަކަށް ބޮލަށްބަރުވެފައެވެ. އެހެންކަމުން އޭނާވެސް ނިދޭތޯ މަސައްކަތްކޮށްލުމަށް ފާތުމަ ކައިރީގައި އޮށޯވެ ދެލޯމަރައިލިއެވެ.
* * * *
ބަކުރުގައިން ރޫރޫއަޅަމުންދިޔައިރު އޭނާއަށް ކޮޅަށްތެދުވެ ހުންނަންވެސް އުނދަގޫވިއެވެ. އެހެނަސް މެނުވާކަމަށް ހެދިގެން ހުންނަން އޭނާއަށްވަނީ މަޖުބޫރުވެފައެވެ. ހާލަތު ތަންނުދޭތީއެވެ. ހިތްބިރުގަންނާތީއެވެ. ހަޤީޤަތް ދުނިޔެއަށް ކަޝްފުވާހިނދު ފަލީހަތްވެ މީސްތަކުންގެ ކުރިމަތީގައި ބޭޒާރުވާނޭކަން ވިސްނޭތީއެވެ. އެއްވެސް އަގެއްނެތް، ވިޔާނުދާ ނުލަފާ މީހެއްގެ ގޮތުގައި މީހުންގެ ނަޒަރުގައި ފެވިގެންދާނެތީއެވެ. އެއީ ދުނިޔޭގެ ތަބީޢަތްކަމުގައިވާތީއެވެ.
ކަންތައް ހިނގައިދިޔަގޮތުގެ ތަފްސީލު ހިތުތެރޭގައި ފޮރުވައިގެން ހުންނަން ބަކުރަށް ކިތަންމެހާވެސް އުނދަގުލެވެ. ހިތުގައިވާ އުދާސްތައް ނޫރުބީނާގެ ކުރިމަތީގައި ބަންޑުންކޮށްލަންވެސް ބަކުރު ބޭނުންވިއެވެ. ނަމަވެސް އޭނާގެ ހިތުން އެކަމަށް އެއްބަހެއް ނުވިއެވެ. އޭނާގެ ހިތް ރޮއެރޮއެފައި އަމިއްލަ ނަފުސުކައިރީގައި އާދޭސްކުރަމުންދިޔައީ އެ ކާރިސާގެ ޙުލާސާ އޭނާގެ ހިތުތެރޭގައި ސިއްރެއްގެގޮތުގައި ފޮރުވައިދީފައި ބާއްވަދިނުމަށް އެދިއެވެ. އެހެންކަމުން އޭނާ އަނގަމަޑުންލައިގެން ހިމޭނުންހުރުން ފިޔަވައި އިތުރުގޮތެއް އޭނައަކަށްނެތެވެ.
ބަކުރުގެ ހިތް ކިލަންބުކުރަމުންދިޔަ އުދާސްތައް އޭނާގެ ހަށިގަނޑުން ބޭރުކުރުވަމުންދިޔައީ އޭނާގެ ލޮލުން ހިފެއްޓުމެއްނެތި ފައިބަމުންދިޔަ ކަރުނަތަކެވެ. އެ ކަރުނަތައް އޭނާގެ މަދަދުވެރި ޔާރަކަށް އެހިނދު ނުވިނަމަ އޭނާގެ ހާލަތުއޮތީހީ ވަޒަންކޮށްލުމެވެ. ހަތަރުއުދަރެސް ފެނުޖެހިއްޖެއެވެ. ކުރާނީ ކީއްހެއްޔެވެ. އަހަރެން އެކަށް ބަރުބާދުވެއްޖެއެވެ. ދެކުނު ހުވަފެންތައް ވެއްޔާއި މޮޑެވިގެންހިނގައްޖެއެވެ. ތަޤްދީރު އެނގޭނަމައީހީ، އަހަރެން އެވަގުތުކޮޅު އަލުން ހޯދީމުހެވެ.
ބަކުރަށް ވެފައިހުރިވަރު ފެނިފައި ނޫރުބީނާއަށް އެއްވެސް ޝައްކެއް ވަހުމެއް ނެތްވަރަށް، ކޮންމެވެސް ކަމެއް ވަރަށް ގޯސްކޮށް ހިނގައިފިކަން ޔަޤީންކުރެވުނެވެ. ނޫރުބީނާ ލަސްފިޔަވަޅުތަކެއްގައިހުރެ ހިނގަމުންގޮސް ބަކުރުގެ ކޮނޑުގައި ހިފަހައްޓާފައި އޭނާގެ މޫނާއި މޫނު ދިމާވާ ގޮތަށް ބަކުރު އަނބުރާލިއެވެ.
ބަކުރުހުރީ ބަސްހުއްޓިފައެވެ. ހަރަކާތްހުއްޓިފައެވެ. ދުނިޔޭގެ އޮޔެއްވަޔެއް ނޭނގޭ މިންވަރަށް ގަބުކައިފައެވެ. ބަކުރަށް އެވަގުތު ބަލައިލި ކޮންމެ މީހަކަށްމެ ބަކުރު ސިފަކުރެވޭނީ ދުނިޔޭގައި މިސްރާބުއޮޅި، ދުނިޔެމަތިން އެކަށް ފޫހިވެފައިވާ މީހެއް ފަދައިންނެވެ. އިތުރަށް އެންމެ ހިނދުކޮޅަކަށްވެސް މިދުނިޔެއަށް ނޭވާދޫކޮށްލަން ބޭނުންނުވާ މީހެއްހެންނެވެ. ކަރުނަތިއްކަކަށްފަހު ކަރުނަތިއްކެއް ބަކުރުގެ ލޮލުން ހިލެމުންދިޔައިރު އޭނާގެ ދެލޯހުރީ އެކީއެކަށް ރަތްވެފައެވެ. ލޮލުގެ ރަތްކަން ގަދަކަމުން އޭނާގެ ދެލޮލުގެ ހުދުއޮށްވެސް މަދޮށިއޮކެކޭ ވަކި ތަފާތެއްނެތެވެ.
ކަމެއް ކުރެވުމުން އެކަމުން ހިތަށް ލިބޭ ޒަޙަމުގައި އަޅާ ވޭނުގެ ފުންމިން ބަކުރަށް އެވިސްނުނީ އަދިކިރިޔާއެވެ. އުމުރުން ފާއިތުވެ ދިޔަތަނުގައި ބަކުރުގެ ލޮލުން ދުވަހަކުވެސް ހިތްދަތިވެގެން ކަރުނަ ހިލުނު ދުވަހެއް އެދުވަސް ފިޔަވާ ނުވެއެވެ. އެ މަންޒަރު ނޫރްބީނާގެ ލޮލަށްވެސް ފެނުނުމިއީ ފުރަތަމަ ފަހަރެވެ.
ބަކުރުގެ ހާލަތުފެނި މައިލަގޮނޑިއަކަށް ކެތެއްނުކުރެވުނެވެ. ބަކުރުގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލަމުން ނޫރުބީނާ ބަލަން ބޭނުންވީ ބަކުރަށް އެހާވަރު އެވީ ކޮންކަހަލަ ލޮޅުމެއް އޭނާގެ ދިރިއުޅުމަށް އައިސްގެންތޯއެވެ.
"ބަކުރާ ދަރިފުޅާ.. ކިހިނެއްތަވީ؟ ދަރިފުޅުގެ މޫނަށް ބަލާލާފައިވެސް އެނގޭ ކޮންމެވެސް ވަރަށް ބޮޑުކަމެއް ވެއްޖެކަން.. މަންމަ މިވީހާތަނަށް އަދި ދުވަހަކުވެސް ނުދެކޭ މަންޒަރެއް މިއީ.. ދަރިފުޅު އެއްވެސް ކަމަކާ ހިތްހަމަނުޖެހިގެން ނުވަތަ ހިތްދަތިވެގެން ދަރިފުޅު ރޮއުނު މަންޒަރު މަންމައަށް ފެނުނު މިއީ ފުރަތަމަ ފަހަރު.. މަންމައަށް ޔަޤީނާއި ގާތަށް ބުނަން އެނގޭ.. ކޮންމެވެސް ކަމެއްވެއްޖެ.. ދަރިފުޅަށް ކޮންމެވެސް ހިތްދަތިކަމަކާއި ކުރިމަތިލާންޖެހިއްޖެކަން މަންމައަށް އެނގޭ.. މަންމައަށް އޮޅުވާނުލާ ކިޔައިދީ.. ކިހިނެއްތަވީ.. ދަރިފުޅު ދައްކާ ކޮންމެ ވާހަކައެއްވެސް ކަނުލާ އަޑުއަހަން މަންމަ މިހުރީ ތައްޔާރަށް.. ދަރިފުޅު މަންމައަށް އެއްވެސް ކަމެއް ސިއްރުނުކުރާތި.. ދަރިފުޅަށް ތިޔަ ހިތްދަތިކަން ލިބުނީ މީހަކު ކުރި ހިތްނޭދޭފަދަ ކަމަކުންނަމަ ދަރިފުޅު ތިޔަ ތަޙައްމަލްކުރަމުންދާ ވޭނުގެ ރަހަ އެމީހެއްގެ އަރުތެރޭގައިވެސް ލައްވާލާނަން.. ފަސްނުޖެހި މަންމައަށް ދެންވެސް ކިޔައިދީބަލަ.. މަންމަ ދަރިފުޅާ ދިމާލަށް އެއްވެސް އެއްޗެކޭ ނުކިޔާނަމޭ.."
ބަކުރަށް އޯގާތެރިވެ ވާހަކަދައްކަމުން ނޫރުބީނާ ކެތްމަދުވެފައިހުރީ ބަކުރު ރޮމުންދިޔަ ސަބަބެއް ހޯދާށެވެ. ބަކުރުގެ ދުލުން ބަހެއް ބޭރުނުވަނީސް ހުރިތަނުން ގުޑުވައިނުލާން ނޫރުބީނާހުރީ މާކުރިންވެސް ހިތުގެ އެންމެ ފުންމިނުން އަޒުމްކަނޑައަޅައިގެންނެވެ. އޭނާގެ ޢަޒުމަކީ ދުވަހަކުސް ގުޑާފައިވާ ޢަޒުމެއްނޫނެވެ. ނަމަވެސް މިރޭ އޭނާގެ އެ ރިކޯޑު މުގުރިގެން ދިއުމަކީ ވުން ވަރަށް ގާތްކަމެކެވެ.
* * * *
އުސްމާނު ޖޯލީގައި އިށީންދެ އިނދެފައި ކަޅިއެއް އެއްލައިލި ވަގުތު އޭނާގެ ލޮލުގައި އަޅައިގަތް މަންޒަރަކުން އޭނާގެ ސަމާލުކަން ދަމައިގަތެވެ. ކުރިމަތީގައި ފެންނަންހުރި ބަނބުކެޔޮގަހުގައި މާވަރަކަށް ތޫނުއެއްޗަކުން ތަޅާފައިހުރުމުން އެއީ ކާކު، ކީއްކުރަން، ކޮން ބޭނުމެއްގައި ކޮށްފައިހުރި ކަމެއްތޯއާއި މެދު ހިތުތެރޭގައި ސުވާލު އުފެދުނެވެ. އެ ބަނބުކެޔޮގަހުގައި ފެންނަންހުރި ނިޝާންތަކަކީ ބަކުރުގެ އަތުން އެގަހަށް ލިބިފައިހުރި ހަމަލާތަކެއްކަމަށް އުސްމާނަށް އެނގޭނީ ފަހެ ކިހިނަކުންހެއްޔެވެ؟
އުސްމާނަށް އެ ބަނބުކެޔޮގަހަށް ލިބިފައިހުރި ހަމަލާތައް ފާހަގަކުރެވުނު ނަމަވެސް އޭނާ އެކަމާއިމެދު އިތުރަށް އޭނާގެ ސިކުނޑި ގާނުވާކަށް އޭނާ ބޭނުމެއްނުވިއެވެ.
ބަނބުކެޔޮގަހާއި ދިމާލަށް ކަޅިއަޅައިނުލާ ބަލަންހުރުމަށްފަހު އުސްމާނު ތެދުވެ ހުރިސީދަލަށް ހިނގައިގަތެވެ. ދެތިން ފިޔަވަޅުއެޅުމާއެކު އުސްމާނަށް ބަނބުކެޔޮގަހާއި ހަމާލަށް ދެވުނެވެ. އުސްމާނު އެގަސް ކުރިމަތީގައި ހުއްޓުނު ވަގުތު އޭނާއަށް އެތަނުގައި ބާއްވާފައިއޮތް ފުރޯ ފެނުމާއެކު އޭނާގެ އެ ފުރޯ ނަގާފައި އަތަށް ހެޔޮވަރުކޮށްލިއެވެ.
"ކަލޭކަހަލަ ބަފައިން ނެތަސް ރަނގަޅުވާނެ"
"އަމިއްލަ އުފަން ދަރީގެ ބޮލުގައި ތިޔަކަހަލަ ހަޑިމުޑުދާރު އިލްޒާމްއަޅުވާކަށް ލަދެއް ނުގަނޭތަ"
އުސްމާނުގެ ހަނދުމައަށް ހަލީމަގެ ބަސްތައް އަނެއްކާވެސް އަންނަން ފަށައިފިއެވެ. އޭނާގެ ކަންފަތަށް އަދިވެސް އެބަސްތައް އިވެމުންދިޔަ ފަދައެވެ. ތަކުރާރުކޮށް ހުއްޓުމެއްނެތި އެ ލަފުޒުތައް އެމުނެމުން އެތުރެމުން އޭނާގެ ސިކުނޑީގައި ދައުރުވަމުންދިޔައިރު އޭނާގެ ހިތުގައި އުފެދިފައިވާ ފާރުގަނޑުގައި ކުރިއަށްވުރެ ބާރަށް ދިލަނަގަމުންދިޔައެވެ. އޭގެ ވޭނަށް ކެތްނުކުރެވިގެން އުސްމާން އޭނާގެ އަތުގައިއޮތް ފުރޮލުގައި ހިފެހެއްޓުނު އެންމެ ބާރަކަށް ހިފަހައްޓައި އަތަށް ބާރުކޮށްލިއެވެ.
އުސްމާނު އޭނާގެ ހަމަ ބުއްދިން ބޭރުވަމުންދިޔަ ދިޔުމާއެކު އޭނާއަށް އަތުންފައިން ހެދިދާނެ އެއްވެސް ގޯހަކާއިމެދު އޭނާގެ އެއްވެސް ފަރުވާލެއްނެތް ފަދައެވެ. އެވަގުތު އޭނާގެ ހިއްސުތައްވެސް ފުރިހަމައަށް މަސައްކަތްކުރުމަށްވަނީ ނުކުޅެދިފައެވެ.
މީހުން ބުނެއުޅޭ އަޑުއަހަމެވެ. ހިތާމައާއި ހާސްކަމާއި ހިތްނުތަނަވަސްކަން އޭގެ އިމުން ބޭރުވެ ހައްދުފަހަނައަޅައި ދިއުމުން ބައެއްފަހަރަށް އިންސާނާ ހަމަބުއްދިން ބޭރުވެ އޭނާގެ އަތުންފައިން ނުހަނު ގިނަގުނަ ގޯސްތައް ހެދިދެއެވެ. އެފަދަ މީހުން އެފަދަ ކަންކަންކުރަނީ އެމީހުންގެ އަމިއްލަ އިޙްތިޔާރަކުނޫނެވެ. ބޭއިޙްތިޔާރުގައެވެ. އިޙްތިޔާރާއި ޙިލާފަށެވެ. އެފަދަ ދަނޑިވަޅުތަކުގައި ކުރެވޭ ކަންކަމުން އެފަދަ މީހުންގެ ދިރިއުޅުން މަދު ވަގުތުކޮޅެއްގެ ތެރޭގައި އެފުށްމިފުށަށް ޖަހައިލައެވެ. ދިރިއުޅުމުގެ ކުލަވަރާއި އޮއެވަރު އެކީއެކަށް ބަދަލުކޮށްލައެވެ. ގިނަފަހަރަށް އެކަންކަމުގެ ހިތިނަތީޖާއަކަށް ވެދަނީ އެފަދަ މީހުންގެ މުސްތަޤުބަލު ބަނަވެ ދިރިއުޅުން ބަރުބާދުވެދިއުމެވެ.
އުސްމާނަށް ހީވެފައިއޮތްގޮތުގައި ރާޝިދުގެ ޤާތިލަކީ ނަފީސާއެވެ. އެހެނަސް އެމަރުގެ ޒިންމާ ނަފިސާ ނަގާކަށް އުސްމާނު ބޭނުމެއްނޫނެވެ. އެމަރުގެ އިލްޒާމުގައި ނަފީސާ ބެދިގެންދާތަން ބަލާކަށްވެސް އުސްމާނަކަށް ކެތެއްނުކުރެވޭނެއެވެ. އޭނާ އެއަށްވުރެ ބޮޑަށް ނަފީސާދެކެ ލޯބިވެއެވެ. ކޮންމެފަދަ ޤުރުބާނީއެއްވެގެންވިޔަސް އުސްމާނުގެ ހިތުގެ އާދޭހަކީ ނަފީސާ ސަލާމަތްކުރުމެވެ. އަންނަންއޮތް ހުރިހާ އިމްތިހާނަކުން، ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކުން ނަފީސާ ދިފާޢުކޮށް އޭނާ ހިމާޔަތްކޮށްދޭށެވެ. އޭނާއަކީ ރަނގަޅު ބަފައެއްކަން، ނަފީސާއަށް ކުލުނުއޮތް ބަފައެއްކަން ހަލީމައަށް ސާބިތުކޮށްދިނުމަކީވެސް އުސްމާނުގެ އެއް ޢަމާޒެވެ. އުސްމާނަސް އެވަގުތު ޤަބޫލުކުރެވުނު ގޮތުގައި، އެ ޢަމާޒަށް އޭނާއަށް ވާސިލުވެވެންއޮތް ހަމައެކަނި މަގަކީ އެއީއެވެ. އެހެންކަމުން އޭނާ އެ މަގު ފިޔަވާ އެހެން މަގެއް އިޙްތިޔާރުކުރާކަށް ބޭނުމެއްނުވިއެވެ.
* * * *
މަންމާއޭ ކިޔާފައި ރޮއެގަނެފައި ބަކުރު ނޫރްބީނާ ގައިގައި ބައްދައިގަތެވެ. ބަކުރުގެ ރުއިން ފަހަރަކަށްވުރެ ފަހަރެއް ދިއައީ ބާރުވަމުންނެވެ. ނޫރްބީނާ ބަކުރުގެ ބޮލުގައި ފިރުމަމުންދިޔައެވެ. އޭނާ ބޭނުންވީ ބަކުރުގެ ހިތުގައިވާ އުދާސްތައް ބޭރުކޮށްލަން ބަކުރަށް އެ ފުރުސަތުދޭށެވެ. އެ ސަބަބަށްޓަކައި އޭނާ ސުވާލުކުރުން އެވަގުތައް މެދުކަނޑާލާފައި ބަކުރު ހަމައަކަށް އެޅުވޭތޯ މަސައްކަތްކޮށްލިއެވެ.
"މަންމާ… އަހަރެންގެ ޙަޔާތަށް މިއައީ ކޮންކަހަލަ ބޮޑު ލޮޅުމެއް.. މި ލޮޅުމުން އަހަރެންގެ ޙަޔާތް ފުނޑުފުނޑުކޮށްލައިފި…"
"އަހަރެންގެ ހިތުތެރެއަށް އައިސްފައިމިވާ ޒަލްޒަލާއަށް ކެތްކުރާނެހާ ހިތްވަރެއް އަހަރެންގެ މި ބަލިކަށި ހައްޓަކުއެއްނެތް.. އަހަރެންގެ މުޅި ކުރިމަގު ބަނަވެއްޖެ މަންމާ… އަހަރެންގެ ޙަޔާތް އިންދިރާސްވެ ހިނގައްޖެ.. އަހަރެންދެން ކިހިނެތް ހަދާނީ މަންމާ… ދޮގެއްގެ މަތީގައި އަހަރެންގެ ދިރިއުޅުމުގެ ކުރިއަށް އޮތްބައި ވޭތުކުރާކަށް އަހަރެން ބޭނުމެއްނޫން މަންމާ… އަހަރެންގެ މުޅި ޙަޔާތް ވީރާނަވެއްޖެ… އަހަރެންދެން މިދުނިޔޭގައި އެންމެ ހިނދުކޮޅަކުވެސް ހުންނާކަށް ބޭނުމެއްނޫން މަންމާ…"
ބަކުރު ގިސްލަގިސްލާފައި އޭނާގެ ހިތުގެ ޝުޢޫރުތައް ބަންޑުންކުރަމުންދިޔައިރު ނޫރުބީނާގެ ދެލޮލަށްވެސް ކަރުނަތައް ޖަމާވެ ފައިބަންފެށިއެވެ. ނޫރްބީނާވެސް އެވަގުތު ހުރީ ހަދާނެގޮތް ހުސްވެ ބޯގޮވާފައެވެ. އޭނާގެ ހިތަށް އެންމެ އުނދަގޫވަމުންދިޔައީ ވެގެން އުޅެނީ ކިހިނެއްކަން އަދިވެސް އޭނާއަށް ނޭނގޭތީއެވެ.
"އަހަރެންގެ ހިތުގެ އާދޭސް އަޑުއަހާލަދީ މަންމާ…" ބަކުރަށް ރުއިން ހުއްޓޭގޮތެއްވެސް ނުވިއެވެ.
"މަންމަ މިހުރީ އަޑުއަހާށޭ ދަރިފުޅާ…" ނޫރްބީނާ އޭނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލަމުން ބުންޏެވެ.
* * * *
ބަކުރާއި ނޫރްބީނާ ދައްކަމުންދިޔަ ވާހަކަ އަޑުއަހަން ބޭނުންވެފައިހުރެ ސަފިއްޔާ މަޑުހިނގުމެއްގައިގޮސް ދޮރުގައި ކަންފަތްޖައްސާލި މަންޒަރު ހަސަނަށް ފެނުނެވެ.
"ބަލަ ދެންވެސް ދޭބަލަ ތިޔަ ގައިން ޠާހިރުވެގެން އަންނަން.. ފެންވަރާލައިގެން އަންނަންދޭ.. ގައިގައި ފިހިފައި ތިޔަހުރި ތަންތަނުގައި ބޭސްއަޅައިގެނެއްނު އަދި މިރޭ ނިދޭނީވެސް…"
ސަފިއްޔާ ރޮމުން ރޮމުންވެސް ހަސަނަށް ދިނީ ބީރުކަންފަތެކެވެ.
"ބަލަ ސަފިއްޔާގެ ދެކަންފަތް ބީރުވީތަ؟ އަމާ އައިސް މުޅި މިގެވެސް ފެންކޮށްފާނެ. ދެންވެސް އަވަހަށް ދޭބަލަ.."
ހަސަނުހުރީ ސަފިއްޔާ އެތަނުގައި ހުރިކަން ނޫރްބީނާއަށް އެނގިއްޖެނަމަ ވާނެ ގޮތަކާއިމެދު ވިސްނާފައި ފިކުރުބޮޑުވެފައެވެ.
ސަފިއްޔާ ބަދަލުގައި އެއްވެސް އެއްޗެކޭ ނުބުނު ހިމޭނުންހުރެ ހަސަނާއި ދިމާލަށް ބަލަހައްޓައިގެން ހުރެފައިގޮސް ބޭރަށް ނިކުތެވެ. ހަސަނުގެ ބަސްއަހާފައި އަވަހަށް ފެންވަރަން ގިފިއްޔަށް ވަންނާށެވެ.
* * *
އުސްމާން ފުރޯ ހިފައިގެންއައިސް މަރުވެފައިއޮތް ރާޝިދުގެ ކަނާއަތްފަރާތަށް ވާގޮތަށް ހުއްޓިލިއެވެ. މީހެއްގެ ހިލަމެއް ވެގެން، ދެލޯ މަރައިގެން ރޯންއޮތް ހަލީމަ ދެލޯ ހުޅުވާލާފައި މައްޗަށް ބަލައިލި ވަގުތު އޭނާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ އުސްމާނު އަތުގައިއޮތް ފުރޮއެވެ. ހަލީމަ ދެލޯ ބޮޑުކޮށްލާފައި ހާސްކަމާއިއެކު އުސްމާނުގެ މޫނަށް ބަލައިލިއެވެ. ނަމަވެސް އުސްމާނުގެ އެއްވެސް ސަމާލުކަމެއް ހަލީމައަކަށް ނެތެވެ. ހަލީމައަށް ހަތަރު އުދަރެސް ފެނުޖެހުނުފަދަ އިހުސާސެއްކުރެވުނެވެ. އޭނާއަށް ހީވީ އުސްމާނު ނަފީސާއަށް ފުރޯއިން ހަމަލާއެއްދޭންއުޅޭ ކަމަށެވެ. އެހެންކަމުން، އޭނާ ފުންމާފައި ތެދުވެ ރޮމުން ރޮމުން، ފަތްޖެހިއެނދުގައި ބާއްވާފައިއޮތް ނަފީސާ ކައިރިއަށް ދިޔައެވެ.
"ހެޔޮނުވާނެ އުސްމާނު.. މާތް ރަސްކަލާނގެ ރަސްކަންފުޅަށްޓަކައި މިބުނީ.. ރާޝިދު މަރާލާފައި އެއޮތީ ނަފީސާއެއް ނޫނޭ.. ނަފީސާ ނުބައިނުލަފަޔަސް އޭނާގެ ކިބައިގައި މީހަކު މަރާލަންކެރޭނެހާ ކެރުންތެރިކަމެއް ނުހުންނާނެ.."
"ތިޔަ ހަދާގޮތެއް އަހަރެންނަށް ހަދާ.. އަހަރެންނަށް ހެޔޮ އަހަރެން ކަތިލިޔަސް އަހަރެންނަށް ކޮންމެފަދަ ގޮތެއް ހެދިޔަސް، ކޮންމެފަދަ ސަޒާއެއްދިނަސް… އަހަރެން މިހުރީ އެކޮންމެ ކަމަކާއި ކުރިމަތިލާން ތައްޔާރަށް… ހެޔޮނުވާނެ އުސްމާން…"
ހަލީމަ ގިސްލަގިސްލާފައި އުސްމާނު ކައިރީގައި ރޮއެ އާދެސްކުރަމުންދިޔައީ ނަފީސާގެ ހައްޤުގައެވެ. ނަފީސާއަށްޓަކައި އޭނާގެ ހިތުގައިއޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. އުސްމާނުގެ ހިތުތެރޭގައިއޮތް ނިޔަތަކީ ކޮބައިކަމެއް ހަލީމައަކަށް ނޭނގެއެވެ.
ހަލީމަ މެދުކެނޑުމެއްނެތި އާދޭހުގެ ބަސްތައް އަމުނަމުންދިޔައިރުވެސް އުސްމާނު ރާޝިދާއި ދިމާލަށް ބަލަހައްޓައިގެން ހަނުހުރުމުން ހަލީމަގެ ހާލަތުދިޔައީ އިތުރަށް ސަކަރާތްވަމުންނެވެ.
އުސްމާނު އިރުގަނޑަކު ހުއްޓުން އަރާފައި ރާޝިދަށް ބަލަންހުރުމަށްފަހު އޭނާގެ އަތުގައިއޮތް ފުރޯ މައްޗަށް ނަގައިފިއެވެ. އެއާއެކު ހަލީމަގެ ނަޒަރުވެސް އެދިމާލަށް ހުއްޓުނެވެ. ދެން ފެނުނީ އުސްމާނު އޭނާގެ ގައިގައި ހުރި ބާރެއްލާފައި އެ ފުރޯއިން ރާޝިދުގެ މޭމަތިގައި ޖެހި މަންޒަރެވެ. އެވަގުތު ރާޝިދުގެ ހަށިގަނޑު ދެފަޅިއަށް ކަފައިގެންގޮސް މުޅިތަނަށް ލޭތަށް ބުރައިގެން ދިޔައެވެ.
ހަލީމަ އަޑުގެނެއްތަނަށް ހަޅޭއްލަވައިގަތެވެ. ގަންނާކުރެއްވި ބިރަކުން އޭނާ ހުރިތަނަށް ޙަބަރުހުސްވެގެން ނުވެއްޓުނީ ހަމަ ކިރިޔާފަށުންނެވެ. މޭގަނޑު އަތަށް އައިފަދައެވެ.
އުސްމާނު އަނެއްކައިވެސް ފުރޯއިން ރާޝިދުގެ މަރުވެފައިއޮތް މަސްގަނޑަށް އިތުރު ހަމަލާއެއްދިނެވެ. އެ މަންޒަރު ބަލަން އިންނާކަށް ހަލީމައަކަށް ކެތެއްނުކުރެވެނެވެ. އޭނާގެ މޭބޮޑުވެ ހޮޑުލަވައިގަތުމުން ހަލީމަ ދެލޯމަރާލުމަށްފަހު ދުއްވާފައިގޮސް ގޭގެ ބޮޑުގިފިއްޔަށް ނިކުމެވުމާއެކު ހޮޑުލެވުނެވެ. އެވަގުތުގެވެސް އޭގެ ކުޑައިރުކޮޅެއްކުރިން އޭނައަށް ފެނުނު އަނިޔާވެރި އަދި އެހާމެ ލާއިންސާނީ މަންޒަރު އޭނާގެ ލޮލުކުރިމަތީގައި އެއްވެސް ފަޑުކަމެއްނެތި ސިފަވަމުންދިޔައެވެ.
ހަލީމައަށް ލިބިފައިވާ ސިހުމެއްގެ ބޮޑުކަމުން އޭނާ ހޮޑުލައި ނިންމާލުމަށްފަހު ބޮލުގައި އަތްއަޅާލަމުން ހަޅޭއްލަވަންފެށިއެވެ.
* * * *
ފަރީދާ ފުންނޭވާއެއް ބޭރުކޮށްލުމަސްފަހު ދޮރުހުޅުވައިލިއިރު ބޭރުގައި ހުރީ އޭނާގެ ރަޙްމަތްތެރިއެކެވެ. މެންދަންވެފައި ހުއްޓައި އޭނާ އެގެއަށް އައުމުން ޖައުފަރުހުރީ އެކަމާއި ނުރުހުންވެ ކަންބޮޑުވެފައެވެ.
"ކީއްކުރަން އެކޮއެ މިހާ ދަންވެފައިހުއްޓާ މިގެއަށް ތިއައީ؟" ޖައުފަރު އެ އަންހެނާއާއި ސުވާލުކޮށްލިއެވެ.
"އަހަރެން މިއައީ ފަރީދާ ކައިރީގައި ވާހަކައެއް ދައްކާލަންވެގެން… ގޭގަ ވަރަށް ބުރަ މަސައްކަތެއްގައި އުޅުނީމަ މިރޭ މިހާ ލަސްވަންދެން ހޭލާ މި އުޅެނީ…"
"ކިހިނެތްދެން އަހަރެމެންނަށް ވަކިކުރަން އެނގެނީ ތިޔައީ އިންސާނެއްކަމެއް ނުވަތަ ހަންޑިއެއްކަމެއް؟" ޖައުފަރު އެ އަންހެނާއާއި ދިމާލަށް ލޯއަޅާލަމުން ބުންޏެވެ.
ޖައުފަރު ކުރި ސުވާލުން އެ އަންހެނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެންދިޔައެވެ. އޭނާހުރީ ބުނާނެ އެއްޗެއް ނޭގިފައި ވަރަށް ފާޑަކަށެވެ. އެ މަންޒަރު ފެނިފައި ފަރީދާ ލަދުވެސްގަތެވެ. އިތުރު ލަދެއްގައި ބެދުމުގެ ކުރިން ފަރީދާ ބޭނުންވީ ކޮންމެވެސް ބަހަނާއެއް ދައްކާފައި އޭނާގެ ރަޙްމަތްތެރިޔާ ގޮވައިގެން އަވަހަށް އެގެއިން ނިކުމެގެން ދާށެވެ.
"ބައްޕާ ދެން ދޭބަލަ އޮށޯންނަން… އަހަރެން އެބަ އަންނަން ބޭރަށް ޖެހިލާފަ… އެހާ ލަސްތަކެއްނުކޮށް އެނބުރި އަންނާނަން… އަދި މިރޭ މިވީގޮތުން އެބަޖެހޭ މިސްކިތު ފެންވަޅުން ފެންބަލައިވެސް ދާން.."
ޖައުފަރު އިތުރު ލަފުޒެއް ބުނުމުގެ ކުރިން ފަރީދާ ގެއިން ބޭރަށް ނިކުތުމަށްފަހު އޭނާގެ ރަޙްމަތްތެރިޔާއާއެކު ހިނގައިގަތެވެ.
ދުވަސްކޮޅުގެ ގޮތުން ރަށުގައި ހިތްތަލަ ވަރަށް ތިޔާގިވެފައިއޮތުމުން ފަރީދާގެ ރަޙްމަތްތެރިޔާ ބޭނުންވީ ވީއެންމެ އަވަހަކަށް ހިތްތަލަ ކޮންނަންދާށެވެ. އެއީ އެމީހުން ވަރަށް ގަވާއިދުން އަބަދުވެސް ކޮށްއުޅޭ ކަމެކެވެ. ފަރީދާވެސް ވަލަށް ނުވަންނަތާ ދުވަސްގަނޑެއް ވެފައިއޮތުމުން އޭނާ އިތުރު ވިސްނުމަކަށްނުގޮސް އިޖާބަދިނެވެ.
އިރުކޮޅަކު ދެމީހުން މަޝްވަރާކޮށްލުމަށްފަހު ނިންމީ، ފަތިހާ ހޭލައި ގޭގައި ކުރުމަށްހުރި ކަންކަންކޮށް ނިންމާލުމަށްފަހު ހިއްތަލަކޮންނަން ދިއުމަށެވެ.
* * * *
ހަލީމަ އަޑުގެނެއްތަނަށް ހަޅޭއްލަވަމުންދިޔަ އަޑު އުސްމާނުގެ ކަންފަތުގައި ޖެހުމާއެކު އުސްމާނު ދުވެފައިއައިސް ހަލީމަގެ އަގަމަތީގައި އަތްއަޅައި ބާރުކޮށްލުމަށްފަހު ގަދަބަދަހިކަމުން އޭނާ އުފުއްލައިލިއެވެ. އުސްމާނަށް ހަލީމަ ގެއަށް ވެއްދުނީ އުޅެބައްޔަށެވެ. ހަލީމަ ވަރުދައްކާލާފައި ހަށިފޮޅާލައި އުސްމާނުގެ ކިބައިން ސަލާމަތްވާން ކުރި ހުރިހާ މަސައްކަތެއްވީ ބޭކާރެވެ.
އުސްމާނު އެފަދައިން ކަންތައްކުރީ، ހަލީމަގެ ހަޅޭކުގެ އަޑު މަގަކުމަތިން ހިނގާފައިދާ މީހަކަށް އަޑުއިވިދާނެތީ އެކަމުގެ ރައްކަލަކަށްޓަކައެވެ. ހަލީމައަށް ފެނުނު މަންޒަރުތަކުގެ އަނިޔާވެރިކަމުން އޭނާވަނީ ފުން ބިރުވެރިކަމެއްގެ ތެރޭގައެވެ. އޭނާއަށް އުސްމާނު ސިފަވަމުންދިޔައީ ނުރައްކަލެއްގެ ގޮތުގައެވެ. އެހެންކަމުން އޭނާ ބޭނުންވީ އުސްމާނުގެ ވަސްވެސްނުޖެހޭ ހިސާބަށް ދުވެ ފިލާށެވެ. ނަމަވެސް އުސްމާނު އެއަށްވުރެ މާ ބާރުގަދަވެފައި ހުށިޔާރެވެ.
ހަޅޭއްލެވުންނޫން އިތުރުކަމެއް ހަލީމައަކަށް ނުކުރެވެނެވެ. ހަލީމަ އޭނައަށް ހަޅޭއްލެވުނު އެންމެ ބާރަކަށް ހަޅޭއްލެވުން ކުރިއަށް ގެންދިޔައެވެ. އުސްމާނަށް ހަލީމަ މަތަނުކުރެވިގެން އޭނާ ލައިގެންހުރި ގަންޖުފަރާސް ބާލާފައި އެ ހަލީމަ އަނގަމަތީގައި އެއްސިއެވެ. އެއަށްފަހު ވަލެއް ގެނެސް އޭގެން ހަލީމަގެ ދެއަތާއި ދެފައިވެސް ބަނެވެ.
އުސްމާނުގެ މަސައްކަތުން ހަލީމަގެ ހުރިހާ ހަރަކާތެއް އެކީއެކަށް ހުއްޓުނެވެ. އޭނާގެ ހަޅޭކުގެ އަޑުވެސް ހިނދިގެންދިޔައެވެ. އަދި އަތްފައިގެ ހަރަކާތްވެސް މަޑުޖެހުނެވެ. ރުއިންނޫން އިތުރުގޮތެއް ދެން ހަލީމައަކަށް ނެތެވެ.
އެފަދައިން ކަންތައްކުރަން އުސްމާނު ހަޤީޤަތުގައި ބޭނުމެއްނުވެއެވެ. ނަމަވެސް ހިތާއިދެކޮޅަށް، ބުއްދީގެ ބަސްއެހުން ފިޔަވާ އިތުރުގޮތެއް އުސްމާނަށް ނުވިސްނުނީއެވެ. ކުރާނީ ކީއްހެއްޔެވެ؟ ވާނީވެސް އެހެންތާއެވެ. މަޖުބޫރީ ހާލަތަކަށް ހުށަހެޅުމުން އުސްމާނަށް އެފަދައިން ކަންތައްކުރަން މަޖުބޫރުވީތާއެވެ.
— ނުނިމޭ —
ކިޔުންތެރިންގެ ޚިޔާލުތައް:
މި މީހުންގެ މިހާ ރީތި ވާހަކަތައް ހުންނައިރުވެސް ހިތަށް އަރާ ކީއްވެބާއޭ ވާހަކައަށް ވަކިން ސެކްޝަނެއް ނެތީ. ޕޭޖް ހިންގަވާ ބޭފުޅުންގެ ފަރާތުން މިކަން ރަނގަޅުކޮއްލުން އެެދެން. ލުއިފިޔަގެ ދަށުން ނުލާ..
ވާހަކަ ވަރަށް ފުރިހަމަވެފައި ޝައުޤުވެރި. ތުރިލާ ވާހަކަތައް ރާއްޖެއިން ވަރަށް ނުފެނޭ. ލިޔުންތެރިޔާގެ ހުނަރު އެބަހުރި ވަރަށް. ކުރިއަތް އޮތް ބައިތަކުގެ އިންތިޒާރުގަ ކެތްމަދުވެފަ!
ޥަރަށް ރީތި ވާހަކައެއް އަދި ވަރަށް ހުނަރުވެރި ލިޔުންތެރިއެއް.
ވަރަށް ބޮޑަށް ޝުކުރިއްޔާ! ކުރިއަށް އަންނަން އޮތް ބައިތަކުގައިވެސް ވަރަށް ޝައުޤުވެރި ބައިތަކެއް އެކުލެވިގެންވާނެ… ވާހަކަ ގަވާއިދުން ކިޔުއްވާނެކަމަށް އުންމީދުކުރަން 🙂
އަދި ކިރިޔާ މި އިނގުނީ މީ އޮންނަ ނޫހެއްކަންވެސް
މި ސައިޓްގަ ހުރި ވާހަކަތައް ކިޔާލަން ލިބޭނެ ގޮތެއް ހައްދަވާލަ
ދިނުމަކީ އަޅުގަނޑުގެ ވވވ ބޮޑު އެދުމެއް ޕލޒ
އާދެ. ވާހަކައިގެ ހުރިހާ ބައިތަކެއްވެސް ކިޔާލަން ބޭނުންފުޅުވާނަމަ، ވެބްސައިޓްގެ ސާޗް ބޮކްސް ގަ "ޙަލާސް" ޖަހާފައި ހޯދާލެވޭނެ އިނގޭތޯ 🙂
ވަރަށް ހުނަރުވެރި ލިޔުންތެރިއެއް
ހުރިހާ ކިޔުންތެރިންގެ ފަރާތުންވެސް ދެއްވަމުންދާ އެއްބާރުލުމަށް ޝުކުރިއްޔާ.. ކިޔުންތެރިންގެ ފަރާތުން ދެއްވާ ބިނާކުރުވަނިވި ފާޑުކިއުންތަކަށް ނުހަނު އުފަލާއެކު މަރުޙަބާކިޔަން 🙂 ވާހަކައިގެ ކުރިއަށް އޮތްބައިތައްވެސް ނުހަނު ޝައުޤުވެރިކަމާއެކު ކިިޔުއްވާނެކަމަށް އުންމީދުކުރަން. އަދިވެސް އެއްފަހަރު ޝުކުރިއްޔާ!