7 ޑިސެންބަރު 2024
ރައީސުލްޖުމްހޫރިއްޔާ 02 އޮކްޓޫބަރ 2023 ގައި ނޫސްވެރިންނާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

ޤާނޫނީ ހުރަހެއް ނެތްނަމަ އިންތިޚާބީ ރައީސް ހުވާކުރެއްވުން ނޮވެންބަރު 11 ގައި

ޤާނޫނީގޮތުން އެއްވެސް ހުރަހެއް ނެތް ނަމަ ބޭނުންފުޅުވަނީ ނޮވެންބަރު 11 ގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުން ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ނޫސްވެރިންނާއި ބައްދަލު ކުރައްވައި، ސަރުކާރުން ކުރެއްވި މަސައްކަތްތަކާ ސަރުކާރު ބަދަލުވުމުގެ މަރުޙަލާކުރިޔަށްދާނެ ގޮތުގެ މައުލޫމާތު ނޫސްވެރިންނާ ޙިއްސާކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިންތީޚާބީ ރައީސުލްޖުމްހޫރިއްޔާ ނޮވެންބަރު 11 ގައި ހުވާކުރެއްވުމުގައި ޤާނޫނީ ގޮތުން އޮތް ހައްލަކީ ކޮބައިތޯ ބައްލަވަމުން ގެންދަވާކަމަށެވެ. އަދި އެމަނިކުފާނުވެސް އެދިވަޑައިގަންނަވަނީ، އިންތިޚާބީ ރައީސަށް ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ހުވާކުރެއްވޭނޭ ގޮތް ހަމަޖެހިގެން ދިޔުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިސަރުކާރުން ރައްޔިތުންގެ ހެވާއި ލާބަޔަށް ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތައް އަލަށް އުފެދޭ ސަރުކާރުން ކުރިޔަށް ގެންގޮސްދެއްވައި ދިވެހި ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު ކުރެވެމުން ދަނީ ސުލްޙަވެރިކަމާއި އެކު ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ މަސައްކަތް ކަމަށެވެ. މިގޮތުން އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒާއި ބައްދަލުކުރައްވާފައިވާ ކަމަށާއި، ސަރުކާރު ބަދަލުކުރުމުގެ މަރުޙަލާ ކުރިޔަށް ގެންދިޔުމަށްޓަކައި ކޮމިޓީއެއް އެކުލަވާލައްވާފައިވާ ކަމަށެވެ. އަދި އުއްމީދުކުރައްވަނީ އެމަސައްކަތް ޞުލްޙަވެރިކަމާއިއެކު ކުރިޔަށް ގެންދިއުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރުދުވަހު ދަތިތަކާއި އުނދަގޫތަކާއި އެކުވެސް ރައްޔިތުންނަށް ރަނގަޅު ޚިދުމަތްތަކެއް ކޮށްދެއްވިއްޖެކަމުގެ އިޙްޞާސްކުރެއްވޭ ކަމަށެވެ. އަދި ހެޔޮވެރިކަމެއް ރައްޔިތުންނަށް ކޮށްދެއްވިއްޖެ ކަމުގެ އުފާވެސް މިއަދު އިޙްސާސްކުރެއްވޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ވެރިކަން ކުރެއްވުމަށްޓަކައި ރައްޔިތުން 5 އަހަރު ދެއްވި ކަމަށްޓަކައި ރައްޔިތުންނަށާއި، އެމަނިކުފާނަށް އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަަކަށް ޝުކުރު އަދާކުރައްވާފައެވެ. މިގޮތުން، ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންނާއި މަޖިލިސް މެމްބަރުންގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދެއްވި މެމްބަރުންނާއި، ސަރުކާރުގެ މުވައްޒަފުންނާއި، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގައި މަސައްކަތްކުރެއްވި ފަރާތްތައް ފާހަގަކުރެއްވިއެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވައި، ސަރުކާރުން ކުރެއްވި މަސައްކަތްތަކުގެ ތަފްޞީލްތައްވެސް ޙިއްޞާކުރައްވާފައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު 2023، ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވީ އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުއެވެ.

އިލެކްޝަންސް ކޮމިޝަންއިން އާއްމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުގައި، އިންތިޚާބު ކާމިޔާބުކުރެއްވި ޑރ. މުޙައްމަދު މުޢީއްޒަށް ލިބިވަޑައިގަތީ 129،159 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ %54.04 އެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ. އެއީ %45.96 އެވެ.

ވަގުތީ ނަތީޖާއަށް ބަލާއިރު، މި އިންތިޚާބު ޑރ.މުޢިއްޒު އިންތިޚާބު ކާމިޔާބުކުރެއްވީ 19،291 ވޯޓުގެ ބޮޑު ތަފާތަކުންނެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ 282،804 މީހުންގެ ތެރެއިން 246،915 މީހުން ވަނީ ވޯޓު ލާފައެވެ. ވޯޓު ލުމުގެ ޙައްޤު ލިބިގެންވާ %87.31 މީހުންވަނީ ވޯޓުލުމުގެ ޙައްޤު އަދާކޮށްފައިވާ ކަން ފާހަގަކުރެވެއެވެ.

މިފަހަރުގެ އިންތިޚާބަކީ މާބޮޑު މައްސަލަތަކެއް ކުރިމަތި ނުވެ، މިހާތަނަށް އެންމެ އަމާންކަމާއި އޮމާންކަމާއެކު ކުރިއަށްދިޔަ އިންތިޚާބުގެ ގޮތުގައި އިލްކެޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އަދި އިންތިޚާބުގެ އިންތިޒާމްތައް ވަރަށް ފުރިހަމަކަމަށް ގިނަ ބަޔަކު ފާހަގަކުރަމުން ދެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ބަލި ޤަބޫލުކުރައްވައި، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޑރ.މުޙައްމަދު މުޢިއްޒަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ސިޔާސީ ލީޑަރުންނާއި ބޭރުގެ ޤައުމުތަކުން ދަނީ އިންތިޚާބީ ރައީސް ޑރ. މުޢިއްޒުއަށް މަރުޙަބާ ކިޔަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު