އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށާއި އިންތިޚާބީ ނާއިބް ރައީސް ހުސެން ޢަބްދުލް ލަތީފަށް، ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް މަރުހަބާ ދަންނަވައިފިއެވެ.
ޤާސިމް ދެންމެ ޙިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިޚާބު ކުރެވުނު މަޤާމުގެ ޒިންމާއަށް އަމާނާތްތެރިވެ، ތެދުވެރިކަމާ ވަފާތެރިކަމާ އެކު، ޤާނޫނީ ހުކޫމަތު ދަމަހައްޓާ، ދިމިޤްރާތީ ހަމަތަށް ނަގަހައްޓާ، ޤައުމުގެ މިނިވަންކަމާ، އިސްތިޤްލާލް ނަގަހައްޓާ، ދިވެހި ރައްޔިތުންގެ ހަައްޤުތައް ރައްކާތެރި ކޮށް، އެންމެހާ ދިވެހިރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، ދިވެހިޤައުމާއިގެން ކުރިއަށް ވަޑައިގަންނަވާނޭ ކަމަށް ޔަޤީން ކުރައްވާ ކަމަށެވެ.
"ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސް، ޑރ މުޙައްމަދު މުޢިއްޒު އަދި އިންތިޚާބީ ނާއިބުރައީސް ހުސައިން މުޙަައްމަދު ލަޠީފަށް ނުހަނު ހެޔޮ އެދުމާއި، ތަޙްނިޔާއާއި މުބާރަކްބާދީ ދަންނަވަމެވެ. ދިވެހި ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް ތިޔަ ދެބޭފުޅުން އިންތިޚާބު ކުރެވުނު މަޤާމުގެ ޒިންމާއަށް އަމާނާތްތެރިވެ، ތެދުވެރިކަމާ ވަފާތެރިކަމާ އެކު، ޤާނޫނީ ހުކޫމަތު ދަމަހައްޓާ، ދިމިޤްރާތީ ހަމަތަށް ނަގަހައްޓާ، ޤައުމުގެ މިނިވަންކަމާ، އިސްތިޤްލާލް ނަގަހައްޓާ، ދިވެހި ރައްޔިތުންގެ ހަައްޤުތައް ރައްކާތެރި ކޮށް، އެންމެހާ ދިވެހިރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، ދިވެހިޤައުމާއިގެން ކުރިއަށް ވަޑައިގަންނަވާނޭ ކަމަށް ޔަޤީން ކުރަމެވެ."
ޤާސިމް ވިދާޅުވިއެވެ.
ޤާސިމް އިބްރާހީމް ވަނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ޙައިސިއްޔަތު އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރައްވާފައެވެ. ނަމަވެސް، އެމަނިކުފާނު ވަނީ ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާފައެވެ.
ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯއްދެވި ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވާދަކުރެއްވީ އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއެވެ.
ހޮނިހިރު ދުވަހު ބޭއްވުނު އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން މި އިންތިޚާބު ޑރ. މުޢިއްޒު ކާމިޔާބުކުރައްވާފައިވަނީ %54 އަށްވުރެ ގިނަ ވޯޓާއެކުއެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި ދެން ވާދަކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަތީ %45 ވޯޓެވެ.
ހަމައެހެންމެ، ވަގުތީ ނަތީޖާ ދައްކާގޮތުން ރާއްޖޭގެ 2 އަތޮޅެއް ފިޔަވާ އެހެން ހުރިހާ ސަރަޙައްދަކުން މެޖޯރިޓީ ނަންގަވާފައިވަނީ ޕީ.އެން.ސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ. އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މެޖޯރިޓީ ލިބިވަޑައިގަތީ އއ. އަތޮޅާއި އައްޑޫ ސިޓީން އެކަންޏެވެ. އެމަނިކުފާނުގެ އުފަން އަތޮޅު ޅ. އަތޮޅުގެ މެޖޭރިޓީވެސް ނެންގެވީ ޑރ. މުޢިއްޒެވެ. ގްރޭޓަރ މާލޭ ސަރަޙައްދުން މާލެ، ވިލިމާލެ އަދި ހުޅުމާލެއިންވެސް މެޖޯރިޓީ ނަންގަވާފައިވަނީ ޕީ.އެން.ސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްލަ 282،804 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާއިރު، މީގެ ތެރޭގައި 18 އަހަރު ފުރި ވޯޓުލުމުގެ ފުރުޞަތު އަލަށް ލިބޭ 409 މީހަކު ހިމެނެއެވެ. މި ބުރުގައި ވޯޓުލުމަށްޓަކާ ޖުމްލަ 586 ފޮށްޓެއް ބަހައްޓާފައިވެއެވެ.
މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި %79.85 އިންސައްތައެއްހާ މީހުން ވޯޓްލީނަމަވެސް، މިއަދު ކުރިއަށްދިޔަ ދެވަނަ ބުރުގައި 85 އިންސައްތައެއްހާ މީހުން ވޯޓްލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.