ސެޕްޓެންބަރު 30 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ރަސްމީ ނަތީޖާ، މިމަހުގެ 8 ވަނަ ދުވަހުގެ ކުރިން އިޢުލާންކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ ރޭ އިޢުލާންކޮށްފައިވާއިރު، އިންތިޚާބުގެ ރަސްމީ ނަތީޖާ މިމަހު 8 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން އިޢުލާނުކުރައްވާނެކަމަށް ޙަބީބު ވިދާޅުވިއެވެ.
އިލެކްޝަން ކޮމިޝަނުން އިޢުލާންކުރެއްވި ވަގުތީ ނަތީޖާ
މިއަހަރުގެ ރިޔާސީ އިންތިޚާބު 2023، ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވީ އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުއެވެ.
އިލެކްޝަންސް ކޮމިޝަންއިން އާއްމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުގައި، އިންތިޚާބު ކާމިޔާބުކުރެއްވި ޑރ. މުޙައްމަދު މުޢީއްޒަށް ލިބިވަޑައިގަތީ 129،159 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ %54.04 އެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙަށް ލބިވަޑައިގަތީ 109،868 ވޯޓެވެ. އެއީ %45.96 އެވެ.
ވަގުތީ ނަތީޖާއަށް ބަލާއިރު، މި އިންތިޚާބު ޑރ.މުޢިއްޒު އިންތިޚާބު ކާމިޔާބުކުރެއްވީ 19،291 ވޯޓުގެ ބޮޑު ތަފާތަކުންނެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ޙައްޤު ލިބުނު 282،804 މީހުގެ ތެރެއިން 246،915 މީހުން ވަނީ ވޯޓު ލާފައެވެ. ވޯޓު ލުމުގެ ޙައްޤު ލިބިގެންވާ %87.31 މީހުންވަނީ ވޯޓުލުމުގެ ޙައްޤު އަދާކޮށްފައިވާ ކަން ފާހަގަކުރެވެއެވެ.
މިފަހަރުގެ އިންތިޚާބަކީ މާބޮޑު މައްސަލަތަކެއް ކުރިމަތި ނުވެ، މިހާތަނަށް އެންމެ އަމާންކަމާއި އޮމާންކަމާއެކު ކުރިއަށްދިޔަ އިންތިޚާބުގެ ގޮތުގައި އިލްކެޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އަދި އިންތިޚާބުގެ އިންތިޒާމްތައް ވަރަށް ފުރިހަމަކަމަށް ގިނަ ބަޔަކު ފާހަގަކުރަމުން ދެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ބަލި ޤަބޫލުކުރައްވައި، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޑރ.މުޙައްމަދު މުޢިއްޒަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ސިޔާސީ ލީޑަރުންނާއި ބޭރުގެ ޤައުމުތަކުން ދަނީ އިންތިޚާބީ ރައީސް ޑރ. މުޢިއްޒުއަށް މަރުޙަބާ ކިޔަމުންނެވެ.