ނިޒާމީ ވޯޓު މިމަހު ނެގޭކަށް ނެތް: އީސީ

ނިޒާމީ ވޯޓަށް  ތައްޔާރުވާން އިތުރު ވަގުތު ބޭނުންވާތީ، އެ ވޯޓު މިމަހު ނެގެން ނެތް ކަމަށް ވިދާޅުވެ، އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް ސިޓީއެއް ފޮނުވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ނިޒާމީ ވޯޓަށް އާންމުން ހޭލުންތެރިކުރުމަށާއި ވޯޓުގައި ބައިވެރިވާ ފަރާތްތަކުގެ ރަޖިސްޓްރީ އެކުލަވައިލުމާއި ވޯޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅޭނެ އިންތިޒާމުތައް ފަދަ އެ ވޯޓާ ގުޅޭ ކަންކަމަށް އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށެވެ.

"މި އެންމެހާ ކަންކަމަށް ހޭދަވާނެ ކަމަށް ލަފާކުރެވޭ މުއްދަތުތަކަށް ބަލާއިރު، އެންމެ އަވަހަށް ވޯޓު ނެގުން ކުރިއަށް ގެންދެވޭނެ ތާރީހު ތިޔަ އިދާރާއަށް ފަހުން އަންގާނެ ކަމުގައި ދަންނަވަން،"

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވި ސިޓީގައިވެއެވެ.

އެ ސިޓީއާ ގުޅިގެން ބަހުސްގެ މަރުހަލާގެ ތެރެއިން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ މި މަހުގެ 29 ގައި ނިޒާމެއް ވޯޓެއް ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އިލެކްޝަންސްގެ ޖަވާބުން ވެސް އެނގޭ ކަމަށެވެ. އެހެންކަމުން މިވަގުތު އެ ވޯޓްގެ ތާރީހުގެ ކަންކަމަކީ ފަހުން ނިންމަން ޖެހޭ ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުން ގަރާރެއް ފާސްކޮށް އިލެކްޝަންސް ކޮމިޝަނަށް އަންގާފައި ވަނީ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް މި މަހުގެ 30 ގެ ކުރިން ނެގުމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދުގެ ޖަލްސާއަށް އެސިޓީއާ ގުޅޭ ބަހުސް އެޖެންޑާގައި ހިމަނާ، އެ ބަހުސް ކުރިއަށް އެބަ ކުރިއަށް ގެންނަވައެވެ.

އެކަށީގެންވާ ވަގުތާއި ފުރުސަތު އާންމުންނަށް ނުދީ އަވަސް އަރުވާލައިގެން ނިޒާމީ ވޯޓެއް ނަގަން އުޅޭތީ އެކަމާ ގުޅިގެން މަދަނީ ޖަމްއިއްޔާތަކުން ވެސް އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި އެ ވޯޓަށް މަގުފަހި ކުރަން ގާނޫނު އަސާސީއަށް ވެސް ވަނީ އިސްލާހެއް ހުށަހަޅައިފަ އެވެ. އެ އިސްލާހު ބަލައި ނުގަންނަން ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ވެސް ވަނީ ގޮވާލައިފަ އެވެ.

ނިޒާމީ ވޯޓު މި މަހުގެ 29 ވަނަ ދުވަހު ނަގަން މަސައްކަތް ކުރާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު