ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރެއްވި ދެ ޕާޓީގެ ތެރެއިން އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރި ނަމަ ނިޒާމީ ވޯޓަށް ތާއީދުކުރަން އެމްޑީޕީން އެއްބަސްވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވުމާ ގުޅިގެން، އެ ވާހަކަފުޅަށް އެމްޑީޕީން ރައްދުދެއްވައިފިއެވެ.
އެމްޑީޕީއިން ދެންމެ އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، ދި ޑިމޮކްރެޓްސްއިން އެ ޕާޓީއަށް ހުށަހެޅި ހުށަހެޅުމަކީ 30 ސެޕްޓެމްބަރުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެއްބަސްވާނަމަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ދި ޑިމޮކްރެޓްސްއިން ތާއީދުކުރާނެ ކަމަށެވެ.
"މި ހުށަހެޅުމަށް އެމްޑީޕީއިން ގަބޫލުކުރެވެން ނެތް ކަމަށް ދި ޑިމޮކްރެޓްސްއަށް ވާނީ އަންގާފައެވެ."
އެމްޑީޕީގެ ޕޯސްޓްގައިވެއެވެ.
މީގެ އިތުރުން އެއްވެސް ކަމަކަށް އެ ޕާޓީއާ ދި ޑިމޮކްރެޓްސްއާ ދެމެދު އެއްބަސްވެފައިނުވާނެ ކަމަށާއި، އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށް ދި ޑިމޮކްރެޓްސްއިން ނިންމި ނިންމުމަކީ އެ ޕާޓީއާއެކު އެއްވެސް އެއްބަސްވުމެއްގެ ދަށުން ޑިމޮކްރެޓްސްއިން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށެވެ.
މިހެން އެމްޑީޕީއިން ވިދާޅުވެފައިވަނީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރެއްވި ދެ ޕާޓީގެ ތެރެއިން އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރި ނަމަ ނިޒާމީ ވޯޓަށް ތާއީދުކުރަން އެމްޑީޕީން އެއްބަސްވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވުމާ ގުޅިގެންނެވެ.
މިއަދުގެ ޖަލްސާގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ވޯޓެއް ނެގުމަށް މެންބަރުން ކުރައްވަމުން ގެންދަވާ ބަހުސްގެ ތެރެއިން ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް މަސައްކަތް ކުރާ ހަމައެކަނި ޕާޓީއަކީ ދަ ޑިމޮކްރެޓްސްއެވެ.
އެ މަސައްކަތަށް ތާއީދުކުރައްވާ ހަމައެކަނި ލީޑަރެއްގެ ގޮތުގައި ފެންނަނީ ރައީސް ނަޝީދެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް މަޖިލީހަށް ގަރާރެއް ހުށަހެޅީވެސް ޑިމޮކްރެޓުންނެވެ. އަދި މިމަހުގެ 30ގެ ވަނަ ދުވަހު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ވޯޓެއް ނެގުމަށް ވަނީ މަޖިލީހުން މީގެ ކުރިން ވަނީ ފާސްކޮށްފަ އެވެ.
މިގަރާރު ފާސްކުރީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތާއީދާ އެކުގައި ނަމަވެސް، އޭރު އެމްޑީޕީން މި ގަރާރަށް ތާއީދުކުރީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓުންގެ ތާއީދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދަކާ އެކުގައެވެ.
އެކަމަކު،ޑިމޮކްރެޓުން ނިންމީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުދިނުމަށެވެ.
މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓުން އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރީ އެއީ އެމްޑީޕީން އެގޮތަށް އެދިގެން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، ޑިމޮކްރެޓުން އެ މަގަށް ކަންކުރާނެ ކަމުގެ ޔަގީންކަން ހޯދުމަށް ޑިމޮކްރެޓުންގެ އަތުން އެމްޑީޕީން ސިޓީއެއް ހޯދި ކަމަށާއި ނަމަވެސް އެ ސިޓީއަށް އެމްޑީޕީން މިއަދާ ހަމައަށްވެސް ޖަވާބެއް ނުދޭ ކަމަށާއި، ޑިމޮކްރެޓުން އެފަދަ ސިޓީއެއް ދިނީ ރައްޔިތުންގެ ހިޔާލު ހުރި ގޮތް ހޯދުމުގެ ވޯޓުގައި އެމްޑީޕީގެ ތާއީދު ލިބޭނެ ކަމަށް ބަލައިގެން ކަމުގައެވެ.
"އަޅުގަނޑު ނުދަންނަވަން އެމްޑީޕީއަކީ ބަހުގެ އިތުބާރު މިވަގުތު ހިފޭ ބާވަތުގެ ޕާޓީއެއް ކަމަކަށް،"
ރައީސް ނަޝީދު ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައީސް ނަޝީދު ބޭނުންވި ނަމަވެސް އެމްޑީޕީ މިވަގުތު ކޮންޓްރޯލް ކުރައްވަމުން ގެންދަވާ ރައީސް އިބްރާހީމް މުހައްމަދު ޞާލިހް އިއްޔެވެސް ވިދާޅުވީ އެމަނިކުފާނު ތާއީދުކުރައްވަނީ ރިޔާސީ ނިޒާމަކަށް ކަމަށެވެ.
އެމްޑީޕީއަކީ ބަހުގައި އިތުބާރު ހިފޭ ޕާޓީއެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއިރު އެމަނިކުފާނު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ހުށަހަޅުއްވާފައެވެ.