Tuesday, 23 July 2024

"ހިސާބު ޓީޗަރު" ގެއަށް ވެންނެވީ ކާމިޔާބީއާއެކު، "ޖޮބް ޑަން! އައިމް ހޯމް!" އޭ ވިދާޅުވެ

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އައްޑޫ ސިޓީ ފިޔަވައި ހުރިހާ ސިޓީއެއްގެ މެޖޯރިޓީ އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ހޯއްދަވާފައިވާ ކަން ކަށަވަރުވެއްޖެއެވެ. ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުއަށް އިންތިޚާބު ކާމިޔާބު ކޮށްދެއްވުމަށް އެންމެ ބުރަކޮށް މަސައްކަތްކޮށްދެއްވި އެއް ބޭފުޅަކީ، އެ ކޯލިޝަން ހިންގެވުމާ ޙަވާލުވެ ހުންނެވި ޢަބްދުއްރަޙީމް (އަދުރޭ) އެވެ. މިހާރަކަށް އައިސް އެ ބޭފުޅާ މަޝްހޫރުވެފައިވަނީ "ހިސާބު ޓީޗަރު" ގެ ނަމުންނެވެ.

އިންތިޚާބުގެ ނަތީޖާ އެނގި، އިންތިޚާބުގެ ހުރިހާ ކަމެއް ނިމުމުން، އަދުރޭ ގެއަށް ވަދެވަޑައިގެންނެވީ ހިތްހަމަޖެހުމާއެކު އެކުގައެވެ. އެމަނިކުފާނުގެ މަސައްކަތްޕުޅަށް ލިބިވަޑައިގެންނެވީ މަތިވެރި ނަޞްރެއް ކަމުގައި ގިނަ ބަޔަކު ސިފަކުރެއެވެ. އެހެނީ މުޢިއްޒުއަކީ އަދުރޭގެ ރައީސް ކަމުގެ ދަށުގައި ހިންގާ "ޕީއެންސީ" ގެ ރިޔާސީ ކެންޑިޑޭޓެވެ. އަދި ރައީސް ޔާމީން ޖަލުގައި ހޭދަކުރައްވަންޖެހިވަޑައިގަތުމުން، އެ ދަތި އުނދަގޫ ޙާލަތުގައި އެކޯލިޝަން ބަދަހި ކަމާއެކު ބެލެހެއްޓެވި ލީޑަރަކީ ޚުދު އެމަނިކުފާނެވެ.

އިންތިޚާބުގެ ސާފު ނަތީޖާ ލިބި މަސައްކަތްތައް ނިންމަވާލެއްވުމަށްފަހު ގެއަށް ވަދެވަޑައިގަންނަވަމުން ކުރެއްވި ޓްވީޓެއް ގިނަ ބައެއްގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.

އެ ޓްވީޓްގައި ވަނީ، "ޖޮބް ޑަން! އައިމް ހޯމް!" މިފަދައިންނެވެ.

ރައީސް ޔާމީންގެ ޒަޢާމަތުގައި މުލީއާގޭގެ ޗީފް އޮފް ސްޓާފް މުސްޠަފާ ރޭ ޓްވީޓެއްގައި ވިދާޅުވީ، އެއީ އަދުރޭ އިނގިރޭސި ބަހުން މިހާތަނަށް ކުރެއްވި ހަމައެކަނި ޓްވީޓް ކަމުގައެވެ.

ކޮންމެއަކަސް އަދުރޭގެ މަސައްކަތް ކާމިޔާބުކުރައްވައިފިއެވެ. އެތައް ބުރަ މަސައްކަތްތަކަށްފަހު ގެއަށް އެނބުރި އެވަޑައިގެންނެވީ، އެ ހިތްހަމަ ޖެހުމާއި އެ އުފަލާއި ޝަރަފާއެކުގައެވެ. އަދުރޭގެ މަސައްކަތްޕުޅަށް ތަޢުރީފެވެ.

ހޮނިހިރު ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، މުއިއްޒު މެޖޯރިޓީ ހޯއްދެވި ސިޓީތަކުގެ ތެރޭގައި ހިމެނެނީ މާލެ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީންނެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބުކޮށް، ކުރިއަށްއޮތް 5 އަހަރަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިންތިޚާބުވެވަޑައިގެންފައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯއްދެވި ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވާދަކުރެއްވީ އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ހެނދުނު 8 އިން ފެށިގެން ހަވީރު 5 ޖެހުމާއި ހަމައަށް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި މިހާރު އިންތިޚާބުގެ ވަގުތީ ނަތީޖާތައް އިލެކްޝަންސް ކޮމިޝަނުން އަންނަނީ އިޢުލާންކުރައްވަމުންނެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން މި އިންތިޚާބު ޑރ. މުޢިއްޒު ކާމިޔާބުކުރައްވާފައިވަނީ %54 އަށްވުރެ ގިނަ ވޯޓާއެކުއެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި ދެން ވާދަކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަތީ %45 ވޯޓެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން ރާއްޖޭގެ 2 އަތޮޅެއް ފިޔަވާ އެހެން ހުރިހާ ސަރަޙައްދަކުން މެޖޯރިޓީ ނަންގަވާފައިވަނީ ޕީ.އެން.ސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ. އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މެޖޯރިޓީ ލިބިވަޑައިގަތީ އއ. އަތޮޅާއި އައްޑޫ ސިޓީން އެކަންޏެވެ. އެމަނިކުފާނުގެ އުފަން އަތޮޅު ޅ. އަތޮޅުގެ މެޖޭރިޓީވެސް ނެންގެވީ ޑރ. މުޢިއްޒެވެ. ގްރޭޓަރ މާލޭ ސަރަޙައްދުން މާލެ، ވިލިމާލެ އަދި ހުޅުމާލެއިންވެސް މެޖޯރިޓީ ނަންގަވާފައިވަނީ ޕީ.އެން.ސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްލަ 282،804 މީހަކަށް ވޯޓުލުމުގެ ހައްޤު ވަނީ ލިބިފައެވެ. މީގެ ތެރޭގައި 18 އަހަރު ފުރި ވޯޓުލުމުގެ ފުރުޞަތު އަލަށް ލިބޭ 409 މީހަކު ހިމެނެއެވެ. މި ބުރުގައި ވޯޓުލުމަށްޓަކާ ޖުމްލަ 586 ފޮށްޓެއް ބަހައްޓާފައިވެއެވެ.

މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި %79.85 އިންސައްތައެއްހާ މީހުން ވޯޓްލީނަމަވެސް، ހޮނިހިރު ކުރިއަށްދިޔަ ދެވަނަ ބުރުގައި 85 އިންސައްތައެއްހާ މީހުން ވޯޓްލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

 

 

 

 

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މަރްޙަބާ! ތި ހޯއްދެވީ އޭ ސްޓަރ. ސާބަހޭ އަޅުގަނޑުމެންގެ ލޮބުވެތި އަދުރޭ. ތީ މި ޤައުމުގެ ބަޠަލެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު