Thursday, 18 April 2024

އިންތިޚާބީ ރައީސް ހުވާކުރުމުގެ ކުރީން ނިޒާމީ ވޯޓެއް ނެގުން ޤާނޫނު އަސާސީގެ ރޫޙާ ޚިލާފު: ޤާސިމް

އިންތިޚާބީ ރައީސް އާއި ނާއިބު ރައީސް މަޤާމުގެ ހުވާކުރުމުގެ ކުރީން ވެރިކަން ކުރަންވީ ކޮންނިޒާމަކުން ތޯ ބެލުމަށް އަލުން ނިޒާމެއް ވޯޓެއް ނެގުމަކީ ޤާނޫން އަސާސީގެ ރޫޙާ ޚިލާފު އަދި ބައިނަލް އަޤްވާމީ މުޖުތަޢުގައި ޢަމަލު ކުރާ އުޞޫލު ތަކާއިވެސް މުޅީން ޚިލާފުކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޤާސިމު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ޙިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ޤާސިމް ވިދާޅުވީ، މި އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ޤަރާރެއް ފާސްކޮށް، އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވާފައިވީނަމަވެސް، ރާއްޖޭގެ ޤާނޫން އަސާސީއާއި ޤާނޫން ތަކާއި އެއްގޮތަށް ރިޔާސީ އިންތިޚާބެއްގެ ދެ ބުރު ބޭއްވި، އެ އިންތިޚާބު މެދުވެރިކޮށް ދިވެހިރައްޔިތުން ކުރިއަށް އޮތް ފަސްއަހަރުދުވަހަށް ރައީސުލް ޖުމްހޫރިއްޔާއަކާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަކު އިންތިޚާބު ކޮށް ، އަދި ދިވެހިރައްޔިތުންނާއި، ބައިނަލް އަޤްވާމީ މުޖުތަމަޢުން އެ އިންތިޚާބުގެ ނަތީއްޖާ ޤަބޫލުކޮށްފައި ވަނިކޮށް، އިންތިޚާބީ ރައީސް އާއި ނާއިބު ރައީސް މަޤާމުގެ ހުވާކުރުމުގެ ކުރީން ވެރިކަން ކުރަންވީ ކޮންނިޒާމަކުން ތޯ ބެލުމަށް އަލުން ނިޒާމެއް ވޯޓެއް ނެގުމަކީ ޤާނޫން އަސާސީގެ ރޫޙާ ޚިލާފު އަދި ބައިނަލް އަޤްވާމީ މުޖުތަޢުގައި ޢަމަލު ކުރާ އުޞޫލު ތަކާއިވެސް މުޅީން ޚިލާފުކަމެއް ކަމަށެވެ.

"އަދި މިއީ މިހާތަނަށް ދުނިޔޭގެ އެއްވެސް ޤައުމަކުން ޢަމަލު ކޮށްފައިވާ ގޮތެއް ނޫނެވެ. ދިވެހިރައްޔިތުން ކުރިއަށް އޮތް ފަސްއަހަރުދުވަހަށް ރައީސުލް ޖުމްހޫރިއްޔާއަކާއި ރައީސުލް ޖުމްހޫރިއްޔާގެ ނައިބަކު އިންތިޚާބު ކޮށްފައި ވަނިކޮށް، ވެރިކަމުގެ ބާރުވެރިކަން ލިބުމުގެ ނިޔަތުގައި ، ބާރުހުރި ފަރާތްތަކުން ޤާނޫންއަސާސީ އާއި ޤާނޫނީ ވެރިކަމާއި، ޑިމޮކްރަސީގެ އަސާސްތަކާއި ޚިލާފަށް، ވެރިކަމުގެ ނިޒާމު ކުއްލި އަކަށް ބަދަލުކުރުމުގެ ވިސްނުމުގައި މުޅި ނިޒާމު ގަނޑުބަނޑުކުރުމަކީ ޤައުމަށް ހެޔޮ އެދޭ އެއްވެސް ރައްޔިތަކު ޤަބޫލު ކުރާނޭކަމެއް ނޫނެވެ. އަދި ކޮށްގެންވާނެކަމެއް ވެސް ނުމެ ނޫންމެއެވެ."

ޤާސިމް ވިދާޅުވިއެވެ.

އެހެންކަމުން ތިމާމެން އެދޭގޮތް ހާޞިލް ކުރުމަށް މިފަދަ ވޯޓެއް ނެގުމަކީ ދިވެހި ޤައުމުގެ ސިޔާސީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ހަމަޖެހުން ގެއްލި ފަސާދައަށް މަގުފަހިވެގެންދާނޭ ކަމެއް ކަމުގައި މެނުވީ ނުވާނެ ކަމަށް ވިދާޅުވެ، މިފަދަ ދަނޑިވަޅެއްގައި އެފަދަ ވޯޓެއް ނެގުމަށް ކުރާ މަސައްކަތުގެ ސަބަބުން ޤައުމުގައި އުފެދިގެންދާނީ، ފިތުނައާއި ފަސާދައިގެ އަލިފާނުގެ ހުޅުގަނޑު ނޫން ކޮން އެއްޗެއްތޯ ފާހަގަކުރައްވައި ޤާސިމް ސުވާލު އުފެއްދެވިއެވެ.

"މިކަމުގެ ސަބަބުން މުޅި ޤައުމާއި ރައްޔިތުންނަށް ލިބިގެންދާނޭ ނިކަމެތިކަން އަޅުގަނޑަށް ތަޞައްވުރު ކުރެވެއެވެ. އެހެން ކަމުން މިކަމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ."

ޤާސިމް ވިދާޅުވިއެވެ.

ކަން މިހެން އޮތުމާއި އެކު މި މަހުގެ 30 ވަނަ ދުވަހު ރާއްޖޭގައި ވެރިކަމުގެ ނިޒާމާއި މެދު އިލްކްޝަންސް ކަމިޝަން މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ވަކިޕާޓީ އަކުން ތިމާމެނަށް މަޖިލީހުގެ މެޖޯރިޓީ ލިބިފައި އޮތުމުގެ ނާޖާއިޒު ފައިދާނަގައި، ރައްޔިތުން ނޫނެކޭ ބުނެފައިވާ ސަރުކާރެއްގެ ވެރިޔަކާއި އެކު ސިޔާސީ ޑީލެއްގެ ދަށުން ނަގަން މިއުޅޭ ވޯޓަކީ ރާއްޖޭގެ ގިނަ ރައްޔިތުން ޤަބޫލު ކުރާނޭ ވޯޓެއް ނޫން ކަން އަދި ތާއީދު ކޮށްގެންވާނޭ ވޯޓެއް ނޫން ކަން ފުރިހަމައަށް ޤަބޫލު ކުރާ ކަމުގައި ޤާސިމް ވިދާޅުވިއެވެ.

ޤާސިމް އިތުރަށް ވިދާޅުވީ، ޤައުމުގެ ހަމަޖެހުމާއި، ކުރިމަގަށްޓަކައި ވެރިކަމުގެ ބާރުތައް ރައްޔިތުން އިންތިޚާބު ކުރެއްވި ފަރާތްތަކާއި ހަވާލުކޮށް، އަމާން ކަމާއި އޮމާން ކަމާއި އެކު ޤައުމާއިގެން ކުރިއަށްދިއުމަކީ، މިއަދު ދިވެހި ޤައުމުގެ ހައްޤުގައި އެންމެ އިސް ވާޖިބު ކަމަށް ދެކޭ ކަމަށާއި، އަދި ޤައުމު ދަރަނިވެރިވެފައިވާ މިންވަރުން ސަލާމަތް ކޮށް، ތަފާތު ރޮނގޮރޮނގުގައި ޤައުމު ކުރިއަށް ގެންދެވޭނީ ޤައުމުގައި ސިޔާސީ އަދި އިޖްތިމާޢީ ހަމަޖެހުން ޤާއިމުވެފައި އޮތް މިންވަރެއްގެ މައްޗަށް ކަމީ ދެބަސްވެވެން ނެތް ހަޤީޤަތެއް ކަމަށެވެ.

"މިހުރިހާ ހާލަތަކަށް ރިޢާޔަތް ކުރުމަށްފަހު، މި ވޯޓުނެގުމަށް ވަކާލާތުކުރާ އެންމެހާ ފަރާތްތަކުގެ ކިބައިން އަޅުގަނޑު އިޚްލާޞްތެރި ކަމާ އެކު އެދެނީ، އަދި އަޅުގަނޑުގެ އިލްތިމާސަކީ ޤައުމުގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ތިޔަ ކުރައްވާ ވަކާލާތު ހުއްޓާލައްވާ މުޅިޤައުމުގެ ހަމަޖެހުމަށްޓަކައި، ޤައުމު އިސްކޮށް ޤައުމާއި ގެން ކުރިއަށް ދިއުމަށެވެ."

ޤާސިމް ވިދާޅުވިއެވެ.

ޤާސިމްގެ ބަޔާން ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ، ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަކުން ދިވެހި ރައްޔިތުންނަށް ލިބޭނޭ އިތުރު އެއްވެސް މަންފާއެއް ނެތްކަން ގިނަ ރައްޔިތުން ޤަބޫލު ކުރައްވާ ކަމަށާއި، ބަރުލަމާނީ ނިޒާމަކުން ފައިދާވާނީ މަޖިލިސް މެންބަރުންނާއި، މަދުވޯޓުކޮޅަކުން މަޖިލީހަށް ވަޑައިގެން ބޮޑުވަޒީރުކަން ހޯއްދަވާ ފަރާތަށާއި، މަޖިލީހުގެ މެންބަރުންގެ ތެރެއިން ވަޒީރުންނަށް ޢައްޔަންކުރެވޭ މެންބަރުންނަށާއި، ސަރުކާރު ހިންގުމަށް ހަވާލު ކުރާ ފަރާތްތަކަށް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *