Thursday, 18 April 2024

އިންތިޚާބީ ރައީސް ރޭގައި ދެއްވި ތަޤުރީރަކީ ވަރަށް އުންމީދީ ތަޤުރީރެއް: ޑރ. ޝަހީމް

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރައްވައި ރޭގައި ދެއްވި ތަޤުރީރަކީ ވަރަށް އުންމީދީ ތަޤުރީރެއް ކަމަށް، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރައްވައި ރޭގައި ދެއްވި ތަޤުރީރާ ގުޅޭގޮތުން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

"އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރައްވައި ރޭގައި ދެއްވި ތަޤުރީރަކީ ވަރަށް އުންމީދީ ތަޤުރީރެކެވެ. ދުޢާއަކީ މާތް ﷲ އެމަނިކުފާނަށް ތައުފީޤު ދެއްވުމެވެ."

ޑރ. މުޢިއްޒުގެ ކެމްޕެއިން ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެން، މުޢިއްޒުގެ އަރިހުގައި އަތޮޅުތެރޭގެ ގިނަ ރަަށްތަކަށް ޒިޔާރަތްކުރެއްވި، ޑރ. ޝަހީމް ވިދާޅުވިއެވެ.

ރޭގެ އިޙްތިފާލުގައި އިންތިޚާބީ ރައީސް ދެއްކެވި ވާހަކަފުޅުގައި، ޤައުމުގެ މި ނާޒުކު ދަނޑިވަޅުގައި ދަރިންނާއި ދަރިންގެ ދަރިންގެ ޙައްޤުގައި މިނިވަންކަން ޔަގީންކުރުމަށް ކުރެއްވި ޤައުމީ މަސައްކަތަށްޓަކައި ހުރިހައި ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމުގައި ވިދާޅުވެ، ވޯޓު ނުދެއްވާ ޚިޔާލު ތަފާތުވި ރައްޔިތުން ވެސް  ޝުކުރުގައި ޝާމިލުކުރައްވަމުން، އެމަނިކުފާނު ޚިދުމަތްކުރައްވާނީ އެއްވެސް ރައްޔިތަކު ތަފާތުނުކޮށް ހުރިހައި ރައްޔިތުންނާއި މެދު ހަމަހަމަކޮށް ކަމަށް ފާހަގަކުރެއްވިއެވެ.

Image

"އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ މަސްލަޙަތަށްވުރެ ނުވަތަ ސިޔާސީ ޕާޓީތަކުގެ މަސްލަޙަތަށް ވުރެ ޤައުމުގެ މަސްލަޙަތު މާ އިސްވާނެ. ޤައުމުގެ މަސްލަޙަތު އިސްކުރަން އަޅުގަނޑުމެން އަޒުމް ކަނޑައަޅަން ޖެހޭ. އަދި އެ އަޒުމް ކޮންމެ ދުވަހަކު ދަމަހައްޓަން ޖެހޭ."

އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ކޮންމެ ދިވެހި ރައްޔިތަކުގެ ވެސް އެ ރައްޔިތެއްގެ އަމިއްލަ މަސްލަޙަތަށް ވުރެ ޤައުމުގެ މަސްލަޙަތު އިސްކުރުމަށް އަޒުމް ކަނޑައެޅުމަށް  އިލްތިމާސްކުރަައްވަމުން، ރައްޔިތުން  ނިންމުމުން އެނގެނީ މިޤައުމުގެ ކުރިމަތު ބައްޓަންކުރުމުގައި ނަތީޖާ ނެރެދޭ ސަރުކާރެއް ބޭނުންވާކަން ކަމަށާއި، ރައްޔިތުންގެ ކަންކަން ނިމުނު ފަސް އަހަރުގެ ސްޕީޑުގައި ދާން ބޭނުންނުވާކަމަށް މުޢިއްޒު ވިދާޅުވިއެވެ.

Image

ޤައުމަށް ހަމަޖެހުން އަންނަންޖެހޭ ކަމަށާއި، ބަދަލުވެ ހިފުމުގެ ރޫހު ނައްތާލަންޖެހޭ ކަމަށް ވިދާޅުވެ، ޢަދުލުވެރި ވެރިކަމެއް ރައްޔިތުންނަށް ކޮށްދެއްވާނެ ކަމަށާއި، އިންސާފުވެރިކަމާއި ހަމަހަމަކަމާއި އެކީގައި ރައްޔިތުންނަށް ޚިދުމަތްކުރައްވާނެ ކަމުގައި ފާހަގަކުރައްވަމުން، އެ ވަޢުދުގެ މަތީގައި އިރުއެރި ކޮންމެ ދުވަހަކު ސާބިތުވެ ހުންނާނެ ކަމުގެ ޔަޤީން ކަން އެމަނިކުފާނު ދެއްވިއެވެ.

"އިސްލާމީވަންތަ އިސްލާމީ އާދަކާދަތައް ރާއްޖޭގެ މުޖުތަމަޢުގައި އަށަގަންނަވާނަން. މި މުޖުތަމަޢު އަކީ އިސްލާމްދީނަށް ލޯބިކުރާ ދީނަށް ނަސްރުދޭ ބަޔަކަށް ވާން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުމެ ބޭނުންވޭ. ޢީދު ފާހަގަކުރުމަށް މާލެސިޓީ ކައުންސިލް އިން ހިންގި ހަރަކާތްތަކުން ވެސް އެކަން ފެނިގެންދިޔަ. ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ކޮންމެ ޢީދެއްގައި ރާއްޖޭގެ ހުރިހައި ސިޓީއަކާއި ވެރިކަންކުރާ ރަށްތަކުގައި ކުލަ ގަދަކޮށް ޢީދުތައް ފާހަގަކުރެވޭނެ."

އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޤައުމުދެކެ ލޯބިވުން އެއީ އުފަލާއި އެކު އަފްރާދުންގެ މެދުގައި ދައްކާ ވާހަކައަކަށް ނިޒާމުގެ ތެރެއިން ހައްދަވާނެ ކަމަށާއި، ޤައުމުދެކެ ވާ ލޯތްބާއި ޢަބްޠާލުން ދެކެވާ ލޯބި ހިތުގައި އަށަނުގަނެ ޙަޤީޤީ ތަރައްގީއެއް ނުގެނެވޭނެ ކަމަށް ވިދާޅުވެ، ޤައުމަށް މިނިވަންކަން ޔަގީންކޮށްދޭން ވަޢުދުވިކަން ފާހަގަކުރައްވަމުން، އެކަން ފުރަތަމަ ދުވަހު، 17 ނޮވެމްބަރުގައި އެ މަސައްކަތް ފެށިގެންދާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

Image

 

"ކުންފުނިތައް ވަނީ ބަނގުރޫޓުވެފައި. 32 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތް. މިކުންފުނިތައް ހަވާލުކުރާނީ ކަންކަންކުރެވޭ ވަރުގެ ބޭފުޅުންނާ. ފަންސާހަކަށް ކުންފުނި އުފައްދާފައި އެބަ އޮތް. މީގެ ތެރެއިން ބައެއް ކުންފުނިތައް މާރޖުކުރެވިގެންދާނެ. ނަމަވެސް ފެނަކަ ފަދަ ބޮޑެތި ކުންފުނިތައް ހިނގަމުންދާނެ. މަޤާމްތަކަށް ލާނީ އަޅުގަނޑަށް އިތުބާރުކުރެވޭ، ބުނާ ގޮތަށް ކަންކަން ކުރާ ބޭފުޅުން. އަދި އަޅުގަނޑަށް އެކަމެއްގައި ފަހު ބަސް ބުނެވޭ ފަދަ ބޭފުޅުން."

އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑަކީ ރައްޔިތުންގެ ޚާދިމެއް. ﷲ ގެ ބާރު ފިޔަވައި ދެން ބާރު އޮތީ ރައްޔިތުންގެ އަތުގައި. ރައްޔިތުން ފިޔަވައި އެހެން އެއްވެސް ބަޔަކަށް އަޅުގަނޑުމެންގެ މައްޗަށް ބާރެއް ނުފޯރުވޭނެ."

އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޓްރާންސިޝަނަލް ޕީރިއަޑްގައި މައުލޫމާތު ބެލުމަށްޓަކައި އެކި އޮފީސްތަކަށް ޓީމުތައް ދާނެ ކަމަށް ވިދާޅުވެ، ސަރުކާރުން އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

"ރައްޔިތުންނަށް ނަތީޖާ ނެރެދޭން އަޅުގަނޑު ބޭނުން. އެއްވެސް އެގްރީމެންޓެއް ނުފޮރުވާނެކަމަށް އުއްމީދުކުރަން. ސަރުކާރުގެ ފަރާތުން އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ރައީސުލް ޖުމްހޫރިއްޔާ ވަނީ ދެއްވާފައި."

އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ނޮވެމްބަރު 17 ވަނަ ދުވަހު މަސައްކަތްކުރަން ފަށާއިރު ތިބޭނީ ތައްޔާރުވެގެން ކަމަށާއި، މަސައްކަތްތައް ފެށުމާއި އެކު ބާރު ސްޕީޑުގައި ސަރުކާރުގެ ކަންކަން ކުރިއަށްދާނެ ކަމަށް ފާހަގަކުރައްވަމުން، ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އެއްބާރުލުން  ދެއްވާނެ ކަމަށް އުއްމީދުކުރައްވާކަމަށާއި، މަޖިލީހުގެ ރައީސް އާއި ބައްދަލުކުރަން ފުރުޞަތެއް ލިބިފައި އެބައޮތް ކަމަށާއި އެ މަނިކުފާނަށް (ރައީސް ނަޝީދަށް) ވެސް އެވާހަކަ ދަންނަވާނެ ކަމަށް ވިދާޅުވިއެވެ.

"ސަރުކާރެއް ކުރިއަށް ގެންދަން ވެރިއަކު މިވަނީ ހޮވާފައި. އަޅުގަނޑުމެން ކުރިއަށް ދާނީ ނިޒާމުގެ ތެރެއިން. ރައްޔިތުން އެދޭ ގޮތަށް އަޅުގަނޑު ކަންކަން ގެންގޮސް ނިންމަދޭނަން."

އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު އިންތިޚާބު ކުރައްވައިފިނަމަ ނޫސްވެރިންނާއި ބައްދަލުވާ ފުރަތަމަ ދުވަހު ވެސް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެދި ސަރުކާރަށް ގޮވާލާނެ ކަމަށް ދެންނެވި ކަމަށާއި، އެ ގޮތަށް އެކަން ކުރެއްވި ކަމަށާއި އަދި އޭގެ އަނެއް ދުވަހު އެމަނިކުފާނު ގެއަށް ބަދަލުކުރެއްވެވި ކަން ފާހަގަކުރެއްވިއެވެ.

"17 ނޮވެމްބަރ އާއި ހަމައަށްދާ އިރު މިހާރު ދާ ޕްރޮސެސްގެ ތެރެއިން ރައީސް ޔާމީން މިނިވަން ނުވާނަމަ ނުވެ އޮންނާނީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ. އެދުވަހުން ފެށިގެން އެ ނުފޫޒުތައް ފޯރުން ހުއްޓި ރައީސް ޔާމީން މިނިވަންވެގެންދާނެ. ރައީސް ޔާމީން މިނިވަންކުރުމުގެ މަސައްކަތް ރީތިކޮށް ކުރުމުގެ ފުރުޞަތު ދެ ޕާރޓީގެ މެމްބަރުން ވެސް އަޅުގަނޑަށް ދެއްވުން އެދެން. މަގުމައްޗަށް ނިކުމެ ޖަލްސާތައް ބާއްވާ ހިނގާލުންތައް ބޭއްވުމަށް އަޅުގަނޑު ނޭދެން. ގައުމަށް ހަމަޖެހުމެއް ލިބޭނީ އޭރުން. ރައްޔިތުން އެދޭ ގޮތަށް ކަންތައްތައް ވެގެންދާނެ. ގައުމުގެ ހަމަޖެހުން ޤާއިމްކުރުމަށް ރައްޔިތުން އެކަތިގަނޑަކަށްވެ ކުރިއަށްދިއުން އެދެން."

އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން އުދުވާނީ ޙަމަލާއަށް މި ސަރުކާރަށް އިންސާފު ހޯދައިދެވިފައި ނުވާކަން ފާހަގަކުރައްވަމުްނ، އެމަނިކުފާނުގެ ސަރުކާރުގައި ރައީސް ނަޝީދަށް އިންސާފު ލިބިގެންދާނެ ކަމަށާއި، ވާނުވާގައި ޖަލުގައި ތިބުން ނިމުމަކަށް ގެނެސް އެ ސިސްޓަމް ރާއްޖެއިން ފޮހެލާނެ ކަމަށާއި، ޙަގީގީ މާނައިގައި އަނިޔާވެރިކަން ނިމުމަކަށް ގެންނާނެ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

"ކޮރަޕްޝަންގެ ޢަމަލުތައް ހިންގާ ފަރާތްތަކަށް އަޅުގަނޑުމެން އިސްވެ ފިޔަވަޅު އަޅާނަން. ސާފު ސަރުކާރެއް ޤާއިމްކުރާނަން. އެއްވެސް ކަމެއް ނުފޮރުވާނެ، ދެފުށް ފެންނަ ސަރުކާރެއް އަޅުގަނޑުމެން ގާއިމްކޮށް އެ މަންޒަރު ދައްކާނަން."

އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ސޮސައިޓީގައި އަޅާލުން ބޭނުންވާ ފަރާތްތަކަށް ލިބެންޖެހޭ އެހީތެރިކަމާއި އަޅާލުމާއި އެއްބާރުލުން ސަރުކާރުގެ ނިޒާމުގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ސަރުކާރެއްގައި، ގައުމަށް ހަމަޖެހުން ލިބި، އިގްތިޞާދު ނަގާ ކޮޅަށްޖެހި، ފުދުންތެރި ރައްޔިތަކަށްވެ، ގައުމިއްޔަތަށް ލޯބިޖެހި، އުފާވެރި ދުވަސްތަކެއް ކީރިތިﷲގެ އިރާދަފުޅާއެކު ލިބިގެންދާނެ."

މިހެން ވިދާޅުވެ، އިންތިޚާބީ ރައީސް ޑރ. މުޢިއްޒުގެ ރޭގެ ވާހަކަފުޅު ނިންމަވާލެއްވިއެވެ.

ރިޔާސީ އިންތިޚާބުގެ ކާމިޔާބީ ފާހަގަކޮށް، ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އާދިއްތަ ދުވަހުގެ ރޭ ބޭއްވި އިޙްތިފާލުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރައްވާފައިވަނީ އުންމީދުން ފުރިގެންވާ ނުކުތާތަކެކެވެ. ޤައުމުދެކެ ލޯބިވާ ކޮންމެ މުވާތިނެއްގެ ހިތަށް ގެނެސްދެއްވީ ތަސަައްލީއެވެ. ޤައުމީވަންތަ އިިޙްސާސްތަކާއެކު، ތިލަކޮށްދެއްވި ބަސްފުޅުތަކުން އަންގަވައިދެއްވީ ޤައުމާއި ރައްޔިތުންގެ ޙައްޤުގައި، ޚާދިމެއްގެ ގޮތުގައި މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަމެވެ. ޤައުމު ޙިމާޔަތްކުރައްވާނެ ކަމުގެ ކަށަވަރުކަމެވެ.

ރޭގެ އިޙްތިފާލަށް އެތައް ސަތޭކަ ރައްޔިތުން ސޯޝަލް ސެންޓަރަށް ޖަމާވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *