ނިޒާމީ ވޯޓާ ގުޅުންހުރި އިސްލާހު މަޖިލީހަށް ބަލައިނުގަތުމަށް ޓްރާންސްޕޭރެންސީން ގޮވާލައިފި

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް، ރައީސް ނަޝީދު އިސްކޮށް ހުންނަވައި އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސްއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ޤާނޫނު އަސާސީގެ 262 މާއްދާއަށް ހުށަހަޅާފައިވާ އިސްލާޙް ބަލައިނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވައިލައިފިއެވެ.

ޤާނޫނު އަސާސީގައި ބަޔާންކުރެވިފައިވާ ގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ކުރިން ގާނޫނު އަސާސީއަށް ގެންނަ އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާއަށް ތަސްދީޤް ކުރެއްވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހުގައެވެ. އެކަމަކު ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަތްނަވާ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މަޖިލީހަށް ހުށަހެޅުއްވި ބިލުގައި އޮތީ ބިލް ފާސްކުރުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވާ ނަމަ އާންމުންގެ ޚިޔާލު އިތުރަށް ހޯދަންނުޖެހޭ ގޮތަށް ހެދުމަށެވެ.

އެހެންކަމުން، މިއިސްލާހާ ގުޅޭގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރުނު ނޫސް ބަޔާނުގައި ވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ.

ރައްޔިތުންނަށް ދީފައިވާ ބާރެއް ހަނިވާ ގޮތަށް ގާނޫނު އަސާސީގެ 262 ވަނަ މާއްދާއަށް ގެންނަ އެއްވެސް ބަދަލަކީ ޤާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ބަޔާނުގައިވެއެވެ.

"ގާނޫނު އަސާސީއަށް މިހާރު ހުށަހަޅާފައިވާ ބިލުގެ ސަބަބުން ގާނޫނު އަސާސީއަށް ގެންނަ ބައެއް އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރުމުގެ ކުރިން ރައްޔިތުންނަށް އެކަމާމެދު ރުހުން ދިނުމަށް އޮންނަ ބާރު ނެތިގެން ދާނެއެވެ. ގާނޫނު އަސާސީން ރައްޔިތުންނަށް ދީފައިވާ މި ބާރުގެ ބޭނުމަކީ އެއިރަކު އިންތިޚާބުވެފައި ތިބޭ ބަޔަކަށް ފެންނަ ގޮތަކަށް ރައްޔިތުންނާ ގުޅުން ހުރި މުހިއްމު މާއްދާތަކަށް ރައްޔިތުންގެ ރުހުމާ ނުލާ ބަދަލު ގެނައުމުގެ ބާރު ނުދިނުމެވެ،"

ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ބަޔާނުގައިވެއެވެ.

އެހެންވެ، ޤާނޫނު އަސާސީގެ 262 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުހިއްމު މާއްދާތަކަށް، ބަދަލު ގެނައުމުގެ ބާރު ލިބިދޭ ގޮތަށް މި ބިލު ބަލައި ނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެމްބަރުންނަށް އެ ޖަމުއިއްޔާއިން ވަނީ ގޮވާލާފައެވެ.

މި އިސްލާހު މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް، ކޯރަމް ހަމަނުވުމުން ޖަލްސާ ބޭއްވިފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު