Saturday, 22 June 2024

ފައްޔާޒު ވެސް ބަރުލަމާނީއާ ދެކޮޅަށް، މުޢިއްޒުއަށް ވެރިކަން ކުރަން ފުރުޞަތު ދޭންޖެހޭ

ދަ ޑިމޮކްރެޓްސްއިން ނިޒާމީ ވޯޓެއް ނެގުމުގެ މަސައްކަތް ފެއްޓެވުމާ ގުޅިގެން، ރިޔާސީ ނިޒާމުގެ ތެރެއިން ކުރިއަށް އޮތް ފަސް އަހަރަށް ވެރިއަކު ހޮވާފައިވަނިކޮށް، ދިވެހިންގެ އެ ނިންމުން ބަރުލަމާނީ ނިޒާމުގެ ނަމުގައި ބޮލާލާ ޖަަހާ ބަޔަކަށް އެމްޑީޕީ ވެގެން ނުވާނެ ކަމަށާއި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި، އިންތިހާބީ ރައީސް، ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަށް ވެރިކަން ކުރެއްވުމުގެ ފުރުސަތު ދެއްވަން ޖެހޭނެ ކަމަށް އެމްޑީޕީގެ ޗެއަޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިގޮތަށް ވިދާޅުވީ، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.

ފައްޔާޒު މިގޮތަށް ވިދާޅެވެފައި ވަނީ، އެމްޑީޕީން ވަކިވި އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ހުށަހެޅުއްވި ހުށަހެޅުއްވުމާ ގުޅިގެން ދެއްވި ރައްދެއްގައެވެ.

ފައްޔާޒު ވިދާޅުވީ، ޑިމޮކްރަސީގެ ރިވެތި ހަމަތަކުގެ މަތިން ދިވެހިން ވަނީ އެމީހުންގެ ވެރިއެއް ކުރިއަށް އޮތް ފަސް އަހަރަށް އިންތިހާބު ކޮށްފައި ކަމަށާއި، ރައްޔިތުންގެ ނިންމުން އަނބުރާލާ ބަޔަަކަށް އެމްޑީީޕީ ވެގެން ނުވާނެ ކަމަށެވެ

"ބަރުލަމާނީ ނިޒާމޭ ކިޔައިގެން ރައްޔިތުންގެ ނިންމުން ބޮލާލާ ނުޖެހޭނެ. ޑރ. މުއިއްޒަށް ފުރުސަތު ލިބެންޖެހޭނެ. ބަރުލަމާނީ ނޯ،"

ފައްޔާޒު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖުގައި ވެއެވެ.

އެ ގުރޫޕުގައި އެހެން ބައެއް މެމްބަރުން ވެސް ބަރުލަމާނީއަށް ތާއީދުނުކުރާކަން ހާމަކޮށް ވާހަކަދައްކަވާފައި ވެއެވެ.

ނިޒާމީ ވޯޓް ނެގުމާމެދު އެމްޑީޕީގެ ސްޓޭންޑް ނިންމުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

ރިޔާސީ ދެވަނަ ބުރުގެ ކެމްޕެއިން ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެފައިވަނީ ނިޒާމީ ވޯޓެއް ނެގުމާ މެދު އެ މަނިކުފާނުގެ މާބޮޑު މައްސަލައެއް ނެތް ކަމަށާއި، އެހެންނަމަވެސް އެކަމާމެދު އެ ޕާޓީން ގޮތެއް ނިންމާނީ އިންތިހާބު ނިމުމުން ކަމަށެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ޤާނޫނު އަސާސީގައި ލިޔެ އެ ޤާނޫނު އަސާސީގެ ދަށުން 4 ވަނަ ރައީސް އިންތިޚާބު ކުރެވިފައިވާއިރުވެސް، ރާއްޖޭގައި މިހާރު އޮންނަ ރިޔާސީ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައްޔިތުންގެމަޖިލިހަށް ޤަރާރެއް ހުށަހެޅީ، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް އެންމެ ބޮޑަށް ވަކާލާތުކުރައްވަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސްގެ ފަރާތުންނެވެ.

ޑިމޮކްރެޓްސްގެ ފަރާތުން މި ފަހަރުގެ ރިޔާސީ އިންތިހާބުގެ ފުރުތަމަ ބުރުގައި ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި ހުޅުދޫ ދާއިރާގެ މެމްބަރު، އިލްޔާސް ލަބީބް މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ވަނީ، އަންނަ މަހުގެ 30ގެ ކުރިން އެ ވޯޓް ނަގަން އީސީއަށް އެންގުމަށް އެދިވަޑައިގެންފައެވެ. އެ ގަރާރު ފާސްވީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެކަމަށްޓަކައި ނެގި ވޯޓްގައި ބައިވެރިވި 35 މެމްބަރުންގެ އަގުލަބިއްޔަތުން ނެވެ. އެމްޑީޕީގެ މެމްބަރުން ވެސް ހިމެނޭހެން ފާސްކުރި އެ ގަރާރާ ގުޅިގެން އީސީން ނިންމާފައި ވަނީ ނިޒާމީ ވޯޓު ނެގުމަށް ފެންނަ ނުފެންނަ ވޯޓު ނެގެން މިމަހުގެ 29ގައި ބޭއްވުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު