އުސްމާނު ރާޝިދުގެ ގައިގެ އެތަންމިތަނުގައި ފުރޮއިންތަޅައި ކަތިލަމުންދިޔައިރު އެ މަންޒަރުބަލަން އިންނަން ކަސްތޮޅުއެޅުވިފައިވާހާލު ހަލީމައަށް މަޖުބޫރުވިއެވެ. ހަލީމައަށް އެ މަންޒަރު ބަލާކަށް ކެތެއްނުކުރެވުނެވެ. އޭނާގެ އަތްފައި ގުޑިނުލެވޭހާ ބާރަށް އައްސާފައިހުރި ނަމަވެސް އޭނާ އެމަޅިން ސަލާމަތްވުމަށްއެދި ތެޅިފޮޅެމުންދިޔައެވެ.
ނަމަވެސް ވަގުތުފާއިތުވެއްޖެއެވެ. ރާޝިދުގެ ގައިގެ ހުރިހައި ގުނަވަންތަކެއްއޮތީ ވަކިކޮށްލާފައެވެ. އޭނާގެ ފުރާނަނެތް މަސްގަނޑުއޮތީ ބަލައިލަންވެސް ނުކެރޭ ވަރަށް ޗިސްޗިސްވެ ހަފުސްވެފައެވެ. އުސްމާނު އޭނާއަށް ފުދޭވަރުވަންދެން ރާޝިދުގެ ހަށިގަނޑުގެ ބައިތައް ކަތިލުމަށްފަހު ބޭރަށް ނިކުތެވެ. އަދި ފެންޑާތެރޭގައި ބަހައްޓާފައިހުރި ގޯނިތަކެއް ހިފައިގެންއައިސް އެހުރިހާ ގޯނި ފުރެންދެން ރާޝިދުގެ ހަށިގަނޑުގެ ބައިތައް އަޅައި ފުރާލިއެވެ. އެންމެ މަދުވެގެންވެސް އަށެއްކަ ގޯނި ހުންނާނެއެވެ.
އެމަންޒަރު ބަލަންއިން ހަލީމަގެ ހިތްފަޅައިގެން ނުދިޔައީ ހަމަކިރިޔާއެވެ. އޭނާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަފައިބަމުން ދިޔައެވެ. އުސްމާނުގެ އަމަލުތައް ހުރިގޮތް ފެނިފައި ހަލީމައިނީ ބިރުންފިއްކަޑައިގެންގޮސް ދުނިޔެއިން މޮޔަވާވަރުވެފައެވެ.
އެއްވެސް ފަސްޖެހުމެއްނެތި އިންސާނެއްގެ ފުރާނައެއް ކޮށައި ކަތިލަން އުސްމާނަށް ކެރޭނެކަމަކަށް ހަލީމަ ދުވަހަކުވެސް ހިއެއްނުކުރެއެވެ. އުސްމާނު ފުރޯއިން ތަޅާފައި ރާޝިދުގެ ހަށިގަނޑު ޗިސްޗިސްކުރިއިރު އެ ފެނުނު ބިރުވެރި މަންޒަރުން ހަލީމަ ނަފްސާނީގޮތުން ނުރައްކާތެރި އަނދަވަޅަކަށް ވައްޓާލައިފިއެވެ. އޭގެ ސަބަބުން އޭނާގެ ހިތުތެރޭގައި އާދަޔާޙިލާފު ބިރުވެރިކަމެއް އުފަންކުރުވިއެވެ. އެ ބިރުވެރިކަމުން އޭނާގެ ނަފްސަށް ގެނުވި ސިހުމުން އޭނާ ދުވަހަކުވެސް މިންޖުވާނެހެއް ހިއެއްނުވެއެވެ.
އެ ހާދިސާ އިތުރަށް ހަނދާންކުރާކަށް ހަލީމަ ބޭނުމެއްނުވެއެވެ. އެހެނަސް އެ ހަނދާންތައް އޭނާގެ ސިކުނޑިތެރޭގައި ފަޑުވުމެއްނެތި ތާއަބަދު އާވެއާލާވާނެކަން ޔަޤީނެވެ. ޝައްކެއް ވަސްވާހެއްނެތެވެ. ނަފްސާނީގޮތުން ހަލީމައިނީ ނުހަނު ނާޒުކު ފައްތަރެއްގައެވެ.
* * * *
ބަކުރު ދޮގުހަދާކަށް ބޭނުމެއްނުވިއެވެ. އޮޅުވާލާކަށްވެސް ބޭނުމެއްނުވިއެވެ. ބިރުގަންނަނީއެވެ. ފަސްޖެހެނީއެވެ. މަރާއިމެދު ވިސްނެނީއެވެ. ކުރެވުނު ކުށަށް ލަސްނުކޮށް ތަޢުބާވުމުގެ މުހިންމުކަން އިހުސާސްކުރެވުނީއެވެ. ދޮގެއްހަދައިފިނަމަ އެދޮގު ފަރުދާކުރަން އިތުރު ދޮގުތަކެއްހަދަންޖެހޭނެކަން ދަންނާތީއެވެ. އަދި ހަމައެހެންމެ، ތެދުވެރިވާން އޭނަގެ ހިތް ރޮއެރޮއެފައި އާދޭސްކުރަމުންދާތީވެސްމެއެވެ.
"އަހަރެންނަށް މާފުކުރޭ މަންމާ… އަހަރެންނަށް މާފުކުރޭ… އަހަރެން މިއީ މަންމަ ތިޔަހީކުރާފަދަ ހުލްޤުހެޔޮ ރަނގަޅު އިންސާނެއްނޫން… ތެދުތެދަށްބުނާނަމަ، އަހަރެން މިހުރީ ފާފަކޮށްކޮށް ފާފައިން ތަތްތެޅިފަ.."
ބަކުރު ދައްކަމުންދިޔަ ވާހަކަ އަޑުއަހަންހުރި ނޫރްބީނާގެ އަތްފައި ފިނިވާންފެށިއެވެ. އަދި އޭނާގެ ހިތުގެ ހިނގުންވެސް އަވަސްވެލުމާއެކު ގައިގެ ލޯލިތައް ކޮޅަށްޖެހުނެވެ.
"ދަރިފުޅާ… ދަރިފުޅު ތިޔަދައްކާ ވާހަކަ މަންމައަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނުނު.. ތިޔަ ބުނަންއުޅޭ ވާހަކައެއް މަންމައަށްވެސް ދޭހަވާނެފަދަ ތިލަ އިބާރާތަކުން ސާދާ ސީދާކޮށް އެއް ޖުމްލައިން ބުނެލާ ނިންމާލަބަލަ… މަންމަގެ ކެތްތެރިކަން ކޮޅުންލައިފި… ދެން އިތުރަށް އިންތިޒާރުނުކުރުވާ…" ބަކުރުގެ އަތުގައި ނޫރުބީނާ އޭނާގެ އަތް ބޮނޑިކޮށްލަމުން އާދޭހުގެ ރާގަކަށް އޭނާގެ ހިތުގެ އެދުން ހާމަކޮށްލިއެވެ.
"އަހަރެން މިއީ ޤާތިލެއް މަންމާ… އަހަރެންނަށް ހައްޤު އަދަބު އަހަރެން ބޭނުން މަންމާ… އަހަރެންނަށް މަންމަ ދޭން ބޭނުންވާ ކޮންމެ އަދަބެއްދިނަސް އަހަރެން އެކަމަކަށް ކެތްކުރާނަން… އެއްވެސް ޝަކުވާއެއްނުކުރާނަން…" ބަކުރަށް އަދިވެސް ރުއިން ހުއްޓޭގޮތެއްނުވިއެވެ.
"އަހަރެންގެ ސަބަބުން މީހެއްގެ ފުރާނަ މިދުނިޔެއަށް އަލްވަދާއުކިޔައިފި މަންމާ…" ބަކުރު ބުނަން ބޭނުންވި ވާހަކަ މުޅީން ފުރިހަމަކުރުމުގެ ކުރިން ނޫރްބީނާ ބަކުރުގެ އަނގަމަތީގައި އަތްއަޅާލިއެވެ. އެއާއެކު ބަކުރުގެ އަނގަ ބަންދުވެ، އޭނާ ބަޔާންކޮށް ޙުލާސާކޮށްދޭން ބޭނުންވި ބަސްތައް ދުލުން ބޭރުނުކޮށް އަނގަމަޑުންލައިގެން ހުރުން ފިޔަވާ އިތުރު އިޙްތިޔާރެއްނެތްކަން ބަކުރަށް ޔަޤީންކުރެވުނެވެ.
ނޫރުބީނާ ކަޅިއަޅާނުލައި ބަކުރުގެ ދެލޮލަށް ކަޅިހިންގަމުންދިޔައިރު އޭނސާގެ ދެލޮލަށް ޖަމާވަމުންދިޔަ ކަރުތައް ފުރިބާރުވެ ބަންޑުންވާންފެށިއެވެ. އެ ކަރުނަތައް ބަކުރު ފޮހެދޭން ބޭނުންވިއެވެ. އެހެނަސް އެކަންކުރަން އޭނާގެ އަތް އުފުލާލާފައި ހަރަކާތްކޮށްލެވޭނެހާ ހިތްވަރުވެސް ބަކުރު ގަޔަކު އެވަގުތަކު ނެތެވެ. މާޔޫސްވެ ގޮތްހުސްވެފައިހުރެ ބަކުރުވެސް ނޫރުބީނާގެ ދެލޮލަށް ބަލަބަލައި އިރުގަނޑަކު ހުއްޓެވެ.
"ބަކުރާ… ބުނޭ ތިއީ ދޮގެކޭ… ބުނޭ މަށަށް ދެންމެގައި އަޑުއެއިވުން ބަސްތަކަކީ ހަޤީޤަތެއްހުރި ވާހަކަތަކެއް ނޫނޭ…" ބަކުރުގެ ސަބަބުން މީހަކު މަރުވި ޙަބަރުލިބުމުން ނޫރުބީނާއަށް އެވާހަކަ ޤަބޫލުކުރުމަކީ މާ ފަސޭހަކަމަށްނުވިއެވެ. އެ ހަޤީޤަތް ހަޖަމުކުރާކަށް އޭނާގެ ހިތުންރުހުމުން ދުވަހަކުވެސް ނޭދޭނެއެވެ. އެފަދަ ވާހަކައެއް އަޑުއަހަން ހުރިއިރުވެސް އޭނާގެ ކަންފަތް ހިރުވާފައި މޭގަނޑުވެސް ތިޔައީ ފާޑަކަށް ކަރަމުންނެވެ. އެހެންޏާވެސް އެ އިހްސާސްތައް އޭނަގެ ނަފްސާއި ބައްދަލްވެ ކުޅެލައެވެ. ނަމަވެސް ދެންމެގައި ބަކުރު އެ ހާމަކުރި ހަޤީޤަތަކުން ނޫރްބީނާގެ ނަފްސަށް ދެމުންދިޔަ އަނިޔާގެ މިންވަރު ދެތިން ލަފްޒުން ބަޔާތްކޮށްލުމަކީ އިންސާފަކަށް ނުވާނެއެވެ.
ލިބުނު ސިހުމެއްގެ ބޮޑުކަމާއެވެ. ހިތަށް ވެރިކުރުވި ނުތަނަވަސްކަން އިންތިހާއެވެ. ނޫރުބީނާ ބަކުރުގެ އަތުން ދޫކޮށްލިގޮތަށް ފެންކަޅިވެ ރޮވިފައިވާ ހާލު ގެއަށް ވަނެވެ. އެ މަންޒަރު ބަލަން މާޔޫސްވެ ކަރުއެލުވާލައިގެން، ގެއަށް ވަންނަން ނުކެރިފައި ބަކުރު ހުރިތަނުން ގުޑުވާނުލައި ހުއްޓެވެ.
* * * *
އުސްމާނު އޭނާގެ ބިޔަބޮޑު ހަށިގަނޑަށް ލިބިފައިވާ ހަކަތައިގެ އެހީގައި، ރާޝިދުގެ ފުރާނަނެތް މަސްގަނޑުގެ ކަތިލެވި ކޮށާލެވިފައިވާ ބައިތައް އަޅާބަރާކޮށްފައިހުރި ގޯނިތައް، ފަހަރަކު ގޯންޏެއް އުފުއްލާލައިގެން ގެނެސް އޭނާ ގެންގުޅޭ ގާޑިޔަލަށް އެރުވިއެވެ.
ހަލީމަގެ ލޮލުކުރިމަތީގައި ފެންނަމުންދިޔަ މަންޒަރަށް ކެތްނުކުރެވިގެން ރޮމުންދިޔައީ އޭނައަށް އުސްމާނު ހުއްޓުވަން އަތުންފައިން އެއްވެސް ކަމެއް ކުރެވެން ނެތުމުންނެވެ. އުސްމާނު އެވަރުގެ ނުބައި ފާފައަކަށް އަރައިގަންހިނދު ހަލީމަގެ އަތްފައި ބަނދެފައި ނުވިނަމަ އުސްމާނު ހުއްޓުވަން ހަލީމަ ކޮންމެފަދަ ކަމެއްވެސް ކުރީހެވެ. އެހެނަސް ވަގުތު ފާއިތުވެއްޖެއެވެ. ވެފައިއޮތްކަމެއް ބަދަލުކުރާނީ ކިހިނަކުންހެއްޔެވެ. ހަލީމައަށް ރޮއިލަރޮއިލާ އިނުން ފިޔަވާ އިތުރުގޮތެއް ނެތެވެ.
އުސްމާނު ބޭރަށް ނިކުމެ ބޯދިއްކޮށްލީ އެވަގުތު މަގުމަތީގައި މީހަކު އުޅޭތޯ ބަލާލުމަށެވެ. އެހެނަސް ފުރަމެންދަމެވެ. މަގުމަތީގައި މީހެއްގެ ހިލަމެއް ކީއްކުރަންހެއްޔެވެ. ދިރޭސޫފާސޫއްޕެއްގެ ހިލަމެއްވެސް ނެތެވެ. މުޅި ރަށްއޮތީ ނިދާފައެވެ. ވެހެމުންދިޔަ ވާރެވެސް ހުއްޓާލައިފިއެވެ. ނަމަވެސް ފެންކޯރުތައްހެދި މަގުމަތިއޮތީ ޗަކަވެފައެވެ.
އުސްމާނު އޭނާގެ ގާޑިޔާ ބަރާވަންދެން އަރުވާފައިވާ ގޯނިތަކަށް ނަޒަރުހިންގާލިއެވެ. އޭގެތެރެއިން ބައެއް ގޯނިތަކުގައި އެޅިފައިހުރި ލޯވަޅުތަކުން ލޭފައިބަމުންގޮސް މުޅި ގާޑިޔާތެރޭގައި ލޭގެ ކޯރެއް ހެދެމުންދިޔައެވެ. އެވަގުތު އުސްމާނުގެ ބުއްދިއަށް ޝައިތާނާ ގެނުވި ނުބައި ބުއްދިއަކުން އުސްމާނަށް ދެވަނަ ވިސްނުމަކަށްދާން މަޖުބޫރުކުރުވިއެވެ. އުސްމާނު އޭނާގެ އަމިއްލަ ގާޑިޔަލަށް އެގޯނިތައް އަރުވައިގެންގޮސް އުޅެނިކޮށް ކަމެއް ދިމާވެއްޖެނަމަ އެ މަޅީގައި އުސްމާނު ބެދުމުގެ ފުރުސަތު ވަރަށް ބޮޑުކަން އޭނާއަށް އިހުސާސްވިއެވެ. އެ ގާޑިޔަލަކީ ރަށުގެ ގިނަބަޔަކަށް އާރިޔާއެއްގެ ގޮތުގައިވެސް ގިނަގިނައިން ދީއުޅޭ ގާޑިޔަލެއްކަމުން އޭގައި ނުފޮހެވޭފަދަ ލޭގެ ނިޝާނެއް ހަރުލައިފިނަމަ އެކަމުން ނިކުމެދާނެ ހިތި ނަތީޖާތަކާއިމެދު އުސްމާނަށް ވިސްނެންފެށުނެވެ.
ކުއްލިއަކަށް އުސްމާނު އޭނާގެ ގާޑިޔާ ގޭ ބޮޑުގިފިލި ފަރާތަށް ގެންދިއުމަށްފަހު ބޭރަށް ނިކުމެ ދަލޭކަ ދިރިއުޅޭ ގެއާއި ދިމާލަށް މިސްރާބުޖެހިއެވެ. އިރުކޮޅެއްގެ ތެރޭގައި އުސްމާނަށް އެގެއަށް ދެވުނެވެ. ހަފަރާތަށް ކަޅި ހިންގާލި ވަގުތު އުސްމާނަށް އެގޯތި ފެންޑާތެރޭގައި ބަހައްޓާފައިހުރި އާދަނުގެ ގާޑިޔާ ފެނުނެވެ. އެއާއެކު އުސްމާނު އެ ގާޑިޔާ ހިފައިގެން އަނބުރާ އުސްމާނުގެ ގެއަށްގޮސް އެގޭގައި އޭނާގެ އަމިއްލަ ގާޑިޔަލުގައި ބަހައްޓާފައިހުރި ގޯނިތައް އޭނާގެ އަމިއްލަ ގާޑިޔަލުން ނެގިއެވެ. އަދި އެހުރިހާ ގޯނިތައް އާދަނުގެ ގާޑިޔަލަށް ބަދަލުކުރިއެވެ. އެއަށްފަހު ފެންބާލިދީއެއް ހިފައިގެންއައިސް އުސްމާނުގެ ގާޑިޔާތެރެއަށް އެ ފެންބާލިދީ އޮއްސާލުމަށްފަހު އޭގައިވާ ލޭތަށް ދޮވެލައި ލޭގެ ހުރިހާ ނިޝާންތަކެއް ފޮހެލިއެވެ.
އުސްމާނު ފުންނޭވާއެއް ބޭރުކޮށްލުމަށްފަހު އާދަނުގެ ގާޑިޔާ ހިފައިގެން ފުއްޓަރު ފަރާތު ވަލާއި ދިމާލަށް ހިނގައިގަތެވެ. އޭނާ ބޭނުންވީ އެހެން މީހަކަށް ނުފެންނާނެހެން ރާޝިދުގެ ހަށިގަނޑުގެ ބައިތައް ފަސްއަޅައި ފޮރުވާލާށެވެ. އެކަން އެންމެ ފަސޭހައިން ވާނީ މީހުން އާންމު ގޮތެއްގައި ގޮސްނޫޅޭ ހިސާބެއްގައިކަން އުސްމާނުގެ ބުއްދީގައި ހަރުލާފައިހުއްޓެވެ. އެންމެ މަދުން މީހުން ގޮސްއުޅޭ ހިސާބަކީ ފުއްޓަރުފަރާތު ވަލުކަން އެންމެ ރަނގަޅަށް ދަންނާނެ އެކަކީވެސް އުސްމާނެވެ. ފުއްޓަރުފަރާތު ވަލަކީ ކައްޕަލެއްކަމުގައި ތުންތުންމަތިން ދެކެވެމުން އައިސްފައިވާ ވާހަކަތަކުގެ ސަބަބުން ރަށުގެ ގިނަ ބައެއްގެ ނަޒަރުގައި ނާމާންކަމުން ފުރިފައިވާ ނުރައްކާ ސަރަހައްދެކެވެ. އެހެންކަމުން އެދިމާ ވަލަށް މީހަކު ވަދެއުޅެނީވެސް ހާލަކުން ފަހަރަކުއެވެ. އެހެންކަމުން، ރާޝިދުގެ ނިޝާންތައް ވަންހަނާކޮށްލަން އެންމެ ފަސޭހަ ހިސާބަކީ އެއީކަމުން އުސްމާނު އެދިމާ ވަލަށްދާން އަޒުމްކަނޑައެޅީއެވެ.
ރޭގަނޑުގެ ކަޅުފޮއެކަން އިންތިހާއެވެ. ތަނެއްދޮރެއް، ރުކެއް ކާށްޓެއް ވަކިނުކުރެވޭހާ އަނދިރިއެވެ. އެހެންކަމުން އެ އަނދިރީގައި މަގުކޮށައިދިނުމުގެ އެހީތެރިއަކަށް އުސްމާނު އިޙްތިޔާރުކުރީ ފާނޫޒެކެވެ. އެ ފާނޫޒުގެ އަލިން އޭނާ ދާން އަޒުމްކަނޑައެޅި މަންޒިލަށް ވާސިލުވުމަށް މަގުދައްކައިދެމުންދިޔައެވެ.
* * * *
ގަދަ ނިދީގައި ނިދާފައިއޮތް ޤާސިމަކީ އަބަދުވެސް ނިދީގައި ހިނގާއުޅޭ ކުއްޖެކެވެ. ނިދީގައިހުރެ ހިނގާފައި މެންދަން ވަގުތުގައި ބޭރަށް ނިކުންނަ ރޭރޭވެސް މަދެއްނޫނެވެ. އެކަމާހުރެ އޭނާގެ މައިންބަފައިން، ސައްތާރާއި ދަލޭކަ ދަމަށްތިބެންޖެހޭ ރޭރޭވެސް މަދެއްނޫނެވެ. އެކަމަށްކުރާނެ ފަރުވާއެއްވެސް ޒަމާނުގެ ގޮތުން ނޯވެއެވެ. ވުމާއެކު އޭނާގެ އެކަމުން ސަލާމަތްކުރަން ކުރެވޭނީވެސް ވަކި ކޮންކަމެއް ހެއްޔެވެ.
ޤާސިމް އެރޭ ނިދާފައި އޮށްވާ އޭނާއަށް ހުވަފެނެއް ފެންނަން ފެށިއެވެ، އެ ހުވަފެނުގައި އޭނާއަށް ސިފަވަމުންދިޔައީ ފުރަމެންދަމު މީހަކުއައިސް ދަލޭކަ ދަމުނަމާދަށް ހުއްޓައި ވަޅިއެއް ހިފައިގެންއައިސް ގެއަށް ވަން މަންޒަރެވެ.
އެމީހާ ހިފާލާފައިހުރީ އޭނާގެ އަތުގައިއޮތް ތޫނު ހަންޖަރަކުން ދަލޭކައަށް ހަމަލާއެއްދޭންކަން އެމީހާގެ ހަރަކާތްތައް ހުރިގޮތުން ފާޅުކަންބޮޑުގޮތެއްގައި ޤާސިމުގެ ޙިޔާލުގައި ތަސްވީރުވަމުންދިޔައެވެ. އެމީހާ ހިފައިގެންހުރީ ކޮޅު ތޫނު، ތިލަގަނޑު ދިގުވެގެންވާ ހަންޖަރެކެވެ. އެ ހަންޖަރުން ދަލޭކައަށް ހަމަލާދޭން އެމީހާ ފެންބޮވައިގަނެފައިހުރި މިންވަރު އޭނާގެ ދެލޮލުން ހާމަވާންހުރި ރުޅިވެރިކަމުން ދަލީލުކޮށްދެމުންދިޔައެވެ.
ދަލޭކަ ސަޖިދައަށްދިޔަ ވަގުތު އެމީހާ އޭނާގެ އަތުގައި އޮތް ތޫނު ހަންޖަރުން ދަލޭކަ ގައިގައި ޖަހަން ކެނޑިނޭޅި މަސައްކަތްކުރަމުން ދިޔައެވެ. އެހެނަސް އެމީހާގެ ނިޔަތް އެމީހާއަށް ހާސިލްކުރެވޭގޮތެއް ނުވިއެވެ. އެމީހާއަށް އެމީހާގެ އެނިޔަތުގައި ކުރިއަރައިދެވޭގޮތެއް ނުވިއެވެ. ދަލޭކަވަނީ މާތްﷲގެ ރައްކާތެރިކަމުގެ ދަށުގައެވެ. މާތްﷲގެ ތަނަވަސް ރަޙުމަތުގެ ހިޔަލުގައި އަމަންއަމާންކަންމަތީއެވެ. ދަލޭކައަށް އަނިޔާދެވޭނީ ފަހެ ކޮން އިންސާނަކަށްހެއްޔެވެ. އެފަދަ ނުބައި ނިޔަތެއްގައި ކުރިއަރައި ދެވޭނެ އެއްވެސް މީހަކު ނެތްފަދައެވެ. ނަމާދަކީ ދަލޭކަގެ ހިތުގެ ނޫރެވެ. އެއީ އޭނާގެ ފުރާނައިގެ ކާނާއެވެ. އޭނާގެ ދެލޮލުގެ ފިނިކަމެވެ. ދަލޭކަގެ ޙަޔާތް އެ ނޫރެއްގެ އަލީގައި ދަތުރުކުރާ ނޫރުކަމުގައިވާ ނަމާދުގެ މަތިވެރި އަޅުކަމުގެ މަތީގައި، އޭނާގެ ވެރި ރައްބަށް މުނާޖާ ދެންނެވުމުގައިވާ ޙާލު، އޭނާގެ ނަފްސާއި ރޫޙަށް އަނިޔާއެއް ފަހެ އެއްވެސް އިންސާނަކަށް ނުދެވޭނެތާއެވެ.
އެމީހާ ހުއްޓުމެއްނެތި ދަލޭކަގެ ނަފްސާއި ރޫޙު ނެތިކޮށްލަން ކުރި މަސައްކަތްދިޔައީ ފަނުފުލުންނެވެ. އޭނާގެ ނުބައިނިޔަތުގައި އޭނާ ނާކާމިޔާބުވެ ބަލިގަބޫލުކޮށް އެމީހާ އަވަސް ހިނގުމެއްގައިގޮސް ބޭރަށް ނިކުތެވެ. "އޭނާ ހުއްޓުވާ ކޮއްކޯ… އޭނާ ހުއްޓުވާ…" އެމީހަކު އެދާތާކަށް ދިއުން ހުއްޓުވުމަށްއެދި ކުރެހިފައިވާ އަޑަކުން މީހަކު ޤާސިމާއި މުހާތަބުކުރާ އަޑު ޤާސިމްގެ ކަންފަތްބުޑުގައި އިވެންފެށިއެވެ.
ހުވަފެނުގައި ސިފަވަމުންދިޔަ މަންޒަރާއި އަދި އެ މަންޒަރާއި އެކުގައި އޭނައަށް ލަފާއަރުވަމުންދިޔަ އިންސާނާގެ ލަފާގެ އަވައިގައިޖެހި ޤާސިމް، އެމީހާ އެދެމުންދިޔަ އެދުން ފުރިހަމަކޮށްދިނުމަށްޓަކައި އުނދޯލިން ތެދުވެ ހިނގައިގަތެވެ.
ގޭގެ ދޮރުހުޅުވުންވެސް ޤާސިމަށް އެވަގުތު އުނދަގޫ ކަމަކަށް ނުވިއެވެ. ޤާސިމް ދޮރުހުޅުވާލުމަށްފަހުގައި އެނާއަށް ވަސްވާސްދެމުންދިޔަ އަޑަށް ސަވާރުވެ އޭނާ ދައްކަމުންދިޔަ މަގުން ހިނގަމުން ހިނގަމުންގޮސް، އުސްމާނު ދުއްވަމުންދިޔަ ގާޑިޔަލުގެ ކުރިމައްޗަށް އަރާފައި ހުއްޓުނެވެ. އުސްމާނަށް އެ މަންޒަރު ފެނުމާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ. ހާސްވާންފެށިއެވެ. އެހާ ދަންވެފައި ހުއްޓައި އެ ތުއްތު ތުއްތު ޤާސިމް މަގުމަތީގައި އެކުރަނީ ކޮން މަސައްކަތެއްބާއެވެ. އޭނަ ބޭރުގައި އުޅޭކަން ދަލޭކައަށް ނޭނގެނީބާއެވެ. އުސްމާނަށް ދަލޭކައާއި އޭނާގެ ޢާއިލާގެ ގިނަކަންކަން އެނގުނަސް، ޤާސިމް ނިދީގައިހުރެ ހިނގާ ކަންތައްގަނޑުގެ ވާހަކަ އަދި އެނގިފައެއްނުވެއެވެ. އެހެންކަމުން، ދަންވަރުގެ އެވަގުތުގައި ޤާސިމް މަގުމަތިން ފެނުން އުސްމާނަށްވީ ވަރަށް އާދަޔާޙިލާފް ބިރުވެރިކަމަށެވެ. އުސްމާނަށް ބުނާނެ ބަހެއްވެސް ނުވިސްނުނެވެ. އެހެންކަމުން ބަސްހުއްޓިފައި ޤާސިމާއި ދިމާލަށް ބަލަން ހުރުންނޫން އިތުރު ކަމެއް އުސްމާނަކަށް ނުކުރެވުނެވެ.
ދަންވަރުގެ ވަގުތުކަމުން އުސްމާނުގެ ހިތުގައި އިތުރު ޝައްކުތަކެއްވެސް އުފަންވާން ފަށައިފިއެވެ. އަނެއްކާ ހަމަ ހަޤީޤަތުގައިވެސް އެއީ ޤާސިމްބާއެވެ. ނޫނީ ޤާސިމްގެ ސިފައިގައި ހުރި ޖިންނިއެއްބާއެވެ. ނުވަތަ އެކުއްޖާގެ ސިފަ ނަކަލުކޮށްގެންހުރި އަވައްޓިއެއްބާއެވެ. އެހެނަސް ޖިންނި ޝައިތާނުންނަކީ އެފަދައިން ހަމަލޮލަށް ފެންނަ ބައެއް ނޫންތާއެވެ. އެ ޙިޔާލު އުސްމާނުގެ ސިކުނޑީގައި ދައުރުވެލުމާއެކު ކުޑަނަމަވެސް ހިތްހަމަޖެހުމެއް އުސްމާނަށް ލިބުނެވެ. ނަމަވެސް އެއީ ހަޤީޤަތުގައިވެސް އިންސާނެއްކަން ޔަޤީންކޮށްލުމުގެ ގޮތުން އުސްމާނު ޝަހާދަތުގެ ދެކަލިމަ ކިޔާލާފައި ޢާޔަތުލް ކުރުސިވެސް ކިޔާލިއެވެ. ޤާސިމްގެ ސިފައިގައިހުރި ޖިންނިއެއްނަމަ އާޔަތުލް ކުރުސި ކިޔުމަށްފަހުގައި ފެންނަން ނުހުންނާނެކަން އުސްމާނަށް އެނގެއެވެ. އެހެންކަމުން އެވަގުތު އޭނާއަށް އެއީ ހަޤީގަތުގައިވެސް އިންސާނެއްކަން ޔަޤީންވިއެވެ. ޤާސިމްކަން ޔަޤީންވިއެވެ. އުސްމާނުގެ ހިތަށް ލިބުނު ތަސައްލީއާއެކު އޭނާ ފުންނޭވާއެއް ބޭރުކޮށްލިއެވެ.
"ދަރިފުޅާ… ކީއްތިޔަ ކުރަނީ..؟ މިއޮތްފަދަ ދަންވަރު ބޭރަށް ނިކުމެ ތިޔައުޅެނީ ކޮންބޭނުމަކު؟" އުސްމާނު ޤާސިމް ކައިރިއަށް ގާތްވެލާފައި ޤާސިމްގެ ބޮލުގައި ފިރުމާލަމުން އަހާލިއެވެ. އެވަގުތު ޤާސިމަށް ނިދިން ހޭލެވުމާއެކު އޭނާ ދެލޯހުޅުވާލާފައި އުސްމާނާއި ދިމާލަށް ބަލައިލިއެވެ.
"އުސްމާން ބޭބޭ ކޮއްކޮ ކީއްވެ މިތަނުގައި މިހުރީ…" ޤާސިމް ހާސްވެލާފައި ހަފަރާތް ބަލާލަމުން އުސްމާނާއި ސުވާލުކޮށްލިއެވެ. އުސްމާނަކަށް ޤާސިމަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އުސްމާން އެ ސުވާލަށް ޖަވާބުދޭނީވެސް ކިހިނަކުން ހެއްޔެވެ. ޙުދު އޭނާވެސްހުރީ އެސުވާލުގެ ޖަވާބު ބޭނުންވެފައެވެ. އެހެނަސް ވަގުތު ބޭކާރުކުރެވޭކަށް ނެތެވެ. އިރުއަރަންވާއިރަށް ކުރަންޖެހޭ ބައިވަރު ކަންތައްތައް އެބަހުއްޓެވެ. އެއިރަށްވާއިރަށް އެކަންތައްތައްކޮށް ނިންމާނުލެވިއްޖެނަމަ އޮންނާނީ ހަތަރުއުދަރެސް ފެނުޖެހި، ރިހޭފައިމައްޗަށް ފޮއެވެއްޓިފައެވެ. އެހެންކަމުން، އިތުރު ސުވާލުތަކެއްކޮށް ވަގުތު ބޭކާރުކުރާކަށް އުސްމާނު ބޭނުމެއްނުވިއެވެ.
"އާދޭ ބޭބެއާ އެކީގަ ގެއަށް ދާން.." އުސްމާނު ޤާސިމްގެ އަތުގައި ހިފާލާފައި އެގެއާއި ދިމާލަށްދާން ހިނގައިގަތުމުން ޤާސިމް ހިނގައިގަތެވެ. ޤާސިމް ހުރީ ދެބަދޭތެރޭގައިކަމުން އޭނާ އޭރުވެސްހުރީ ޙިޔާލީ ދުނިޔެއަކަށް ގެއްލިފައެވެ.
އުސްމާނު ބާރުބާރަށް ޤާސިމްގެ އަތުގައި ހިފައިގެން ހިނގަމުންދިޔައިރު އުސްމާނާއި އެއްބާރުމިނެއްގައި ހިނގަން ޤާސިމަށް އުނދަގޫވިއެވެ. އެހެންކަމުން އުސްމާނު އޭނާ ހިނގަމުންދިޔަ ދުވެލި މަޑުކޮށްލާފައި ހަމަޖެހެވޭތޯ މަސައްކަތްކޮށްލިއެވެ.
މާލަސްތަކެއްނުވެ އުސްމާނަށް އެގެއަށް ދެވުނެވެ. އޭރުގައި އެގޭގެ ދޮރު ހާމައަށް ހުޅުވާފައިހުރި އިރު މެދުގޭތެރޭގައި މުސައްލައެއް މަތީގައި ދަލޭކަ އޮށޯވެއޮތް މަންޒަރު ފެނުމާއެކު އުސްމާނު ހުއްޓުނެވެ. ދަލޭކައޮތީ ނަމާދުދޮޅި އަޅައިގެންކަމުން ދަލޭކަ ނަމާދުކުރުމަށްފަހު މުސައްލަމަތީގައި އިންދައި ނިދުނީކަން އުސްމާނަށް ވިސްނުމުން އޭނާ ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލިއެވެ.
އަވަސްއަވަސްކޮށްލާފައި އުސްމާނު ޤާސިމް ގޭތެރެއަށް ވައްދާލުމަށްފަހު ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. އެވަގުތު ޤާސިމް ގޭގެ އޮޅިގަނޑުން އެތެރެއަށް ޤިރާކޮށްލުމަށްފަހު ފަސްއެނބުރި ބަލައިލިއެވެ. އުސްމާނު ފެނޭތޯއެވެ. އެހެނަސް އޭރު އުސްމާނު އެގޭގެ ފެންޑާތެރެއިން ނިކުމުގެން ހިނގައްޖެއެވެ. އެހެންކަމުން ޤާސިމަށް އުސްމާނު ފެންނަ ވަރެއްނުވިއެވެ.
އުސްމާނު ދުވެގަޑަގަޑައަޅާފައިގޮސް އޭނާ ދުއްވަމުންދިޔަ ގާޑިޔާ ކައިރީގައި ހުއްޓިލީ ވަރުބަލި ފިލުވާލާށެވެ. ޤާސިމަށް އެއްވެސް ކަމެއްގެ ހިލަމެއްނުވީކަން އެއީ ތިމަންނާގެ ނަސީބޭ ހިތަށްއަރުވާލާފައި އުސްމާނު އޭނާގެ މޫނުމަތީގައި ފޯވެފައިވާ ދާތަށް ފޮހެލިއެވެ. އަދި އިރުކޮޅަކު މައްޗަށް ބަލަހައްޓައިގެން ހުރުމަށްފަހު އަނެއްކާވެސް އުސްމާނު އޭނާގެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ.
ޤާސިމް ގެއަށް ވަނުމަށްފަހު މުސައްލަ މަތީގައި ނިދާފައިއޮތް ދަލޭކަގެ ކައިރިއަށްގޮސް ހުއްޓިލިއެވެ. އަދި އިރުގަނޑަކު ދަލޭކައާއި ދިމާލަށް ބަލަހައްޓައިގެން ހުރުމަށްފަހު ގުދުވެލާފައި ދަލޭކަގެ ނޭފަތްކައިރީގައި ޤާސިމްގެ އިނގިލިކުރި ޖައްސާލިއެވެ. ދަލޭކަ ނޭވާލާތޯ ޔަޤީންކޮށްލުމުގެ ބޭނުމުގައެވެ. ދަލޭކަ ނޭވާލާކަން އެނގުމުން ޤާސިމުގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.
އަދިވެސް ނިދީގެ އަސަރު ނުފިލައި ހުރުމުން ޤާސިމްހުރީ ނިންޖައްބަލިވެފައެވެ. އެހެންކަމުން ޤާސިމް އަނެއްކާވެސްގޮސް އުނދޯލީގައި އޮށޯވެލިއެވެ. އަދި ކައިރީގައިއޮތް ކަންނޭލުގައި ބައްދާލުމަށްފަހު ދެލޯމަރާލިއެވެ.
* * * *
ގެއަށް ވަދުނުގޮތަށް ނޫރުބީނާ ފާރުގައި ލެނގިލުމަށްފަހު އަޑުންއަޑުނަގާފައި ރޯންފެށިއެވެ. އޭނާ ރޮމުންރޮމުން ތިރިވަމުންގޮސް ބިންމަތީގައި ޖެހުމުގެ ކުރިން ހަސަނަށް އެ މަންޒަރުފެނި ހަސަނު ދުވެފައިއައިސް ނޫރުބީނާގެ ކޮނޑުގައި ހިފަހައްޓާލުމަށްފަހު ނޫރުބީނާ ހަމައަކަށް އަޅުވާލަން މަސައްކަތްފެށިއެވެ.
ހަސަނު ނޫރްބީނާ ގޮވައިގެންއައިސް މެދުގޭގައިހުރި އެދެމީހުން ނިދުމަށް ބޭނުންކުރާ އަށިމަތީގައި ނޫރުބީނާ ބައިންދާލިއެވެ. ނޫރްބީނާއަށް ރޮވޭވަރުން އޭނާ ހަސަނުގެ ކޮނޑުމަތީގައި ބޯއަޅާލިއެވެ. ހަސަނު އޭނާގެ އަނެއްއަތުން ނޫރުބީނާގެ ކޮނޑުމަތީގައި ހިފަހައްޓާލާފައި ނޫރްބީނާ އޭނާގެ ގަޔާއި ކައިރިކޮށްލިއެވެ.
ތެމިފައިވާ އިސްތަށިގަނޑެއްގައި ފުނާއަޅާލަމުން މަޑު ރާގަކަށް ރައިވަރެއް ކިޔާލަމުން ގޭތެރެއަށް ވަދުނު ސަފިއްޔާއަށްވެސް ނޫރްބީނާ ރޯތަން ފެނިފައި ވެގެން މިއުޅެނީ ކީއްބާއޭ ހިތައްއެރިއެވެ. އަދިވެސް ރިހާކުރުތާސް ބަންޑުންވީ ކަންތައްގަނޑުގެ ހިތާމައިގައިބާއެވެ. ސަފިއްޔާ ހިތަށްއެރިއެވެ. އޭނާއަށް ނޫރްބީނާ ރޯތަން ވަރަށް ގިނައިން ފެނެއެވެ. ނަމަވެސް އެހެންޏާއީ ރޮނީ ކޮންމެވެސް ކަމަކާއި ހިތްހަމަނުޖެހިގެން އެކަމެއްގައި އަންނަ ރުޅިގަނޑު ފަޅައިގެންގޮސްގެންނެވެ. ހިތާމައިގެ ގިލަނުގައި ހިތުގައިޖެހިގެން ނޫރްބީނާ ރޮއުނު އަޑުއިވުނު ކަންފަތެއް ނުހުންނާނެއެވެ.
"ކިހިނެއްވީ މަންމާ… ކީއްވި ތިޔަ ރޮނީ..؟" ސަފިއްޔާ ހައިރާންވެފައިހުރެއައިސް ނޫރްބީނާ ކައިރީގައި އިށީންދެލުމަށްފަހު ސުވާލުކޮށްލިއެވެ. ސަފިއްޔާ ސުވާލުކުރުމާއެކު ނޫރްބީނާގެ ހާލަތުވީ ހައްތަހާ ގޯހެވެ. ނޫރްބީނާ ކުރިއަށްވުރެ ބާރަށް ގިސްލަގިސްލާފައި ރޯންފަށައިފިއެވެ.
"ބައްޕަވެސް އެހެން މި ހިތަށް އަރަނީ… އެކަމާ މި ވިސްނަނީ… މަންމަ މި ރޯ ސަބަބެއް ބައްޕައަކަށް ނުވިސްނުނު… ހަމައެކަނި އެނގޭހާވެސް އެއްޗަކީ، ބަކުރާއި މަންމައާއި ދެމެދު ދެކެވުނު ވާހަކައަކަށް ފަހުގައިކަން މަންމަގެ ހާލަތު މިހާ ގޯސް މިވީ… އަހަރެމެން އެ ސުވާލަކަށް ޖަވާބު ބޭނުންވެފައިމިވާ ސުވާލަށް މިވަގުތަށް އެންމެ ފުރިހަމައަށް ޖަވާބުދާރީވެވޭނެ ފަރާތަކީ ބަކުރު…" ހަސަނު ބޭރަށް ކަޅިއެއް އެއްލާލަމުން ސަފިއްޔާއަށް އިޝާރާތްކޮށްލީ ބަކުރު ކައިރިން ވެގެން އުޅޭގޮތް އޮޅުން ފިލުވާލުމަށް އެދިއެވެ.
ސަފިއްޔާ ތެދުވެފައި ބަކުރު ކައިރިއަށްދާން ބޭރަށް ނިކުންނަން ހިނގައިގަން ވަގުތު ނޫރުބީނާ ސަފިއްޔާގެ އަތުގައި ހިފާފައި ސަފިއްޔާ ހުއްޓުވިއެވެ. ސަފިއްޔާ ފަސްއެނބުރި ބަލައިލުމުން ނޫނެކޭ ބުނުމުގެ ބޭނުމުގައި ނޫރްބީނާ ދެކޮޅަށް ބޯހޫރާލިއެވެ. ހަމަ އެދަނޑިވަޅުގައި ބަކުރުއައިސް ގޭދޮރު ކުރިމަތީގައި ހުއްޓުނެވެ. އޭނާގެ ދެލޮލުން އެވަގުތު ނީރާލި ކަރުނަ ފެނިފައި ކޮންމެވެސް ދެރަ ވަޑާމެއްޖެހުނީކަން ސަފިއްޔާއަށް ޔަޤީންވިއެވެ.
* * * *
އުސްމާނު ގާޑިޔާ ދުއްވަމުން ދުއްވަމުންގޮސް ފުއްޓަރުފަރާތު ވަލަށް ވަނެވެ. ވައްޓިލަފުށީގެ ފުއްޓަރުފަރާތު ވަލަކީ ޗަކަބިމެއް އޮންނަ ތަނެކެވެ. އެރޭ ވެހުނު ވާރެއިން އެވަލުގެ ބިންގަނޑު ޗަކަވެފައިއޮތީ އަމަށަކުވަރަކަށް ނޫނެވެ. އުސްމާނު ވަލުތެރެއިން ވަދެގެން ކުރިއަށް ހިނގަމުން ގާޑިޔާ ދަމަމުން ދިޔައީ ވަރަށް ބަލައިގެންނެވެ. ގާޑިޔާގެ ފުރޮޅު ޗަކަގަނޑަށް ގަބައިގަނެދާނެތީ އެކަމަށް ޚާއްސަ ސަމާލުކަމެއްދީގެންނެވެ.
ވަލުގެ ވަރަށް ބިއްދޮށަށް ވަދެވުނުތަނާހެން ކުއްލިއަކަށް އުސްމާނު ދުއްވަމުންދިޔަ ގާޑިޔާ އަޑިވެފައިއޮތް ޗަކަބިމަކަށް އެރުމުގެ ސަބަބުން ބިމުގެ އަޑިއަށް އެގާޑިޔަލުގެ އެއްފަޅި ގަނބައިގަތެވެ. މިޖެހުނީ އަނެއް ހަކަންތަކާއެވެ.
އުސްމާނުގެ ސިކުނޑި ސުމަކަށް ދިޔަފަދައެވެ. އޭނާގެ ސިކުނޑި ހަމަދެންމެދެންމެ ފަޅައިގެންދާންއުޅޭ ފަދައެވެ. އުސްމާނު އޭނާގެ ގައިގައި ހުރި ހުރިހާ ހަކަތައެއް ދުއްވާލަން މަޖުބޫރުވީ އެ ގާޑިޔާ ގަނބައިގަނެފައިވާ ޗަކަބިމުން އެ ގާޑިޔާ ނަގާށެވެ. ނަމަވެސް އޭނާގެ މުސްކުޅިވަމުންދާ ހަށިގަނޑުގައި، އެކަނިމައިއެކަންޏަށް އެ ގާޑިޔާ ނަގާނެހާ ބުންވަރެއްނެތެވެ. އުސްމާނު ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް އޭނާގެ މަސައްކަތް ކާމިޔާބުވާގޮތެއް ނުވިއެވެ. ހަދާނެގޮތް ހުސްވެ އުސްމާނުގެ ސިކުނޑި ހީވަނީ ފަޅައިންގޮސްފާނެހެނެވެ. އެފަދަ ނުބައި ނިޔަތެއްގައި އޭނާ ކުރަމުންދިޔަ ކަމެއް ނާކާމިޔާބުވާއަތަށް އަޅަންއުޅޭފަދަ އިޝާރާތެއް ފާޅުވުމުން އުސްމާނުގެ ހިތްވަރުއެލެންފެށިއެވެ. ނާކާމިޔާބީއަކީ އުސްމާނާއި މާ ދޯޅުއެއްޗެއް ނޫނެވެ. ނުހަނު ބީރައްޓެހި އެއްޗެކެވެ. އެހެންކަމުން ނާކާމިޔާބީގެ ކުލަވަރު ފެންނަން ފެށުމުން އުސްމާނުގެ މޭގަނޑު ކަރާގޮތްވިއެވެ. އެހިނދުކޮޅު އުސްމާނަށް ބޭޢިހްތިޔާރުގައި ބޮލުގައި އަތްއަޅާލާފައި ހަޅޭއްލަވައިގަނެވުނެވެ.
(ނުނިމޭ)
ކިޔުންތެރިންގެ ޚިޔާލުތައް:
އޯ މައި ގޯޝް!!!! އުސްމާނު ނަފީސާ ސަލާމަތްކުރަން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ. އަމިއްލަ އެދުމުން ހަމަ ރީއްޗަށް ފޯވެފަ.. އެކަމުގަ އާދަނު ބައްދާލަން ކަންނޭނގެ ހިފާލާފަ އެހުރީ