Thursday, 18 April 2024

އިންތިޚާބުން އަންނަ ވެރިކަމަށް މަރުޙަބާ ކިޔައި، އެއްބާރުލުން ދިނުމަކީ ޒިންމާއެއް: ރައީސް މައުމޫން

އިންތިޚާބުން އަލަށް އަންނަ ވެރިކަމަށް މަރުޙަބާ ކިޔައި އެއްބާރުލުން ދިނުމަކީ ރައްޔިތުންގެ ޒިންމާއެއް ކަމުގައި ކުރީގެ ރައީސް އަދި އެމްއާރްއެމްގެ ޒަޢީމް އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެކްސްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައި، ޕީޕީއެމްގެ ބާނީ އަދި އެ ޕާޓީގެ ރައީސްކަންވެސް ކުރެއްވި ރައީސް މައުމޫން ވިދާޅުވީ، ޑިމޮކްރަސީއެއްގައި ވެރިކަން ބަދަލުވަނީ އިންތިޚާބުން ކަމަށާއި، ޤައުމުގެ ހަމަޖެހުމާއި ކުރިއެރުމަށްޓަކައި، އިންތިޚާބުން އަލަށް އަންނަ ވެރިކަމަށް މަރުޙަބާ ކިޔައި އެއްބާރުލުން ދިނުމަކީ ރައްޔިތުންގެ ޒިންމާއެއް ކަމުގައެވެ.

"ޑިމޮކްރަސީއެއްގައި ވެރިކަން ބަދަލުވަނީ އިންތިޚާބުން. ޤައުމުގެ ހަމަޖެހުމާއި ކުރިއެރުމަށްޓަކާ، އިންތިޚާބުން އަލަށް އަންނަ ވެރިކަމަށް މަރުޙަބާ ކިޔައި އެއްބާރުލުން ދިނުމަކީ ރައްޔިތުންގެ ޒިންމާއެއް."

ރައީސް މައުމޫން ވިދާޅުވިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވިއިރު، އެ މަނިކުފާނު އިއްޔެ ވަނީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް މަރުޙަބާ ދަންނަވާފައެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި، މިއަދު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު ކުރެވެމުން ދަނީ ސުލްޙަވެރިކަމާއި އެކު ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ މަސައްކަތް ކަމަށެވެ. މިގޮތުން އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒާއި ބައްދަލުކުރައްވާފައިވާ ކަމަށާއި، ސަރުކާރު ބަދަލުކުރުމުގެ މަރުޙަލާ ކުރިޔަށް ގެންދިޔުމަށްޓަކައި ކޮމިޓީއެއް އެކުލަވާލައްވާފައިވާ ކަމަށެވެ. އަދި އުއްމީދުކުރައްވަނީ އެމަސައްކަތް ޞުލްޙަވެރިކަމާއިއެކު ކުރިޔަށް ގެންދިއުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ވެރިކަން ކުރެއްވުމަށްޓަކައި ރައްޔިތުން 5 އަހަރު ދެއްވި ކަމަށްޓަކައި ރައްޔިތުންނަށާއި، އެމަނިކުފާނަށް އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަަކަށް ޝުކުރު އަދާކުރައްވާފައެވެ. މިގޮތުން، ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންނާއި މަޖިލިސް މެމްބަރުންގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދެއްވި މެމްބަރުންނާއި، ސަރުކާރުގެ މުވައްޒަފުންނާއި، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގައި މަސައްކަތްކުރެއްވި ފަރާތްތައް ފާހަގަކުރެއްވިއެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވައި، ސަރުކާރުން ކުރެއްވި މަސައްކަތްތަކުގެ ތަފްޞީލްތައްވެސް ޙިއްޞާކުރައްވާފައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު 2023، ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވީ އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުއެވެ.

އިލެކްޝަންސް ކޮމިޝަންއިން އާއްމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުގައި، އިންތިޚާބު ކާމިޔާބުކުރެއްވި ޑރ. މުޙައްމަދު މުޢީއްޒަށް ލިބިވަޑައިގަތީ 129،159 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ %54.04 އެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ. އެއީ %45.96 އެވެ.

ވަގުތީ ނަތީޖާއަށް ބަލާއިރު، މި އިންތިޚާބު ޑރ.މުޢިއްޒު އިންތިޚާބު ކާމިޔާބުކުރެއްވީ 19،291 ވޯޓުގެ ބޮޑު ތަފާތަކުންނެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ 282،804 މީހުންގެ ތެރެއިން 246،915 މީހުން ވަނީ ވޯޓު ލާފައެވެ. ވޯޓު ލުމުގެ ޙައްޤު ލިބިގެންވާ %87.31 މީހުންވަނީ ވޯޓުލުމުގެ ޙައްޤު އަދާކޮށްފައިވާ ކަން ފާހަގަކުރެވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *