18 ޖަނަވަރީ 2025

ފުލުހުންގެ ޚިދުމަތުގެ އެލަރޓް ލެވަލް އެންމެ މަތީ ދަރަޖައަށް!

މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ގުޅިގެން ފުލުހުންގެ ޚިދުމަތުގެ އެލަރޓް ލެވަލް އެންމެ މަތީ ދަރަޖައަށް ބަދަލުކޮށްފިއެވެ.

އެގޮތުން، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ގުޅިގެން ފުލުހުން ދަނީ އޮޕަރޭޝަން ބްލޫ ވޭވްގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ.

މިކަން ހާމަކުރައްވައި ފުލުހުން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބާ ގުޅިގެން އިއްޔެއިން ފެށިގެން އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ނިމި ނަތީޖާ އިއުލާނުކުރަން ދެން ދިވެހި ފުލުހުންގެ ޚިދުމަތުގެ އެލަރޓް ލެވަލް ވަނީ އެންމެ މަތީ ދަރަޖައަށް ބަދަލުކުރެވިފައިވާ ކަަމަށެވެ.

ފުލުހުންގެ ޚިދުމަތުން މި އޮޕަރޭޝަން ފެށީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ފެށެން ކައިރިވެފައި ވަނިކޮށެވެ.

މި އޮޕަރޭޝަންގެ ދަށުން، ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފުލުހުން ހަރަކާތްތެރި ވަމުންދާނެއެވެ. އަދި އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ރަށްރަށުގައި ފުލުހުން ހަރަކާތްތެރިވަމުން ދާއިރު، އިތުރު ފުލުހުން ބޭނުންވެއްޖެ ހާލަތެއްގައި އެ ރަށަކަށް ފޮނުވުމަށް ފުލުހުންގެ ޓީމެއް ކޮންމެ ރީޖަނެއްގައި ވެސް ގާއިމުކޮށްފައި ވެއެވެ.

އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވަމުންދާނީ ފުލުހުންގެ ގާނޫނުން ފުލުހުންނަށް މަތިކޮށްފައިވާ ތަމްރީނުތަކާ އެކުގައި ކަމަށް މީގެ ކުރިންވެސް ފުލުހުން ހާމަކުރައްވަމުން ގެންދަވާފައިވެއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރެކޭ އެއްފަދައިން، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ސަލާމަތީ ކަންކަން ކަށަވަރުކޮށް ބެލެހެއްޓުމަށް ފުލުހުން ދުރާލައި ތައްޔާރީތައް ވެފައިވާއިރު، އިންތިހާބާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝާކިރެވެ. އަދި ޑެޕިއުޓީ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު މުސްލިމް ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު