Tuesday, 23 July 2024

ރައީސް މައުމޫން ވޯޓުލެއްވީ ސްރީލަންކާގައި

ކުރީގެ ރައީސް، އަދި އެމްއާރްއެމްގެ ޒަޢީމް ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ވޯޓު ލައްވައިފިއެވެ.

އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ވޯޓުލައްވާފައިވަނީ ސްރީލަންކާގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ.

Image

ރިޔާސީ އިންތިހާބުގެ ވޯޓު ލުމުގެ ދެވަނަ ބުރު ފެށީ މިއަދު ހެނދުނު 8:00 ގައެވެ. ހަވީރު 5:00 ޖަހަންދެން ވޯޓު ލުން ކުރިއަށް ގެންދާނެއެވެ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހުނީ މި މަހުގެ 9 ވަނަ ދުވަހު އޮތް އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް %50 އަށް ވުރެ މައްޗަށް ވޯޓު ލިބިފައި ނުވާތީއެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ދެވަނަ ބުރުގައި ވާދަކުރައްވަނީ ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި، އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ރިޔާސީ އިންތިހާބުގެ މި ބުރުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 282،803 މީހަކަށެވެ. މި ފަހަރުގެ އިންތިހާބުގައި އިތުރު 408 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ.

އަދި މި ބުރުގައި މާލޭ ސަރަޙައްދަށް އިތުރުކުރި 11 ވޯޓު ފޮށްޓާއި، ރާއްޖޭން ބޭރުގައި ބަހައްޓާ ފޮށިތަކާއެކު،  ޖުމްލަ 586 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އެގޮތުން ގްރޭޓަރ މާލޭ ސަރަޙައްދުގައި 187 ފޮށި، އަތޮޅުތަކުގައި 319 ފޮށި ވަނީ ބަހައްޓާފައެވެ. އަދި ރިސޯޓުތަކުގައި 65 ފޮށި، ރާއްޖޭން ބޭރުގައި 9 ފޮށި، ޖަލުތަކުގައި 5 ފޮށި އަދި ސިނާޢީ މަސައްކަތްކުރާ ތަންތަނުގައި މި ބުރުގައި ވޯޓުލުމަށް އެއް ފޮށި ބަހައްޓާފައިވެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހެނދުނު 8 ފެށިގެން ހަވީރު 5 ޖެހުމާއި ހަމައަށް ކުރިއަށްދާނެއެވެ. ހެނދުނު 7:30 އިން ފެށިގެން ވޯޓުލާ މަރުކަޒުތަކުގައި އާއްމުން ވަނީ ކިޔުތައް ހަދަން ފަށާފައެވެ. ވޯޓުލާން ފުރަތަމަ އައި 2 މީހުންގެ ހާޒިރުގައި ސެކިޔުރިޓީ އުރަ ކެނޑުމަށްފަހު، 8 ޖެހިއިރު ވަނީ ވޯޓުލުން ފަށާފައެވެ.

ހަވީރު 5 ޖަހާއިރު ވޯޓުލުމަށް ކިއޫގައި މީހަކު ނެތްނަމަ، ކިޔޫ ބަންދުކުރުމަށްފަހު 30 މިނެޓްފަހުން ވޯޓު ގުނަން ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. ވޯޓުލާން ފެށުމާއެކު ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ޙައްގު އަދާކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައިވެސް ރާއްޖޭން ބޭރުގެ 5 ޤައުމެއްގައި ވަނީ ވޯޓު ފޮށި ބަހައްޓާފައެވެ. އެއީ ސްރީލަންކާގެ ކޮލަމްބޯއާއި، އިންޑިއާގެ ޓްރެވެންޑްރަމާއި، މެލޭޝިއާގެ ކުއަލަލަމްޕޫރުގެ އިތުރުން އިނގިރޭސިވިލާތުގެ ލަންޑަނާއި، ދުބާއީގައެވެ. ރާއްޖޭން ބޭރުގައި ވޯޓުލުމަށްޓަކާ މިފަހަރު 6223 މީހަކު ރަޖިސްޓްރީކޮށްފައިވެއެވެ. މިއީ ފުރަތަމަ ބުރާއި އަޅާބަލާއިރު ދެގުނަ އިތުރުވުމެކެވެ. ފުރަތަމަ ބުރުގައި ރަޖިސްޓްރީވެފައިވަނީ 3327 މީހުންނެވެ.

މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްލަ 282،395 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބުނުއިރު، ވޯޓުލާފައިވަނީ އޭގެ ތެރެއިން %79.85 މީހުންނެވެ. އެއީ 225،5486 މީހުންނެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު