ރިޔާސީ އިންތިޚާބުގެ ކާމިޔާބީ ފާހަގަކޮށް، ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އާދިއްތަ ދުވަހުގެ ރޭ ބޭއްވި އިޙްތިފާލުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރައްވާފައިވަނީ އުންމީދުން ފުރިގެންވާ ނުކުތާތަކެކެވެ. ޤައުމުދެކެ ލޯބިވާ ކޮންމެ މުވާތިނެއްގެ ހިތަށް ގެނެސްދެއްވީ ތަސަައްލީއެވެ. ޤައުމީވަންތަ އިިޙްސާސްތަކާއެކު، ތިލަކޮށްދެއްވި ބަސްފުޅުތަކުން އަންގަވައިދެއްވީ ޤައުމާއި ރައްޔިތުންގެ ޙައްޤުގައި، ޚާދިމެއްގެ ގޮތުގައި މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަމެވެ. ޤައުމު ޙިމާޔަތްކުރައްވާނެ ކަމުގެ ކަށަވަރުކަމެވެ.
"އެންމެ ފުރަތަމަ ކަމަކަށް ވެސް، ގައުމުގެ މިނިވަންކަން ދިފާޢުކޮށް ޔަގީންކުރުމަށްޓަކައި އަޅުގަނޑުމެން މިކުރި މަސައްކަތުގައި ހެޔޮ ތައުފީގުދެއްވައި ކާމިޔާބުކޮށް މިންވަރުކޮށްދެއްވި ކަމަށްޓަކައި މާތް ﷲ އަށް ޙަމްދުކުރަން."
ވާހަކަފުޅު ފައްޓަވަމުން އިންތިޚާބީ ރައީސް ވިދާޅުވިއެވެ.
ޤައުމުގެ މި ނާޒުކު ދަނޑިވަޅުގައި ދަރިންނާއި ދަރިންގެ ދަރިންގެ ޙައްޤުގައި މިނިވަންކަން ޔަގީންކުރުމަށް ކުރެއްވި ޤައުމީ މަސައްކަތަށްޓަކައި ހުރިހައި ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމުގައި ވިދާޅުވެ، ވޯޓު ނުދެއްވާ ޚިޔާލު ތަފާތުވި ރައްޔިތުން ވެސް ޝުކުރުގައި ޝާމިލުކުރައްވަމުން، އެމަނިކުފާނު ޚިދުމަތްކުރައްވާނީ އެއްވެސް ރައްޔިތަކު ތަފާތުނުކޮށް ހުރިހައި ރައްޔިތުންނާއި މެދު ހަމަހަމަކޮށް ކަމަށް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ މަސްލަޙަތަށްވުރެ ނުވަތަ ސިޔާސީ ޕާޓީތަކުގެ މަސްލަޙަތަށް ވުރެ ޤައުމުގެ މަސްލަޙަތު މާ އިސްވާނެ. ޤައުމުގެ މަސްލަޙަތު އިސްކުރަން އަޅުގަނޑުމެން އަޒުމް ކަނޑައަޅަން ޖެހޭ. އަދި އެ އަޒުމް ކޮންމެ ދުވަހަކު ދަމަހައްޓަން ޖެހޭ."
އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ކޮންމެ ދިވެހި ރައްޔިތަކުގެ ވެސް އެ ރައްޔިތެއްގެ އަމިއްލަ މަސްލަޙަތަށް ވުރެ ޤައުމުގެ މަސްލަޙަތު އިސްކުރުމަށް އަޒުމް ކަނޑައެޅުމަށް އިލްތިމާސްކުރަައްވަމުން، ރައްޔިތުން ނިންމުމުން އެނގެނީ މިޤައުމުގެ ކުރިމަތު ބައްޓަންކުރުމުގައި ނަތީޖާ ނެރެދޭ ސަރުކާރެއް ބޭނުންވާކަން ކަމަށާއި، ރައްޔިތުންގެ ކަންކަން ނިމުނު ފަސް އަހަރުގެ ސްޕީޑުގައި ދާން ބޭނުންނުވާކަމަށް މުޢިއްޒު ވިދާޅުވިއެވެ.
އަދި ރައްޔިތުން އެމަނިކުފާނު ހޮއްވެވީ ކީއްވެގެންކަން ވިދާޅުވެ، އެކަމުގެ ލިސްޓެއް ވިދާޅުވެ ދެއްވިއެވެ.
- ގެދޮރުވެރިކަން ކޮންމެ ރައްޔިތަކަށް ކަށަވަރުވާން ބޭނުންވާކަން.
- އިގްތިޞާދު ނަގައި ކޮޅަށް ޖަހައި ޒުވާނުންނަކީ ފުދުންތެރި، އަބުރުވެރި ބަޔަކަށް ހަދަން ބޭނުންވާކަން.
- ކަނބަލުންނަށް ފުރުޞަތުތައް ފަހިކޮށްދީ ބާރުވެރި ބަޔަކަށް ހަދަން ބޭނުންވާކަން.
- އިސް ރަށްވެހިންނަކީ އެ ބޭފުޅުން ގައުމަށް ކުރެއްވި މަސައްކަތްތައް އަލުން ކުރުމުގެ ފުރުޞަތު ލިބޭ ފަޚުރުވެރި ބަޔަކަށް ހަދަން ބޭނުންވާކަން.
- އިޖުތިމާޢީ ރިވެތި އާދަކާދަތައް ދިވެހިން ބޭނުންވާކަން.
"އެހެން ހުރިހައި ކަމަކަށް ވުރެ އިސްލާމްދީން މާ ބޮޑަށް ބޭނުންކަމާއި ޤައުމިއްޔަތު ދިވެހިންނަށް މާ މުހިންމުކަން ދިވެހި ރައްޔިތުން ބުނެދީފި. އެކަމަށްޓަކައި ޝުކުރު ދަންނަވަން."
އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ޤައުމަށް ހަމަޖެހުން އަންނަންޖެހޭ ކަމަށާއި، ބަދަލުވެ ހިފުމުގެ ރޫހު ނައްތާލަންޖެހޭ ކަމަށް ވިދާޅުވެ، ޢަދުލުވެރި ވެރިކަމެއް ރައްޔިތުންނަށް ކޮށްދެއްވާނެ ކަމަށާއި، އިންސާފުވެރިކަމާއި ހަމަހަމަކަމާއި އެކީގައި ރައްޔިތުންނަށް ޚިދުމަތްކުރައްވާނެ ކަމުގައި ފާހަގަކުރައްވަމުން، އެ ވަޢުދުގެ މަތީގައި އިރުއެރި ކޮންމެ ދުވަހަކު ސާބިތުވެ ހުންނާނެ ކަމުގެ ޔަޤީން ކަން އެމަނިކުފާނު ދެއްވިއެވެ.
"އިސްލާމީވަންތަ އިސްލާމީ އާދަކާދަތައް ރާއްޖޭގެ މުޖުތަމަޢުގައި އަށަގަންނަވާނަން. މި މުޖުތަމަޢު އަކީ އިސްލާމްދީނަށް ލޯބިކުރާ ދީނަށް ނަސްރުދޭ ބަޔަކަށް ވާން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުމެ ބޭނުންވޭ. ޢީދު ފާހަގަކުރުމަށް މާލެސިޓީ ކައުންސިލް އިން ހިންގި ހަރަކާތްތަކުން ވެސް އެކަން ފެނިގެންދިޔަ. ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ކޮންމެ ޢީދެއްގައި ރާއްޖޭގެ ހުރިހައި ސިޓީއަކާއި ވެރިކަންކުރާ ރަށްތަކުގައި ކުލަ ގަދަކޮށް ޢީދުތައް ފާހަގަކުރެވޭނެ."
އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ޤައުމުދެކެ ލޯބިވުން އެއީ އުފަލާއި އެކު އަފްރާދުންގެ މެދުގައި ދައްކާ ވާހަކައަކަށް ނިޒާމުގެ ތެރެއިން ހައްދަވާނެ ކަމަށާއި، ޤައުމުދެކެ ވާ ލޯތްބާއި ޢަބްޠާލުން ދެކެވާ ލޯބި ހިތުގައި އަށަނުގަނެ ޙަޤީޤީ ތަރައްގީއެއް ނުގެނެވޭނެ ކަމަށް ވިދާޅުވެ، ޤައުމަށް މިނިވަންކަން ޔަގީންކޮށްދޭން ވަޢުދުވިކަން ފާހަގަކުރައްވަމުން، އެކަން ފުރަތަމަ ދުވަހު، 17 ނޮވެމްބަރުގައި އެ މަސައްކަތް ފެށިގެންދާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
ޓްރާންސިޝަން މުއްދަތުގައި ވެސް އެކި ޤައުމުތަކުގެ ސަފީރުން ބައްދަލުވުންތަކަށް އެދެމުންދާ ކަމަށާއި، ކަނޑައެޅިފައި އޮންނަ އުސޫލުގެ ތެރެއިން އެ ހުރިހައި ބޭފުޅުންނާއި ބައްދަލުކުރައްވާނެ ކަމަށާއި، އެންމެ އަވައްޓެރި ގައުމުތަކާއި ވެސް ބައްދަލުކުރައްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތަކީ ޕްރޯ މޯލްޑިވްސް ސިޔާސަތު. އެ ސިޔާސަތު ޤަބޫލުކުރާ ހުރިހާ ޤައުމުތަކާ އެކު އަޅުގަނޑުމެން ގުޅުން ބާއްވާނަން. ދުނިޔޭގެ ހުރިހާ ގައުމަކީ ވެސް އަޅުގަނޑުމެންގެ އަމިއްލަވަންތަ ކަމަށް އިހުތިރާމް އަދާކުރަން ބޭނުންވާނެ އަދި އެ ގައުމުތަކުގެ މިނިވަންކަމާއި އެއްގޮތަށް އަޅުގަނޑުމެންނަށް ވެސް މިނިވަންކަން ޙިމާޔަތްކުރުމުގެ ޙައްޤު ލިބިގެންވާކަން ޤަބޫލުކުރާ ގައުމުތަކަކަށް ވާނެ ކަމަށް އުއްމީދުކުރަން. އޮންނަ އުސޫލާއި ހަމަތަކުގެ ތެރެއިން ބޭރު ސިފައިން މި ޤައުމުން ފޮނުވާލާނަން. އެކަން ޙާސިލްވާނެކަން ޔަގީން އެބައޮތް. އެ ސިފައިން މިތަނުގައި ތިބެން ބޭނުންނުވާކަން ރައްޔިތުން އެ އޮތީ ނިންމާފައި. އަޅުގަނޑާއި ބައްދަލުވާން އަންނަ ސަފީރުންނަށް ދަންނަވަން އޮތީ މި ހަމަތަކުގެ މަތީން އަޅުގަނޑުމެންނާއި ގާތް ގުޅުން ބޭއްވޭނެއޭ. އިގުތިޞާދުވެސް އަޅުވެތިކަމުން ސަލާމަތްކޮށްދޭން އެބަޖެހޭ. ޑިޕްލޮމަސީގެ އުސޫލުގެ ތެރެއިން ހުރިހައި ކަމެއް ވެސް ހާސިލުވާނެ. މިއީ ބަވަނަވެފައި އޮތް ދުނިޔެއެއް. ރައްޔިތުން އެދޭ ގޮތަށް އެކަން ހާސިލްކޮށްދޭނަން."
އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނަށް މަރުޙަބާ ދެންނެވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށާއި އެމްޑީޕީއަށް ޝުކުރު ދަންނަވަަމުން، އިތުރަށް ވިދާޅުވީ، ޑިމޮކްރަސީގެ ތެރެއިން ރެސްޕޮންސިބަލް އޮޕޮޒިޝަނެއްގެ ގޮތުގައި ސަރުކާރު ޒިންމާދާރުކުރުވަން ތައްޔާރުވުމަށް އެމްޑީޕީއަށް މުޢިއްޒު ގޮވާލެއްވިއެވެ. އަދި އެކަމަށް އަޅުގަނޑު މަރުޙަބާ ކިޔާނެ ކަމަށާއި ޑިމޮކްރަސީއެއްގައި ރެސްޕޮންސިބަލް އޮޕޮޒިޝަނެއް އޮތުން މުހިންމު ކަމަށާއި ނަމަވެސް ޤައުމަށް ފައިދާ ހުރި މުހިންމު ކަންކަމުގައި ރެސްޕޮންސިބަލް އޮޕޮޒިޝަނަކުން އެއް ގަލަކަށް އަރާނެ ކަމަށާއި، އެ ގޮތަށް އެކަން ކޮށްދެއްވުން އެދިވަޑައިގެންނެވިއެވެ.
"އިނގިރޭސިވިލާތުގައި ވެސް ކަން ހިނގަނީ އެ އުސޫލުން. ގައުމަށް ހަމަޖެހުމެއް އަންނަނީ އެގޮތަށް މަސައްކަތް ކުރެވިގެން."
އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
"މިއީ ރިޔާސީ ނިޒާމެއް. ރައްޔިތުން ވޯޓުލާފައިވަނީ ރިޔާސީ ނިޒާމަކަށް. މި ޤައުމު ދާނީ މި ގޮތަށް."
އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ކެމްޕެއިން ތެރޭގައި ވަރަށް ގިނަ ވަޢުދުވި ކަން ފާހަގަކުރައްވަމުން، ބައެއް ވަޢުދުތައް ތަކުރާރުކުރެއްވި ކަމަށާއި، އޭގެ ތެރެއިން ބައެއް ވަޢުދުތައް އަނެއްކާ ވެސް ތަކުރާރުކުރެއްވިއެވެ.
- ސިޔާސީ ވަޒީފާއަކުން މެނުވީ އެއްވެސް ވަޒީފާއަކުން މީހަކު ވަކި ނުކުރާނަން. ޕާޓީތަކުގެ އިސްމަގާމްތަކުގައި ރަށު ލެވްލްގައި ތިއްބެވި ބޭފުޅުންނަށް ވެސް ދަންނަވަން އޮތީ އެފަދައިން އެއް ވެސް ޢަމަލެއް ނުކުރެއްވުމަށް.
- 100 ދުވަހުގެ ތެރޭގައި ޙާސިލްކުރާނެ ކަންކަމުގެ ޕްލޭނާއި 3 މަސް ދުވަހުގެ ޕްލޭނާއި 5 އަހަރުގެ ޕްލޭން އެކުލަވާލާއިރު އޭގެ ތެރޭގައި ހިމަނައިގެން ރަށްރަށުގައި ފަށާފައި ހުރި މަޝްރޫޢުތަކާއި ހުއްޓިފައި ހުރި މަސައްކަތްތައް ފަށައި، ހުރިހާ ރަށެއްގައި ވެސް ބާރު ސްޕީޑުގައި ކުރިއަށްދާނެ.
- ބޯހިޔާވަހިކަމުގެ ވަޢުދަކީ އަޅުގަނޑު އެންމެ އިސްކަންދޭ ވަޢުދު. މާލެ ސަރަޙައްދުން 65000 ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރުކޮށްދިނުމަށްޓަކާ ފުށިދިއްގަރުފަޅާއި، ގުޅީފަޅާއި، ގިރާވަރުފަޅު ހިމެނޭ ގޮތަށް ބިން ހިއްކުމުގެ މަސައްކަތް މި ފެށޭ އަހަރު އެއްކޮށް ނިންމައިދޭނަން. އެއީ އަޅުގަނޑު ވީ ވަޢުދެއް. އެކަންކޮށްދޭނަން.
- މިސަރުކާރުން މިހާރު ދީފައި ހުރި ގޯތިތައް ދުނިޔެއަށް ގެނެސް ގެދޮރުވެރިކަން ޔަގީންކޮށް ދޭނަން.
- ރާއްޖޭގެ އެއްވެސް ރައްޔިތަކު ބާކީނުވާނެ. ރަށްރަށުގައި ވެސް ރައްޔިތުން ގެދޮރުވެރިކުރާނަން.
- އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫޢުތަކުގެ ވަޢުދު ވެފައިވާނެ. އެ ވަޢުދުތަކަށް ވޯޓުދެއްވި. އެކަންކަން އެ ގޮތަށް ކޮށްދޭނަން.
- ކުޑަކުޑަ ރަށްރަށަށް ވެސް ވެފައިވާ ވަޢުދެއް އޮވެއްޖަނަމަ ފުއްދަދޭނަން.
އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގައި މަސައްކަތްތައް ކުރަން ކެބިނެޓުގައި ތިއްބަވާނީ ތަޢުލީމީ ޤާބިލް ތަޖުރިބާ ލިބިފައިވާ، ހީވާގި ބޭފުޅުން ކަމަށެވެ.
"ކުންފުނިތައް ވަނީ ބަނގުރޫޓުވެފައި. 32 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތް. މިކުންފުނިތައް ހަވާލުކުރާނީ ކަންކަންކުރެވޭ ވަރުގެ ބޭފުޅުންނާ. ފަންސާހަކަށް ކުންފުނި އުފައްދާފައި އެބަ އޮތް. މީގެ ތެރެއިން ބައެއް ކުންފުނިތައް މާރޖުކުރެވިގެންދާނެ. ނަމަވެސް ފެނަކަ ފަދަ ބޮޑެތި ކުންފުނިތައް ހިނގަމުންދާނެ. މަޤާމްތަކަށް ލާނީ އަޅުގަނޑަށް އިތުބާރުކުރެވޭ، ބުނާ ގޮތަށް ކަންކަން ކުރާ ބޭފުޅުން. އަދި އަޅުގަނޑަށް އެކަމެއްގައި ފަހު ބަސް ބުނެވޭ ފަދަ ބޭފުޅުން."
އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑަކީ ރައްޔިތުންގެ ޚާދިމެއް. ﷲ ގެ ބާރު ފިޔަވައި ދެން ބާރު އޮތީ ރައްޔިތުންގެ އަތުގައި. ރައްޔިތުން ފިޔަވައި އެހެން އެއްވެސް ބަޔަކަށް އަޅުގަނޑުމެންގެ މައްޗަށް ބާރެއް ނުފޯރުވޭނެ."
އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ޓްރާންސިޝަނަލް ޕީރިއަޑްގައި މައުލޫމާތު ބެލުމަށްޓަކައި އެކި އޮފީސްތަކަށް ޓީމުތައް ދާނެ ކަމަށް ވިދާޅުވެ، ސަރުކާރުން އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
"ރައްޔިތުންނަށް ނަތީޖާ ނެރެދޭން އަޅުގަނޑު ބޭނުން. އެއްވެސް އެގްރީމެންޓެއް ނުފޮރުވާނެކަމަށް އުއްމީދުކުރަން. ސަރުކާރުގެ ފަރާތުން އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ރައީސުލް ޖުމްހޫރިއްޔާ ވަނީ ދެއްވާފައި."
އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ނޮވެމްބަރު 17 ވަނަ ދުވަހު މަސައްކަތްކުރަން ފަށާއިރު ތިބޭނީ ތައްޔާރުވެގެން ކަމަށާއި، މަސައްކަތްތައް ފެށުމާއި އެކު ބާރު ސްޕީޑުގައި ސަރުކާރުގެ ކަންކަން ކުރިއަށްދާނެ ކަމަށް ފާހަގަކުރައްވަމުން، ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް އުއްމީދުކުރައްވާކަމަށާއި، މަޖިލީހުގެ ރައީސް އާއި ބައްދަލުކުރަން ފުރުޞަތެއް ލިބިފައި އެބައޮތް ކަމަށާއި އެ މަނިކުފާނަށް (ރައީސް ނަޝީދަށް) ވެސް އެވާހަކަ ދަންނަވާނެ ކަމަށް ވިދާޅުވިއެވެ.
"ސަރުކާރެއް ކުރިއަށް ގެންދަން ވެރިއަކު މިވަނީ ހޮވާފައި. އަޅުގަނޑުމެން ކުރިއަށް ދާނީ ނިޒާމުގެ ތެރެއިން. ރައްޔިތުން އެދޭ ގޮތަށް އަޅުގަނޑު ކަންކަން ގެންގޮސް ނިންމަދޭނަން."
އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު އިންތިޚާބު ކުރައްވައިފިނަމަ ނޫސްވެރިންނާއި ބައްދަލުވާ ފުރަތަމަ ދުވަހު ވެސް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެދި ސަރުކާރަށް ގޮވާލާނެ ކަމަށް ދެންނެވި ކަމަށާއި، އެ ގޮތަށް އެކަން ކުރެއްވި ކަމަށާއި އަދި އޭގެ އަނެއް ދުވަހު އެމަނިކުފާނު ގެއަށް ބަދަލުކުރެއްވެވި ކަން ފާހަގަކުރެއްވިއެވެ.
"17 ނޮވެމްބަރ އާއި ހަމައަށްދާ އިރު މިހާރު ދާ ޕްރޮސެސްގެ ތެރެއިން ރައީސް ޔާމީން މިނިވަން ނުވާނަމަ ނުވެ އޮންނާނީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ. އެދުވަހުން ފެށިގެން އެ ނުފޫޒުތައް ފޯރުން ހުއްޓި ރައީސް ޔާމީން މިނިވަންވެގެންދާނެ. ރައީސް ޔާމީން މިނިވަންކުރުމުގެ މަސައްކަތް ރީތިކޮށް ކުރުމުގެ ފުރުޞަތު ދެ ޕާރޓީގެ މެމްބަރުން ވެސް އަޅުގަނޑަށް ދެއްވުން އެދެން. މަގުމައްޗަށް ނިކުމެ ޖަލްސާތައް ބާއްވާ ހިނގާލުންތައް ބޭއްވުމަށް އަޅުގަނޑު ނޭދެން. ގައުމަށް ހަމަޖެހުމެއް ލިބޭނީ އޭރުން. ރައްޔިތުން އެދޭ ގޮތަށް ކަންތައްތައް ވެގެންދާނެ. ގައުމުގެ ހަމަޖެހުން ޤާއިމްކުރުމަށް ރައްޔިތުން އެކަތިގަނޑަކަށްވެ ކުރިއަށްދިއުން އެދެން."
އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދިން އުދުވާނީ ޙަމަލާއަށް މި ސަރުކާރަށް އިންސާފު ހޯދައިދެވިފައި ނުވާކަން ފާހަގަކުރައްވަމުްނ، އެމަނިކުފާނުގެ ސަރުކާރުގައި ރައީސް ނަޝީދަށް އިންސާފު ލިބިގެންދާނެ ކަމަށާއި، ވާނުވާގައި ޖަލުގައި ތިބުން ނިމުމަކަށް ގެނެސް އެ ސިސްޓަމް ރާއްޖެއިން ފޮހެލާނެ ކަމަށާއި، ޙަގީގީ މާނައިގައި އަނިޔާވެރިކަން ނިމުމަކަށް ގެންނާނެ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
"ކޮރަޕްޝަންގެ ޢަމަލުތައް ހިންގާ ފަރާތްތަކަށް އަޅުގަނޑުމެން އިސްވެ ފިޔަވަޅު އަޅާނަން. ސާފު ސަރުކާރެއް ޤާއިމްކުރާނަން. އެއްވެސް ކަމެއް ނުފޮރުވާނެ، ދެފުށް ފެންނަ ސަރުކާރެއް އަޅުގަނޑުމެން ގާއިމްކޮށް އެ މަންޒަރު ދައްކާނަން."
އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ސޮސައިޓީގައި އަޅާލުން ބޭނުންވާ ފަރާތްތަކަށް ލިބެންޖެހޭ އެހީތެރިކަމާއި އަޅާލުމާއި އެއްބާރުލުން ސަރުކާރުގެ ނިޒާމުގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ސަރުކާރެއްގައި، ގައުމަށް ހަމަޖެހުން ލިބި، އިގްތިޞާދު ނަގާ ކޮޅަށްޖެހި، ފުދުންތެރި ރައްޔިތަކަށްވެ، ގައުމިއްޔަތަށް ލޯބިޖެހި، އުފާވެރި ދުވަސްތަކެއް ކީރިތިﷲގެ އިރާދަފުޅާއެކު ލިބިގެންދާނެ."
މިހެން ވިދާޅުވެ، އިންތިޚާބީ ރައީސް ޑރ. މުޢިއްޒުގެ ރޭގެ ވާހަކަފުޅު ނިންމަވާލެއްވިއެވެ.
ރޭގެ އިޙްތިފާލަށް އެތައް ސަތޭކަ ރައްޔިތުން ސޯޝަލް ސެންޓަރަށް ޖަމާވިއެވެ.



