Thursday, 20 June 2024

ރައީސް މައުމޫން، ޑރ. މުޢިއްޒަށް މަރުޙަބާ ދަންނަވައިފި

ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމް، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ދަންނަވައިފިއެވެ.

އެމަނިކުފާނު ޑރ. މުޙައްމަދު މުޢިއްޒަށް މަރުޙަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިޚާބީ ރައީސް މުޢިއްޒަށް މަރުޙަބާ ކިޔާ ކަމަށާއި، ރާއްޖޭގެ ހެޔޮވެރިކަމާއި، ހަމަޖެހުމާއި، ކުރިއެރުމަށް އެދިވަޑައިގަންވާ ކަމުގައެވެ.

ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯއްދެވި ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވާދަކުރެއްވީ އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއެވެ.

ހޮނިހިރު ދުވަހު ބޭއްވުނު އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން މި އިންތިޚާބު ޑރ. މުޢިއްޒު ކާމިޔާބުކުރައްވާފައިވަނީ %54 އަށްވުރެ ގިނަ ވޯޓާއެކުއެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި ދެން ވާދަކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަތީ %45 ވޯޓެވެ.

ހަމައެހެންމެ، ވަގުތީ ނަތީޖާ ދައްކާގޮތުން ރާއްޖޭގެ 2 އަތޮޅެއް ފިޔަވާ އެހެން ހުރިހާ ސަރަޙައްދަކުން މެޖޯރިޓީ ނަންގަވާފައިވަނީ ޕީ.އެން.ސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ. އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މެޖޯރިޓީ ލިބިވަޑައިގަތީ އއ. އަތޮޅާއި އައްޑޫ ސިޓީން އެކަންޏެވެ. އެމަނިކުފާނުގެ އުފަން އަތޮޅު ޅ. އަތޮޅުގެ މެޖޭރިޓީވެސް ނެންގެވީ ޑރ. މުޢިއްޒެވެ. ގްރޭޓަރ މާލޭ ސަރަޙައްދުން މާލެ، ވިލިމާލެ އަދި ހުޅުމާލެއިންވެސް މެޖޯރިޓީ ނަންގަވާފައިވަނީ ޕީ.އެން.ސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްލަ 282،804 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާއިރު، މީގެ ތެރޭގައި 18 އަހަރު ފުރި ވޯޓުލުމުގެ ފުރުޞަތު އަލަށް ލިބޭ 409 މީހަކު ހިމެނެއެވެ. މި ބުރުގައި ވޯޓުލުމަށްޓަކާ ޖުމްލަ 586 ފޮށްޓެއް ބަހައްޓާފައިވެއެވެ.

މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި %79.85 އިންސައްތައެއްހާ މީހުން ވޯޓްލީނަމަވެސް، މިއަދު ކުރިއަށްދިޔަ ދެވަނަ ބުރުގައި 85 އިންސައްތައެއްހާ މީހުން ވޯޓްލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު