އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުއާ ގުޅިގެން އައްޑޫ ސިޓީގެ ތަރައްޤީއަށް މަސައްކަތް ކުރައްވާނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަޙްމަދު ނިޒާރު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވައި ނިޒާރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލް ތަކުގެ ޒިންމާއަކީ ސަރުކާރާއި ގުޅިގެން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި، އައްޑޫ ސިޓީ ކައުންސިލުން ޑރ. މުހައްމަދު މުއިއްޒުގެ ޒަޢާމަތަށް ފުރިހަމަ އެއްބާރުލުން ދީގެން ސަރުކާރާއި ގުޅިގެން އައްޑޫގެ ތަރައްޤީއަށް މަސައްކަތް ކުރާނެ ކަމަށެވެ.
"އެ ޔަގީންކަން އަޅުގަނޑު ވާނީ އިންތިހާބީ ރައީސްއަށް އަރުވާފަ. ރައްޔިތުންނަށް އޮޅޭގޮތަށް ކައުންސިލްއާއި ގުޅުވައި ފިތުނަ ވެރި ދޮގުވާހަކަތައް ފަތުރަން މަސައްކަތް ނުކުރުން އެދެން."
ނިޒާރު ވިދާޅުވެފައިވެއެވެ.
އައްޑޫ ސިޓީގެ މޭޔަރ ނިޒާރަކީ އެމްޑީޕީގެ ޓިކެޓްގައި މޭޔަރަކަށް ހޮވިވަޑައިގެންފައިވާ ބޭފުޅެކެވެ. ހަމައެހެންމެ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޞާލިހަށް ތާއީދުކުރައްވާ އެމަނިކުފާނުގެ ކެމްޕެއިންގައި ޢަމަލީގޮތުން ހަރަކާތްތެރިވެވަޑައިގެންނެވިކަން ފެނިގެން ގޮސްފައިވެއެވެ.
އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން މި އިންތިޚާބު ޑރ. މުޢިއްޒު ކާމިޔާބުކުރައްވާފައިވަނީ %54 އަށްވުރެ ގިނަ ވޯޓާއެކުއެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި ދެން ވާދަކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަތީ %45 ވޯޓެވެ.
ވަގުތީ ނަތީޖާ ދައްކާގޮތުން ރާއްޖޭގެ 2 އަތޮޅެއް ފިޔަވާ އެހެން ހުރިހާ ސަރަޙައްދަކުން މެޖޯރިޓީ ނަންގަވާފައިވަނީ ޕީ.އެން.ސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ. އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މެޖޯރިޓީ ލިބިވަޑައިގަތީ އއ. އަތޮޅާއި އައްޑޫ ސިޓީން އެކަންޏެވެ. އެމަނިކުފާނުގެ އުފަން އަތޮޅު ޅ. އަތޮޅުގެ މެޖޭރިޓީވެސް ނެންގެވީ ޑރ. މުޢިއްޒެވެ. ގްރޭޓަރ މާލޭ ސަރަޙައްދުން މާލެ، ވިލިމާލެ އަދި ހުޅުމާލެއިންވެސް މެޖޯރިޓީ ނަންގަވާފައިވަނީ ޕީ.އެން.ސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ.