ދިވެހި ބަހުގެ އެކެޑަމީން، ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސް، ޑރ. މުޙައްމަދު މުޢިއްޒަށް މަރުޙަބާ ދަންނަވައިފިއެވެ.
އެ އިދާރާގެ ރަސްމީ އެކްސް އެކައުންޓްގައި އާންމުކުރި މެސެޖެއްގައި އިންތިޚާބީ ރައީސާއި ނައިބު ރައީސަށް މަރުޙަބާ ދަންނަވަމުން ވިދާޅުވީ، "ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސް ޑރ. މުޙަންމަދު މުޢިއްޒަށާއި ނާއިބު ރައީސް ހުސައިން މުޙަންމަދު ލަޠީފަށް ދިވެހިބަހުގެ އެކެޑަމީގެ ފަރާތުން ތަހުނިޔާއާއި މަރުޙަބާ ދަންނަވަމެވެ."
ދިވެހިބަހުގެ އެކަޑަމީއިން އިންތިޚާބީ ރައީސަށް މަރުޙަބާ ދަންނަވާފައިވާއިރު، ދިވެހި ޤައުމިއްޔަތާއު ދިވެހި ބަސް ކުރިއެރުވުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ޑރ. މުޢިއްޒުގެ ކެމްޕޭންގައި ގެންދެވީ ވިދާޅުވަމުންނެވެ. ދިވެހި ޤައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދެއްވާނެކަމަށާއި ދިވެހިބަހަށް އިސްކަންދެއްވާނެ ކަމަށް ރައީސް މުންތަޚަބު ޑރ. މުޙަންމަދު މުޢިއްޒު އެ މަނިކުފާނުގެ ރިޔާސީ ކެންޕޭނުގައި ވަޢުދުވެވަޑައިގަތެވ
ދިވެހިބަހުގެ އެކެޑަމީއަކީ ދިވެހިބަހަށް ޚިދުމަތްކުރުމަށް ޓަކައި ދިވެހިރާއްޖޭގައި ޚާއްސަ ޤާނޫނެއްގެ ދަށުން އުފައްދަވާފައިވާ ވަކި އިދާރާއެކެެވެ.
ޑރ. މުއިއްޒުގެ ބޮޑު ކާމިޔާބީ ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙް ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ.
ރައީސް ޞާލިޙްގެ އިތުރުން ބޭރު ޤައުމުތަކުން ވެސް އަންނަނީ އިންތިޚާބީ ރައީސް ޑރ. މުޢިއްޒަށް މަރުޙަބާ ދަންނަވަމުންނެވެ. މިހާތަނަށް މަރުޙަބާ ދަންނަވާފައިވާ ޤައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާއާއި އެމެރިކާއާއި އިންޑިއާ އަދި ސްރީލަންކާ، ޕާކިސްތާން ފަދަ ޤައުމުތައް ހިމެނެއެވެ. ހަމައެހެންމެ، ބައިނަލްއަޤްވާމީ ޖަމްޢިއްޔާޖަމުއިއްޔާތަކާއި އަމިއްލަ ފަރާތްތަކުން މަރުޙަބާގެ މެސެޖުތައް ފޮނުވަމުން އެބަ ގެންދެއެވެ.
ޑރ.މުޙައްމަދު މުޢިއްޒު މާލެ ސިޓީގެ މޭޔަރުކަމަށް ވަޑައިގަތީ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓް އަނަސް ޢަބްދުއްސައްތާރާ ވާދަކޮށް ތަނަވަސް އަޣްލަބިއްޔަތަކާއެކުގައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ވާދަކުރައްވާ 54.04 އިންސައްތަ ވޯޓާއެކު ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި، ޑރ.މުޢިއްޒު ވެވަޑައިގަތީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ 7 ވަނަ ރައީސް ކަމުގައެވެ.