ޖަހާލަތުގެ އަނދިރިކަމާއި އަނިޔާވެރިކަމާއި ޝިރުކުގެ ނުބައިކަމުގެ ތެރޭގައި މުޅި ދުނިޔެ ޣަރަޤުވެފައި ވަނިކޮށް، ޢަދުލުވެރިކަމުގެ އިޞްލާޙީ ޙަރަކާތެއް ފެށިގެން ދިޔައީ މާތް މުޙައްމަދު ނަބީކަލޭގެފާނުގެ ނުބުއްވަތުގެ ގޮވާލެއްވުމާއެކުގައެވެ. އެގޮވާލެއްވުމުގެ އެންމެ މަތިވެރި އަސާސަކީ މާތް ﷲ އެއްކައުވަންތަކުރުމެވެ. އިންސާނުންގެ އަޅުވެތިކަމުން އިންސާނުން ނެރެ އިންސާނުންގެ ވެރި ރަސްކަލާނގެ އަށް އަޅުވެތިވުމުގެ ތެރެއަށް ގެނައުމެވެ.
ދީންތަކުގެ އަނިޔާވެރިކަމުން މާތް ﷲ އެއްކައުވަންތަކުރުމުގެ އިސްލާމީ ހިދާޔަތުގެ ތެރެއަށް ގެނައުމެވެ.
ނަބަވީ ދައުލަތް
މުޙައްމަދު ނަބީކަލޭގެފާނުގެ ނަބަވީ ދަޢުވަތު މައްކާގައި 12 ވަރަކަށް އަހަރަށް ދެމިގެން ދިޔައެވެ. އެއަށް ފަހު ނަބަވީ ދައުލަތް އުފެދިގެން ދިޔައީ ޙިޖާޒު ކަރައިގެ މަަދީނާގައެވެ. އެ ދައުލަތުގެ މުސްތަޝާރުންގެ ގޮތުގައި ތިއްބެވީ ނަބަވީ ދަޢުވަތުގެ މަރުޙަލާގައި "ދާރުލްއަރްޤަމް" މަދްރަސާއިން ތަރުބިޔަތުވެވަޑައިގެންނެވި ޢިލްމީ ދަރިވަރުންނާއި އަންޞާރުންނެވެ. އެއީ އިންސާނީ ތާރީޚުގައި ފެނިގެން ދިޔަ އެންމެ ފުރިހަމަ ނަމޫނާ ޖީލުކަމާ މެދު ދެބަސް ވުމެއް ނެތެވެ.
ނަބަވީ ދައުލަތުގެ ސިޔާސަތު
އިތުރު އެކަލޭގެފާނުގެ ދައުލަތުގެ އެންމެ ފާހަގަކޮށްލެވޭ ކަންކަމަކީ ޢަދުލުވެރިކަމާއި އިޖުތިމާޢީ ޢަދާލަތު ޤާއިމު ކުރުމާއި ތަފާތު ކުރުމެއް ނެތި އެންމެހާ މީސްތަކުންގެ ޙައްޤުތައް ޙިމާޔަތްކުރެއްވުމެވެ. ދުސްތޫރުލް މަދީނާ ނުވަތަ ޞަޙީފަތުލް މަދީނާ ލިޔުއްވައި އެ ދުސްތޫރުގައި މުސްލިމުންނާއި ޣައިރު މުސްލިމުންގެ ޙައްޤުތައް ޙިމާޔަތްކުރައްވައި އިސްލާމީ ދައުލަތުގެ ހިޔަލުގައި ނުވަތަ ވަށައިގެންވާ އެހެނިހެން ޤަބީލާތަކާއެކު ޞުލްޙަވެރިކަން ޤާއިމު ކުރައްވައި އިސްލާމީ ދަޢުވަތުގެ ގޮވާލެއްވުމާއެކު ދުނިޔޭގެ އެކި ޤައުމުތަކުގެ ރަސްރަސްކަލުންގެ އަރިހަށް ސަފީރުން ފޮނުއްވިއެވެ.
އިތުރު އެކަލޭގެފާނު ދައުލަތުގެ ކަންކަން ހިންގެވުމުގައި އަޞްޙާބު ބޭކަލުންނާ މަޝްވަރާ ކުރެއްވިއެވެ. ކަންކަމަށް އެކަށީގެންވާ މީހުންނާ ކަންކަން ޙަވާލު ކުރެއްވިއެވެ. މާތް ﷲ ގެ ޙުކުމްފުޅުތައް ބިންމަތީގައި ޤާއިމުކުރެއްވިއެވެ. " ތިމަންކަލޭގެފާނު މި ބިން މަތީގައި ޢަދުލުވެރިވެޑައި ނުގެންފި ނަމަ ދެން ޢަދުލުވެރިވާނީ ކާކުތޯ" ޙަދީސްކުރައްވައި ޢަދުލުގެ މީޒާން ޤާއިމު ކުރެއްވިއެވެ. އެއްވެސް އިންސާނަކަށް ވެސް ޖަނަވާރަކަށް ވެސް އަނިޔާއެއް ނުދެއްވައެވެ.
ދައުލަތުގެ މުދާ ޙިމާޔަތްކުރައްވައި އެންމެންގެ ޙައްޤުތައް ފުރިހަމަ އަށް ހޯއްދަވާ ދެއްވިއެވެ. 23 ވަރަކަށް އަހަރަށް ދެމިގެން ދިޔަ ނަބަވީ ދަޢުވަތާއެކު، މަދީނާގައި އުފެއްދެވި އިސްލާމީ މުޖުތަމަޢާއި ދައުލަތް ވަރުގަދަ ކުރެއްވިއެވެ. ހަނގުރާމަ ކުރި ބަޔަކާ ކުރިމަތި ލެއްވިއެވެ. ޞުލްޙަ އިސްކުރި ބައެއްގެ ޞުލްޙަ ޤަބޫލު ކުރެއްވިއެވެ. މި މަގުން ވެރިކަން ހިންގަވަމުން ގެންދެވީ އެއްވެސް ތަފާތު ކުރެއްވުމެއް ނެތިއެވެ. ކަޅު މީހެއް ދޮންމީހެއް، ޢަރަތްބެއް ޢަޖަމީ އަކަށް ތަފާތެއް ނެތެވެ. ޢާއިލާގެ މީހަކަށް، ވަކި ޤަބީލާގެ މީހަކަށް ނުބައްލަވައި ޢަދުލުވެރިކަން ނެގެހެއްޓެވިއެވެ. " ފާޠިމާ ވައްކަން ކުރެއްވި ނަމަވެސް އެކަމަނާގެ އަތް ވެސް ކަންޑުއްވާހުށީމެވެ" މިހެން ޙަދީސްކުރައްވައި، މާތް ﷲ ގެ އެއްވެސް ޙައްދެއްގައި އެއްވެސް މީހެއްގެ ޝަފާޢަތެއް ޤަބޫލެއް ނުކުރައްވައެވެ. ޝުބުހައެއް އޮތް ކަމެއްގައި ލުއި ދެއްވައެވެ. އަމިއްލަފުޅު ޙައްޤާ ގުޅުން ހުރި ކަންކަމުގައި މަޢާފް ދެއްވައެވެ. އިސްލާމީ ދައުލަތުގެ ހިޔަލުގައި ދިރިއުޅެމުން ދިޔަ ޣައިރު މުސްލިމުންނަށް ވެސް އަމާންކަމާއި ޙިމާޔަތާއި ރައްކާތެރިކަން ދެއްވިއެވެ.
އިތުރު އެކަލޭގެފާނުގެ ނަބަވީ ޙަޔާތްޕުޅު ނިމިގެން ދިޔައީ އުންމަތަށް ވަރުގަދަ ވަޞިއްޔަތްޕުޅެއް ކުރައްވާފައެވެ. " މާތް ﷲ ގެ ފޮތާއި ތިމަންކަލޭގެފާނުގެ ސުންނަތުގައި ތިޔަބައިމީހުން ހިފަހައްޓައިގެން ތިބިހާ ހިނދަކު ތިޔަބައިމީހުން ގެއްލެނި ވެގެން ނުދާނޭ " ކަމުގައި ކަށަވަރު ވަޞިއްޔަތް ޕުޅެއް ކުރައްވާފައެވެ. މީގެ އިތުރުން " ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނަށް ފަހު ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާއިންގެ ސުންނަތުގައި ހިފާށެވެ" މި ފަދަ މަތިވެރި ވަޞިއްޔަތްޕުޅުތައް ކުރައްވަމުން މި އުންމަތަށް އަލްވަދާޢު ވިދާޅުވީއެވެ.
އިސްލާމީ ޚިލާފަތު
ދެން ފެށިގެން އައީ ނަބަވީ މަންހަޖުގެ މަތީގައި ޤާއިމުވެގެން ދިޔަ ނަބަވީ ޚިލާފަތެވެ. އެ ޚިލާފަތުގައި ވެރިކަން ކުރެއްވީ ކޮން ބޭކަލުންނެއްތޯއެވެ؟ އާދެ! އިތުރު ތަޢާރަފަކަށް ބޭނުން ނުވާނެ ބޭކަލުންނެވެ. އައްޞިއްދީޤާއި، އަލްފާރޫޤާއި ޛުއްނޫރައިންއާއި އިމާމް ޢަލީއެވެ. އެބޭކަލުންގެ މަގަކީ ނަބަވީ މަންހަޖެވެ. ޚިލާފަތުގައި ވެރިކަން ހިންގަމުން ދިޔައީ ސީދާ ނަބަވީ މަންހަޖުގެ މައްޗަށެވެ. އިތުރު އެކަލޭގެފާނަށް ފަހު ނަބަވީ މަންހަޖުގެ މަތިން މި އުންމަތުގައި 33 އަހަރު ވެރިކަން ކުރާނޭ ކަމުގެ ޚަބަރު އިތުރު އެކަލޭގެފާނު ދެއްވާފައިވެއެވެ.
ވިރާސީ ރަސްކަން
އެއަށް ފަހުގައި ފެށިގެން ދިއައީ ވިރާސީ ރަސްކަމެކެވެ. ނަބަވީ މަންހަޖުގެ މަތިން ވެރިކަން ހިނގަމުން ދިޔައީ ޤުރުއާނާއި ސުންނަތުގެ ޙުކުމް ޤާއިމު ކުރުމުގެ މައްޗަށެވެ. ޤާބިލު މީހާއަށް މަސްއޫލިއްޔަތު ޙަވާލުވުމުގެ ތެރެއިންނެވެ. ޢާއިލާއަށް ރަޙުމަތްތެރިންނަށް ބެލުމެެއް ނެތެވެ. މިއާ ޚިލާފަށް ވިސާރީ ވެރިކަމުގައި ކަންކަން ހިނގަން ފެށީ ޢާއިލާއަށް އިސްކަން ދީގެންނެވެ.
ނަބަވީ މަންހަޖުގެ މައްޗަށް ހިނގަމުން އައި ވެރިކަން ޤަބީލާ ނިޒާމާއި ވިރާސީ ވެރިކަމަކަށް ފުރުޅިގެން ދިއުމަކީ މިއުންމަތުގެ ވެރިކަމުގެ ތާރީޚުގައި ހިނގައި ދިޔަ ވަރަށް ބޮޑު ފިތުނައެކެވެ. އެވާހަކަ ތަކުގެ ތަފްޞީލަށް ދިއުމަކީ މިފަދަ ލިއުމެއްގައި ކުރެވޭ ވަރަށް ވުރެ ބޮޑުކަމެކެވެ.
ވިސާރީ ރަސްކަމުގައި ކަންކަން ހިނގަމުން ދިޔައީ ޢާއިލާއަށް ބަލައިގެންނެވެ. މީގެ އިތުރުން ވިސާރީ ރަސްކަމުގެ ބައެއް ޒަމާންތަކުގައި ޚަލީފާއަށް މަދަޙަ ކިއުމާއި ޚަލީފާ ނިސްބަތްވާ ޢާއިލާ މަތިވެރި ކުރުމާއި ޚަލީފާއަށް ޅެން ހަދައިގެން އަންނަ މީހުންނަށް ބައިތުލްމާލުން ހަދިޔާ ދިނުމާ ދައުލަތުގެ މުދަލުން އިސްރާފު ކުރުން ފަދަ ކަންކަން ދައުލަތުގެ ތެރޭގައި އުފެދުނެވެ. މިއީ ނަބަވީ މަންހަޖުގެ މައްޗަށް ހިންގި ވެރިކަމުގައި ހުރި ސިފަތަކެއްނޫނެވެ. މިހެން މިވާހަކަ ދަންނަވާއިރު، އުމަވީ ދައުލަތާއި ޢައްބާސީ ދައުލަތުގައި ވެސް ހެޔޮ ލަފާ ވެރިން ވެރިކަން ކުރިކަން ފާހަގަކުރަމެވެ. ޢިލްމާއި ޙަޟާރަތު ކުރިއަރައި ދިޔަކަން ފާހަގަކުރަމެވެ.
ޢުމަރު ބުނު ޢަބްދުލްޢަޒީޒު
އުމަވީ ދައުލަތުގައި ފަސާދަ އުފެދިފައި ވަނިކޮށް އުމަވީ ދައުލަތުގެ ތެރެއިން އަލިވެގެން ދިޔަ ނޫރަކީ ޚަލީފާ ޢުމަރު ބުން ޢަބްދުލްޢަޒީޒުގެ ވެރިކަމެވެ. އެއީ މާތް ހަތަރު ޚަލީފާއިންގެ ފަހުން އިސްލާމީ އުންމަތުގައި ނަބަވީ މަންހަޖުގެ މައްޗަށް ހިންގި ވެރިކަމެއް ކަމުގައި އިސްލާމީ މުއައްރިޚުންނާއި ޢިލްމުވެރިންނާއި މުފައްކިރުން ބަޔާންކޮށްފައިވެއެއެވެ. ޢުމަރު ބުނު ޢަބްދުލްޢަޒީޒުގެ ވެރިކަމުގައި އިސްލާމީ ޝަރީޢަތުގައި ބަޔާންކުރައްވާފައިވާ ފަދައިން ޢަދުލުވެރިކަން ޤާއިމު ކުރެއްވިއެވެ. ބައިތުލްމާލާއި ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރައްވައި ފަސާދަ ނައްތާލެއްވިއެވެ. ޢާއިލާ މީހާއަށް ނުބައްލަވައި ޤާބިލު މީހާއާ މަސްއޫލިއްޔަތު ޙަވާލު ކުރެއްވިއެވެ. އިލްޒާމީ ގޮތެއްގައި ޒަކާތް ނައްގަވައި އޭގެ ޙައްޤުވެރިންނަށް ފޯރުކޮށްދެއްވިއެވެ. ފަސާދަ ހިންގި މީހުންނާއި އަނިޔާވެރިވާ ފަރާތްތައް މަޤާމުތަކުން ވަކިކުރެއްވިއެވެ. ކީރިތި ރަސޫލާގެ ޙަދީސްފުޅުތައް ތަދުވީނު ކުރައްވަން އަމުރުކުރެއްވިއެވެ. އުންމަތުގެ ކަންކޮޅުތަކުގައި އަމާންކަމާއި ސިލްމާއި ސަލާމަތު ޤާއިމު ކުރެއްވިއެވެ. ޢިލްމު ފަތުރުއްވައި ޢިލްމުގެ އަހުލުވެރިންނަށް އިޙުތިރާމް ދެއްވިއެއެވެ. އިޖުތިމާޢީ ޢަދާލަތު ޤާއިމު ކުރެއްވިއެވެ. ވެރިކަން ނިމިގެން ދިޔައިރު ޒަކާތުގެ މުދަލުގައި ހިފާނެ ފަޤީރަކު އުންމަތުގެ އެއްވެސް ހިސާބެއްގައި ނެތެވެ. މިފަދަ އެތައް ކަމެއްގެ ސަބަބުން ކުރު މުއްދަތެއްގައި ވެރިކަން ކުރެއްވި ޚަލީފާ ޢުމަރު ބުނު ޢަބްދުލްޢަޒީޒުގެ ވެރިކަން ހިމެނިފައިވަނީ ޢަދުލުވެރި ހެޔޮ ވެރިކަމެއްގެ ގޮތުގައެވެ. އެއީ ފަސްވަނަ ޚަލީފަތުއްރާޝިދުގެ ގޮތުގައި އިސްލާމީ ތާރީޚުގައި ރަން އަކުރުން ޢުމަރު ބުނު ޢަބްދުލްޢަޒީޒުގެ ނަންފުޅު ހިމެނިފައިވެއެވެ.
ޢުމަރު ބުނު ޢަބްދުލްޢަޒީޒުގެ ވެރިކަަމަށް ފަހު، ޤުރުއާނާއި ސުންނަތުގެ ހިދާޔަތުގައި ފުރިހަމަ ޢަދުލުވެރި ވެރިކަމެއް ކުރި ވެރިޔަކު މި އުންމަތުގައި ނާދެއެވެ. އުމަވީ ދައުލަތާއި އައްބާސީ ދައުލަތާއި އަންދަލުސްގައި އޮތް އުމާވީ ވެރިކަމާއި މިޞްރުގައި އޮތް މަމާލިކުންގެ ވެރިކަމާއި އިސްޠަންބޫލްގައި އޮތް އުޘްމާނީ ވެރިކަމާއި ހިންދު ކަރައިގައި އޮތް މަޣޫލުންގެ ވެރިކަމާއި، އުންމަތުގެ އެކި ކަންކޮޅުތަކުގައި އެކި ޒަމާންތަކުގައި ހެޔޮ ލަފާ ވެރިން ވެރިކަންކޮށް އިސްލާމްދީނަށް ނަޞްރާއި ކާމިޔާބު ހޯދައިދީފައިވެއެވެ.
ނަމޫނާ ލިބިގަތުން
ނަބަވީ ވެރިކަމާއި އިސްލާމީ ޚިލާފަރުގެ ވެރިކަމުގެ އިތުރުން، ޢުމަރު ބުނު ޢަބްދުލްޢަޒީޒުގެ ވެރިކަމަކީ މިޒަމާނުގެ މުސްލިމު ކޮންމެ ވެރިއަކަށް އޮތް ނަމޫނާއެކެވެ. އާދޭހެވެ! މުސްލިމު ކޮންމެ ވެރިއެއްގެ ވެރިކަން ޤުރުއާނާއި ސުންނަތުގެ ހިދާޔަތުގެ ތެެރެއަށް އައުމަކީ މުސްލިމުން އެދޭ އެދުމެކެވެ. ކުރަމުން އަންނަ އުންމީދެކެވެ. މުސްލިމުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލިބެމުންދާ އަނިޔާއާ ދެކޮޅަށް ތެދުވާނެ ޢަޒުމު ހުރި ވަރުގަދަ ޒަޢާމަތެއް އުންމަތުގައި އުފެދުމަށް އުންމަތުގެ ޙާލުގެ ދުލުން ގޮވާލައެވެ. ނިކަމެތި ވެފައިވާ ކުޑަކުދިންނާއި އަންހެނުންގެ ކަރާމަތު ނަގަހައްޓާނެ ޤާއިދަކަށް އުންމަތް ވަނީ ނުހަނު ބޭނުން ޖެހިފައެވެ. އުންމަތާ ދެކޮޅަށް ކުރެވެމުންދާ ފިކުރީ ހަނގުރާމައިން އުންމަތް ސަލާމަތްކޮށްދޭނެ ލީޑަރަކަށް އުންމަތް އެދި ގޮވައެވެ.
ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ މަންހަޖާއި ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާއިންގެ މަގުން ހިނގުމަށް މުސްލިމު ކޮންމެ ވެރިއަކަށް ހިއްވަރު ދެމެވެ.
ހެޔޮވެރިކަން
ޤުރުއާނުގެ ހިދާޔަތުގައި ވެރިކަންކުރާ އިސްލާމީ ވެރިންނަކީ، އެބަޔަކަށް ވެރިކަން ދެެއްވުމުން، މީސްތަކުންގެ ޙައްޤުތައް ޙިމާޔަތްކޮށް، ޢާއިލާއާ ޙަސަބާއި ނަސަބަށް ބެލުމެއްނެތި ޢިލްމާއި ޤާބިލްކަން ހުރި އަމާނާތްރި މީހުންނަށް ދައުލަތުގެ ކަންކަން ޙަވާލުކޮށް މާތް ﷲ ގެ ޙުކުމްފުޅު ބިންމަތީގައި ތަންފީޒުކޮށް ފަސާދަ ނައްތާލައި ބައިތުލްމާލު ޙިމާޔަތްކޮށް ޢަދުލުވެރިކަން ޤާއިމުކޮށް ނަމާދު ޤާއިމުކޮށް ޒަކާތް އޭގެ ޙައްޤުވެރިނަށް ފޯރުކޮށްދީ ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރާ ވެރިންނެވެ.
މި މަޒްމޫނުގެ މަޤުޞަދަކީ ނަބަވީ މަންހަޖުގެ މައްޗަށް ވެރިކަން ހިންގި ގޮތުގެ މައްޗަށް ބަލައިލުމެވެ. (أ.هـ)
•••✧•✧•✧•✧•✧•✧•✧•✧•••
އެޑިޓަރުގެ ނޯޓް:
މި ލިޔުމަކީ، މަޝްހޫރު ދީނީ ޢިލްމުވެރިޔާ، ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އިސްލާމިކް ޔުނިވާރސިޓީގެ ކުރީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އެމަނިކުފާނުގެ އަމިއްލަފުޅު ވެބްސައިޓްގައި ޝާއިޢުކުރައްވާފައިވާ ލިޔުމެކެވެ. ޑރ. ޝަހީމްގެ ލިޔުއްވުންތައް "ފިޔަ އޮންލައިން" ގައި ޝާއިޢުކުރެވިގެން މިދަނީ އެމަނިކުފާނުގެ އިޒްނައާ އެކުގައެވެ. ކޮންމެ ހަފުތާއެއްގައި، އެމަނިކުފާނުގެ ލިޔުއްވުންތައް މި ނޫހުގައި ޝާޢިއު ކުރަމުން ގެންދާނަމެވެ. އެހެނީ، އެމަނިކުފާނަކީ އިސްލާމީ ވަޙްދަތު ވަރުގަދަކޮށް ދިވެހިރާއްޖޭގައި އިސްލާމީ ޙަޟާރަތު ޤާއިމުކުރުމަށްޓަކައި ގަދައަޅާ މަަސައްކަތްކުރައްވާ ބޭފުޅެއްކަމުން، އެމަނިކުފާނުގެ ލިޔުއްވުންތައް އަޅުގަނޑުމެންގެ ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމަކީ މުހިއްމުކަމެއް ކަމުގައި ދެކެމެވެ.
މި ލިޔުމުގެ އަސްލު ބޭނުންފުޅުވާނަމަ، ތިރީގައިވާ ލިންކުން ފެނިވަޑައިގަންނަވާނެއެވެ.