މާލޭ ސިޓީގެ މޭޔަރު އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައިވެރިވެވަޑައިގެންނެވި މާލޭ ސިޓީ ކައުންސިލުގެ އާންމު ޖަލްސާގައި އެ ކައުންސިލުގެ ހުރިހާ އިސް މަސްޢޫލިއްޔަތެއް ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝްއާ ހަވާލުކުރައްވައިފި އެވެ.
މެއި 17، 2021 ގައި މާލޭގެ މޭޔަރުގެ މަޤާމާ ހަވާލުވެވަޑައިގެންނެވި ޑރ. މުއިއްޒު، މޭޔަރގެ ޙައިސިއްޔަތުން ބައިވެރިވެވަޑައިގެންނެވި އެންމެ ފަހު ޖަލްސާގައި މާލޭގެ ހުރިހާ ކައުންސިލަރުން ބައިވެރިވެވަޑައިގަންނަވާފައިވާއިރު، އެ ޖަލްސާގައި މުއިއްޒު ވިދާޅުވީ އެ މަނިކުފާނު މޭޔަރު ކަމުގައި ހޭދަކުރެއްވި މިދިޔަ ދެ އަހަރެއްހާ ދުވަހު ކައުންސިލަރުންނާއި މުވައްޒަފުން މަސައްކަތް ކުރެއްވީ ވަރަށް ގިނަ ގޮންޖެހުންތަކަކާ އެކުގައި ކަމަށެވެ. އެހެންނަމަވެސް، އެ ހުރިހާ ވަގުތެއްގައި އެ ބޭފުޅުން ކުރެއްވި ހިތްވަރަށާއި ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެ މަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރައްވަން ދެން ގާނޫނީ ގޮތުން މޭޔަރުގެ މަގާމުގައި ދެމިހުންނަވާނެއެވެ.
އެކަމަކު، މޭޔަރުގެ ހުރިހާ ޒިންމާތަކެއް އެ މުއްދަތުގެ ތެރޭގައި އަދާކުރައްވާނީ ޑެޕިއުޓީ މޭޔަރު ނަރީޝެވެ. އެއީ ސިޓީ ކައުންސިލުގެ ގާނޫނީ ޓީމުންނާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވެސް ލަފާ ދީފައިވާ ގޮތް ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު އެގޮތަށް ނިންމެވީ ސަރުކާރު ބަދަލުވުމަށް މި ހިނގާ ޓްރާންސިޝަން ޕީރިއަޑްގެ މަސައްކަތަށް ވަގުތު ދެއްވަން ބޭނުންފުޅު ވާތީ ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑަށް މި ޓްރާންސިޝަން ޕީރިއަޑްގައި ޓްރާންސިޝަން މަސައްކަތަށް ވަރަށް ވަގުތު ދޭން ބޭނުން. އެއީ އެހެން ނޫނިއްޔާ 17 ނޮވެމްބަރުގައި މަސައްކަތް ފަށާއިރު، ފުލީ ޕްރިޕެއާޑް ނުވެދާނެ،"
މުޢިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑު ބޭނުން އަޅުގަނޑުގެ ފުލް ޓައިމް ދޭން ޓްރާންސިޝަން މަސައްކަތް، ކޮމެޓީތައް ހިނގާ ގޮތް، ޑިރެކްޓާ ޖެނެރަލް ކުރައްވާ މަސައްކަތަށް އެހީތެރިކަން ދީ، މުޅި މަސައްކަތް، ހުރިހާ ތަނަކުން މައުލޫމާތު ހޯދައި އެއްކޮށް އެނަލައިޒްކޮށް (ވެރިކަމުގެ ޒިންމާއަށް ތައްޔާރުވާން)."
ލާމަރުކަޒީ ގާނޫނުގައިވާ ގޮތުގައި، މޭޔަރުގެ މަގާމު ހުސްވުމުން އެލްޖީއޭ އިން އެކަން އިލެކްޝަންސް ކޮމިޝަނަށް އަންގާތާ 60 ދުވަހުގެ ތެރޭގައި އާ މޭޔަރަކު ހޮވުމަށް ބައި-އިލެކްޝަނެއް ބާއްވަން ޖެހޭނެއެވެ. އެހެންވެ، ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަހު، ޤާނޫނީ ޓީމާއި އެލްޖީއޭގެ ލަފާގެ މަތިން އެ މަނިކުފާނު ހުންނަވާނީ ހާއްސަ ހާލަތުގެ ޗުއްޓީއެއްގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ކައުންސިލްތަކަށް ފުރިހަމަ އެއްބާރުލުމުގެ ޔަގީކަން މި ސަރުކާރުން މިދިޔަ ދެ އަހަރެއްހާ ދުވަހު މާލޭ ސިޓީ ކައުންސިލަށް އެތައް ގޮތަކުން ފިއްތުންތައް ކުރިމަތިކުރުވި ކަމަށާއި އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން އެކަން ނިމުމަކަށް ގެނެސް، ސިޔާސީ ގޮތުން ފިކުރު ތަފާތުވިޔަސް، އެ ކައުންސިލާއި އެހެން ކައުންސިލުތަކަށް ވެސް ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީން ކަން ވެސް މުއިއްޒު ވަނީ ދެއްވާފައެވެ.
"މި ކައުންސިލުގެ ވެސް މަޑުޖެހިފައި ހުރި ކަންކަން ބާރަށް ހިނގާނެ އޭރުން އިރާދަކުރެއްވިއްޔާ. ހަގީގީ މާނާއިގައި ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރެވިގެން ދާނެ،"
މުއިއްޒު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން އެކަން އިއުލާންކުރެއްވި އެވެ. އެއީ ކައުންސިލްތަކުގެ ބެލެނިވެރިފަރާތް އެލްޖީއޭ އަށް ފުލްޓައިމް މިނިސްޓަރެއް ހަމަޖެއްސުން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ހަމައެހެންމެ، އާބަންކޯގެ ބެލުމުގެ ދަށުގައި އޮންނަ މާލޭގެ ހަވަނަ އަވަށް، ހުޅުމާލެ މާލޭ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރުމަށް ވެސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.