Sunday, 06 October 2024

"ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ފުރިހަމައަށް ތައްޔާރު"

މާދަމާ އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ބޭނުންވާ ސާމާނާއި އޮފިޝަލުން ވޯޓުލާ ތަންތަނަށް ފޮނުވާ، މާދަމާގެ އިންތިޚާބަށް އިލެކްޝަން ކޮމިޝަނުން އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތަޢުފީޤް ވިދާޅުވެއްޖެއެވެ.

ރައީސް ފުއާދު ތަޢުފީޤް ވިދާޅުވީ، އިންތިޚާބުގެ ފުރަތަމަ ބުރުގައި ކުރިމަތިވި ކަންކަމަށް ބަލާ ގެންނަންޖެހޭ ބަދަލުތަކާއި ޙައްލުތައް މިބުރުގައި ގެނެސްފައިވާނެކަމަށެވެ. ޚާއްސަކޮށް ވޯޓުލާ މަރުކަޒުތަކުގައި ބައިބޯވެ ދިމާވި ދަތިކަމަށް މިފަހަރު ޙައްލު ގެނެސްފައިވާކަމަށެވެ.

ފުއާދު ވިދާޅުވީ އަތޮޅުތަކާއި ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ބޭނުންވާ ސާމާނާއި، އޮފިޝަލުންވެސް މިހާރު އެތަންތަނަށް ފޮނުވާފައިވާކަމަށެވެ. އަދި އަތޮޅު ކައުންސިލްގެ ބެލުމުގެދަށުގައި ހުރި ސާމާނު، ރަށްރަށަށް ފޮނުވުމުގެ މަސައްކަތްވެސް ކޮށްފައިވާކަމަށެވެ.

ފުރަތަމަ ބުރުގެ ތަޖުރިބާއަށް ބަލައި، އިންތިޚާބަށް ބޭނުންވާ މިންވަރަށް އޮފިޝަލުން ހޯދާފައިވާކަމަށާއި، މާދަމާ ހެނދުނު 07:00 ގައި ވޯޓުލާ މަރުކަޒުތަކުގައި އޮފިޝަލުން ހަރަކާތްތެރިވާން ފަށާނެކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު ތައުފީޤް ވިދާޅުވީ ރީރެޖިސްޓްރޭޝަނާއި ގުޅޭގޮތުން އޭރު އައި މައްސަލަތައްވެސް މުޅިން ޙައްލުކޮށް، ވޯޓު ލުމުގެ ހުރިހާ ތައްޔާރީތައް ނިމިިފައިވާކަމަށެވެ.

މާދަމާ އިންތިޚާބުގެ ވޯޓުލުން ރާއްޖޭގެ ހުރިހާ މަރުކަޒުތަކުގައިވެސް ފަށާނީ ހެނދުނު 8:00 ގައެވެ. އެހެން ޤައުމުތަކުގައި އެ ޤައުމަކަށް ކަނޑައަޅާފައިވާ ވަގުތުގައި ފަށާނެއެވެ.

އެމީހަކީ ކާކުކަން އަންގައިދޭ ރަސްމީ އައިޑީ ކާޑް، ޑްރައިވިން ލައިސަންސް، ޕާސްޕޯޓް ނުވަތަ ޕާސްޕޯޓު ކާޑު ގެންދެވުމަށްވެސް ހަނދުމަފުޅުކޮށް އަރުވައެވެ. އަތްދަބަހާއި ފޯނު މަރުކަޒަށް ވެއްދުން މަނާވާނެއެވެ. ދެން ގެންދެވޭނީ ކަރުދާހުގައި ފާހަގަޖެހުމަށް، ނޫ ނުވަތަ ކަޅު ކުލައިގެ ގަލަމެކެވެ. ވޯޓިން ބޫތުތަކުގައިވެސް ގަލަން ހުންނާނެއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި މާބަނޑު މީހުން، އުމުރުން ދުވަސްވީ މީހުން އަދި އެކިއެކި ޔުނީފޯމް ބޮޑީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކިއުގައި ނުޖެހި ވޯޓު ލެވޭނެ ކަމަށްވެސް އީސީއިން ހާމަކުރައްވައެވެ.

ހަމައެހެންމެ އިންތިޚާބުގައިވެސް ލޯފަން މީހުންނަށް އަމިއްލައަށް، ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓު ލެވޭނެއެވެ. ނަމަވެސް އެހީތެރިއަކު ގެންދަން ބޭނުންވާ މީހުންނަށް އެ ފުރުޞަތުވެސް އޮންނާނެއެވެ.

މާދަމާ އޮންނަ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ ހަވީރު 5:00 އާއި ހަމައަށެވެ. ފަހެއް ޖަހާއިރު ކިއުގަައި ޖެހިފައި ނުވާ މީހުންނަށް ވޯޓެއް ނުލެވޭނެ ކަމަށްވެސް އިލެކްޝަނުން ހާމަކޮށްފައިވާ ޤަވާޢިދުގައިވެއެވެ.

އަދި އިންތިޚާބުގެ ވޯޓު ގުނަން ފަށާނީ ފޮށި ބަނދުކޮށް، 30 މިނެޓު ފަހުންނެވެ.

މާދަމާ އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ޙައްޤު 282،804 މީހަކަށް ލިބޭކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު