މާލޭ ސިޓީގެ މޭޔަރު ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަޚްލޫފް ނިންމަވައިފިއެވެ.
އެކަން ހާމަކުރައްވައި، މަޚްލޫފް އެކްސްގައި ވިދާޅުވެފައިވަނީ 17 ނޮވެމްބަރު ވަނަ ދުވަހު ހުސްވާ މާލޭ މޭޔަރު މަގާމުގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އެހެންކަމުން މާލޭގެ އެންމެހާ ރައްޔިތުން ތާއީދު ކޮށްދެއްވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް މަޚްލޫފް ވިދާޅުވެފައިވެއެވެ.
https://x.com/AhmedMahloof/status/1709438314212982964?s=20
"بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ 17 ނޮވެމްބަރު 2023 ވަނަ ދުވަހު ހުސްވާ މާލޭ މޭޔަރު މަގާމުގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް އަޅުގަނޑު ނިންމައިފީމެވެ. ވީމާ މާލޭގެ އެންމެހާ ރައްޔިތުން ތާއީދު ކޮށްދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ. ޝުކުރިއްޔާ"
މަޚްލޫފް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ޑރ. މުއިއްޒު ފެއްޓެވުމާއެކުގައި މާލޭގެ މެޔަރު ކަމުގެ މަސްއޫލިއްޔަތު، ޑެޕިއުޓީ މެޔަރު އަޙްމަދު ނަރީޝްއަށް ވަނީ ހަވާލުކުރައްވާފައެވެ. މިވަގުތުވެސް، ވަގުތީ ގޮތުން މެޔަރުގެ ހުރިހާ ޒިންމާއެއް އަދާކުރައްވަމުން ގެންދަވަނީ ނަރީޝްއެވެ.
މާލޭގެ މޭޔަރަކަށް މިހާރު ހުންނެވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެމަނިކުފާނު ރައީސް ކަމުގެ ހުވާ ކުރެއްވުމާއެކު މޭޔަރު ކަމުގެ މަގާމު ހުސްވާނެއެވެ. އެއާއެކު، މޭޔަރު ކަމުގެ ގޮނޑި އަށް ބޭފުޅަކު ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބައި އިލެކްޝަނެއް ބާއްވާނެއެވެ.
އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން މި އިންތިޚާބު ޑރ. މުޢިއްޒު ކާމިޔާބުކުރައްވާފައިވަނީ %54 އަށްވުރެ ގިނަ ވޯޓާއެކުއެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި ދެން ވާދަކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަތީ %45 ވޯޓެވެ.
ވަގުތީ ނަތީޖާ ދައްކާގޮތުން ރާއްޖޭގެ 2 އަތޮޅެއް ފިޔަވާ އެހެން ހުރިހާ ސަރަޙައްދަކުން މެޖޯރިޓީ ނަންގަވާފައިވަނީ ޕީ.އެން.ސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ. އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މެޖޯރިޓީ ލިބިވަޑައިގަތީ އއ. އަތޮޅާއި އައްޑޫ ސިޓީން އެކަންޏެވެ. އެމަނިކުފާނުގެ އުފަން އަތޮޅު ޅ. އަތޮޅުގެ މެޖޭރިޓީވެސް ނެންގެވީ ޑރ. މުޢިއްޒެވެ. ގްރޭޓަރ މާލޭ ސަރަޙައްދުން މާލެ، ވިލިމާލެ އަދި ހުޅުމާލެއިންވެސް މެޖޯރިޓީ ނަންގަވާފައިވަނީ ޕީ.އެން.ސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ.