އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އެދިވަޑައިގެންނެވި ގޮތަށް ޒިންމާދާރު އޮޕޮޒިޝަން ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ މަސައްކަތްކުރާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ދެއްވައިފިއެވެ.
ފައްޔާޒު މިހެން ވިދާޅުވީ، ޕީޕީއެމް ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި އޮތް އެއްވުމުގައި ޑރ. މުއިއްޒު ވިދާޅުވީ ޒިންމާދާރު ކަމާއެކު އޮޕޮޒިޝަންގެ ގޮތުގައި އެމްޑީޕީ އޮތުމަށް މަރުހަބާ ވިދާޅުވެ ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.
ޒިންމާދާރު ކަމާއެކު އޮޕޮޒިޝަންގެ ގޮތުގައި، ޤައުމީ ބޮޑެތި ކަންކަމުގައި ސަރުކާރާ އެއްގަލަކަށް އެރުމާއެކު، ސަރުކާރު ޒިންމާދާރުކުރުވުމަށް ފާޑު ކިޔުންކަމަށް ޑރ. މުއިއްޒު އެދިވަޑައިގެންނެވިއެވެ.
ޑރ. މުއިއްޒުގެ ވާހަކަފުޅާ ގުޅިގެން ފައްޔާޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑރ. މުއިއްޒުގެ އެދިވަޑައިގަތުމާ އެއްގޮތަށް ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ދެމިތިބޭނެކަމަށެވެ.
މުއިއްޒުގެ ސަރުކާރަކީ ވެސް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން ދެ ފުށް ފެންނަ ގޮތެއްގައި މަސައްކަތްކޮށް ރައްޔިތުންނަށްވީ ވައުދު ފުއްދާނެ ސަރުކާރަކަށްވާނެ ކަމަށް އުންމީދުކުރައްވާކަމަށާއި، ނަމަވެސް 2013 ވަނަ އަހަރު އައި ޕީޕީއެމްގެ ސަރުކާރާއެކު ފެނުނު "އަނިޔާވެރިކަމާއި ޚުދުމުހުތާރުކަމުގެ" ތެރެއަށް އަލުން އިއާދަވާ މަންޒަރު ބަލަން ކެތްކޮށްގެން ނުތިބޭނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.
އިންތިޚާބީ ރައީސް ޑރ. މުޢިއްޒުއަށް މަރުހަބާ ވިދާޅުވެ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް ވަނީ މިހާރު ކުރިއަށް ދަނީ ބާރުތައް ދެން އަންނަ ސަރުކާރުގެ ވެރިންނަށް ބަދަލުކުރުމުގެ މަސައްކަތްކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީއަކީ މީގެކުރިންވެސް ރައީސް މައުމޫނާއި، ޑރ، ވަހީދާއި، ރައީސް ޔާމީންގެ ސަރުކާރު އޮތް އިރު އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި ޙަރަކާތްތެރިވެފައިވާ ޕާޓީއެވެ. އެހެންނަމަވެސް، އެ ޕާޓީގެ މަގުމަތީގެ ޙަރަކާތްތައް އެންމެ ވަރުގަދަކޮށް ގެންދަވާފައިވަނީ ރައީސް ނަޝީދުގެ މާލިމީކަމުގައެވެ. އެކަމަކު، ރައީސް ޞާލިޙްއާއި ރައީސް ނަޝީދުއާ ދެމެދު ެުެެެއުފެދުނު ޚިޔާލު ތަފާތުވުންތައް ގޯހުން ގޯހަށް ދިއުމުގެ ނަތީޖާއަކަށްވެގެން ދިޔައީ، ރައީސް ނަޝީދު ދަ ޑިމޮކްރެޓްސްގެ ނަމުގައި އެހެން ސިޔާސީ ޕާޓީއެއް އުފައްދަވައި، އެމްޑީޕީން ރައީސް ނަޝީދު ވަކިވެވަޑައިގަތުމެވެ.