Saturday, 25 May 2024

ބައެއް އިދާރާތަކުން ކުއްލި ކޮރަޕްޝަންތަކެއް ރާވާކަމުގެ މައުލޫމާތު ލިބޭ، ސަމާލުވޭ: އޭސީސީ

ރިޔާސީ އިންތިހާބު ނިމި، ވެރިކަން ހިންގުމުގެ ބާރު އައު ސަރުކާރަކުން ޙަވާލުމުގެ ވަގުތު ކައިރިވަމުންދާ މި ދަނޑިވަޅުގައި ބައެއް ފަރާތްތަކުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުއްލި ކަންތައްތަކެއް ކުރުމަށް ނިންމަމުން ގެންދާ ކަމުގެ ގިނަ ޝަކުވާތަކެއް ލިބެމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވިދާޅުވެއްޖެއެވެ.

އޭސީސީން ނެރުނު ބަޔާނެއްގައިވާ ގޮތުން. އެފަދަ ޝަކުވާތައް ލިބެމުންދާތީ ސަރުކާރުގެ އޮފީސްތަކާއި، ދައުލަތުގެ އިދާރާތަކާއި، މުއައްސަސާތަކާއި، ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބައެއް ކަންކަމަށް އަމަލު ކުރުމަށް ދަންނަވާފައެވެ.

އަދި އޭސީސީން ވަނީ މި ދަނޑިވަޅުގައި ދައުލަތުގެ މުއްސަސާތަކުން ޢަމަލުކުރުމަށް ވަކި ކަންތައްތަކެއް ކަނޑައަޅުއްވާ އިރުޝާދު ދެއްވާފައެވެ.
  • މުޅިން އައު ޕްރޮޖެކްޓެއް ނުފެށުން
  • ހަރަދު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވެދާނެ ގޮތްތަކަށް އަމަލުނުކުރުމަށާއި، ކުރަންޖެހޭ ހަރަދުތައް ފިޔަވައި، އަލަށް ކަންކަން ނިންމައިގެން ހަރަދުތައް ނުކުރުން
  • ކުރިން ބަޖެޓްކޮށްފައިނުވާ ނުވަތަ ކުރިން ޕްލޭންކޮށްފައިނުވާ އައު ޕްރޮޖެކްޓްތަކުގެ އެއްބަސްވުންތަކުގައި ސޮއި ނުކުރުން
  • ނިންމާ ނިންމުމެއްގެ ސަބަބުން ކޮރަޕްޝަނުގެ އަމަލަކަށް މަގުފަހިވާ ގޮތަކަށް ކަމެއް މެދުވެރިވެދާނެ އިހުތިމާލު އޮންނަ ނަމަ އެފަދަ ނިންމުންތައް ނުނިންމުން
  • ލިޔެކިޔުން ރައްކާތެރިކަމާއެކު ބެލެހެއްޓުމާއެކު އަދި ފައިސާއާއި، ވިޔަފާރިއާއި މުއާމަލާތްތަކާ ގުޅުންހުރި އެއްވެސް ލިޔެކިޔުމެއް ނައްތައިނުލުން

މި ކަންކަމަށް އޮފީސްތަކާއި، އިދާރާތަކާއި، ކުންފުނިތައް އަދި މުއައްސަސާތަކުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން ސަމާލުކަން ދެއްވުން އެދިވަޑައިގަންނަވަމުން، މި ދަނޑިވަޅުގައި އިސްވެދެންނެވުނު ފަދަ އަމަލެއް ހިނގާކަމުގެ މައުލޫމާތު ލިބިއްޖެނަމަ އެ މައުލޫމާތު ކޮމިޝަނާ ހިއްސާކޮށްދިނުމަށް ވެސް އެ ކޮމިޝަނުން އިލްތިމާސް ކުރައްވާފައިވެއެވެ.

އޭސީސީން ވިދާޅުވެފައިވަނީ، އެކޮމިޝަނުން ދަނީ އެފަދަ ކަންކަމަށް ފާރަވެރިވެ، ތަހުގީގުު ކުރަން ޖެހޭ ކަންކަން ދެނެގަނެ ފިޔަވަޅު އަޅަމުން ކަމުގައެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު ކުރެވެމުން ދަނީ ސުލްޙަވެރިކަމާއި އެކު ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ މަސައްކަތް ކަމަށެވެ. މިގޮތުން އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒާއި ބައްދަލުކުރައްވާފައިވާ ކަމަށާއި، ސަރުކާރު ބަދަލުކުރުމުގެ މަރުޙަލާ ކުރިޔަށް ގެންދިޔުމަށްޓަކައި ކޮމިޓީއެއް އެކުލަވާލައްވާފައިވާ ކަމަށެވެ. އަދި އުއްމީދުކުރައްވަނީ އެމަސައްކަތް ޞުލްޙަވެރިކަމާއިއެކު ކުރިޔަށް ގެންދިއުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *